ވިލިނީ ބަނޑެއްގައި ރިއްސައި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކަން އައީ ރިންދާ އާ އެކުގައެވެ. ލެބޯޓްރީގައި އިން އަންހެންކުއްޖާ ޓެސްޓްގެ ނަތީޖާ ވިލިނީ އަތަށް ދިނުމާ އެކު އެކުއްޖާއަށް ޝުކުރުއަދާކޮށްފައި ނަތީޖާ ލިޔެފައި އޮތް ކަރުދާސްގަނޑަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ވިލިނީއަށް ސިހުމެއް ލިބިގެން ދިޔައެވެ. ފެނުނީ އުންމީދުކުރި ފަދަ ނަތީޖާއެއް ނޫނެވެ. ވިލިނީއަށް އައި ބަދަލު ރިންދާއަށް ފެނުމާ އެކު ވިލިނީގެ އަތުން ކަރުދާސްގަނޑު އަތުލާފައި ބަލައިލިއެވެ. ދެން ހައިރާންވެފައި ވިލިނީގެ މޫނަށް ބަލައިލިއެވެ.
*******
ވިލިނީގެ ބޯކޮޅު ބަލަމުން ހޮސްޕިޓަލަށް އައި ލައިދު ތަނބެއްގެ ނިވަލުގައި ހުއްޓަސް ވިލިނީ އާއި ރިންދާގެ ހަރަކާތްތައް ފެނުނެވެ. ދެކުދިންނަށް ކުއްލިއަކަށް އައި ބަދަލު ފެނިފައި ލައިދު ހިތުގައި ސުވާލު އުފެދުނެވެ. ރިޕޯޓް އޮތީ ވިލިނީގެ އަތުގައި ކަމަށްވުމުން ބަލިވީ ވިލިނީކަން ލައިދުއަށް އެނގުނެވެ. ކައިރިއަށް ދާން އުޅެފައިވެސް ވިލިނީގެ ރުހުން ނުލިބޭތީ އެ ފިޔަވަޅު އަޅާކަށް ލައިދުއަށް ނުކެރުނެވެ.
ރޮވިފައި ހުރި ވިލިނީ ލަސްލަހުން ހިނގާފައި ގޮސް ގޮނޑިއެއްގައި އިށީނެވެ. ރިންދާ ކައިރީގައި އިނެވެ. ވިލިނީ ހިތްހަމަޖައްސައިދޭނެ ގޮތެއް ރިންދާއަށް ނޭނގުނެވެ. ހުދު ރިންދާވެސް ހުރީ ކުރިއަށްދާންވީ ގޮތެއް ނޭނގިފައެވެ. ނަހީކްގެ ކުރީގެ އަނބިމީހާއަކީ ވިލިނީއެވެ. ވިލިނީގެ ބަނޑުގައި އެވަނީ އެ ކައިވެނި މައްޗަށް ލިބެން އުޅޭ ދަރިފުޅެވެ. ވިލިނީއަކީ ރިންދާގެ އެންމެ ގާތް އެކުވެރިޔާއަށްވީ އިރު ވިލިނީގެ ބަނޑުގައި އެވާ ތުއްތު ފުރާނައިގެ ބައްޕައަކަށް ވާން ހުރި މީހާ ލޯބިވާކަމަށް ދައުވާ ކުރަމުން އެދަނީ އެހެން އަންހެނެއް ދެކެއެވެ. ނަހީކާ އެކު ދިރިއުޅުމެއް ފެށުމަށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫނަސް ރިންދާ ކަންބޮޑުވިއެވެ. ނަހީކާ އެކު އެގުޅުން ކުރިއަށް ގެންދިޔުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއްބާއޭ އަމިއްލަ ހިތާ ސުވާލުކުރިއެވެ.
"ދެން ކިހިނެއްހަދާނީ؟" ރިންދާ އެހިއެވެ.
"ވިހާ ދުވަސްޖެހުނީމަ ވިހާނީ" ވިލިނީ ބުންޏެވެ.
*******
ކައިވެންޏަށް ދެ ދަރީންގެ ރުހުން ލިބުމާ އެކު ރާޝިދު އެކަމަށް އަވަސްވިއެވެ. ސަމީހާއާ ބައްދަލުކުރުމަށް އެގެއަށް ދިޔައީ ދަރިން ގޮވައިގެންނެވެ. އެދުވަހުން އެދުވަހަށް ރަންކިޔުމުގެ ކަންކަން ނިންމާލިއެވެ. ސަމީހާގެ އަންހެން ދަރިފުޅަށް އަލަށް ލިބެންއުޅޭ ދެ ބޭބެ ތައާރަފުކޮށްދިނެވެ. ފުރަން ތައްޔާރުވުމަށް އެ ދެމައިންގެ ކިބައިން އަޔާލް އެދުނެވެ. ސަމީހާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ހަޔާތުން ދުވަހަކުވެސް ސަމީހާގެ ހިތަށް އެހާ ބޮޑު ހިތްހަމަޖެހުމެއް ނުލިބެއެވެ. ކައިވެންޏަށް އާބަސް ބުނުމުގެ ކުރިން ސަމީހާވެސް ރާޝިދުވެސް އިސްތިޚާރާ ނަމާދުކުރިއެވެ. ނަމާދާއި ޒިކުރުތަކުން ހިތަށް ހަމަޖެހުން ހޯދިއެވެ.
މެންދުރުނަމާދަށްފަހު ކައިގެން ރާޝިދު ގެއިން ބޭރަށް ނުކުތެވެ. ފުރަން ވަގުތު ކުޑަތަންވަމުންދާ އިރު، ރާޝިދު ކޮންމެ ގެއަކަށް ވަދެ އާއިލާތަކާ ބައްދަލުކޮށް ސަލާންގަލާން ކުރިއެވެ. އޭނާއަށް ހެޔޮގޮތް މެދުވެރިކުރެއްވުމަށް އެދި އެމީހުން ކުރާ ދުއާތަކުގައި އޭނާ ޝާމިލްކޮށްދެއްވުމަށް އެދުނެވެ. ދިރިއުޅުމުގެ އާ ބާބެއް ފެށުމަށް ތައްޔާރުވުމަށް ނަފުސު ހާނުވާން ރާޝިދު މަސައްކަތްކުރިއެވެ. އޭނާ ކުރަންއުޅޭ އާ ކައިވެނީގެ އުފާވެރި ހަބަރު އެކުވެރިންނާއި ގާތްމީހުންނަށް ދިނެވެ. ރާޝިދަށްޓަކައި އެންމެ އުފާކުރި އެކަކަކީ ޒުބައިރެވެ. އެކަނިވެރިކަމާއި މާޔުސްކަމުގައި ރާޝިދު ދިރިއުޅުނީ ހުދު ރާޝިދަށްވެސް ރާޝިދު އެއީ ކާކުކަން ނޭނގިއެވެ.
**********
ދޮވެފައި ހުރި ހެދުންތައް ރޯނުން ނަގައިގެން ގޭތެރެއަށް ވަންނަމުން ޖިލްވާ ދެފަރާތަށް ހޯދައި ބަލައިލިއެވެ. އާދައިގެ އިންސާނެއްގެ އުނަގަނޑާ ހަމައަށް ހުރި ފާރުގެ ބޭރުން ގަސްތައްދޮށުގައި ބަރަކް އާއި އަޔާލް ވާހަކައެއްގައި ތިބިތަން ފެނުނެވެ. އެހިސާބަށް ދާން އުޅެފައިވެސް ޖިލްވާ އެ ހިޔާލު ދޫކޮށްލިއެވެ. ވާހަކަދައްކަން ދެކުދިންނަށް ފުރުސަތުދީފައި ޖިލްވާ އުޅުނީ ދަތުރަށް ތައްޔާރުވުމުގައެވެ.
އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި ދިމާލަށް އޮތް މަގަށް ބަރަކް ނަޒަރު ސީދާކޮށްލިއެވެ. އަތިރިމަތީގައި އަލަށް އިމާރާތްކޮށްފައި ހުރި މިސްކިތަށް ވަންނަން ދިޔަ ރާޝިދު ލޮލުގެ އިޝާރާތުން އަޔާލްއަށް ދައްކާލިއެވެ. އަޔާލް އެދިމާލަށް ބަލާލާފައި ހީލިއެވެ.
"އަސުރަށް ގޮވަންދެން އިންނާނީ އެތަނުގަ" އަޔާލް ބުންޏެވެ.
ދެކުދިންގެ ތުންފަތަށްވެސް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައިވެސް ރާޝިދުގެ އުޅުމުން މިސާލު ދެކުދިން ނަގައިފިއެވެ. ދީނީގޮތުން ރާޝިދު އަޅަމުންދިޔަ ފިޔަވަޅު މަތިން ދެކުދިންވެސް ފިޔަވަޅު އަޅަން ފެށިއެވެ. ނަމާދުގައި ކިޔާ ތަކެތި ހިތުން ދަސްކުރުމުގައި ދަތިތަކެއް ހުރި ކަމުގައި ވިޔަސް ރާޝިދުގެ އެހީތެރިކަމާއި ﷲ ތައާލާގެ މިންވަރުފުޅާ އެކު އެތަކެތި ދެކުދިންގެ ދޫ މައްޗަށް ފަސޭހަވެއްޖެއެވެ.
"މާލެ ގޮސް ކިހިނެއް ހަދަން ތިވިސްނަނީ؟" އަޔާލް އެހިއެވެ.
"ވަރަށް ވިސްނޭ ތިކަމާ. ކޮންމެގޮތެއްވިޔަސް މަންމައަށް އެނގެން ޖެހޭނެ މަންމަ އެކުރީ ކިހާވަރެއްގެ ކަމެއްކަން" ބަރަކް ބުންޏެވެ.
"ދޮންބެ ދާނީ ބައްޕަ ގޮވައިގެން ގެއަށް. ސަމީހާއްތަ އާއި ސަނާ ރިދާމެން ގެއަށް ގެންދަން ރިދާގެ މަންމަ އަންނާނެ" އަޔާލް ބުންޏެވެ.
"ޗުއްޓީ ނިމެން އަދި ފަސްވަރަކަށް ދުވަސް އެބައޮތް. އަހަރެން ދުވާލުގެ ވަގުތުތަކުގައި ދާނަން އިނގޭ ބައްޕަ ކައިރިއަށް. އަހަރެން ބޭނުން ބައްޕަގެ ހުރިހާ މެޑިކަލް ޓެސްޓްތަކެއްވެސް ހަދާލަން" ބަރަކް ބުންޏެވެ. އަޔާލް ބޯޖަހާލިއެވެ.
"ދޮންބެ ބޭނުމެއްނުވޭ އެ އަންހެންމީހާ އާ ކުރިމަތިލާކަށް. އެއީ ދޮންބެއަށް ކުރެވޭ ކަމަކުން ބަރަކް ދެރަވެ ހިތުގަޖެހިދާނެތީ. އެހެންވެ ދޮންބެއަށް ރަނގަޅީ ބަރަކް އަމިއްލައަށް އެބައި ކުރިއަށް ގެންދިޔައިއްޔާ" އަޔާލް ބުންޏެވެ.
***********
ޗުއްޓީގެ ދުވަސްތައް ނިންމާލާފައި ބަރަކް އާއި ޖިލްވާ ގެއަށް އަންނަ މައުލޫމާތު ލިބުމާ އެކު ވަގުތުން ރޫބިޔާ ފަރީދަށް ގުޅިއެވެ. އަވަހަށް ގެއަށް އައިސް ފަރީދުގެ ބައެއް ސާމާނު ގެންދާށޭ ބުންޏެވެ. ބަރަކްއަށް އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއްނުވެއޭ ބުންޏެވެ. ފަރީދުގެ ލާނެއް ސަމާސާތަކުގައި ޖެހިފައި ހުރި ރޫބިޔާ ސިހުނީ ގޭދޮރު ރަނގަބީލުވާން ފެށުމުންނެވެ. އޭނާ ދޮރުހުޅުވާލި އިރު ކުރިމަތީގައި ހުރީ ފަރީދެވެ. ކަންފަތާ ފޯނު ދުރުކޮށްލާފައި ރޫބިޔާ ފަރީދަށް ދެލޯ އަޅާލިއެވެ. ގޭތެރެއަށް ވަދެ ދޮރުލައްޕާލާފައި ފަރީދު ކޮށްލި ހަރަކާތަކާ އެކު ރޫބިޔާ އޭނާގެ އަތުތެރެއަށް ގެނައެވެ.
"މަށާ އިންނަންވީނުން" ފަރީދު ބުންޏެވެ. ޅަ ޒުވާން އަންހެންކުއްޖެއް ފަދައިން ރޫބިޔާ ފަރީދުގެ ކުރިމަތީގައި ތުއިވެލިއެވެ. ލަދުގަންނަ ކަމަށް ހެދި ފަރީދުގެ މޭގައި ބޯއެޅިއެވެ.
"ތިވާހަކަދައްކާނީ ފަހުން. އިހަށް އެއްޗެހި ގެންދޭ. އެމީހުން އަންނާނެ ވަކި އިރެއް ނުބުނޭ. އަވަސްކުރޭ" ރޫބިޔާ ބުންޏެވެ.
"ވަރަށް ހަނދާންވާނެ ނިދާ ގަޑީގަ" ފަރީދު ބުންޏެވެ.
ފަރީދުގެ ލޯބީގައި ދީވާނާވެފައި ހުރި ރޫބިޔާއަށް އިތުރަށް ފަރީދާ ދުރުގައި ނުހުރެވުނެވެ. ފަރީދުގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ފަރީދު ހަދާލި ފަންޑިތައިގެ އެތިފަހަރު ރޫބިޔާގެ ހިތް މުޅިން ބަދަލުކޮށްލައިފިއެވެ. ވަގުތީ ލޯތްބެއްގައި ޖެހި ރޫބިޔާގެ މުޅި ދިރއުޅުމުގެ ލަގަން ފަރީދުގެ އަތްމައްޗަށް ދޫކޮށްލައިފިއެވެ.
