ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 42

"ބައްޕަ ފުރަން ތައްޔާރުވޭ. ދެން ނިންމަންޖެހޭ ކަމެއްވިއްޔާ ކުރާނީ މާލެ ގޮސް" އަޔާލް ބުންޏެވެ.

******

ލައިދުއަށް ވިލިނީ ފެނުނީ ގޭތެރޭގަ އޮވެ ފޫހިވެގެން ކާރުގައި ދުއްވާލަން ނުކުމެ އުޅެނިކޮށެވެ. ވަގުތުން ކާރުގެ ދުވެލި މަޑުކޮށްލިއެވެ. މަޖީދީމަގުން އާޓިފިޝަލް ބީޗާ ވީ ދިމާލަށް ދިޔަ ވިލިނީ ފަހަތުން ލައިދު ދިޔައެވެ. ވަރިވާން ކޯޓަށް ދިޔަ ދުވަހަށްފަހު ލައިދުއަށް ވިލިނީ ނުފެނެއެވެ. އަޔާލް އަތުން ނަންބަރު ހޯދައިގެން ގުޅި ނަމަވެސް ވިލިނީ އެއްވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. އެހެންކަމުން ވިލިނީ ލޮލަށް ފެނުނު ވަގުތު އެހާ ފަސޭހައިން ލޯމަތިން ގެއްލެން ބޭނުމެއް ނުވިއެވެ.

މަގުމަތީގެ ބާރުބޮޑުކަމާ ހުރެ ވިލިނީ އާ އެއްވަރަށް ލައިދުއަށް ކުރިއަށްދެވޭ ގޮތް ނުވިއެވެ. އެހެންނަމަވެސް ވިލިނީ ލޮލަށް ގެއްލުނަނުދީ ހިތްވަރުކޮށްލިއެވެ. މަގުގެ އެއްފަރާތުން ގޮސް ލޮނުޒިޔާރަތް ޕާކަށް ވަންނަންދެން ބަލަހައްޓައިގެން ލައިދު އިނެވެ. އެންމެފަހުން ކާރު ޕާކުކުރާނެ ތަނެއް ހޯދާލާފައި ލައިދު އަވަސްވީ ވިލިނީ ފަހަތުން އެތެރެއަށް ވަންނާށެވެ. އޭނާގެ ހިތް އަވަސްވެފައި ހުރުމުގެ ސަބަބުން ހަރަކާތްތަކުގައި އަވަސްކަމެއް ވިއެވެ.

*****

ކާމޭޒު ކައިރީގައި އިން ރިންދާ ބަލައިލީ ފޯނު ރިންގުވާން ފެށުމުންނެވެ. ބަލައިލިއިރު ގުޅަނީ އަޔާލްއެވެ. ނިކަން އަވަހަށް ރިންދާ ފޯނު ނަގައިފިއެވެ. އަޔާލްގެ އަޑު ޖެހުމާއެކު ރިންދާގެ ހިތަށް ފިނިވެގެން ދިޔައެވެ. ވަގުތުން ސޫރަ ދެކިލާހިއްވިއެވެ. އަޔާލްގެ އަޑުޖެހުމާއެކު އެންމެ ފުރަތަމަވެސް ރިންދާ ޝަކުވާކޮށްލިއެވެ. ނުގުޅާތީ ދެރަވާ ކަމަށް ބުންޏެވެ. އެހެންނަމަވެސް އަޔާލް ދިން ހަބަރަކާއެކު ރިންދާއަށް ހިނިތުންވެވުނެވެ.

"މާދަމާ ރޭގަ ހުންނާނީ ރިދާ ކައިރީގަ. އިންޝާﷲ"

ކެތްމަދުވެފައި ފުރަތަމަވެސް ރިންދާއަށް ހިތާހިތުން ގަޑި ގުނާލެވުނެވެ. ފްލައިޓް އިން ގަޑި އަޔާލް ބުނިއިރު އަދި ސައުވީސް ގަޑިއިރަށް ވުރެ ގިނައިރު އެބައޮތެވެ. ފޫހިގޮތެއް ރިންދާ އަނގައަށް ހަދާލިއެވެ. ލޯބިވާ ވާހަކަ ތަކުރާރުކޮށް އަޔާލްއަށް އިއްވައިދިނެވެ. ނަހީކާ ދެމެދު ގުޅުން ކުރިއަށް ގޮސްފައި އޮތްވަރު އަޔާލްއަށް ކިޔައިދިނެވެ. ދެން ކުރިއަށްދާންވީ ގޮތުގެ ހިޔާލު ހޯދިއެވެ. ބައެއްފަހަރު ނަހީކްގެ އަމަލުތައް ހުންނަގޮތުން އުނދަގޫތަކެއްވާ ކަމުގައި ބުންޏެވެ.

ފޯނުން ވާހަކަދައްކަމުން ދިޔަ ރިންދާ ސިހުނީ ބަދިގެއަށް ވަދެގެން އައި ނަހާ ފެނިފައެވެ. ނަހީކާ ގުޅުވައިގެން ދެއްކި ވާހަކަތައް އަވަހަށް ހުއްޓާލީ ނަހާއަށް ޝައްކެއްވިޔަ ނުދިނުމަށެވެ. އުނދުން ކައިރީގައި ހުއްޓުނު ރިންދާއަށް ބަލައިލާފައި ނަހާ ހީލިއެވެ. އަޔާލްކަން އެނގުމުން ރިންދާ އާ ގާތަށް ޖެހިލާފައި އަޔާލް ރަނގަޅުތޯ އަހާލިއެވެ.

"މަންމަގެ ސަލާން ބުނައްޗެ" ނަހާ ބުންޏެވެ.

********

ޕާކު ތެރެއިން ލައިދުއަށް ވިލިނީ ފެނުނީ ވިއްސަކަށް މިނެޓް ފަހުން ހޯދި ފަހުންނެވެ. ކުޑަކުދިންނާއި އެކި އުމުރުފުރާގެ މީހުންތަކުން މުޅި ޕާކުތެރެ އޮތީ ފުރި ބާރުވެފައެވެ. އެހުރިހާ މީހުންގެ ތެރެއިން ބްރިޖަށް ނަޒަރު ހުއްޓާލައިގެން ވިލިނީ އިނީ ވިސްނުމެއްގައެވެ. އިތުރު އެއްވެސް މީހެއް ވިލިނީ ކައިރީގައި ނެތެވެ. އެ އަންހެންކުއްޖާގެ އެކަނިވެރިކަން ލައިދުގެ ހިތަށް ތަދުކުރުވިއެވެ. ހިތާ ދިމާލުން މޭގާ ފިރުމާލާފައި ލައިދު ކުރިއަށް ހިނގައިގަތެވެ. ވިލިނީ ކިތަންމެ ބޭނުންވިޔަސް ލައިދުއަށް ދުރުގައި ނުހުރެވުނެވެ. ވިލިނީ އިން ދިގު ބެންޗުގެ ހުސްކޮށް ހުރި ތަންކޮޅުގައި ލައިދު އިށީނެވެ. ވިލިނީ ބްރިޖަށް ކުރިމަތިލައިގެން އިނަސް ލައިދު އިނީ ބްރިޖަށް ފުރަގަސްދީގެންނެވެ. އެއް ބެންޗެއްގައި ދެމީހުން ދެކޮޅަށް ކުރިމަތި ލައިގެންނެވެ. ބަލާ މީހަކަށްވެސް އެކީގައި ތިބި ދެމީހުންހެން ހީނުވާ ގޮތަށެވެ. ވިލިނީއަށް ޝަކުވާކުރާނެ ފުރުސަތެއް ނުދިނުމަށެވެ.

ވިލިނީ ބަލައިލީ ކައިރީގައި މީހަކު އިށިންކަން އެނގުމުންނެވެ. ލައިދު ވިލިނީއަށް ބަލައިލާފައި ހީލިއެވެ. ވިލިނީގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. އަނެއްކާވެސް ވިލިނީގެ ނަޒަރު ހުއްޓާލީ ކުރިން ބަލަހައްޓައިގެން އިން ދިމާލަށެވެ.

"ސޮރީ" ލައިދު ބުންޏެވެ.

"ކޮންކަމަކަށް" ވިލިނީ ބުންޏެވެ.

"އަހާލުމަކާ ނުލާ މިތަނުގަ އިށީނދެވުނީމަ" ލައިދު ބުންޏެވެ.

ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ވިލިނީ ކުރިން ވާހަކައެއް ނުފަށާނެކަން އެނގުމުން ލައިދު ފެށިއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އެހެންނަމަވެސް ކުރީ ދުވަހުގެ ބައްދަލުވުމުގައި ވިލިނީ ބުނި ޖުމްލައެއް ތަކުރާރުކޮށް ބުނުމުން ވަގުތުން ލައިދު ރައްދުދިނެވެ.

"އަހަރެންނަށް ހުރިހާ އެއްޗެއް އެނގޭ އަދި މިހާރު ތިއީ މީހެއްގެ އަންބެއްނޫންކަންވެސް އެނގޭ" ލައިދު ބުންޏެވެ.

ވިލިނީ އިސްޖަހާލިއެވެ. ލައިދު ދުރުކުރަން އިތުރަށް ދައްކާނެ ވާހަކައެއް އޭނައަށް ނޭނގުނެވެ. ލައިދު ބޭނުންވަނީ ސީދާ ކޮންކަމެއްކަން ވިލިނީއަށް އެނގެއެވެ. ނޭނގެނީ ލައިދު ބޭނުންވާގޮތަށް އޭނާގެ ހަޔާތުން ލައިދުއަށް ޖާގައެއް ދެވިދާނެކަމެވެ.

"އަހަރެން ވަގުތު ބޭނުން" ވިލިނީ ބުންޏެވެ.

"އަހަރެން އިންތިޒާރުކުރާނަން" ލައިދު ބުންޏެވެ.

*******

ކާއެއްޗެހި ހޫނުކޮށްފައި ބެގަރީ ކާމޭޒު ކައިރީގައި އިށީނެވެ. އޭނާ ފޯނުކުރީ ވިލިނީއަށެވެ. ހާލު އަހުވާލު އޮޅުންފިލުވާފައި ނަހީކްގެ އުޅުން ތަފާތުކަމުގެ ހަބަރު ވިލިނީއަށް ދިނެވެ. ވިލިނީގެ އަޑުން އެކަނިވެސް އޭނާ ހަމަޖެހިފައި ހުރިކަން ބެގަރީއަށް އެނގުނެވެ. ބެގަރީ ހިތްހަމަޖެހުނެވެ. އެގޭ ހަތަރުފާރުން އެތެރޭގައި ވިލިނީ ތަހައްމަލުކުރި ވޭން އެންމެ ގާތުން ދުށް މީހަކީ ބެގަރީއެވެ. ވިލިނީއަކީ ދަރިއެއް ފަދައިން ބެގަރީއަށް ދެކެވެނީ އެހެންވެއެވެ.

ބަދިގޭ ހުރިހާ މަސައްކަތެއް ނިންމާފައި ކޮޓަރިއަށް ވަންނަ އުޅުނު ބެގަރީ ކަންފަތުގައި ދޮރުގައި ތަޅާ އަޑު އިވުނެވެ. ކޮޓަރިން ނުކުމެގެން ދޮރާ ދިމާލަށް ދިޔައިރު މައްޗަށް ނަޒަރެއް އެއްލިއެވެ. އެވަގުތަކީ ނަހީކް ކޮޓަރިން ބޭރަށް ނުކުންނާނެ ވަގުތެއް ނޫނަސް ދޮރުގައި އެހާ ބާރަށް ތަޅާ އަޑަށް ނަހީކް ނުކުމެދާނެއެވެ.

ހާސްވެފައި ހުރި ބެގަރީއަށް ދޮރުހުޅުވާލެވުނީ ބޭރުގައި ހުރީ ކާކުތޯ ބަލާނުލައެވެ. ބޭރުގައި ހުރީ ރޫބިޔާކަން އެނގުނުނަމަ ބެގަރީ ދޮރުނުހުޅުވީހެވެ.

"ކޮބާ މިގޭ އިބިލީސް؟" ރޫބިޔާ ބުންޏެވެ. ބެގަރީ ނިތަށް ރޫ އަރައިގެން ދިޔައެވެ.

"ނިދަން ކޮޓަރިއަށް ވަދެއްޖެ" ބެގަރީ ބުންޏެވެ.

"ގޮވާ އޭނައަށް" ރޫބިޔާ ބުންޏެވެ.

"އަޅުގަނޑަކަށް ހުއްދައެއް ނެތް" ބެގަރީ ބުންޏެވެ.

ބެގަރީ ދޮރުލައްޕަން އުޅުނު ވަގުތު އެކަމަށް ރޫބިޔާ ހިފެހެއްޓިއެވެ. ބެގަރީ ބޭނުންނަމަ ގަދަކަމުން ދޮރުލެއްޕުނީހެވެ. އެހެންނަމަވެސް ގަދަބާރު ދައްކައިގެން އަންހެނަކަށް އަނިޔާއެއްވެދާނެތީ ބެގަރީ ދޫކޮށްލިއެވެ. ބެގަރީއަށް ނަހީކް ގޮވުން ނޫންގޮތެއް ނެތުމުން ބައްދަލުކުރާ ކޮޓަރިއަށް ރޫބިޔާ ވައްދާފައި މައްޗަށް ހިނގައިގަތެވެ.

ރިންދާއަށް ގުޅައިގެން އޮތް ނަހީކްގެ ހަމަޖެހުން ގެއްލުނީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުންނެވެ. ދޮރުހުޅުވަން ނަހީކް އައީ ފޯނު ކަނޑާނުލާ ހުރެއެވެ. މީހަކު ބައްދަލުކުރަން އައިސް އިން ވާހަކަ ބުނުމުން ނަހީކްގެ ދެލޮލުން ހިތްހަމަނުޖެހުން ފާޅުވިއެވެ. ރޭގަނޑުގެ ވަގުތަކީ ނަހީކް އެއްވެސް މީހަކާ ބައްދަލުކުރާ ވަގުތުތަކެއް ނޫނެވެ. އެކަން އެންމެ ބޮޑަށް އެނގޭނީވެސް ބެގަރީއަށެވެ. ފޯނުގައި ހުރި ރިންދާއަށް އަޑުއިވިދާނެތީ ބެގަރީއަށް ނަހީކް އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. އެހެންނަމަވެސް ނަހީކް ބައްދަލުކުރަން ބޭނުންނުވާ ކަމަށް މެހްމާނަށް އަންގައިދިނުމަށް ބެގަރީ ކައިރީގައި ބުނެފައި ނަހީކް އެތެރެއަށް ވަންނަން އުޅުނެވެ.

ލަސްލަހުން ސިޑިއާ ދިމާލަށް ދިޔަ ބެގަރީއަށް ނަހީކް ގޮވާލިއެވެ. ތިރިއަށް އެބަ ފައިބަމޭ ބުނިއިރު ނަހީކްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ބެގަރީއަށް ނޭނގުނީ ނަހީކްގެ ހިނިތުންވުމުގެ ފަހަތުގައިވާ ސަބަބެވެ.

ބައްދަލުކުރާށޭ ނަހީކް ކައިރީގައި ބުނީ ރިންދާއެވެ. އެއީ ނަހީކްގެ އަތްދަށުން ކުޑަވަގުތުކޮޅަކަށް ނަމަވެސް ވީއްލޭނެތީއެވެ.

********

އެނދުގައި އޮތް އަޔާލްއަށް ނިދޭގޮތެއް ނުވިއެވެ. ދިމާލަށްހުރި އެނދުގައި އޮތް ރާޝިދު އޮތީ ގަދަ ނިދީގައެވެ. އަޔާލް ބަލައިލީ ލައްޕާލާފައި ހުރި ކޮޓަރީ ދޮރާ ދިމާލަށެވެ. އެތެރޭގައި ތިބި މީހުންވެސް ތިބޭނީ މިހާރު ނިދާފައެވެ. ގަޑިން ބާރަޖަހަން ގާތްވެއްޖެއެވެ. ނުނިދިގެން އުޅެނީ އަޔާލްއަށެވެ. ރޭގަނޑުގެ ކެއުން ކުރިއަށްދިޔަ ގަޑީގައި ރާޝިދު ދެއްކި ވާހަކަތަކެއްގެ ސަބަބުން އަޔާލްއަށް ފިކުރުކުރެވެމުން ދިޔައެވެ. އެވާހަކަތާކާ ސީދާ ދެކޮޅެއްވެސް އަޔާލް ނަހަދައެވެ. އަދި ބަރަކްވެސް މެއެވެ. އެހެންނަމަވެސް ސީދާ ޖަވާބެއްވެސް ރާޝިދަށް ނުދެވެއެވެ. އެހާ ދުވަހަށްފަހު ދިރިއުޅުމުގެ ބޮޑު ނިންމުމެއް ނިންމަން ރާޝިދު ދަރިންގެ ރުހުން ބޭނުންވިއެވެ. ކުރަން ބޭނުންކަމެއް ނަމަވެސް ދަރިންގެ ރުހުމާނުލައި ނުކުރާނަމޭ ރާޝިދު ބުންޏެވެ.

