މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ގައުމީ ދުވަހަކީ ހިތްދަތި ދުވަހެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިއަދު ދިވެހި ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އެ މަނިކުފާނު ފޮނުއްވަނީ "ބަނަވެ، ނާމާން ވަމުންދާ ދުވަސްތަކެއްގެ ހިތްދަތިކަމާ އެކު" ކަމަށެވެ.

އަދި މިއަދަކީ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދު ފާހަގަކުރާ ދުވަހެއް ނަމަވެސް، އެ މަނިކުފާނުގެ ލޮލުން މިއަދު ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި އިރު، ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އަދި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތަށް ދެ ގައުމުގެ ދެމެދުގައި ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް އެ މަނިކުފާނާއި އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި އެކަމާ ދެކޮޅަށް ރައީސް ޔާމީން އިސްވެ ހުންނަވައި ވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއްވެސް ފައްޓަވައިފައެވެ.