ސައުދީ އަރަބިއާ

އަދުގެ ދުނިޔެ: ސައޫދީ އަރަބިޔާގެ ވެރިކަމަށް މިހަފުތާގައި ގެނެވުނު ބަދަލުގެ ސިއްރަކީ ކޮބާ؟

އިމާދު ލަތީފު

ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އެގައުމުގެ ވަޒީރުންގެ މަޖިލީހަށް މިހަފުތާގައި ގެންނެވި ކުއްލި ބަދަލެއްގައި ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނު ވަނީ އަންގާރަދުވަހު ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވައިފައެވެ. މިއީ ކޮންކަހަލަ ބަދަލެއް ބާވައެވެ. މިބަދަލަކީ ހަގީގީ ބަދަލެއް ބާވައެވެ. ޕްރިންސް ސަލްމާނަކީ ވަލީއަހުދުގެ ގޮތުގައި މިހާރުވެސް ގައުމުގެ އެންމެހައި ކަންކަން ހިންގަވަމުން ގެންދަވާ ލީޑަރެވެ. އެކަން އެގޮތަށް އޮންނަތާ އަހަރުތަކެއްވެސް ވެއްޖެއެވެ. އެހެންވީމާ ގައުމުގެ ސިޔާސަތަށް، ކަންކަން ކުރަމުން އަންނަ ތަރުތީބަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ސަރުކާރު ހިންގަވާ ވެރިޔަކީ ޕްރިންސް މުހައްމަދުކަން ރަސްމީ ސިފައެއްގައި އިއުލާންވުން ފިޔަވައި އެހެން ބަދަލެއް ނެތެވެ. ނާންނާނެއެވެ.

ޕްރިންސް މުހައްމަދު ބިން ސަލްމާން މަޝްހޫރުވެފައި އޮންނަނީ އެމްބީއެސްގެ ނަމުންނެވެ. ވަލީއަހުދު ކަމުގެ އިތުރަށް އޭނާއަކީ މިހާތަނަށް ބޮޑުވަޒީރުގެ ނާއިބެވެ. އެ މަގާމުގައި ހުންނަވައިގެން ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ވެސް ބަލަހައްޓަވަނީ އޭނާއެވެ. ބޮޑުވަޒީރަކީ ސީދާ ރަސްގެފާނު ސަލްމާނެވެ. ރަސްގެފާނުގެ ސިއްހަތު ތަންނުދޭތީ ބޮޑުވަޒީރުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ވަޑައިގެންނެވީވެސް އެމްބީއެސްއެވެ. އަދި ދިފާއީވަޒީރަކީވެސް އެމްބީއެސްއެވެ. ކެބިނެޓަށް އެންމެ ފަހުން މިގެނެވުނު ބަދަލުގައި ބޮޑުވަޒީރުކަމަށް އެމްބީއެސް އައްޔަން ކުރެއްވުމާއެކު ކުރިން ދިފާއީވަޒީރުގެ ނާއިބަކަށް ހުންނެވި ޚާލިދު ބިން ސަލްމާން ވަނީ ދިފާއީވަޒީރުކަމަށް އައްޔަން ކުރައްވައިފައެވެ. ޚާލިދަކީ އެމްބީއެސްގެ އެއްބަފައި ކޮއްކޯފުޅެވެ.

މިބަދަލު މިގޮތަށް ގެނެވުނު ކަމަށްވިޔަސް ދެންވެސް ދައުލަތުގެ އެންމެހައި ބާރުތަކުގެ ހަގީގީ ވެރިޔަކީ ރަސްގެފާނު ސަލްމާނެވެ. އޭނާގެ އުމުރުފުޅަކީ 86 އަހަރެވެ. އާލާސްކަންފުޅެއްގެ ސަބަބުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގެންނެވެނީ ހާލަކުން ފަހަރަކުއެވެ. ބޮޑުވަޒީރަކަށް އެމްބީއެސް އައްޔަން ކުރެވުނަސް، އާއްމުގޮތެއްގައި ބޮޑުވަޒީރުކަން ރިޒާވްވެފައި އޮންނަނީ ސީދާ ރަސްގެފާނަށް ކަމުގައިވާތީ ދެންވެސް ރަސްގެފާނު ސަލްމާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރަސްގެފާނެވެ. ކެބިނެޓަށް އެންމެފަހުން ގެނެވުނު މިބަދަލުގެ ތެރެއިންވެސް ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންވެސްޓްމަންޓް މިނިސްޓްރީއަށް ބަދަލެއް ނާދެއެވެ.

އެންމެފަހުން މިގެނެވުނު ބަދަލުތަކުގެ ސަބަބާމެދު ޝާހީ ގަނޑުވަރުން ވަކި އެއްޗެއް ނުބުނެއެވެ. އެކަމަކު ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މިއީ މަޑުމަޑުން ރަސްގެފާނު ފޭއަށް ޖެހިވަޑައިގެން އޮމާންކަމާއެކު އެމްބީއެސްއާ އެންމެހައި ބާރުތައް ހަވާލުކުރެއްވުމާއި އެކަންކަން ރަސްމީ ކުރެއްވުމުގެ މަރުހަލާގެ ތެރެއިން ބައެކެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ރަސްކަމުގައި ސަލްމާން ހުންނެވިއަސް ގައުމުގެ އެންމެހައި ކަންކަން ހިންގަވަމުން ބައްލަވަމުން ގެންދަވަނީ އެމްބީއެސްއެވެ. ޚާއްސަކޮށް ސަލާމަތާއި ގުޅުންހުރި ކަންކަމާއި އިގްތިސާދާއި ގުޅުންހުރި ކަންކަމެވެ. ތެލާއި ގޭހާއި ގުޅޭ ކަންކަން ބަލަހައްޓަވަނީވެސް އެމްބީއެސްއެވެ. އަލަށް މިގެނެވުނު ބަދަލުތަކަށްފަހުވެސް އެކަންކަން ދެމިގެންދާނީ މިބީދައިންނެވެ.

އެމްބީއެސްގެ އުމުރުފުޅަކީ 37 އަހަރެވެ. ކިތަންމެ ޒުވާން ބޭފުޅަކަށް ވިޔަސް ސައޫދީ އަރަބިޔާއަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށް އޭނާ ގެންދަވަނީ ބިޔަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ. އޭގެތެރެއިން އެއް މަޝްރޫއަކީ ވިޝަން 2030 އެވެ. މިއީ 2016 ވަނަ އަހަރު އޭނާ ފެއްޓެވި މަޝްރޫއެކެވެ. އަމާޒަކީ އަރަބި އަދި އިސްލާމީ ދުނިޔޭގެ އިގްތިސާދީ ނާރެހަކަށް ސައޫދީ އަރަބިޔާ ހެއްދެވުމެވެ. ތެލަށް ބަރޯސާވުން ކުޑަކޮށް ވީހާވެސް ބޮޑަށް އިގްތިސާދު ސިންދަފާތުކޮށް 2030 އަންނަންވާއިރު އީ ގަވަރމަންޓް ނިޒާމެއް ތައާރަފު ކުރުމެވެ. ފަތުރުވެރިކަމަށް ސައޫދީ އަރަބިޔާ ހުޅުވާލައި އެކަމަށް ބޭނުންވާ އޮނިގަނޑެއް އެކުލަވައި ތައްޔާރު ކުރުމެވެ. މިއީ އެތައް ސަތޭކަ ބިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މީގެ ތެރެއިން މުޅިން އައު ޒަމާނީ ސިޓީތަކެއްވެސް ބިނާކުރެވޭނެއެވެ.

ސައޫދީ އަރަބިޔާގެ ވަލީއަހުދު ކަމަށް އެމްބީއެސް އައްޔަން ކުރެވުނީ 2017 ވަނަ އަހަރުއެވެ. އެހިސާބުން ފެށިގެން އޭނާވަނީ ޝާހީ އަމީރުން މައިތިރި ކުރައްވައި އޭނާގެ ވެރިކަމަށް ތަބާވުން މަޖުބޫރު ކުރެއްވުމުގެ ކަންތައްތަކެއް ފައްޓަވައިފައެވެ. މިގޮތުން އެންމެ ފާހަގަކުރެވުނު ކަމަކީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެރިރަށް ރިޔާޒުގެ ހޮޓަލެއްގައި ޝާހީ އަމީރުންގެ އެތައް ބަޔަކާއި ވަޒީރުންގެ ތެރެއިންވެސް ބަޔަކާއި ބޮޑެތި ވިޔަފާރިވެރިންގެ ތެރެއިންވެސް ބަޔަކު ހައްޔަރު ކުރައްވައިގެން ހިންގެވި ހަރަކާތެވެ. ބުނެވޭ ގޮތުގައި ޝާހީ ޚާންދާނުގެ ތެރޭގައި އެމްބީއެސްއަށް ނަފުރަތުކުރުން ވަރަށް ބޮޑެވެ. އެހެންވީމާ އެމްބީއެސް އިސްކަން ދެއްވަނީ ދައުލަތުގެ ބާރުހުރި ދާއިރާތަކަށް އޭނާއަށް ވަފާތެރި ބޭފުޅުން އިސްކުރެއްވުމަށެވެ.