ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 44

4

ދޮރާށި ހުޅުވާލުމަށްފަހު ބިސްމީގެ ބަރަކާތުން ރާޝިދު ގޭތެރެއަށް ފިޔަވަޅެއް އެޅިއެވެ. އޭނާގެ ދިރިއުޅުމަށް ވިހަލި ހަރުފަގެ ވިހައިގެ އެއްވެސް އަސަރެއް އެގޭގައި ނެތްކަން ރާޝިދަށް ޔަގީންވިއެވެ. އެ ހިނިތުންވުން ރާޝިދުގެ ތުންފަތްމަތިން ހެކިދެއެވެ. ގާތުގައި ހުރި ދޮށީ ދަރިފުޅުގެ އަތްތިލައިގައި ރާޝިދު ހިފަހައްޓާލައިގެން ހުރީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައިންނެވެ. އުމުރު ހުސްވަންދެން ދެ ދަރިންނާއެކު އޭނާ ދުވަސްތައް ގުނާނީ އެ ގޭތެރޭގައެވެ.

******

ޖިލްވާ އަތުގައި ހިފާލައިގެން ހުރެ ގޭތެރެއަށް ވަތް ބަރަކް ފެނުމާއެކު ސޯފާގައި އިން ރޫބިޔާ ކޮޅަށް ތެދުވެއްޖެއެވެ. ރޫބިޔާ ހުރީ ހުރިހާ ދަތެއް ފެންނަވަރަށް ހީލައިގެންނެވެ. ބަރަކް ރޫބިޔާއަށް ބަލައިލިއެވެ. ރޫބިޔާގެ ތުންފަތްމަތިން ފެންނަން ހުރި ހިނިތުންވުމުގެ ފަހަތުގައި ފޮރުވައިގެން ހުރި ނުބައިކަމާއި މަކަރުވެރިކަން މިފަހަރު ބަރަކްއަށް ސިއްރެއް ނުވިއެވެ. ކޮޓަރިއަށް ބަރަކް ދިޔައީ ރޫބިޔާ އާ އަނގައިން ބުނާޙިތް ނުވުމުންނެވެ. ރޫބިޔާ ހުރިގޮތް ފެނިފައި ޖިލްވާއަށް ދާން ނުކެރުނެވެ. އެހެންކަމުން ޖިލްވާ ހީލާފައި ރޫބިޔާ އާ ގާތަށް ޖެހިލިއެވެ.

"ބަރަކަށް ކިހިނެއްވެފަ އެހުރީ؟" ރޫބިޔާ އެހިއެވެ.

"ވަރުބަލިވެފަހެން ހީވަނީ" ޖިލްވާ ބުންޏެވެ.

ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ޖިލްވާ ގޮސް ވަނީ ބަދިގެއަށެވެ. ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށެވެ. ކާއެއްޗެއް ރޯފިލުވާފައި ނުހުންނާނޭކަން ޖިލްވާއަށް އެނގެއެވެ. އެހެންނަމަވެސް ކާމޭޒުމަތި ފެނިފައި ޖިލްވާއަށް ލިބުނީ ހައިރާންކަމެކެވެ. ފަރާޓާ އާއި ހިކިކޮށް ހަދާފައި ހުރި ކުކުޅު ފެނުމުން ޖިލްވާއަށް ޝައްކުވިއެވެ. ބޭރުން ގެނެސްފައި ހުރި ކާއެއްޗެހިކަން ޖިލްވާއަށް އެނގުނެވެ. ވަގުތުން ގޮސް ބަދިގެއިން ނުކުމެވޭ ކުޑަ ބެލްކަނިކޮޅުގައި ހުރި ޑަސްބިންތެރެ ބަލައިލިއެވެ. ޖިލްވާއަށް ހީވީ ހަމަ ރަނގަޅަށެވެ. ކާއެއްޗެހި ގެނެސްފައި ހުރި ކޮތަޅުތައް ފެނުމުން ޖިލްވާ ދެފަރާތަށް ބޯހޫރާލިއެވެ. އެނބުރި އެތެރެއަށް ވަންނަން އުޅުނު ވަގުތު އޭގެތެރެއިން ފެނުނު އެއްޗަކުން ޖިލްވާ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ގަބޫލުކުރަން ދަތިވިއެވެ. ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ރޫބިޔާ މީހަކާ ގުޅުން އޮންނަނީ ހެއްޔެވެ؟ މީހަކާ ގުޅުން އޮތަސް ޒިނޭކުރަންވެދާނެ ހެއްޔެވެ؟

ޖިލްވާ ގޮސް ގޮނޑީގައި އިށިންއިރު ހިތުތެރޭގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. މީހަކާ ނީނދެހުރި މީހަކު އެހެން ފިރިހެނަކާ އެކު ގައިގޯޅިވެ ކުރާ މުޑުދާރު ކަންތަކަށް ކިޔާނީ ޒިނޭ ނޫން ދެން ކޮން ނަމެއް ހެއްޔެވެ؟ ޑަސްބިން ތެރެއިން ފެނުނު ކުޑަ ފޮއްޓަކީ ދެވަނަ އެއްޗެއް ނޫނެވެ. ޖިލްވާއަކީ ފާމަސީއެއްގައި ދެއަހަރު މަސައްކަތް ކުރި ކުއްޖެކެވެ. އެކަހަލަ އެއްޗެއްސަކީ ކޮންކަމަކު ކޮންހާލަތެއްގައި ބޭނުންކުރާ އެއްޗެއްކަން ނޭނގޭ ކުޑަކުއްޖެއްވެސް މިޒަމާނުގައި ނޫޅޭނެއެވެ. މަޑުމަޑުން ގޮނޑިން ތެދުވެގެން ފެންފޮދެއް ބޯލައިގެން ޖިލްވާ ދިޔައީ ކޮޓަރި އާ ދިމާލަށެވެ.

***********

ސަމީހާ އާއި ސަނާއަށް ކޮޓަރި ދައްކާފައި ރިންދާ ހީލިއެވެ. އެކުވެރިކަމާ އެކު ސަނާގެ އަތުގައި ހިފަހައްޓާލިއެވެ. އުމުރުން ހަގަސް ސަނާ ރިންދާއަށް ވުރެ އިސްކޮޅުން ދިގެވެ. އެކަން ރިންދާއަށް ވީ މަޖާ ކަމަކަށެވެ.

"ރަންނިވެސް އަހަރެންނަށް ވުރެ އިސްކޮޅުން ދިގުވާނެ" ރިންދާ ބުންޏެވެ.

ރަނީންގެ ވާހަކަތައް ސަނާއަށް ރިންދާ ކިޔައިދިނެވެ. އެވާހަތައް އަހާފައި ސަނާ ހިމޭންވިއެވެ. ސަނާ ދެރަވީކަން އެނގުމުން ރިންދާ އެވާހަތައް އޮޅުވާލިއެވެ. އެތައް ވާހަކަތަކެއް ކިޔައިދީގެން ސަނާ ހަމަޖެއްސިއެވެ.

"ކޮބާ އަވަހަށް އާދޭ ކާން" ދޮރުހުޅުވާލާފައި ނަހާ ބުންޏެވެ.

ނަހާ އާއި ޝާހްބާޒް ދިން ގާތްކަމާ އޯގާތެރިކަމަށް ސަމީހާ ޝުކުރުވެރިވިއެވެ. އެއީ ނުވެސްދަންނަ ބަޔަކަށް ވީއީއިރު އެފަދަ ގާތްކަމެއް ދެނީ ކީއްވެގެންތޯ ސަމީހާ ސުވާލުކުރިއެވެ. އެވަގުތު ރިންދާއާއި އަޔާލް ކައިވެނީގެ ހަބަރު ނަހާ ދިނެވެ. ސަމީހާ ހިނިތުންވެލިއެވެ. ރިންދާގެ އިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމާލިއެވެ.

ބާކީ އޮތް ވަގުތުތަކުގައި ސަމީހާގެ އާއިލާ އާ ގުޅޭ ވާހަކަތައް ކިޔައިދިނެވެ. ރާޝިދުގެ ވާހަކަތައް ކިޔައިދިނެވެ. ރާޝިދުގެ ހިތްހެޔޮކަމާއި ރަނގަޅުކަމުގެ ވާހަކައެވެ.

"އަޔާލްގެ ބައްޕަ މާދަމާ ގެންނަންވާނެ ހަވީރު ސަޔަކަށް" ޝާހްބާޒް ބުންޏެވެ.

********

އަޔާލް އާ ބައްދަލުކުރާހިތުން ރިންދާއަށް ހުރީ ކެތްމަދުވެފައެވެ. އާންމުކޮށް ރޭގަނޑު ނުވައެއްގެ ފަހުން ނަހީކަށް ބޭރުތެރެއިން ނުފެންނާނޭކަން އެނގުނަސް ކިރިޔާވެސް ޝައްކެއްވާން ބޭނުންނުވާތީ ރިންދާ ގެއިން ބޭރަށް ނުނިކުމެއެވެ. އަޔާލް އަންނާނަމޭ ބުނެފައި އޮތުމުން ރިންދާ އިންތިޒާރު ކުރަނީ އެވަގުތަށެވެ. ހިތް އަވަސްވެފައި ހުރިވަރުން ރިންދާއަށް ރަނގަޅަށް ނުވެސް ކެވުނެވެ. އެންމެފަހުން ރިންދާ އިންތިޒާރު ކުރި ވަގުތު ފަހަނައަޅައި ގޮސް ރޭގަނޑު ބާރަގަޑި ބައިވެއްޖެއެވެ. އަޔާލްގެ ފޯނަށް ގުޅިޔަސް ޖަވާބެއް ނުދެއެވެ. ރިންދާއަށް އިތުރަށް ކެތެއް ނުވިއެވެ. ހެދުން ބަދަލުކޮށްގެން ގެއިން ނުކުތްގޮތަށް އަޔާލްގެ ގެއާ ދިމާލަށް ދިޔައީ ހިނގާފައެވެ. އަވަސް އަރުވާލެވިފައި ހުރުމުން ގެއިން ނުކުތްއިރު ފޯނު ނޫން އެހެން އެއްޗެއް ނުގެނެވެއެވެ.

ރޭގަނޑުގެ ބޮޑުބައެއް ފާއިތުވިކަމުގައި ވިޔަސް މާލޭ މަގުމަތީގައި މީހުން މަދުހެނެއް ހިއެއްނުވެއެވެ. ރިންދާ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ އެހެންވެއެވެ. އަނެއްކޮޅުން ނިދާކަމަށް ބުނެ ނަހީކްގެ މެސެޖްވެސް ލިބުނީ ދާދި ދެންމެއަކުއެވެ. އާދައިގެ ހިނގުމަކަށްވުރެ ބާރަށް ދިޔަ ރިންދާ ފުރިހަމަ ނޭވައެއް ދޫކޮށްލީ ގޭ ދޮރުމަތީގައި ހުރެފައެވެ. ނަސީބުދިމާކުރީ ވަރަށް ރަނގަޅަށެވެ. ރިންދާ އާ ބައްދަލުކުރަން ދާން އަޔާލް ދޮރާށި ހުޅުވާލީވެސް ހަމަ އެވަގުތުގައެވެ. އަންގާވެސް ނުލައި ކުރިމަތިން ކުއްލިއަކަށް ރިންދާ ފެނުމުން އަޔާލް ކުޑަކޮށް ސިހޭގޮތްވިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ރިންދާ އޭނާގެ ދެއަތުގެ ތެރެއަށްލައިފިއެވެ.

"ވަރަށް ވަރަށް ހަނދާންވި" ރިންދާ ބުންޏެވެ.

އަޔާލް ހީލާފައި ރީންދާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލިއެވެ. ދެން ކުޑަކޮށް އުފުލާލާފައި ރިންދާގެ ނިއްކުރީގައި ބޮސްދިނެވެ. ރިންދާއަށް ވުރެ މާބޮޑަށް ހަނދާންވި ވާހަކަ ބުނެފައި ރިންދާ އެތެރެއަށް ވެއްދިއެވެ. ދެން ރިންދާގެ އަތުގައި ހިފައިގެން ހުރެ އެތެރެއަށް ވަނެވެ. ލިފްޓުން މައްޗަށް ދިޔުމުގެ ބަދަލުގައި އަޔާލް ހުޅުވީ އެންމެ ތިރީބައެވެ.

ކޮޓަރިއަށް ވަންގޮތަށް އަނެއްކާވެސް ރިންދާ ގާތަށް ދަމާލިއެވެ. ގޯހެއް ހެދިދާނެ ކަމަށް ވިސްނައިގެން ހުރި ރިންދާ އަޔާލް އާ ދުރަށް ޖެހިލިއެވެ. އެހިނދު އަޔާލްއަށް ހެވުނެވެ. ރިންދާގެ ހުޝިޔާރުކަމުންނެވެ.

"ކީއްވެ ފޯނު ނުނެގީ. އަހަރެން ހަމަ ގެނުވަންދޯ" ރިންދާ ޝަކުވާކޮށްލިއެވެ.

"ސޮރީ ލަވް. ބައްޕައަށް ނިދެންދެން ކައިރީގައި އިނީ. ފުރަތަމަ ރޭވީމަ ބައްޕަ އެކަނި ދޫކޮށްލަންވެސް ނުކެރުނީ. އެކަމަކު ކެތްނުވެގެން ދާން އުޅެނިކޮށް ރިދާ ތިއައީ" އަޔާލް ވާހަކަދެއްކިއެވެ.

ގަޑިން ދަންވަރު އެކެއްޖަހާ ބޮޑުވަންދެން ދެކުދިން ގޭތެރޭގައި ވާހަކަދައްކަން ތިއްބެވެ. އަޔާލްއަށް ރިންދާ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ކުރިއަށްދާންވީގޮތް ކިޔައިދިނެވެ. ވިލިނީގެ ހަބަރުދިނެވެ.

"އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް އޭނާގެ އަތްދަށުން ސަލާމަތްވާން" ރިންދާ ބުންޏެވެ.

********

ހަތަރުދުވަސް ފާއިތުވެގެން ދިޔައިރު ވިލިނީ ވަރަށް ބޮޑަށް ބަލިވިއެވެ. ފިކުރުތަކާއި ޑިޕްރެޝަންގެ ޝިކާރައަކަށް ވިއެވެ. އެކަނިވެރިކަމަށް އާ ލޯތްބެއް ޖެހިއްޖެއެވެ. މީހުންނާ ވާހަކަދައްކާހިއްނުވުމާއި ކެއިންބުއިމާ ދުރުވިއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ ވިލިނީ އާ އެންމެ ގާތުގައި ހުރި ރިންދާއަށެވެ.

"އެމަންޖެ މިހާރު ރަނގަޅުތަ؟ ހާދަ ފާޑަކަށޭ އެހުންނަނީ. ބޭބެ މިއަދު އައިއިރު އެކޮޓަރިން އޯކާދެމޭ އަޑުވެސް އިވޭ" މެންދުރުގެ ކެއުން ކުރިއަށްދިޔަ ވަގުތު ޝާހްބާޒް ބުންޏެވެ. އޭރު އަދި ވިލިނީ މޭޒު ކައިރިއަށް ނާދެއެވެ.

"ވިލިނީ ބަނޑުބޮޑުތަ؟" ނަހާ އެހިއެވެ.

ރިންދާ ބަހެއް ނުކިޔައި ހިމޭނުން އިރުކޮޅަކު އިނދެފައި ބޯޖަހާލިއެވެ.

ރިންދާ ހުރިހާ ހަގީގަތެއް ޝާހްބާޒާއި ނަހާއަށް ކިޔައިދިނެވެ. ވިލިނީގެ ފިރިމީހާ ދަރިފުޅު ބަލައިގަންނަން އިންކާރުކުރި ވާހަކައެވެ. ވިލިނީއަށް ބަދަލުތަކެއް އައީ މާބަނޑުވުމާއެކު ސިކުނޑިއަށް މާބޮޑަށް ބާރުބޮޑުވެގެން ކަމަށް ބުންޏެވެ. އެހެންނަމަވެސް ވިލިނީގެ ފިރިމީހާއަކީ ކާކުކަމެއް ނުބުނެއެވެ. ކޮޓަރިން ނުކުމެގެން އައިސް މޭޒުކައިރީގައި ވިލިނީ އިށީނީވެސް އެމީހުން އެ ވާހަކައިގައި ތިއްބައެވެ.

"ދައްތައާއި ބޭބެ ކައިރީގަ ވާހަކައެއް ބުނަންވެގެން" ވިލިނީ ބުންޏެވެ.

ނަހާ ބޯޖަހާލިއެވެ. ރިންދާއާއި ޝާހްބާޒްވެސް ކެއުން ހުއްޓާލާފައި ވިލިނީއަށް ބަލައިލިއެވެ.

"މިއުޅެނީ ދުވަސްކޮޅަކަށް މަންމަ ކައިރިއަށް ދާން" ވިލިނީ ބުންޏެވެ. ރިންދާ ކަރުއެލުވާލިއެވެ.

ވިލިނީއަށްޓަކައި އޭނާއަށް ކޮށްދެވޭނީ ކޮންކަމެއްބާއޭ ހިތަށް އެރިއެވެ. ކަމެއްކޮށްނުދެވޭނެކަން އެނގުނު ހިނދު ވިލިނީގެ އަތްތިލައިގައި ރިންދާ ހިފަހައްޓާލެވުނެވެ. އެންމެފަހުން ނަހާ އައިސް ވިލިނީ ކައިރީގައި ކޮޅަށް ހުއްޓުނެވެ. ވިލިނީ އާ މެދު ނަހާއަށް ދެކެވެނީ ދަރިއެއް ފަދައިންނެވެ. އެގޭގައި ވިލިނީ ހޭދަކުރި ކުޑަ ދުވަސްކޮޅުގައި ނަހާއަށް ފާހަގަވީ ވިލިނީގެ މަޑުމައިތިރިކަމާއި ބަސްމަދުކަމެވެ. ދިރިއުޅެން ވިލިނީ ގެނެސް ބެހެއްޓި ހިސާބުން އެމަޑުމައިތިރިކަމާއި ބަސްމަދުކަން އިތުރަށް ފުންވެއްޖެއެވެ.

"ދައްތައަށް އެނގިއްޖެ ހުރިހާކަމެއް" ވިލިނީގެ ބޮލުގައި އަތްހިންގާލަމުން ނަހާ ބުންޏެވެ.

ވިލިނީ ހިތުގައި ޖެހުނީ އެހިސާބުންނެވެ. އިތުރަކަށް އިހުސާސްތައް ވިލިނީއަށް ހިފަހައްޓައެއް ނުލެވުނެވެ. ނަހާގެ ގައިގައި ދެއަތް ވަށާލުމާއެކު ވިލީނީއަށް ރޮވިއްޖެއެވެ.

"ދިރިއުޅުމަކީ ފަސޭހަކަމެއް ނޫން. އެކަންޖެހޭނީ އަމިއްލައަށް ފަސޭހަކުރަން. އެކަން އެންމެ ފަސޭހައިން ކުރެވޭނީ ހިތްވަރާއެކު މަސައްކަތްކޮށްގެން. ކެތްތެރިވާން ދަސްވެގެން. އަނެކަކަށް މައާފުކުރުމާއެކު ހުއްޓި ނުހުރެ ހިނގައިގަނެގެން. އެއްވެސް މީހަކު ހިތްއެދޭހާކަމެއް މިދުނިޔޭގައި ނުވާނެ. އެކަން ވާނީ ހަމައެކަނި ސުވަރުގޭގަ. އަހަރެމެން ބޭނުންވިޔަސް ބޭނުންނުވިޔަސް މިވަގުތީ މަންޒިލުގައި ހިތްނުތަނަވަސްވުމާއި ދަތި އުނދަގޫ ދުވަސްތަކާ ކުރިމަތިލާން ޖެހޭނެ. އެހުރިހާކަމަކަށް ދިރިއުޅުމެކޭ މިކިޔަނީ"

ނަހާގެ ވާހަތަކުން ވިލިނީ އިތުރަށް ރޮއްވާލިއެވެ. އެވާހަކަތަކަކީ އާތިފާގެ ފަރާތުން ވިލިނީއަށް އިވިފައި ހުރި ވާހަކަތަކެކެވެ. އެހެންނަމަވެސް އުމުރުގެ ޅަކަމާއި ކުއްލިއަކަށް ކުރި ކައިވެންޏާއި ޖިންސީ އަނިޔާތަކެއްގެ ތެރެއިން ބަލިވެއިނުމާ ގުޅިގެން ވިލިނީގެ ސިކުނޑި ވަނީ ބަލިކަށިވެފައެވެ. ކެތްތެރިކަމާއި ނަމާދާއި ދުއާއިން ހިތްވަރު ހޯދައިގެން ކުރިއަށްދާން ވިލިނީ ބޭނުންވެއެވެ. އެކަމަށް އޭނާ ބޭނުންވަނީ ކައިރީގައި ތިބި މީހުންގެ އެހީތެރިކަމެވެ.

*********

ބަދިގޭ މަސައްކަތްތައް ނިންމާފައި ވިލިނީ ކޮޓަރިއަށް ވަންއިރު ބަރަކް އެނދުގައި އޮތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ބަރަކް އޮތީ ފިކުރެއްގައިކަން ޖިލްވާއަށް އެނގުނެވެ. މާލެ އައިފަހުން ބަރަކް ކަނީވެސް މަދުންކަން ޖިލްވާއަށް ފާހަގަވިއެވެ. ބަރަކްގެ ފިކުރުތައް ގުޅިފައިވަނީ ކޮންކަމެއްކަން ޖިލްވާއަށް އެނގެއެވެ. ބަރަކް އާ ސުވާލުނުކޮށް އެނދުގައި ޖިލްވާ އިށީނީ އެހެންވެއެވެ. ނިތްމަތީގައި އޮތް ބަރަކްގެ އަތް އެނދުގައި ދަމާލާފައި ޖިލްވާ އޮށޯތީ އެ އަތްމަތީގައެވެ. ބަރަކްގެ ސަމާލުކަން ޖިލްވާއަށް ލިބުނީ އެހިސާބުންނެވެ.

"މަންމަ އެހި ބަރަކްއަށް ކިހިނެއްވެފަހޭ" ޖިލްވާ ބުންޏެވެ.

ބަރަކް ބަހެއް ނުބުނުމުން ޖިލްވާ ބަލައިލިއެވެ. އެހިނދު ބަރަކްގެ ލޮލުގެ އެއް އަރިމަތިން ވެއްޓުނު ކަރުނަތިކި ޖިލްވާއަށް ފެނުނެވެ.

"އަހަރެންނަކީ މަންމަ ބޭނުންނުވާ ދަރިއެއްކަން އެނގުނީމަ ހާދަ ދެރައެއްވިއޭ" ބަރަކް ބުންޏެވެ.

ޖިލްވާ ބަރަކްގެ ގައިގައި ބައްދާލިއެވެ. ފިރިމީހާ ހިތުގައިޖެހި ރޯކަން އެނގުމުން ޖިލްވާ އިންތިހާއަށް ދެރަވެއްޖެއެވެ. ބަރަކް ހިތްހަމަޖައްސައިދިނުމަށް ޖިލްވާ ބޭނުންވިއެވެ. ހިތްވަރުކުރުމަށް ޖިލްވާ ނަސޭހަތްތެރިވިއެވެ.

ޑަސްބިނުން ފެނުނު ފޮށި މަތިން ހަނދާންވުމާއެކު ޖިލްވާ ބަރަކްއަށް ބަލައިލިއެވެ. އެވާހަކަ ބަރަކް ކައިރީގައި ބުނަން ޖިލްވާ ބޭނުމެއް ނުވިއެވެ.

******

އާދުވަހެއްގެ ފެށުން އަނެއްކާވެސް އަތުވެއްޖެއެވެ. އާ އުންމީދުތަކާއެކު ދުވަހުގެ ފެށުން ރާޝިދު ފެށީ ގެއާ އެންމެ ކައިރި މިސްކިތުންނެވެ. ރާޝިދުގެ ހިތަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކަނާތް ފަރާތުގައި ޖެހިގެން ދުއާއަށް އަތްނަގައިގެން ދޮށީ ދަރިފުޅެވެ. ތަކުރާރުކޮށް ހާސްފަށުން ﷲ ތައާލާއަށް ރާޝިދު ޝުކުރުދެންނެވިއެވެ.

މިސްކިތުން ފައިބައިގެން ދެބަފައިން އައީ ހިނގާފައެވެ. ރާޝިދުގެ އެދުމަށް އަޔާލް ގެއަށް ވަނީ މަގުދިގުކޮށް ރާޝިދު ހިންގުވާފައެވެ. މާލޭގެ ގެއާ ކައިރި އެކި ސަރަހައްދުތައް ބާލާލައިފައެވެ. ގެއަށް ދިޔުމަށް ހިނގައިގަތީ އަޔާލްގެ ފޯނަށް ބަރަކް ގުޅަން ފެށުމުންނެވެ. ރާޝިދު ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖެހިފައި އިނީ މެންދުރުކުރީގެ ވަގުތަކަށެވެ. ބަރަކް އެގުޅަނީ އެވާހަކަދައްކަންވެގެންކަން އަޔާލްއަށް އެނގުނެވެ.

އަޔާލް އާއި ރާޝިދު ގެއާ ހަމައަށް އައިއިރު ދޮރުމަތީގައި ސައިކަލުގައި ބަރަކް މަޑުކޮށްލައިގެން އިނެވެ. ގަޑިން އޭރު ހައެއް ނުޖަހައެވެ. އެހެންނަމަވެސް ދުނިޔެމައްޗަށް ދުވާލުގެ އަލިކަން ފެތުރެން ތައްޔާރުވެއްޖެއެވެ. ބަރަކް ލައިގެން ހުރި ގްރޭ ކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ފަޓްލޫނު ދަށަށް ޖަހާފައި ހުރި ބައި ދޫކޮށްލާފައި ހުއްޓަސް އަރައިގެން ހުރި އޮފީސް ބޫޓު ފެނުމުން ބަރަކް އެއައީ އޮފީހުގައި ހުރެފައިކަން އަޔާލްއަށް އެނގުނެވެ. ހިނދުކޮޅަކަށް ނަމަވެސް ބަރަކްގެ މޫނުމަތިން މާޔޫސީ ކުލަވަރެއް ފެނިލިހެން އަޔާލްއަށް ހީވިއެވެ.

ބަރަކް ފެނުމާ އެކު ރާޝިދުގެ ތުންފަތަށްވެރިވީ ފުޅާ ހިނިތުންވުމެކެވެ. ބަރަކްގެ އަލި މޫނާއެކު ރާޝިދުގެ ދުވަސް އިތުރަށް ޗާލުވެގެން ދިޔަ ކަހަލައެވެ. ބަރަކް ސައިކަލް ޕާކުކުރުމުން ތިންބަފައިން އެކުގައި ގޭތެރެއަށް ވަދެގެން ދިޔައެވެ. ކާމޭޒު ކައިރީގައި ބަރަކް އާއި ރާޝިދު އިށީނުމުން އަޔާލް ވަނީ ބަދިގެއަށެވެ.

