ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮފީސް ހުންނަ މ. ކުނޫޒުގައި ޖަލްސާއެއް ކުރިއަށްދަނިކޮށް އައިއީޑީއެއް ގޮއްވާލަން ރޭވި މައްސަލައިގައި ޓެރަރިޒަމާ ގުޅޭ ދައުވާއެއް އުފުލާފައިވާ އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލިގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

އިއުތިސާމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލައިފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ލިޔުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާއެވެ. ނަމަވެސް ދެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އިއުތިސާމްގެ މައްޗަށް އެ ދައުވާ އުފުލީ، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ

ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް، ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދީ، ހަރުކަށި ފިކުރުގެ މީހުންނާ ގާތްގުޅުމެއް ބާއްވަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިއުތިސާމްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 17 މޭ، 2021 ވަނަ ދުވަހުގެ 14:30 އެހާކަންހާއިރު އައްޑޫ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ސ. ހިތަދޫ މާޗުގެ ފާސްކުރިއިރު، އެގޭގައި އޭނާ ދިރިއުޅޭ ބައިގެ ސިޓިންރޫމުގައި ހުރި ކޮތަޅެއްގެ ތެރެއިން ފެނުނު ސެމްސަންގް ބްރޭންޑްގެ މޯބައިލް ފޯނާއި އޭނާ ނިދާ ކޮޓަރީގައި ހުރި މޭޒެއްގެ މަތިން ފެނުނު ތޮށިބާ ބްރޭންޑްގެ ޕެންޑްރައިވްއާއި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ފަޓުލޫނުގެ ވައަތްފަރާތު ޖީބުން ފެނުނު ޒިއޯމީ ބްރޭންޑްގެ މޯބައިލް ފޯނު ތަހުލީލުކުރިއިރު، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާކަން ދޭހަވާ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީއެވެ.

ހުލާސާ ބަޔާނުގައި ދައުލަތުން ބުނީ، އެ ޕެންޑްރައިވްއާއި ދެ ފޯނު ތަހުލީލުކުރިއިރު، އައިސިސްގެ ލޯގޯއެއްގެ ފޮޓޯއަކާއި ބައެއް ލިޔުންތަކާއި ވީޑިއޯ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި "ކަރުބުރިކުރާ" ވީޑިއޯއާއި ޖިހާދަށް ހިތްވަރުދޭ ވީޑިއޯއާއި ހަނގުރާމައިގެ ވީޑިއޯ ހިމެނެއެވެ.

ދިފާއުން ބުނެފައިވާ ގޮތުގައި އެ ދައުވާއާ ގުޅިގެން ފުލުހުން ހޯދާފައިވާ ހެކިތަކަކީ އިއުތިސާމަށް އޭގެ މައުލޫމާތެއް އެނގިފައިވާ ހެކިތަކެއް ނޫނެވެ. އަދި ފޮރިންސިކް ދެ ރިޕޯޓުގެ ސައްހަކަމާމެދު ދިފާއުން ވަނީ ސުވާލު އުފައްދައި ގިނަ ވާހަކަތަކެއް ދައްކައިފައެވެ. ދައުވާއާއި އިއުތިސާމާ ގުޅުވޭނެ ހަމައެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ދެ ފަރާތުންވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުން ކަމަށް ވިދާޅުވެފައެވެ.

ދެހާސް ސަތާރަވަނަ އަހަރު ކުނޫޒް ގޮއްވާލަން އުޅުނު މައްސަލައާ ގުޅިގެން 24 އޭޕްރީލް 2017 ގައި ހައްޔަރުކޮށްފައިވަނީ، ހދ. ނައިވާދޫ، ރިވެލި ޝިމާން ޝަރީފާއި ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމާއި ގދ. މަޑަވެލީ، ގަމަރީ އިއުތިސާމް މުހައްމަދު ސައީދުގެ އިތުރުން ހއ. ހޯރަފުށީ، ވިދުވަރުގޭ ނާސިއު މުހައްމަދެވެ.

އެމީހުން ހައްޔަރުކޮށް ފުލުހުން ބުނެފައިވަނީ މއ. ކިނާރާހައުސް އާއި އެގޭގެ ކުރިމަތިން އޮންނަ އެނބޫގޯޅީގައި ހުރި އެޓިކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އޮފީހަކާއި މއ. ނަމޫނާގެ ބަލައި ފާސްކޮށް އައިޑީއެއް ހެދުމަށް ބޭނުންވާ ބައެއް ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން އިއުތިސާމް އާއި ތަސްލީމް ވަނީ އޭރު ޝަރީއަތް ފެށުމުގެ ކުރިން ދޫކޮށްލައިފައެވެ. މި ފަހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި އައްޑޫންނެވެ.

ކުނޫޒުގައި ބޮމެއް ގޮއްވާލުމަށް ރޭވި މައްސަލައިގައި ބަޔަކު ހައްޔަރުކުރި ދުވަސްވަރަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އައި ދުވަސްވަރެވެ. އެގޮތުން ކުނޫޒުގައި ސިލްސިލާކޮށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބާއްވަމުންދިޔަ ޖަލްސާތަކުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.