ޚަބަރު

ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ އިސްލާހަށް ވޯޓު ދެއްވީ އެންމެ މެންބަރެއް

އިބްރާހިމް ޒަކީ

1

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން އެންގުމަށް ހުށަހަޅަން ޖެހޭ ލިޔުން ކަމަށްވާ، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން، ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅި އިސްލާހުވެސް މިއަދު ބޭރު ކޮށްލައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މީގެ ކުރިންވެސް ހަމަ އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.

އެ އިސްލާހުގައި ވަނީ، ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި، ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ.

މި ބިލު ހުށަހެޅި ސަބަބުތަކުގެ ގޮތުގައި ނަޝީދު ވިދާޅުވެފައި ވަނީ، ގާނޫނުގެދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު، ދެފުރޮޅަށްވުރެން ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާގޮތަށް އޮންނާތީ، އެކަމުގެ ސަބަބުން، އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުތައް ގަރާޖުފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތުން ނަގަމުންގެންދާތީ ކަމަށެވެ. ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދު، ގަރާޖުގައި ރަޖިސްޓްރީކުރުމުގެ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުންގެންދާތީ، އާއި އެކަން ރަނގަޅަށް މޮނީޓާ ނުކުރެވޭތީ، އެކަމަށް ހުއްޓުމެއް ގެނައުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެކަންކަމުގެ ސަބަބުން ވެހިކަލް ރެޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެ، އެކަމުން ސަރުކާރުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލު ނުވެ، އެތަކެއް ދިވެހި ރައްޔިތުން ކަންބޮޑުވާތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިބިލު ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި، މަޖިލިސް ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ އެމްޑީއޭގެ މެންބަރު ކުޑަހުވަދޫ ދާއިރާގެ އަހުމަދު އާމިރެވެ.

އެ ބިލު މަޖިލީހުން ތަޅުމުން ބޭރުކޮށްލީ، ބިލު ބަލައިނުގަތުމަށް 36 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ބަލައިގަތުމަށް ބޭނުންވަނީ 19 މެންބަރުންގެ ވޯޓެވެ.

މި ބިލު ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލި ނަމަވެސް މީގެކުރިން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ވެސް ފޮނުވިއެވެ. ނަމަވެސް އެ ކޮމިޓީން ބިލު އިސްލާހުކޮށް، މަޖިލީހަށް ފޮނުވުމުން ބިލު ފާސްކުރުމަށް، މިދިޔަ ނޮވެމްބަރުމަހުގެ 22 ގައި މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި އެބިލް ފާސް ނުކޮށް ބޭރުކޮށްލިއެވެ.