ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާތައް އަނބުރާ ފޮނުވާލީ އެ މައްސަލަތައް ފަހުން ހުށަހެޅޭ ގޮތަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއް ދައުލަތުން އުފުލާފައިވެއެވެ. އެ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރު ކުރައްވައިފައެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ ބޭސްފަރުވާ ކުރުމަށް މިދިޔަ އަހަރު އެ ކޯޓުން ދިން ހުއްދައަކާއެކު ރާއްޖެއިން ބޭރަށް ވަޑައިގަތް ގޮތަށް އެނބުރި ވަޑައިގެންފައި ނުވާތީ، މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ނުގެންދެވިގެންނެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާލުވީ، އެ މައްސަލަތައް އަނބުރާ ފޮނުވާލީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރައާތުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ ދަށުން، އޭނާ ހާޒިރުވެއްޖެ ނަމަ އަލުން ދައުވާ ކުރެވޭ ގޮތަށް ކަމަށެވެ. އަދި އަލީ ވަހީދު ހާޒިރުކުރެވޭ ގޮތް ވެއްޖެ ނަމަ އެ މައްސަލަ އަލުން ހުށަހަޅާނެ ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމަކަށް ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުންވެސް އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.