އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު ނޯތު ލަންޑަން ޑާބީގައި އާސެނަލްއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު އާސެނަލްއިން ވަނީ އިންޓަނޭޝަނަލް ބްރޭކް ކުރިންވެސް އެޓީމުން ލީގުގައި ދަމަހައްޓަމުން އަންނަ ވަރުގަދަ ފޯމު ދަމަހައްޓައިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު އަށް މެޗުން 21 ޕޮއިންޓް އާސެނަލްއިން ހޯދާފައިވާ އިރު، އެޓީމުން މިވަގުތު އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އާސެނަލަށްވުރެ މެޗެއް މަދުން ކުޅެފައި އޮތް މެންޗެސްޓާ ސިޓީން ދެވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓާ އެކުގައެވެ.

ޓޮޓެންހަމްއިން މިވަގުތު ތިންވަނައިގައި އޮތް އިރު، އެޓީމަށް ލިބިފައިވަނީ އަށް މެޗުން 17 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ބްރައިޓަންއަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައި އޮތް އިރު، އެޓީމުން މިރޭ ލިވަޕޫލް ބަލިކޮށްފި ނަމަ، ލީގު ތާވަލުގެ ދެވަނަ މަގާމަށް ޖެހިލެވޭނެއެވެ.

މިރޭގެ ޑާބީގައި އާސެނަލްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، އެޓީމު ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ. އާސެނަލްއިން ފޯމުގައި ކުޅެމުން ދަނިކޮށް މެޗުގެ ނަތީޖާ ނެރެން އިތުރަށް ފަސޭހަވީ 62 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އެމަސަން ރޮޔާލްއަށް ދެއްކި ރަތް ކާޑާއެކުގައެވެ.

މެޗު ރަނގަޅަށް ފަށައި އާސެނަލްއިން ވަނީ 20 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އާސެނަލަށް ލީޑު ލިބުނީ ތޯމަސް ޕާޓޭ ދުރުން ވައްދާލި ގޯލުންނެވެ. މެޗަށް އަނބުރާ ވަނުމަށް ޓޮޓެންހަމްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެވެ. ގެބްރިއަލް، ބްރެޒިލްގެ ރިޗާލްސަންއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭންއެވެ. އެ ގޯލަކީ އެންމެފަހުން ކުޅުނު 18 ޑާބީގައި ކޭން ޖެހި 14 ވަނަ ގޯލެވެ. އަދި އެއީ ޕްރިމިއާ ލީގުގެ އަވޭ މެޗުތަކުގައި އޭނާ ޖެހި 100 ވަނަ ގޯލުވެސް މެއެވެ.

ފުރަތަމަ ހާފު ނިމުނު އިރު ނަތީޖާ ހަމަހަމަވެފައި އޮތް ނަމަވެސް ދެވަނަ ހާފު ފެށިގެން އެންމެ ހަތަރު މިނެޓް ހިނގިތަނާ އާސެނަލްއިން އަނެއްކާވެސް ލީޑު ނެގިއެވެ. ޓޮޓެންހަމްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސް އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި އާސެނަލްއަށް އަލުން ލީޑު ނަގައިދިނީ ގެބްރިއަލް ޖީސަސްއެވެ.

ޓޮޓެންހަމްއިން ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ފަހު 25 ވަރަކަށް މިނެޓް ކުޅެފައިވާ އިރު، އާސެނަލް ފެނުނީ ހަމަޖެހިލައިގެން ކުޅުނު ތަނެވެ. މެޗުން ތިން ޕޮއިންޓް ޔަގީންކުރުމަށް އާސެނަލްގެ ތިންވަނަ ގޯލު، 67 ވަނަ މިނެޓުގައި ޖެހީ ގްރެނިޓް ޒަކާއެވެ.