*********
ނަހީކާ އެކު ކާރުގައި ބޮޑުތަކުރުފާނު މަގު ހުރިގޮތަށް ދިޔަ ރިންދާ އިރުކޮޅަކާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. އަޔާލް އަންނަ ގަޑި ކައިރިވާ ވަރަކަށް ރިންދާގެ ހިތް އަވަސްވަމުން ދިޔައެވެ. ނަހީކް ބުނި ބުނުމަށް އެހާ ފަސޭހައިން ބޭރަށް ނުކުންނަން އެއްބަސްވީވެސް ރޭގެ ބާކީ އޮތް ވަގުތުތައް އަޔާލްއަށް ހުސްކުރަން ބޭނުންވާތީއެވެ. ދުއްވަން އިން ނަހީކް އިރުކޮޅަކާ ރިންދާގެ މޫނަށް ބަލައިލައެވެ. ދެން ހީލައެވެ. އެގޮތުން އެއްފަހަރަކު ނަހީކް ރިންދާއަށް ބަލައިލި ވަގުތު ރިންދާވެސް ހިތްހަމަނުޖެހިފައި ނަހީކަށް ބަލައިލިއެވެ. މޫނުގެ ކުލަވަރު ވަގުތުން ރިންދާ ބަދަލުކޮށްލިއެވެ.
"ހުސް ކަޅު ހެދުމުގަ ރިދާ ހުންނައިރު ވަކިން ލޯބި" ނަހީކް ބުންޏެވެ.
ރިންދާ އުފަލެއްނުވިއެވެ. އެ ބަސްތައް އަޑުއަހަން ރިންދާ ބޭނުންވަނީ ނަހީކްގެ ދުލަކުން ނޫނެވެ. އަޔާލްގެ ދުލުންނެވެ. އަޔާލްގެ ނަން ދުލު ކުރިއަށް އައުމާއެކު ރިންދާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ނަހީކް ނެގީ މުޅިން އެހެން މާނައެކެވެ.
"ތަނަކަށް ދާން އޮތީތަ؟ މާވަރަކަށް ގަޑިބަލާތީ" ނަހީކް ބުންޏެވެ.
"ކިހިނެއް އެނގުނީ؟" ރިންދާ އެހިއެވެ.
"ހެހެހެ... އެނގޭނެއްނު. ދެން ބުނެބަލަ މުހިންމު ކަމެއް އޮތީތަ؟" ނަހީކް އެހިއެވެ.
"މަންމަ ވެއްޖެ މަންމަގެ ގާތް މީހަކު ބަލާ އެއާޕޯޓަށް ގޮސްފަ. އަހަރެން ކައިރީގަ ކޮޓަރި ތައްޔާރުކޮށްލައްޗޭ ބުނެފަ ދިޔައީ. އެކަން ނުކުރެވި އޮތީމަ.... ނަހީކް ގުޅާފަ ބުނީމަ އެހާ އަވަހަށް ނުކުތީ. މިކަމަކީވެސް އަހަރެންނަށް ވަރަށް މުހިންމު ކަމެއް" ރިންދާ ވާހަކަދެއްކިއެވެ.
އެންމެފަހުން ރިންދާ ބުނެލި ޖުމްލައާ އެކު ނަހީކްގެ ހިތަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ރިންދާއަށް އޭނާ އެހާ މުހިންމުވިކަން އެނގުމުން ހިތުން ނަށާލުމަކާ އެކު ރީތި ލަވައެއްވެސް ކިޔާލެވުނެވެ.
"އެހެންވިއްޔާ ގެއަށްދަމާ" ނަހީކް ބުންޏެވެ.
ރިންދާ ބަލައިލުމާ އެކު ނަހީކް ކާރު އެއްފަރާތަކަށް ހުއްޓާލިއެވެ. އިތުރަށް ކުރިއަށް ދާން ބޭނުންނުވާ ކަހަލަ ގޮތަކަށް ރިންދާގެ މޫނަށް ބަލައިލިއެވެ.
"އެޔޯ. އަދި އެހާ ގިނައިރެއްވެސް ނުވެއެއްނު" ރިންދާ ބުންޏެވެ.
ބުނެވުނު އެއްޗަކާމެދު ވިސްނާލެވުމާ އެކު އެތެރެއިން ރިންދާ އަމިއްލަ ނަފުސަށް ހަޅޭއްލެވިއެވެ. ހިޔާލު ބަދަލުވެގެން ގެއަށް ނުދާގޮތަށް ނަހީކް ނިންމައިފިއްޔާ އިތުރަށް ދައްކާނެ އެއްވެސް ބަހަނާއެއް ނެތެވެ.
"ރިދާ އަހަރެންނަށް މުހިންމުވާ ފަދައިން ރިންދާގެ މަންމަވެސް އާއިލާގެ ކޮންމެ މެންބަރެއްވެސް އަހަރެންނަށް މުހިންމު" ނަހީކް ހިފީ ރިންދާގެ ދެއަތްތިލައިގައެވެ. "އެހެންވީމަ ރިދާގެ މަންމަ އެހެން ބުނެފަ އޮއްވަ އަހަރެން އެކަމަށް ހުރަސް އަޅައިގެން ނުވާނެއްނު"
ރިންދާ ބޯޖަހާލިއެވެ. އަވަހަށް ގެއަށް ދާން ހިނގާށޭ ބުންޏެވެ. ރިންދާގެ އަތްތިލަ އުފުލާލާފައި އެ އަތްތިލައިގައި ނަހީކް ބޮސްދިނެވެ. ރިންދާއަށް އަތް ދަމައިގަނެވުނީ ކުއްލިއަކަށެވެ. ރިންދާ އިސްޖަހާލިތަން ފެނުމުން ނަހީކް ހީލިއެވެ. ރިންދާގެ ކޮންމެ ސިފައެއް ނަހީކަށް ކަމުދެއެވެ.
