ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8،000 އެނދު ތަރައްގީކުރާނީ ސީދާ ސަރުކާރުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ހަފުތާގައި ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އުތީމުގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައިވަނީ ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ހަނިމަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއެކު ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ ސަރަހައްދުގައި 8،000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މައި އެއާޕޯޓުގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެކަނި އޮތުން ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް އޭނާ ދާޅުވިއެވެ.
"މި އެނދުތައް ގާއިމުކުރާނީ ސީދާ ސަރުކާރަކުންނެއް ނޫން. އިންވެސްޓަރުން މީގެ ތެރެއަށް އަންނާނީ. ދެން އެކަމަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ މާކެޓު ކުރުމާ މިކަންކަން ކުރިއަށްދާނެ" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ ސަރަހައްދަށް އިންވެސްޓަރުން އަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ބޮޑުތިލަދުންމަތީގެ ރަށްތަކުގައި ރީތި ބީޗުތައް އެބަހުރިކަމަށާއި ގެސްޓްހައުސް ވިޔަފާރިވެސް އެ ސަރަހައްދުގައި ފުޅާވެގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށާއި އަންނަ އަހަރު އެއާޕޯޓް މަސައްކަތް ނިންމައި ހިދުމަތްދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހަދާން ވަނީ ނިންމައިފައެވެ. އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާން ވަނީ ނިންމައިފައެވެ.
ޖުމުލަ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ-320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެއެވެ.
މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މިއުވާން އިތުރަށް ވިދާޅުވީ، ބޮޑުތިލަދުންމަތީގެ އިތުރުން އައްޑޫ، ގަން އެއާޕޯޓް ތަރައްގީކުރުމާއި އައްޑޫ ޓޫރިސްޓް ޒޯން ތަރައްގީކުރުމުން އެ ސަރަހައްދަށްވެސް 8،000 ޓޫރިސްޓު އެނދު ގެނެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު