ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރްޒުލް ހުސެއިން ފިރާޒް، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ފިރްޒުލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިސްތިއުފާ ދެއްވި ކަން އާންމުކުރައްވައިފައެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ވިދާޅެއް ނުވެއެވެ.

ޑެޕިއުޓީ މިނިސްޓަރުކަން ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެ ޓުވީޓުގައި ފިރްޒުލް ވަނީ ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީގެ މިނިސްޓަރު ކަމަށް ފިރްޒުލް އައްޔަން ކޮށްފައިވަނީ 27 ޖަނަވަރީ 2019ގަ އެވެ. ފިރުޒުލް ވަނީ ފިނޭންސްގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުވެސް ކުރިން އަދާކުރައްވާފައެވެ.