********
ގެއަށް ވަދެގެން ދިޔަ ނަހީކަށް ބަދިގެއިން މީހަކު ވާހަކަދައްކާ އަޑު އިވުމުން އެދިމާލަށް ދިޔައެވެ. މޭޒުކައިރީގައި އަންހެނަކު އިންތަން ފެނުމުން ނަހީކްގެ ދެބުމަ ގޮށްޖެހުނެވެ. ދުރުގައި ހުރި ބެގަރީއަށް ކައިރިވަމުންދިޔަ ނަހީކް ފެނުމާ އެކު ދުލުގައި ތަޅެއް އެޅުވި ކަހަލައެވެ. ބަހެއްނުކިޔާ ހުއްޓެވެ. އަހާލުމަކާ ނުލައި ގޭތެރެއަށް އެއްވެސް މީހަކު ވެއްދުމަކީ ބެގަރީއަށް މަނާ ކަންކަމެވެ.
"ކަލޭ...؟" ފަހަތަށް ބަލައިލި ވިލިނީ ފެނުމާއެކު ނަހީކް ބުންޏެވެ. އެކަހަލަ ވަގުތެއްގައި ވިލިނީ ފެނުމާ އެކު ނަހީކްގެ ތޮބީއަތު ގޯސްވިއެވެ. އެގޭ ހުރިހާ ދޮރެއް ވަނީ ވިލިނީއަށް އަބަދަށްޓަކައި ބަންދުވެފައެވެ. އެހާ ހިތްވަރެއް ވިލިނީ ކުރީތީވެސް ނަހީކް ރުޅިއައެވެ. ނަހީކްގެ ދެއަތްތިލަ މުށްކެވިގެން ދިޔަތަން ފެނުމާ އެކު ވިލިނީ ހިތްދިރުވާލިއެވެ.
"އަހަރެން މިއައީ ވާހަކައެއް ބުނަންވެގެން" ވިލިނީ ބުންޏެވެ.
ނަހީކް ބަލައިލުމާ އެކު ބެގަރީ އެތަނުން ނުކުންނަން ހިނގައިގަތެވެ. ވިލިނީގެ އަޑުގައި ޖަދަލުކުރުމުގެ އެއްވެސް ރޫހެއް ނެތްކަން އެނގުމުން ނަހީކް ހިމޭންވިއެވެ. ވިލިނީއަކީ އޭނާގެ އެއްވެސް މީހެއް ނޫންކަން އަމިއްލަ ހިތަށް ވިސްނައިދީފައި އެ ވާހަކައެއް ދައްކަން ވިލިނީއަށް ފުރުސަތުދިނެވެ.
"ބުނޭ؟ އަހަރެން ނިދާ ވަގުތު ޖެހިއްޖެ" ނަހީކް ބުންޏެވެ.
"އަހަރެން މީނީ ކަލޭގެ ދަރިއަކަށް ބަލިވެ" ވިލިނީ ބުންޏެވެ.
ނަހީކަށް ސިހުމެއް ލިބުނެވެ. ހައިރާންކަމާ އެކު ވިލިނީއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ވިލިނީއާ އެކު އެހާ ގާތް ގުޅުމެއް ބޭއްވުނު ކަމެއް ނަހީކްގެ ހަނދާނަކަށް ނައެވެ. މާގިނައިރެއް ނުވެ ނަހީކްގެ މޫނުމައްޗަށް ވެރިވި ހައިރާންކަން ފިލައި ރުޅިވެރިކަން ވަށާލިއެވެ. ދުރުގައި ހުރެފައި ވިލިނީގެ ކުރިމައްޗަށް އައިސް ޖެހުނީ ކުއްލިއަކަށެވެ. ނަހީކްގެ ބޮލުގައި އެފަދަ އިލްޒާނެއް ވިލިނީ އެޅުވީކަމަށް ނިންމައި އަތްނެގީ އެ ބަސްތައް ބޭރުކުރި ވިލިނީގެ އަނގަމަތި ފަޅާލުމަށެވެ. އެހެންނަމަވެސް ވިލިނީ އެ ހަމަލާއިން ރެކިގަތެވެ. ނަހީކް އެފަދަ ކަމެއް ކުރާނެކަން މާކުރިންވެސް ވިލިނީއަށް ހީވިއެވެ. އޭނާ ހުރީ ސަލާމަތްކަން ހޯދަން މާކުރިން ވިސްނައިގެންނެވެ.
"ކަލޭ އަހަރެންނާ ހެދި ހޭބަލިވީދޯ. އަހަރެން ރީތިވީ ދޯ. އަޅައިގަތީ ދޯ. އަހަރެން އިންނަން އުޅޭކަން އެނގިގެން އެކަމާ ހިތަށް ތަދުވެގެން ދޯ ތިއައީ" ނަހީކް އެއްފައްޗަކަށް އަމުނާލިއެވެ.
"އަހަރެންނަށް މިވާހަކަ ކަލޭ ކައިރީގައި ބުނަން މަޖުބޫރުވެގެން ބުނަން މިއައީ. ކަލޭގެ ދިރިއުޅުމަށް ވަންނާކަށް އަހަރެންގެ ޝައުގެއް ނެތް" ވިލިނީ ބުންޏެވެ.
އިތުރަށް ނަހީކާ ޒުވާބުކުރަން ވިލިނީ ބޭނުމެއް ނުވިއެވެ. ހަގީގަތުގައިވެސް ވިލިނީ ބޭނުންވީ ނަހީކަށް އެ ހަބަރުދޭށެވެ. އެއީ ދަރިފުޅުގެ ބައްޕައަށް ވީތީއެވެ. އެއްވެސް މީހެއްގެ އިނގިލި ވިލިނީގެ މޫނަށް އަމާޒުވާން ނޭދޭތީއެވެ. ވިލިނީ ބޭނުންވީވެސް އެކަމަށް ނަހީކް އިންކާރުކު ރުމަށެވެ. އެކަހަލަ އިންސާނެއްގެ ގާތުގައި ހުރެ ދަރިއަކު ބޮޑުކުރަން އަމުދުން ވިލިނީ ނޭދެއެވެ.
މަގަށް ނުކުމެގެން ވަކި ހިސާބަކަށް ނުދެވެނީސް ވިލިނީ ބަލައިލީ ފަހަތުން މީހަކު ގޮވާލުމުންނެވެ.
***********
މާލޭ ފަސްގަނޑުގައި ދެފައި ޖެހުމާ އެކު ރާޝިދުގެ ހިތަށް ވެރިވެގެން ދިޔައީ ދުލުން ބަޔާންކުރަން ދަތި އިހުސާސްތަކެކެވެ. ހަނދާނާ ކުޅެންފެށީ އަލަތު ކައިވެންޏަށްފަހު މާލެ އައިސްގެން ތަހައްމަލު ކުރި ހިތްދަތި ދުވަސްތަކެވެ. އެ ހަނދާންތަކަކީ ދުވަހަކުވެސް ރާޝިދުގެ ހިތާއި ސިކުނޑިން ނުފިލާނޭ ހަނދާންތަކެއްކަން އެނގުނީ އެހަނދާންތައް ހިތުތެރޭގައި އާވެގަތުމުންނެވެ. އަޔާލާ އެކުގައި ކާރުގައި އިންއިރުވެސް ބަދަލުވެފައިވާ މާލޭގެ ހަލަބޮލި މާހައުލަށް ރާޝިދު ބަލަމުން ދިޔައެވެ. އެއްގެއަކަށް ވުރެ އުސްކޮށް ހަދައި ބަރިއަޅާފައި ހުރި ގެތައް ފެނުމާ އެކު ރާޝިދުގެ ދެލޯ ބޮޑުވިއެވެ. ކުރީގެ މާލެއޭ ބުނާނެ ޖާގައެއް ނެތެވެ. އެ މަޑުމައިތިރިކަމާއި ހިމޭންކަމެއް ނެތެވެ. ދުއްވާ އެއްޗެހީގެ ދުންތަކުން ޖައްވު ތަގައްޔަރުވެފައެވެ. މަގުތަކުގައި މީހަކު ދެފައި އަޅާލާނެ އެންމެ ޖާގައެއްވެސް ނެތެވެ. ހުދު އަލިންނާއި ކުލަ ބޮކިތަކުން ދިއްލާލާފައިވި ތަން ފެނުމުން ރާޝިދުގެ މޫނުމަތިން ހައިރާންކަން ކަނޑައިގެން ނުދެއެވެ.
"މި މަގުން އެގެއަށް ދާނީ. މިހާރު ހުރި ހާލަތެއްވެސް ނޭނގޭ. ރޫބިޔާ އެގޭގައި ދިރިއުޅެންޏާ ކިހިނެއް ހަދާނީ؟" ރާޝިދު ބުންޏެވެ. ކާރުގައި އިން އަޔާލް ހީލިއެވެ. ރާޝިދުގެ އަތްތިލައިގައި ހިފެހެއްޓިއެވެ. ދެވެންދެން ކެތްކޮށްލައިގެން އިނުމަށް އަޔާލް ބުންޏެވެ.
"އެއީ ކޮންބައެއްތަ؟ ދަރިފުޅާ ގާތް ބައެއްތަ؟" ރާޝިދު އެހިއެވެ.
އަޔާލް ބޯޖަހާލިއެވެ. ނަހާ އާއި ޝާހްބާޒް، ސަމީހާ އާއި ސަނާ ގެންދިޔައީ އެއްބަނޑު މީހަކު ގެންދާނެހާ ގާތްކޮށެވެ. ވާހަކަދެއްކީ އޯގާތެރިކަމާ އެކުގައެވެ. ރިންދާގެ މައިންބަފައިން އަޔާލް އެދުނު އެދުން ގަބޫލުކުރީތީ އަޔާލް ހިތާހިތުން އެދެމަފިރިންނަށް ޝުކުރުއަދާ ކުރިއެވެ.
"އެއީ ރިދާގެ މައިންބަފައިން" އަޔާލް ބުންޏެވެ.
"އެއީ ކޮންކުއްޖެއް؟" ރާޝިދު އެހިއެވެ.
"އެއީ ކޮން ކުއްޖެއްކަން ބައްޕައަށް އެނގޭނެ ވަރަށް އަވަހަށް"
********
ލައިދުގެ އެދުމަށް ބަހަނާއެއް ދެއްކުމެއްނެތި ވިލިނީ އިޖާބަދިނެވެ. ލައިދު އެދުނީ ގެއަށް ދިޔުމަށް އޭނާގެ ކާރަށް އެރުމަށެވެ. ވިލިނީ ކުރީ ޝީޓަށް އަރާ އިށީނުމާ އެކު އަނެއްފަރާތުން ކުރިއަށް ލައިދު އެރިއެވެ. ކުރިއަށް ދުއްވާނުލައި ވިލިނީގެ މޫނަށް ބަލައިލިއެވެ. ވިލިނީގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައީ ލައިދު ބަލަހައްޓައިގެން އިންދައެވެ.
"އަހަރެން ބަނޑުބޮޑު. މިހާލުގައިވެސް ލައިދު އަހަރެން ބަލައިގަންނާނަންތަ؟" ވިލިނީ އެހިއެވެ.
ލައިދުގެ ހިތަށް ތަދުވިއެވެ. ފެނުނު ފަހުން އަދި އެކުއްޖާގެ މޫނުމަތިން ހިނިތުންވުމެއް ލައިދު ނުދެކެއެވެ. އަބަދުވެސް ފެންނަނީ ފިކުރުތަކެއްގެ ޝިކާރައަކަށް ވެފަ އިންދައެވެ.
"ވިލީއަށް ގަބޫލުކުރަން ފަހަރެއްގަ ދަތިވެދާނެ. އަހަރެން... އަހަރެން ވިލީދެކެ ވަރަށް ލޯބިވޭ" ލައިދު ބުންޏެވެ. ވިލިނީ ދެލޯ މަރައި ބާރުކޮށްލިއެވެ. ލައިދުގެ ބަހަށް އިތުބާރުކުރަންވީ ކަމެއް ނުވަތަ ނޫން ކަމެއް އެވަގުތު ވިލިނީއަށް ނޭނގުނެވެ.
"އަހަރެން ކިހިނެއްހަދަންވީ؟ ދުރަށް ދާންވީތަ؟ މިހާރުވެސް ވިލީއަށް ތިލިބޭ ހިތްދަތިކަން... ވިލީއަށް އިތުރަށް ތަކްލީފުދޭކަށް އަހަރެން ނެތިން" ލައިދު ބުންޏެވެ. ވިލިނީ ދެފަރާތަށް ބޯހޫރާލިއެވެ. ލައިދުއަށް ހީވި ނުބައި ހީވުން ދުރުކޮށްދޭން ވިލިނީ ބޭނުންވިއެވެ.
"ނަހީކްގެ ސަބަބުން އަހަރެންނަށް ހިތްދަތި ކަމެއް ނުލިބޭ. އެ އިންސާނާއަށްޓަކައި ފޫހިކަމާއި ނަފުރަތު ނޫން އެހެން އެއްވެސް އެއްޗެއް އަހަރެންގެ ހިތުގަ ނެތް. އަހަރެން ދެރަވީ އަހަރެން އޭނަގެ ދަރިއަކަށް...." ވިލިނީއަށް ރޮވުނެވެ.
އަނިޔާވެރިކަމާ އެކު ވިލިނީގެ ހަށިގަނޑު ނޮޅައިގެން ކާލި ރޭގެ މަތިން ހަނދާންވުމުން އިތުރަށް ރޮވުނެވެ. "އަހަރެންގެ ދަރިފުޅު އޭނަ ގަބޫލެއްވެސް ނުކުރި. މިދަރިފުޅު އަހަރެން އެކަނި ބޮޑުކުރާނީ. ދެރަވަނީ ދުނިޔޭގަ ހުރިއްޔާ ކޮންމެސް ދުވަހަކުން މިދަރިފުޅަށް އެ ނުލަފާ ފިރިހެނާގެ ހަގީގަތް އެނގޭނެތީ..." ވިލިނީ ވާހަކަދައްކަމުން ދިޔައެވެ.
**********
ގޭދޮރުމައްޗަށް ކާރު މަޑުކޮށްލުމާ އެކު އަޔާލް ފައިބައިފިއެވެ. އަނެއްފަރާތުން ގޮސް ރާޝިދު ފައިބަން އެހީތެރިވެދިނެވެ. ބުރިބުރިއަށް ނަގާފައި ހުރި އިމާރާތަށް ބަލަހައްޓައިގެން ރާޝިދު ހުއްޓެވެ. ދޮރާށި ކައިރިއަށް ނުކުމެ ހުރި ބޭރު މީހަކު އަޔާލް އަތަށް ތަޅުދަނޑިފަތި ދީފައި ދިޔައިރުވެސް ރާޝިދު ހުރި އިހު ހުރިގޮތަށެވެ. އަޔާލްއަށް ހެވުނެވެ. އެއީ ބައްޕަ ދޫކޮށްދިޔަ ގެ ކަމާމެދު ބައްޕައަށް ޔަގީންނުވެފައި ހުރިކަން އަޔާލްއަށް އެނގުނެވެ.
"ބައްޕާ..." އަޔާލް ގޮވާލިއެވެ. ރާޝިދު އަޔާލްއަށް ބަލައިލިއެވެ.
"މިއީ... މިއީ... ކާކުގެ؟ ކޮން ގެއެއް....؟" ރާޝިދު އެހިއެވެ. "މިތާ ހުރި ބައްޕަގެ ގެ ކޮބާ؟ އެގެއަށް ރޫބިޔާ ހެދީ ކިހިނެއް؟"
ރާޝިދަށް ޖަވާބެއް ދިނުމުގެ ކުރިން ކާރުގައި ހުރި ލަޖެޖްތައް އަޔާލް ނެގިއެވެ. ކާރު ފޮނުވާލުމަށްފަހު މަގުން ދުއްވާ އެއްޗިއްސަށް ތަން ހަދާލިއެވެ. ރާޝިދުގެ އަތުގައި ހިފައިގެން ދޮރާށި ކައިރިއަށް ޖެހިލާފައި ފުން ނޭވައެއްލިއެވެ. ދެން އަތުގައި އޮތް ތަޅުދަނޑިފަތި ރާޝިދުގެ އަތް އުފުލާޅުމަށްފަހު އަތްތިލައިގެ ތެރެއަށް ލިއެވެ.
"މިގެއަކީ ބައްޕަ ދޫކޮށްފަ ދިޔަ ގެ" އަޔާލް ބުންޏެވެ. ރާޝިދު ހައިރާންކަން އެކުލެވިގެންވި ބެލުމަކުން އަޔާލްއަށް ބަލައިލިއެވެ. އޭނައަށް ގަބޫލެއް ނުކުރެވުނެވެ. ދެފަރާތަށް ރާޝިދު ބޯހޫރާލީ ލޯބިވާ ދަރިފުޅު ސަމާސާއެއް ކުރަނީހެން ހީވެފައެވެ.
"ﷲ އަށްޓަކައި އަހަރެން ތެދެއް މިބުނީ ބައްޕާ. ތިގެއަކީ ބައްޕަގެ ގެ. ބައްޕަގެ އަތުގަ ތިވަނީ މިގޭ ތަޅުދަނޑި. މިގޭ ވެރިމީހާއަކީ ބައްޕަ" އަޔާލް ބުންޏެވެ.
އިސާހިތަކު ރާޝިދަށް ރޮވިއްޖެއެވެ. އޭނާގެ ގައިރު ހާޒިރުގައިވެސް ދަރިން އޭނާގެ ވަސިއްޔަތަށް ރައްކާތެރިވިކަން ހާމަވުމުން އިންތިހާއަށް ހިތުގައި ޖެހުނެވެ. ދަރިއެއް ކަމަކު އަޔާލްގެ މޫނަށް ކަރުނަތަކާ އެކު ރާޝިދު ބަލައިލީ ޝުކުރުވެރި ދެލޮލަކުންނެވެ.
ނޭނގި ނަމަވެސް ރޫބިޔާގެ އަތްދަށުން 'ބައްޕަގެ ވަސިއްޔަތް' ރައްކާތެރިކޮށްދެވުނުކަމަށްޓަކައި އަޔާލް އުފާކުރިއެވެ.
ދޮރާށި ހުޅުވާލުމަށްފަހު ބިސްމީގެ ބަރަކާތުން ގޭތެރެއަށް ފިޔަވަޅެއް ރާޝިދު އެޅިއެވެ. އޭނާގެ ދިރިއުޅުމަށް ވިހަލި ހަރުފަގެ ވިހައިގެ އެއްވެސް އަސަރެއް އެގޭ ނެތްކަން ރާޝިދަށް ޔަގީންވިއެވެ. އެ ހިނިތުންވުން ރާޝިދުގެ ތުންފަތްމަތިން ހެކިދެއެވެ. ގާތުގައި ހުރި ދޮށީ ދަރިފުޅުގެ އަތްތިލައިގައި ރާޝިދު ހިފަހައްޓާލައިގެން ހުރީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ފަދައިންނެވެ. އުމުރު ހުސްވަންދެން ދެ ދަރިންނާ އެކު އޭނާ ދުވަސްތައް ގުނާނީ އެގޭތެރޭގައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