ޚަބަރު

ގައުމީ ދުވަހުގެ ދިދަނެގުމުގެ ހާއްސަ އިހުތިފާލުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވައިފި

ގައުމީ ދުވަހާ ގުޅިގެން ހއ. އުތީމުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ އިހުތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެންފިއެވެ.

ގައުމީ ދުވަހާ ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، އުތީމު ގަނޑުވަރު މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ގަނޑުވަރު މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެ ދެކަނބަލުންނަށް، މަރުހަބާ ދެންނެވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ މި ހާއްސަ ރަސްމިއްޔާތުގައި، ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ.

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، މުހައްމަދުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުގައެވެ.