އާޓިފިޝަލް އިންޓެލިޖެންސް ދުވަހުގެ ހާއްސަ އިވެންޓުގައި، އީލޯން މަސްކުގެ އެންމެ އުއްމީދީ އެއް ޕުރޮޖެކްޓް އޮޕްޓިމަސް ރޮބޮޓް ދައްކާލައިފިއެވެ. އިންސާނެއްގެ ސިފަޔާ އެއްގޮތަށް ފަރުމާކޮށްފައިވާ ރޮބޮޓް އޮޕްޓިމަސް ދައްކާލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި އިވެންޓު ހުށަހަޅައިދިނީ ވެސް ކުންފުނީގެ ސީއީއޯ އީލޯން މަސްކްއެވެ.
ބެޓެރީ ކާރު އުފައްދައި އެ ކާރުތައް އިންސާނަކާ ނުލައި އަމިއްލައަށް ދުއްވާ އުޅަނދުތަކަށް ހެދުމުގެ އުންމީދުގައި ހުރި ބިލިއަނަރު މަސްކް، ރޮބޮޓެއް އުފައްދައި އޭތި ފުރަތަމަ ފަހަރަށް ދައްކާލިއިރު، ރޮބޮޓް ވިޔަފާރީގެ ތެރެއަށް އޭނާ ވަދެފައި ވަނީ ކުރިއަށް އޮތް ޖީލަކީ ރޮބޮޓް ތަކަށް ވަރަށް ޑިމާންޑް ބޮޑުވާނެ ދުވަސް ތަކެއް ކަމަށާއި އެ ސިނާއަތް ކުރިއަރާނެ ކަމަށް ބުނަމުންނެވެ.
ޓެސްލާގެ ހާއްސަ އަހަރީ އިވެންޓުން ފެނުނީ އިންސާނަކާ ވަރަށް އެއްގޮތަށް ހަރަކާތެރިވާ ރޮބޮޓެއް ސްޓޭޖު މައްޗަށް އަރައި ހިނގާފައި ގޮސް، އިށީނދެގެން ތިބި ބެލުންތެރިންނަށް ހަނާއަޅާ މަންޒަރެވެ.
އޭގެ އިތުރުން އެ ރޮބޮޓް އަމިއްލައަށް ގަސްގަތަކަށް ފެންދޭ މަންޒަރާއި، ފެކްޓްރީއެއްގައި މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އެ އިވެންޓުގައި ދައްކާލައިފައިވެއެވެ.
މަސްކް ވިދާޅުވީ ގިނަ ރޮބޮޓް ތައް މިހާތަނަށް ނެރެފައި ހުރީ އޭގެ "ސިކުނޑިއެއް ނެތި" ކަމަށާއި އެހެން ނަމަވެސް ޓެސްލާގެ ރޮބޮޓަކީ ސިކުނޑި ހިމެނޭ ތޫނުފިލި ގިނަ މަސައްކަތްތަކެއް ކުރާނެ ރޮބޮޓްތަކެއް ކަމަށާއި، އެ ރޮބޮޓްތަކަށް އިންސާނެއް ފަދައިން އަމިއްލައަށް އުޅެވޭނެ ތޫނުފިލިކަން ހޯދާނެކަމަށެވެ. އެ ރޮބޮޓް ކާރަކަށް ވުރެ މާ އަގުހެޔޮ ވާނެ ކަމަށާއި މުސްތަގުބަލުގައި ގާތްގަނޑަކަށް 20،000 ޑޮލަރަށް ވިއްކާލެވޭނެ ކަމަށެވެ.
އަބަދުވަސް އާއީޖާދުތަކަށް ލޯބިކުރާ މަހުޖަނު މަސްކް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގޭގޭގައި ކާން ހަދައިދީ، ދަތުރުފަތުރުކޮށްދީ އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދީ އިންސާނުންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ރޮބޮޓްތައް ހަރަކާތްތެރިވާނެ ކަމަށެވެ. ޓެސްލާގެ ރޮބޮޓަކީ ހިއުމަނޮއިޑް ނުވަތަ އިންސާނަކާ އެންމެ ކައިރި ކުރާނެ ރޮބޮޓު ކަމަށެވެ.
ހުކުރު ދުވަހުގެ އިވެންޓުގައި މަސްކް އިތުރަށް ވިދާޅުވީ އިންސާނަކާ ނުލައި އަމިއްލައަށް ދުއްވާ ކަރަންޓް ކާރުގެ ވައުދު ޓެސްލާއިން މި އަހަރު ފުއްދައި، ސްޓިއަރިން އާއި ޕެޑަލް ނެތް ރޮބޮޓެކްސީއެއް 2024 ވަނަ އަހަރުގެ ނިޔަލަށް ތައާރަފު ކުރާނެކަމަށެވެ.
ދެހާސްވިހި ވަނަ އަހަރުގެ ނިޔަލަށް ޓެސްލާއިން އެއް މިލިއަން ރޮބޮޓެކްސީ އުފައްދާނެ ކަމަށް 2019 ވަނަ އަހަރު މަސްކް ބުނި ނަމަވެސް، އަދި އެފަދަ އެންމެ ކާރެއް ވެސް އާންމުންނަށް ދައްކާފައެއްނުވެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