ޚަބަރު

ޓީޗާސް ލައިސަންސާ އެއްކޮށް، ޓީޗަރުން ޓިއުޝަން ދިނުމާބެހޭ ގަވާއިދެއްވެސް ހަދަނީ

އިބްރާހިމް ޒަކީ

ޓީޗަރުންގެ ލައިސަންސާއެކު، ޓީޗަރުން ޓިއުޝަން ދިނުމާބެހޭ ގަވާއިދެއް ވެސް އެކުލަވާލެއްވުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ، ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑު ކުރި ނަމަވެސް ދަރިވަރުންގެ ޓިއުޝަނަށް ބެލެނިވެރިން ކުރާން ޖެހޭ ބޮޑު ހަރަދު ހުއްޓާލަން ޖެހިފައި ނުވާކަމަށާއި، ޓިއުޝަން ދީގެން ބައެއް ޓީޗަރުން އެއްލައްކަ ރުފިޔާއާ ގާތަށް ފައިސާހޯދަމުން އަންނަ ކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ބެލެނިވެރިން ޓިއުޝަނަށް ބޮޑު ހަރަދުތަކެއް ކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް ބައެއް ބެލެނިވެރިން ކުދިންނަށް ޓިއުޝަން ދެނީ ސްކޫލްތަކުގައި ކިޔަވައިނުދެވިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"މީގަ އަސްލު ދެކަމެއް އޮވޭ، ހަމައެކަނި ސްކޫލުން ކިޔަވައި ނުދެވޭތީކީއެއްނޫން ޓިއުޝަން ދެނީ، ބައެއް ޕޭރެންޓުން ބޭނުންވޭ ވަރަށް މޮޅަށް ދަރިވަރުންނަށް ކިޔަވައިދޭން، އަޅުގަނޑުމެންނަށް ފެނޭ ޕްރީ ސްކޫލް ކުދިން ވެސް ޓިއުޝަނަށް ގެންދާތަން، ބައެއް ފަހަރު ޕްރީ ސްކޫލުން ޓިއުޝަން ދިނުމަކީ ރަނގަޅު ކަމަކަށްވެސް ނުވެދާނެ، އެހެންވީމަ އެ ޓިއުޝަންގެ ސަގާފަތް އެއީ އަޅުގަނޑުމެން އެންމެންވެސް އިތުރަށް މަޝްވަރާކޮށް، ވިސްނަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.