"ސަމީހާއްތަ އައިމަ ދޮންބެ ތިކަން ކުރާކަށް ނުޖެހޭނެ" ކޮފީ ހަދައިގެން އައި އަޔާލްއަށް ބަރަކް ބުންޏެވެ. ރާޝިދު ހީލިއެވެ.

"ޗުއްޓީ ހަމަވީތަ؟" އަޔާލް އެހިއެވެ.

"ނޫން. ގޭގަ ހުންނަހިތެއްނުވޭ. އެހެންވެ" ބަރަކް ބުންޏެވެ. ޗުއްޓީގެ ދުވަސްތައް ހަމަނުވަނީސް ބަރަކް ވަޒީފާއަށް ނުކުތްކަން އެނގުމުން އަޔާލްއަށް ހީވިހީވުން ޔަގީންވެއްޖެއެވެ.

ރާޝިދާއި އަޔާލް އެކަކު އަނެކަކަށް ބަލައިލިއެވެ. ބަރަކް ގޭތެރޭގައި ހުންނަން ބޭނުންނުވާ ސަބަބު އެމީހުންނަށް އެނގެއެވެ. ރާޝިދު ބަރަކްގެ އަތުގައި ހިފަހައްޓާލިއެވެ. ލޯތްބާ އެކު ބަރަކްއަށް ނަސޭހަތްތެރިވިއެވެ. ކޮންމެގޮތަކަށް ކަންތައްކުރި ނަމަވެސް ރޫބިޔާއަކީ ބަރަކްގެ މައިމީހާކަން ހަނދާންކޮށްދިނެވެ. ލޯތްބާ އިހުތިރާމާ އެކު ރޫބިޔާ އާ މުހާތަބުކުރުމަށް ބުނެދިނެވެ.

"މަސައްކަތްކުރާނަން" ބަރަކް ބުންޏެވެ. ފަރުވާކުޑަ އެހެނަސް ހިތްވަރުގަދަކަން އަންގައިދޭ ކުޑަކުޑަ ޖުމްލައެއް ބަރަކް ބުނެލިއެވެ.

***********

އެނދުމަތީގައި ހުރި ވިލިނީގެ ދަބަސް ފެނުމުން ރިންދާ ދެރަވިއެވެ. ވިލިނީއަށް ވިސްނައިދޭން ދައްކާނެ ވާހަކައެއް ރިންދާއަށް ނޭނގުނެވެ. ގިނަފަހަރަށް އިސްޖަހާލެވެނީ ވިލިނީ ދަރިފުޅާ އެކު ބިކަވުމުގައި ރިންދާގެ ކުށެއްވެޔޭ ހިތަށް އަރައިފައެވެ.

"އަހަރެން ދަންތަ އެކުގަ" ރިންދާ އެހިއެވެ.

ވިލިނީ އައިސް ހިފީ ރިންދާގެ އަތުގައެވެ. ވިލިނީ ފުރުވަން ނުދިޔަސް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. ވިލިނީ އާއި ރިންދާ އެކުގައި ބޭރު ތެރެއިން ނަހީކަށް ފެނިގެންނުވާނޭ ވިލިނީ ބުންޏެވެ. ރިންދާ ވިލިނީގެ ގައިގައި ބައްދާލިއެވެ. ހިތްވަރުކުރަން ވިލިނީ މަސައްކަތްކުރާކަން ރިންދާއަށް އެނގުނެވެ.

"ވިލީ ދެން ހަމަ ދާނީތަ؟ އިދޫއަށް ފުރުސަތެއް ނުދޭނަންތަ؟" ރިންދާ އެހިއެވެ.

"އަހަރެން ވިހައި ގަދަވީމަ އޭނަ އައިއްޔާ ޔަގީނުންވެސް ފުރަގަހެއް ނުދޭނަން. އެކަމަކު ދޮންދަރިއަކާ އެކު އަހަރެން ބަލައިގަންނާނޭކަން އަދި ޔަގީންކުރާކަށް ބޭނުމެއް ނޫން. އެއީވެސް ފިރިހެނެއް. އެއްހާސް ފަހަރު ވިސްނާފައި ނޫނީ އަހަރެން ފިރިހެނެއްގެ އަތުގައި ނުހިފާނަން" ވިލިނީ ބުންޏެވެ.

ވިލިނީގެ އެވިސްނުން ބަދަލުކުރަން ރިންދާ ބޭނުންވިޔަސް އެކުވެރިޔާ ބޭނުންގޮތަކަށް ދިރިއުޅުމުގެ ކަންކަން ނިންމަން ފުރުސަތުދިނެވެ. މާބަނޑުވުމުގެ ދުވަސްވަރުގައި ކައިރީގައި އެހީތެރިވާނެ ފިރިއަކު ނެތްއިރު އަންހެންކުއްޖަކަށް އެންމެ ރަނގަޅުވާނީ މައިމީހާއެވެ. ޔަގީނުންވެސް ވިލިނީ އެދަނީ ދުވަހަކުވެސް އޭނާގެ އަތުން ދޫކޮށްނުލާނޭ މީހެއް ކައިރިއަށެވެ.

"އަހަރެން ދިޔަސް ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ކުރައްޗޭ. ދުރުގަ ހުއްޓަސް އަހަރެން އެހީވާނަން" ވިލިނީ ބުންޏެވެ. ހީލަމުން ރިންދާ ބޯޖަހާލިއެވެ.

********

ރޫބިޔާ ގެއަށް އައިއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ބަދިގެއަށް ވަންއިރު މޭޒުމަތި ހުރީ ސާފުކޮށެވެ. ތެލިތަކުގެ މަތި ނެގިއިރު ރެއަށް ޖިލްވާ ހުރީ ކައްކާފައެވެ. ތައްޓަކަށް މަސްކޮޅެއް ލައިގެން ހަފަމުން ބަދިގެއިން ނުކުތް ރޫބިޔާއަށް ބެލްކަނީގައި ފޯނެއްގައި ހުރި ޖިލްވާ ފެނިއްޖެއެވެ. އެކުވެރިއެއްގެ ވާހަކައިގައި ޖެހިފައި ހުރުމުން ގޭތެރެއަށް މީހަކު ވަންކަމެއް ޖިލްވާއަށް ނޭނގުނީއެވެ. ޖިލްވާ ސިހުނީ ރޫބިޔާ ގޮވާލި އަޑަށެވެ.

"ކީކޭ މަންމާ" ފޯނު ކުރުކޮށްލާފައި އެތެރެއަށް ވަންނަމުން ޖިލްވާ ބުންޏެވެ.

އާދައިގެމަތިން ރޫބިޔާގެ ހަޅޭތައް ފެށިއްޖެއެވެ. ޖިލްވާއަށް މާބޮޑު ކަމަކަށް އެކަން ނުވިއެވެ. އެ އަޑުތަކަށް މިހާރު ޖިލްވާ ހުރީ ހޭނިފައެވެ. ރޫބިޔާ ރުޅި އައިސްގެން ދައްކާ އެއްވެސް ވާހަކައެއް ޖިލްވާ އަޑެއް ނާހައެވެ.

"ކަލޭ ކީކޭ މަގޭ ދަރި ކައިރީގައި ކިޔައިގެން ތިއުޅެނީ. އާނ އެހެންޏަ. ތިރަށަކަށް ގޮސްފަ އައިފަހުން އަހަރެންނާ އަނގައިން ބުނަނީއެއް ނޫން. ގޭތެރެއިން ފެންނަނީއެއް ނޫން"

ކުއްލިއަކަށް ރޫބިޔާ ބަލައިލީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. އޭރު ބަރަކް ހުރީ ކޮޓަރިން ބޭރުގައެވެ. ޖިލްވާއާ އެކު ބެލްކަނީގައި ހުރެފައި ބަރަކް ކޮޓަރިއަށް ވަނީ ފާހާނާއަކަށް ދާންޖެހިގެންނެވެ.

"ކިހިނެއްވީ؟" ބަރަކް އެހިއެވެ.

"ބަރަކް އުޅޭ ކަމެއް ނޭނގޭ. އާދެބަލަ މިކޮޅަށް" ރޫބިޔާ ދިޔައީ ސޯފާ އާ ދިމާލަށެވެ. ބަރަކް ހިނގައިގަތީ ދެވަނަ ފަހަރަށް ރޫބިޔާ އަންނާށޭ ބުނުމުންނެވެ. ރޫބިޔާގެ ހަގީގަތް އެނގިފައި ބަރަކް ފަސް ޖެހެނީއެވެ. ކުރިއަށް ފިޔަވަޅެއް އެޅެނީ ރާޝިދުގެ ނަސޭހަތްތައް ހަނދާންވެފައެވެ.

"މިހާރު ކިހިނެއްވެފަ ތިހުންނަނީ؟ މިގޭގަ މަޔަކު ހުރެއޭ ބަރަކް ހިތަށް އެރިތަ؟ އަނބިމީހާ ފޫބުޑުން ނުނެއްޓި ތިއުޅެނީ ކީއްވެ؟" ރޫބިޔާ ވާހަކަދެއްކިއެވެ.

"އަހަރެންނަށް ކަމެއްވިކަމެއް ނޭނގޭ. މަންމައަށް އެހެން ހީވަނީތަ؟" ބަރަކް ބުންޏެވެ.

ރޫބިޔާ އިށީންނާށޭ ބުންޏަސް ބަރަކް ހުރީ ކޮޅަށެވެ. ހަމަޖެހިގެން ރޫބިޔާ އާ ވާހަކަދައްކަން އޭނާގެ ނަފުސު ދެކޮޅެވެ.

"އަހަރެން ވާހަކައެއް އަހަންވެގެނޭ އުޅުނީ؟" ރޫބިޔާ ނިކަން ފަސޭހައިން ބަރަކްގެ ވާހަކަތައް ދުރަށް ޖައްސާލިއެވެ.

"ކަލޭމެން އިންރޭ އަހަރެން އަޔާލުއަށް ދިން ޖޫސްތަށި އޭނާ ބުއިތަ؟ އުކާލީތަ؟ އަހަރެންނަށް އޭނާ ވަރަށް ނަފުރަތުކުރޭ ދޯ. އަނެއްކާ ބަރަކު ބޮލަށް އޭނާ އެރުނީތަ؟" ރޫބިޔާގެ ވާހަކަތަކުން ބަރަކް ހަމައިން ނެއްޓިއެވެ.

އެތެރެހަށީގައި ހޫނުވަމުން ދިޔަ ލޭ މައިތިރި ކުރަން ބަރަކް ފުން ނޭވާތަކެއް ލަމުން ދިޔައެވެ. ދެން ވާނީ ކިހިނެއްކަން ދުރުގައި ހުރި ޖިލްވާއަށް އެނގުނު ކަހަލައެވެ. ބަރަކްގެ އަތުގައި ހިފައިގެން ޖިލްވާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެހާ އަވަހަށް ގޭތެރޭގެ މަސްލަހަތު ގެއްލެން ޖިލްވާ ބޭނުމެއް ނުވިއެވެ.

******

ދޮރުމަތީގައި ހުރި ރިންދާ ޝާހްބާޒަށް ބަލައިލިއެވެ. އެހިނދު މެހްމާނުން އައީކަން ޝާހްބާޒަށް އެނގުނެވެ. ތައްޔާރުކޮށްފައިވާ މޭޒާ ދިމާލަށް ރިންދާ ބަލައިލިއެވެ. ރާޝިދުގެ ކައިވެނީގެ މަޖިލީސް އޮތީ ރިންދާގެ ގޭގައެވެ. ރިންދާއަކީ އަޔާލްގެ ކާކުކަން ރާޝިދަށް ނޭނގުނަސް އެއީ އަޔާލްއަށް ހެޔޮ ބައެއްކަން ރާޝިދަށް އެނގެއެވެ. އިހުތިރާމާ އެކު ރާޝިދާ ޝާހްބާޒް ސަލާން ކުރިއެވެ. ކުޑަކޮށް ބައްދާލުމަށްފަހު ރާޝިދުގެ ހާލުއަހުވާލު އޮޅުންފިލުވިއެވެ. ޝާހްބާޒާއި ބަރަކްގެ ރަހުމަތްތެރިއަކު ހެކިވެރިންނަށް ތިބިއިރު މާގިނައިރެއް ނުވެ ކައިވެނިކޮށްދޭ މީހުން އަތުވެއްޖެއެވެ.

ދުރުގައި ތިބެ އެކަކު އަނެކަކާ ނަޒަރު ބަދަލުކުރަމުން ދިޔަ ރިންދާއަށް އަތުގައި އޮތް ފޯނަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އަޔާލްއަށް ލިބުނު އުފާވެރިކަމުގައި ބައިވެރިވެގެން ރިންދާ ހުރީ ނުހަނު އުފަލުންނެވެ. ނަހީކް ގުޅާފާނެ ކަމަށް ކުޑަކޮށްވެސް ރިންދާ ހިތަށް ނާރައެވެ.

ރާޝިދާއި ސަމީހާ ކައިވެނިކޮށް ނިމި ވަލީމާގެ ކަންކަން ކުރިއަށް ދިޔަ ވަގުތެވެ. ބެލްކަނީގައި ހުރި ރިންދާ އަތުގައި ހުރި ޕާސްތާ ތަށިން އުލުން އެތިކޮޅެއް ނަގާ އަޔާލްއަށް ލަވާލިއެވެ. ރާޝިދަށް ވަރަށް ރީއްޗަށް އެމަންޒަރު ފެނުނެވެ. ރާޝިދުގެ ތުންފަތަށްވެރިވީ ހިނިތުންވުމެކެވެ. ޝާހްބާޒްގެ އާއިލާ އަޔާލްއަށް އެހާ ހެޔޮވެފައި ރާޝިދަށް އެހާ އިހުތިރާމާއި ގަދަރު ދިނީ ކީއްވެގެންކަން ރާޝިދަށް ވިސްނުނެވެ. އަޔާލްއަށްޓަކައި ރާޝިދު އުފާކުރިއެވެ. ރިންދާގެ މޫނަށް ރާޝިދު ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ދެން ބަރަކް ކައިރީގައި ހުރި ޖިލްވާއަށް ބަލައިލިއެވެ. ހެއްދެވިފަރާތުގެ ހެޔޮރަހުމަތްފުޅާ އެކު އޭނާގެ ދެ ފިރިހެން ދަރީންނާ ގުޅިފައި ތިބި ދެ އަންހެންކުދީންނަކީ ލައްކައިން އެކެއްކަން ރާޝިދަށް އެނގުނެވެ. ހިތަށް ލިބިފައިވާ އިންތިހާ ދަރަޖައިގެ އުފާވެރިކަމާ އެކު، އެ އުފާވެރިކަން ދެއްވި ފަރާތަށް ހަމްދުކުރަން ރާޝިދު ހަނދާން ނުނެތެއެވެ.

މުޅި ގޭތެރެއަށް އުފާވެރި މާހައުލެއް ވެރިވެފައި އޮތްއިރު މައިދޮރު ހުރީ ހުޅުވާފައެވެ. ސޯފާގައި ޝާހްބާޒާއި ރާޝިދުގެ އިތުރުން ބަރަކް އާއި ބަރަކްގެ އެންމެގާތް އެކުވެރިޔާ އިނެވެ. މޭޒު ކައިރީގައި ނަހާއަށް އަތްގާތްކޮށްދޭން ސަމީހާ އާއި ޖިލްވާ އުޅުނެވެ.

ބެލްކަނީގައި ހުރެފައި މަޖާ ވާހަކައެއްދައްކަމުން ހެމުން ނުކުތް ރިންދާ ކުއްލިއަކަށް ހުއްޓުން އެރިއެވެ. ދޮރަށް އެރި މީހާ އާއި ރިންދާގެ ނަޒަރު ސީދާވެގެން ދިޔައެވެ. އެހިނދު ރިންދާއަށް ހީވީ ހަށިގަނޑަށް އާދަޔާ ހިލާފު ފިނިގަނޑެއް އަރައިގެންދިޔަ ހެންނެވެ. ހާސްވެފައި ތެޅެމުންދިޔަ ހިތަކާ އެކު ރިންދާއަށް ބަލައިލެވުނީ ފަހަތުން އައިސް ހުއްޓުނު އަޔާލްއަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