މުހައްމަދު ތަކުރުފާނަކީ ހއ. އުތީމުގެ އުނގުން އުފަންކުރި އެންމެ އަގުހުރި ދިވެހި ޖައުހަރް ކަމަށާއި އެއީ ސަލާމަތީ ބާރުތަކުގެ ދާއިމީ ކޮމާންޑާ އިން ޗީފް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ސޯލިހު ވިދާޅުވީ، މުހައްމަދު ތަކުރުފާނަށް ކޮންމެ ނަންފުޅަކުން މުހާތަބުކުރެއްވިޔަސް، އެއީ އުތީމުގެ އުނގުން އުފަންކުރި އެންމެ އަގުހުރި ދިވެހި ޖައުހަރު ކަމަށެވެ.
ރައީސް ވިދާޅުވީ، ރަށަކުން ނުވަތަ އަތޮޅަކުން ގައުމަކަށް ދޭނެ އެންމެ ބޮޑު ހަދިޔާ ރާއްޖެއަށް ދިނީ ބޮޑުތަކުރުފާނުގެ ރަށް، އުތީމުގެ ފަސްގަނޑުން ކަމަށެވެ.
"ބޮޑުތަކުރުފާނޭ ބުނުމުން ހިތަށް ސިފަވެފައި އޮންނަނީ އެއީ ހަރު އުމުރުގެ ވަރަށް ދޮށީ ބޭފުޅެއް ކަމުގަ. ހަގީގަތުގަ އޭރު އެއީ އުމުރުން ހަގު ޒުވާން ބޭފުޅެއް. އެ ހަށިކޮޅުގައި ހިނގީ ޒުވާންކަމުގެ ހޫނު ލޭ. އެއްވެސް ދެވަނައެއް ނެތި، އެ ހިކުމަތާއި ވިސްނުމާއި، ހިތްވަރާއި ޖޯޝް، އެ ހަށިކޮޅުގައި ހިނގަން ފެށި ސިއްރެއްވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޕޯޗުގީޒުން ނުވަތަ ކަނޑުގެ ބާޒުން ބަލިކުރަން ބޮޑުތަކުރުފާނު ގެންގުޅުއްވީ، އާދައިގެ ވިސްނުމެއް ނޫން ކަމަށެވެ. އެގޮތުން، ކަޅުއޮއްފުންމީގެ ދުވެލި ބާރުކުރަން ވަކަރުގެ އާރު ވަތަށްވާގޮތަށް ދިވެހިން ކުރި ކިއްސަރު ވަޑާމުގެ ދިމާ އިދިކޮޅަށް އެ އޮޑި ބަނދެ، ވަކަރުފުށް ބޭރަށް ހުންނަ ގޮތަށް ހެދުން ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޮޑުތަކުރުފާނަކީ ގައުމީ ސަލާމަތީ ބާރުތަކުގެ ދާއިމީ ކޮމާންޑާ އިން ޗީފްކަމަށާއި އެކަމަނިކުފާނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ އަބަދީ ރަމްޒު ކަމަށެވެ.