އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލު ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ނިހާއީ ހުކުމެއްތޯ ކަށަަވަރުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.
އެ މައްސަލައިގައި ސާލިމްގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ އަމިއްލަ އިއުތިރާފުން ސާބިތުވެ މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ ކިބައިން މަރަށް މަރު ހިފުމަށެވެ.
ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމް ކޮށްފި ނަމަ، އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެ މައްސަލަ ބަލައިނުގަތުމަށް، ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ބުނެފައި ވަނީ ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފުކުރުމުން އެކަމާބެހޭ އުސޫލުތަކުގެ ތެރެއިން އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން ނުވަތަ ހުކުމާމެދު ދެ ފަރާތުންކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފުނުކޮށް އޮއްވައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމްކުރުމާ އެކު، ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތިން އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފުކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅަންވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިރު، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހުށަހަޅާފައި ވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ކަމަށްވެސް ބުނެފައިވެއެވެ.
މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ. މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު