ޓޭބަލް ޓެނިސް ތަރި، އައިޝަތު ރަފާ ނާޒިމާއި މުހައްމަދު ޝައްފާން އިސްމާއީލްގެ އިތުރުން ޒުވާން ކުޅުންތެރިޔާ އަޚިޔާރްއަށް ކޮރެޝިއާގައި ދެމަސްދުވަހުގެ ކޭމްޕަކަށް ފުރުސަތު ލިބިއްޖެއެވެ.

ރާއްޖޭގެ ކުޅުންތެރިން ކޮރޮއޭޝިއާގެ ގައުމީ ޓީމުގެ ޓީޓީ ސެންޓަރުން ޓްރޭނިން ހަދާނީ އިންޑިއާއާއި ކްރޮއޭޝިއާގެ ގައުމީ ޓީޓީ ކުޅުންތެރިންނާވެސް އެކުގައެވެ. ދެމަސް ދުވަހުގެ އެ ކޭމްޕަކީ ވިންޓާ ކޭމްޕެކެވެ. ކޭމްޕަށް ރާއްޖެއަށް ފުރުސަތު ފަހިވެފައި ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އަށް އައި ކުރީގެ ވޯލްޑް ޗެމްޕިއަން، ޒޯރާން ޕްރިމޯރަކް މެދުވެރިވެގެންނެވެ.

"މި ފުރުސަތަކީ ޒޯރާންއާއެކު އެސޯސިއޭޝަނުން އޮންނަ އަންޑަސްޓޭންޑިންއެއްގެ ދަށުން ފަހިވެފައިވާ ފުރުސަތެއް. ފުރުސަތުގެ ދަށުން ވަރަށް ރަނގަޅު ފަންތިއެއްގެ ކުޅުންތެރިންނާއެކު ތަމްރީނުތައް ފުރިހަމަ ކުރުމަށް ރާއްޖޭގެ ކުޅުންތެރިންނަށް ފުރުސަތު ފަހިވެގެންދާނެ. ހާއްސަކޮށް ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުޅުންތެރިންނާވެސް އެކީ ތަމްރީނުތައް މި ފުރިހަމަ ކުރަނީ،" ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) "ވަން" އަށް ވިދާޅުވިއެވެ.

އައްޔަ ވިދާޅުވީ ފުރުމުގެ ކަންކަން ހަމަޖެއްސުމަށް ވިސާގެ ހުރިހާ ކަމެއް ނިންމަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވިސާގެ ކަންކަން ފުރިހަމަ ކުރަން ޖެހެނީ އިންޑިއާއިން ކަމަށްވުމުން، އެކަންކަން އިންޑިއާގައި ހުންނަ ހައި ކޮމިޝަންގެ އެހީތެރިކަމާއެކު ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

ކްރޮއޭޝިއާގެ ޓްރެއިނިން ކޭމްޕް އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ އިރު، އެ ތަމްރީނުތަކަށް ފުރުސަތު ދިނުމުގައި ބަލާފައި ވަނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ރަނގަޅު ކުޅުންތެރިންނަށް ކަމަށް އައްޔަ ފާހަގަކުރެއްވިއެވެ. ދީމާ މިވަގުތު ޕެރިސް އޮލިމްޕިކް ސްކޯލާޝިޕްގެ ދަށުން ޕެރިހުގައި ތަމްރީނުތައް ހަދަން ފަށާފައިވާ އިރު، އައްޔަ ވިދާޅުވީ އެހެން ގައުމުތަކުގެ ތަމްރީނުތަކަކީ ފައިދާ ކުރަނިވި ތަމްރީނުތަކެއް ކަމަށް ކުރިންވެސް ފެނިފައިވާ ކަމަށެވެ.

"މެއިން ޓާގެޓަކީ އަންނަ އަހަރު އޮންނަ ސާފް ގޭމްސްއާއި އައިއޯއައިޖީ. ހަމަ މި ކޭމްޕްތައް އިތުރަށް ތަކުރާރުކުރަން ވިސްނުން އެބަހުރި. ކްރޮއޭޝިއާ ކުޅުންތެރިން ރާއްޖެ ގެންނަންވެސް މަސައްކަތް ކުރަމުން މިދަނީ. ތަފާތު ކުޅުންތެރިންނާއެކު ކުޅެލީމަ ތަފާތު ފެނޭ. އެކަން އެބައެނގޭ ކުރިން ހެދި ތަމްރީނުތަކުންވެސް. އަދި ދީމާވެސް ތަފާތު ފެނިގެން ދަނީ މޮޅެތި ކުޅުންތެރިންނާއެކު ކުޅެން ލިބޭ ފުރުސަތުތަކުން. ވަރަށް ރަނގަޅު ފުރުސަތެއް ކްރޮއޭޝިއާ ކޭމްޕަކީ. މި ކޭމްޕްތަކަށް ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް ބޮޑަށް ކޮމިޓްމެންޓް ދޭ ،" އައްޔަ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ދިވެހި ޓީޓީ ކުޅުންތެރިން ވަނީ ކްރޮއޭޝިއާގައި ޓްރޭނިން ކޭމްޕެއް ފުރިހަމަ ކޮށްފައެވެ. އޭގެ އިތުރުން ކްރޮއޭޝިއާގެ ރަނގަޅު ކޯޗެއްވެސް މީގެ ކުރިން ރާއްޖޭގެ ޓީމަށް އިރުޝާދު ދީފައިވެއެވެ.

ކުޅިވަރުތަކަށް ބަލާ އިރު، ޓީޓީއަކީ މިވަގުތު ރާއްޖެއަށް ބައިނަލްއަގުވާމީ މައިދާނުގައިވެސް އެންމެ ކާމިޔާބު އެއް ކުޅިވަރެވެ. އައިއޯއައިޖީގައިވެސް ޓީޓީން ރާއްޖެއަށް ރަން މެޑަލްތަކެއް ގެނެސްދީފައިވާ އިރު، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ އަންހެން ޓީޓީ ޓީމުން ސެމީ ފައިނަލުގައި ވާދަކޮށް، ލޯ މެޑަލް ހޯދާފައިވެއެވެ. އެއީ ސޮލިޑާރިޓީ ގޭމްސްގެ ޓީޓީން ރާއްޖެ ހޯދި ފުރަތަމަ މެޑަލްއެވެ. އަދި އެއީ ރާއްޖެއިން ބޮޑު މުބާރާތެއްގެ ސެމީއަށް ޓީޓީގައި ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.