ދިރިއުޅުމުގައި ކިތަންމެ ދަތި އުނދަގޫ ކަންތައްތަކެއް ތަހައްމަލު ކުރަންޖެހުނަސް މޫނުމަތިން އެކަމެއް ނުދައްކައެވެ. ދަރިވަރުންނާއި ބައްދަލުކުރާއިރު ފެންނަނީ ހިނިތުންވުމެވެ. އެތައް ކަމެއް އެންމެ ދުވަހަކު ތަޖުރިބާކުރަން ޖެހި، ކިތަންމެ ތަކުލީފެއް އުފުލަންޖެހުނަސް ފެންނަނީ ފެންނަނީ ހިނިތުންވުމެވެ. ނުރުހުމުގެ ނަޒަރަކުން ދަރިވަރަކަށް ބަލައިލާތަނެއް ނުފެނެއެވެ. ކިޔަވައިދިނުމަކީ އެމީހުން ލޯބިން ކުރާ ކަމެކެވެ. އަމިއްލަ ދަރިން ފަދައިންނެވެ. އެއީ ޓީޗަރުންނެވެ.
ދާއިރާގައި އުޅޭތާ ވިއްސަކަށް އަހަރުވެފައިވާ ޓީޗަރެކެވެ. އަމިއްލަ ދިރިއުޅުން އޮތީ އެފުށްމިފުށަށް ޖެހިފައެވެ. އެތެރެއިން ވަނީ މީހާ ފުނޑުފުޑުވެފައެވެ. ބަލި ފިރިމީހާ ގޮވައިގެން ކޮންމެ ދުވަހަކު ފިޒިއޮތެރަޕީ ހަދަން ދަމުން ގޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންވެސް ކޮންމެ ދުވަހަކު ސްކޫލަށް ދެއެވެ. ހިނިތުންވުމާއެކުއެވެ. އެތެރެހަށީގައި ހުރީ ވަރުބަލިކަމެކެވެ. އެކަމަކު އެކަމެއް ނުދައްކައެވެ.
މީގެ ކުރިން ދިމާވީ ސެން ޓީޗަރެކެވެ. އަތް އުފުލައިލެވުނީ ވަރަށް ހާލުންނެވެ. ވީ ކިހިނެއްތޯ އަހާލުމުން ބުނީ އަވަހަށް ރުޅި އަންނަ ކުއްޖެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއެއް ކަމަށެވެ. އިތުރަށް އޮޅުންފިލުވުމުން ބުޏީ ރުޅިގަދަވެގެން ޓީޗަރު ގައިގައި ތަޅައިގަތުމުން އަތުގެ ކޮނޑުހުޅު ނެއްޓުނީ ކަމަށެވެ. އެކަމުގެ ވޭނުގައި ވަރަށް ގިނަ ދުވަހު އުޅެން ޖެހުނު ނަމަވެސް ހަމަ އެކުދިންނަށް ކިޔަވައިދިނުމުގައި ދެމިހުރުމަކީ މި ޓީޗަރަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އެދަރިވަރު ރުޅިގަދަވާ ކޮންމެ ފަހަރަކު ދަރިވަރުގެ ގައިގައި ބައްދާލައި ހަމަޔަކަށް އަޅުވަން މަސައްކަތް ކުރެއެވެ.
ދަރިވަރުންގެ ފަރާތުން އެކި ކަހަލަ އަނިޔާ ލިބި ފުރައްސާރަ ރައްދުވާ ކިތަންމެ ޓީޗަރުންނެއް އުޅެއެވެ. އެކަމަކު ޓީޗަރުން ދަރިވަރުންނާ މެދު ހިތްބުރަކަމެއް ނުބާއްވައެވެ. އަނިޔާ ލިބުނު ނަމަވެސް ދަރިވަރުންގެ މުސްތަގުބަލު އުޖާލާކޮށް ދިރިއުޅުމަށް ތައްޔާރުކޮށްދިނުމަށް ބުރަ މަސައްކަތް ކުރުން މަތީ ދެމިތިބެއެވެ. ތަފާތު މިޒާޖުގެ ދަރިވަރުނަށް މުދައްރިސުން ކިޔަވައިދެމުން އަންނަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ.
ޓީޗަރުންގެ ވަޒީފާއަކީ އެންމެ ބުރަ އެންމެ ގިނަ ވަގުތު ހޭދަވާ އެއް މަސައްކަތެވެ. އާއިލާއަކަށް ވަގުތެއް ނުދެވެ އެވެ. ދިރިއުޅުމުގައި އެހެން ކަމެއް ކުރާނެ ވަގުތެއް ނޯވެއެވެ. އަބަދުވެސް ތިބެން ޖެހޭނީ ސްކޫލުގެ ހަތަރުފާރުގެ އެތެރޭގަ އެވެ. ގެޔަށް ދެވުނަސް ބައެއް ދުވަސްތަކާ ދިމާކޮށް ހޭލައި ތިބެ ކުދިންގެ އެއްޗެހި ތައްޔާރު ކުރަން ޖެހެ އެވެ. އެހާ ބުރަކޮށް މަސައްކަތް ކުރާ އިރު ޕްރެޝަރު ވެސް އެހާ ބޮޑެވެ. މިއީވެސް ޓީޗަރުންގެ ހާލަތެވެ. ހުކުރެއް ހޮނިހިރެއް ނޯވެއެވެ.
ފިލާވަޅު ދަސްނުކޮށްގެން ޓީޗަރުން އަދަބު ދެނީ ދަރިވަރުންނަށް ރަނގަޅަކަށެވެ. މިކަމާ ނުރުހޭ ބެލެނެވެރިންވެސް ތިބެއެވެ. އެއީ މިއީ ދަރިވަރުންގެ މުސްތަގުބަލު އުޖާލާ ކުރުމަށް އެކުދިން ލައްވާ މަޖުބޫރުންވެސް ކުރަން ޖެހޭ ކަމެއްކަން ނުވިސްނޭތީއެވެ. ޓެސްޓުން ފާސްނުވެއްޖެ ނަމަ ގޯސް ވަނީ ޓީޗަރެވެ. އޯލެވެލް ނުވަތަ އޭލެވެލް ނަތީޖާ ދަށްވެއްޖެ ނަމަ ގޯސްވަނީ ޓީޗަރުންނެވެ. އުޅުން ގޯސްވެއްޖެ ނަމަ ގޯސްވަނީ ޓީޗަރުންނެވެ. ހެޔޮ ބަހެއް ބުނެލާ ފަހަރަށްވުރެ ދަރިވަރުން ކުރިމަތީގައި ޓިޗަރުން ދެރަކޮށް ނިކަމެތިކޮށްލާ ފަހަރުވެސް މަދެއް ނޫނެވެ. ޓިޗަރުން ކުށްވެރިކުރާ ފަހަރުވެސް މަދެއް ނޫނެވެ.
ޓީޗަރުންނަކީ ގައުމު ބިނާކުރުމުގައި އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މީހުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެންމެ ތުއްތުއިރުން ފެށިގެން މަތީ ތައުލީމުގެ އެންމެ މަތީ ހަރުފަތާ ހަމަޔަށް ދަރިވަރުން ބިނާ ކުރަމުން އަންނަނީ އެއީ ކުރިއަށް އޮތް މުސްތަގުބަލުގައި ގައުމުގެ އެކި މަގާމުތަކާ މަސްއޫލިއްޔަތުތަކާ ހަވާލުވާން ތިބި މީހުން ކަމުގައި ދެކިގެންނެވެ. މާދަމާ ގައުމު އޮންނާނެ ގޮތް ބައްޓަން ވާނީ، މިއަދުގެ ދަރިވަރުން ތަރުބިއްޔަތުކުރި ގޮތެއްގެ މައްޗަށެވެ.
މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން"އެވެ. މާދަމާ ގައުމު ހިންގުމުގައްޔާއި ގައުމުގެ ހުންގާނާ ހަވާލުވާން ތިބޭނީ މިއަދު ތައުލީމީ ޖީލެވެ. ގައުމުގެ ކުރިއެރުމާއި މުޅި މުސްތަގުބަލު އޮންނާނީ އެ މީހުންގެ އަތްމަތީގަ އެވެ. އެ މީހުންނަށް ގައުމު ހިންގެން އޮތީ މިއަދުގެ ޓީޗަރުން އެ މީހުންނަށް ދަސްކޮށްދިން އެއްޗަކާއި ދިން ނަސޭހަތާއި ތަރުބިއްޔަތުންނެވެ.
މިއަދުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ މި ޝިޔާރު ހިޔާރުކުރީ ކޮވިޑުގެ ދަތި ހާލަތުގައި މުދައްރިސުން ވީ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ. ދިރިއުޅުމާ ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުމަށް އެހީތެރިވުމަށް ކަމަށެވެ.
ފިލާވަޅުތައް ތައްޔާރުކުރުމާއި ފޮތްތަކާއި ޕޭޕަރު މާކު ކުރުމާއި، މިނޫންވެސް އެތައް ކަމެއް ރެއާއިދުވާލު ކުރަމުން އަންނައިރު މުދައްރިސުންގެ އަގުވަޒަން ކުރަންވީ އަހަރަކު އެއްފަހަރަކު ހެއްޔެވެ؟ ދިއްކޮށްލާ މާބޮނޑިއަކުން ނުވަތަ އަދާ ކޮށްލާ ޝުކުރަކުން ޓީޗަރުންގެ އަގު ވަޒަން ކުރެވޭނެ ހެއްޔެވެ؟ ބުނެލާ އައްސަރިބަހަކާއި ސާބަހުން މި ގުރުބާނީގެ އަގު އަދާކުރެވޭނެ ހެއްޔެވެ؟ ނޫނެކެވެ. ޓީޗަރުންގެ ހައްގު މަގާމު ދެވޭނީ އަހަރެމެންގެ ވިސްނުން ބަދަލު ކޮށްގެންނެވެ. ގަދަރާއި އިހުތިރާމު ކޮށްގެންނެވެ. އެމީހުން އެކުރާ ބުރަ މަސައްކަތް ހެޔޮ ހިތުން ބަލައިގަތުމަކީ އެންމެ ބޮޑު ޝުކުރަށް ހަދައިގެންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް