ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލްތައް އަދި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅު ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ނުވަ މިލިއަން ރުފިޔާގެ އެހީދިނުމަށް ނިންމައިފިއެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލްތަކާއި އުނގަންނައި ދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް އެބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ނުވަ މިލިއަން ޑޮލަރުގެ މަޝްރޫއެއް އިއްޔެ ފާސްކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި ފަށާ ސާނަވީ ތައުލީމު އެންމެންނަށް ފޯރުކޮށްދީފައިވީ ނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރި އިރު، އަތޮޅުތަކުގެ މެދުގައި އަދި އަތޮޅުތަކުގެ ރަށްތަކުގެ މެދުގައި ވެސް ތަފާތުތަކެއް އެބަހުރި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ގުރޭޑް ހަތަރަކާއި ގުރޭޑް ހަތެއްގެ ދަރިވަރުން އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖުކޮށް 50 އާއި 60 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކަމަށްވެސް ވޯލްޑް ބޭންކުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ހާއްސަކޮށް އަސާސީ ތައުލީމު އަދި ސާނަވީ ތައުލީމު ފޯރުކޮށްދޭ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މި މަޝްރޫއުގެ ސަބަބުން ޒުވާނުންނަށް ތައުލީމީ ފުރުސަތުތައް ފުޅާވެ، ހަމަހަމަ ގޮތެއްގައި ގައުމުގެ އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯލްޑް ބޭންކުން ބުނީ އަލަށް ފަށާ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން، އިނގިރޭސި ބަސް، ހިސާބު، ސައިންސް، އަދި ހުނަރު ދަސްކޮށްދޭ ޕުރޮގްރާމުތައް ފަދަ އިގްތިސޮދީ ކުރިއެރުމަށް ކޮންމެހެން މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި މި މުހިންމު މާއްދާތަކުން ސާނަވީ ތައުލީމުގެ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެ ނަމަ، އިތުރު ދަރިވަރުން މަތީ ސާނަވީ ތައުލީމު ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށާއި ހަކަތަ އިގްތިސާދު ކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބާރުއެޅޭނެ ކަމަށްވެސް އެ ބެންކުން ބުންޏެވެ.
މި އެހީގެ ސަބަބުން އަތޮޅު ސްކޫލްތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު، އުނގެނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ދަރިވަރުންގެ ބޭނުންތައް ފުއްދުމަށް މުދައްރިސުންގެ ހުނަރު ވެސް މިހާރަށް ވުރެ ހަރުދަނާކުރެވިގެން ދާނެ ކަމަށްވެސް އެ ބެންކުން ބުންޏެވެ. ހާއްސަ ޕުރޮގްރާމުތައް ހިންގައިގެން ސްކޫލް ޕްރިންސިޕަލުންނާއި މެނޭޖްމަންޓް އޮފިޝަލުންނާއި ޓީޗަރުންގެ ހުނަރު ވެސް ރަނގަޅުކުރެވޭނެ ކަމަށް ބުންޏެވެ.
ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ހަރްޝާ އަތުރުޕާން ވިދާޅުވީ ދިވެހި ސަރުކާރުން ތައުލީމީ މުގައްރަރު އިސްލާހުކުރުމަށް ވަށައިޖެހޭ ސިޔާސަތުތަކެއް ތަންފީޒުކޮށް، ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގައި ހަމަހަމަކަމާ އެކު އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް އިސްކަންދެމުން އަންނަ ކަމަށެވެ.
"މި ރަނގަޅު ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް، އަތޮޅުތަކުގައި މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން އާންމު ތައުލީމުގެ ފެންވަރު ހަރުދަނާކޮށް، ދަރިވަރުންގެ އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގެ ފެންވަރު ބެލުން މިހާރަށް ވުރެ ހަރުދަނާ ކުރަން އެބަޖެހޭ،" ވޯލްޑް ބޭންކުގެ އެޑިޔުކޭޝަން ސްޕެޝަލިސްޓް އަދި ކޯ-ޓާސްކް ޓީމް ލީޑަރު ކަރްތިކާ ރާދަކްރިޝަނަން-ނައިރް ވިދާޅުވި އެވެ.
މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓަށް ޖުމުލަ 10 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، ދިވެހި ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ އެއް މިލިއަން ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު