ދުނިޔެ

ސްކައިސްކްރޭޕާރސް އެންމެ ގިނައީ ކޮން ސިޓީއެއްގައި؟

ސިޓީއެއްގެ ހައިބަތު ބޮޑުވަނީ އެތަނެއްގައި ހުންނަ އިމާރާތްތައް އުސްވެފައި ޗާލުވުމުންނެވެ. މިޒަމާނުގައި އެންމެ އުސް އިމާރާތްތަކަކީ ސްކައިސްކްރޭޕާރސް އެވެ. މިއީ ސާޅީސް ބުރިއަށްވުރެ އުސް ނުވަތަ 150 މީޓަރަށްވުރެ ތިރި ނޫން ކޮންމެ އިމާރާތެކެވެ.

މީލާދީން 1880 ގެ ތެރޭގައި ސްކައިސްކްރޭޕާރސްއަކީ 10 ބުރިޔާއި 20 ބުރިޔާ ދޭތެރޭގެ ކޮންމެ އިމާރާތެކެވެ. މިއަދުގެ ދުނިޔޭގައި ސްކައިސްކްރޭޕާރ ގިންތީގެ އިމާރާތްތައް އެންމެ ގިނަ ސިޓީއަކީ ހޮންގްކޮންގެވެ. އެތާގައި މި ގިންތިއަށް ފެތޭ 550 ބިލްޑިންގް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ އުސްތަނަކީ 108 ބުރީގެ އިންޓަރނޭޝަނަލް ކޮމާރސް ސެންޓަރެވެ.

ދެވަނައަށް ސްކައިސްކްރޭޕަރސް އެންމެ ގިނަ ސިޓީއަކީ ޗައިނާގެ ޝެންޒެންއެވެ. އެތާގައި ހުރީ މިގިންތީގެ 350 ބިލްޑިންގެވެ. އޭގެތެރެއިން އެންމެ އުސް ބިލްޑިންގަކީ 115 ބުރީގެ ޕިންގް އެން ފައިނޭންސް ސެންޓަރެވެ. އެންމެ އުސް އިމާރާތްތައް ގިނަ ސިޓީތަކުގެ ލިސްޓުން ތިންވަނަ ލިބެނީ އެމެރިކާގެ ނިއުޔޯކަށެވެ. އެތަނުގައި ސާޅީސް ބުރިޔަށްވުރެ އުސް ތިންސަތޭކަ ބިލްޑިންގް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ އުސްތަނަކީ 94 ބުރީގެ ވަން ވޯލްޑް ޓްރޭޑް ސެންޓަރެވެ.

ލިސްޓުގެ ހަތަރު ވަނަ ލިބެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށެވެ. އެތާގައި މިގިންތީގެ ދުއިސައްތަ ބިލްޑިންގް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ އުސް އިމާރާތަކީ މުޅި ދުނިޔޭގެވެސް އެންމެ އުސް އިމާރާތް ކަމުގައިވާ 163 ބުރީގެ ބުރްޖު ޚަލީފާއެވެ.