ޖޯލީގައި އޮތް ބަރަކް ސިހުނީ ދޮރުހުޅުވުނު ވަގުތު އިވުނު އަޑުންނެވެ. އަޔާލްވެސް ދިޔައީ ސިހިގެންނެވެ. އެފަދަ ވަގުތެއްގައި ބަރަކް ބޭރުގައި އޮވެދާނެ ކަމަށް އަޔާލް ހީކޮށްފައެއް ނެތެވެ. އެހެންނަމަވެސް އަޔާލްއަށް އެނގުނެވެ. އޭނާ ފަދައިން ބަރަކްގެ ދެލޮލުގައިވެސް ނިދީގެ އެއްވެސް އަސަރެއްނެތެވެ. ދެކުދިން ތިބީ އެއް ހާލަތެއްގައެވެ.

"ދޮންބެ ހީކުރީ ނިދީ ކަމަށް" ބަރަކް އާ ޖެހިގެން ޖޯލީގައި އިށީންނަމުން އަޔާލް ބުންޏެވެ.

"ނުނިދުނު" ބަރަކް ބުންޏެވެ.

ދެން ފާއިތުވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އުޑުމެދުގައި ބޮޑާކަމާއި ޝާއްބަކަމާއެކު ރަނިކަން ކުރަމުންދިޔަ ހަނދަށް ބަލަހައްޓައިގެން ދެކުދިން ތިއްބެވެ. ހަނދުގެ ރިހި އަލިން މުޅި ދުނިޔެ އުޖާލާ ކުރުވާފައެވެ. ހީވަނީ ދުވާލުގެ އަލިކަމެއް ފެތުރިފައިވާހެންނެވެ.

"ދޮންބެ ކިހިނެއް ވިސްނީ؟" ބަރަކް ބުންޏެވެ.

އަޔާލް ފުންނޭވައެއް ދޫކޮށްލިއެވެ. ބަރަކް އެބުނީ ކޮންވާހަކައެއްކަން އަޔާލްއަށް އެނގުނެވެ. ކޮންމެގޮތެއް ވިޔަސް ދެކުދިންގެ މެދުގައި އެވާހަކަ ނުދައްކާ ނަތީޖާއަކާ ހަމައަށް ވާސިލުނުވެވޭނެކަން އަޔާލްއަށް އެނގެއެވެ. ވާހަކަދައްކައިގެން ގޮތެއް ނިންމުމަކީ މުހިންމު ކަމެކެވެ.

"އެ އުމުރުގައިވެސް ކައިވެންޏެއް ކުރުމަކީ މައްސަލައެއް ނޫން ކަންނޭނގެ. ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައި ބައްޕައަށް އަޅާލާނެ އެހީތެރިވާނެ އޯގާތެރިވާނެ އަންބަކު ހުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. އަނެއްހެން ބައްޕަގެ ނިޔަތް ގޯހެއް ނޫން. އެބުނާ ސަމީހާއްތައަކީ ވަރަށް ބޮޑު އެކަނިވެރިއެއް. ބަފަޔަކު ނުލާ އަންހެން ދަރިއެއް އެހަރަ ބޮޑުކުރަނީ. މީހުންނަށް މަސައްކަތްކޮށްދީގެން ލިބޭ ލާރިކޮޅުން ސަނާއަށް ކިޔަވައިދެނީ. ނޫންތަ؟ ބައްޕަ ބޭނުންވީ އެދެމައިންނަށް އަޅާލަން. އެދެމައިންގެ ދިރިއުޅުމަށް ލުއިފަސޭހަކަމެއް ގެނެސްދޭން. ހަގީގަތުގަ ބައްޕަ ސަވާބާއި ދަރުމަ ލިބޭ ކަންކަން ހޯދާ ބަލަނީ. ބައްޕަ ބޭނުމެއްނުވޭ ހެޔޮކަމެއްނުކޮށް ހަޔާތުގެ އެންމެ ސިކުންތެއްވެސް ފާއިތުވާން. އެހެންނޫނަސް އެކަމަށް ސަމީހާއްތަވެސް ރުހޭ" އަޔާލް ވާހަކަދެއްކިއެވެ.

އެރަށުގައި ހޭދަވި ދެތިން ދުވަސްތެރޭގައި އަޔާލްއަށް ސަމީހާގެ ދެމައިންގެ ދިރިއުޅުން ފެނިއްޖެއެވެ.

"މާދަން ރޭ ފުރާއިރު މިރަށުގައި ކައިވެނީގެ ކަންތައްތަކެއް ނުކުރެވޭނެއްނު" ބަރަކް ބުންޏެވެ.

"މާލޭގަ ވާނެއްނު. އަހަރެން ރިދާގެ ގޭގައި ސަމީހާއްތައަށް ހުރެވޭގޮތް ހަދާނަން. ހަތް ދުވަސްފަހުން ގެއަށް ގެނެވޭނެއްނު. ސަނާވެސް އަހަރެމެންގެ ކޮއްކޮއަކަށްތާ އޭރުންވާނީ. ދެމީހުންނަށްވެސް ސަނާއަށް ކިޔެވުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް އެހީވެވޭނެއެއްނު. އޭރުން އަހަރެމެންނަށް އަންހެން ކޮއްކޮއެއްވެސް ލިބުނީއެއްނު" އަޔާލް ވާހަކަދެއްކިއެވެ.

ދެކުދިންގެ ތުންފަތްމަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ. މިހުރިހާ ދުވަހު ސިހުރެއްގައި ޖެހި ކައިވެންޏެއްގެ މަތިން ހަނދާންނެތިފައި ހުރި ރާޝިދަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން އަޔާލް އާއި ބަރަކް ހުރީ ތައްޔާރަށެވެ. ދިރިއުޅުން ބަދަލުވާންދެން އަޔާލް އާއި ބަރަކް ތުއްތުއިރު ބައްޕައެއްގެ ލޯބި އެންމެ ފުރިހަމައަށް ދެ ދަރިންނަށް ހޯދައިދިނެވެ. އޯގާތެރިކަމެއް ނެތް ކެހިވެރި އަންބެއްގެ މަޅީގައި ޖެހި މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހި އެތައް ދުވަހެއް ބޭކާރުވެގެން ހިނގައްޖެއެވެ. މިއަދު ރާޝިދަށް އާ ދިރިއުޅުމެއް ލިބެން އުޅޭއިރު އެކަމަށް އެއިން އެކަކުވެސް ދެކޮޅުހަދާނީ ކިހިނެއް ހެއްޔެވެ؟ މާތްﷲ އަށްޓަކައި ކުރެވޭ އެއްވެސް ކަމަކުން އެއްވެސް އިންސާނަކަށް ގެއްލުމެއް ނެތެވެ.

*********

އެހެންރޭތަކާ ހިލާފަށް ނިދާކޮޓަރިއަށް ފަރީދު ނުވައްދާ ނިކަން އަވަހަށް ގެއަށް ފޮނުވާލައިފިއެވެ. ބަހަނާއަކަށް ރޫބިޔާ ދެއްކީ ބަލިވެއުޅޭ ކަމެވެ. ފަރީދު ދިޔުމުން ގެ ތަޅުލާފައި ރޫބިޔާ އައިސް ނިދާކޮޓަރިއަށް ވަނެވެ. އެނދުގައި އިންއިރު ރޫބިޔާގެ ސިކުނޑިތެރެ ވަނީ އެއްކޮށް ހަލަބޮލިވެފައެވެ. ނަހީކާ ދެބަސްވެ ނިމުނުއިރުވެސް ރޫބިޔާއަށް ކުރި ނުލިބުނެވެ. ހީކުރިގޮތާ ހިލާފަށް ނަހީކް ފެނުނީ ހިތްހަމަޖެހިފައި ހުރިތަނެވެ. ވިލިނީ ވަރިކޮށްލާފައި އަންހެނަކާ އެކު އާ ދިރިއުޅުމެއް ފަށަން އުޅޭ ވާހަކަ ބުނީ ނިކަން ހެވިފައެވެ. އިސާހިތަކު ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކާއި މަންޒަރުތައް ރޫބިޔާގެ ލޯކުރިމަތީގައި ސިފަވާން ފެށިއެވެ.

"އަހަރެން ކަލޭ ބޭޒާރުކުރާނަން. ކަލޭ އަހަރެންގެ ދަރި ދޫކޮށްލި އިރު ކަލޭގެ ބޮޑު ސިއްރު ހަނދާންނެތުނީތަ؟" ރޫބިޔާ ބުންޏެވެ.

ނަހީކް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. މިފަހަރު ރޫބިޔާގެ އިންޒާރުން ނަހީކް ބިރުގަންނަ ގޮތް ނުވިއެވެ. ޖެހިލުންވުމެއް ކަންބޮޑުވުމެއްވެސް ނަހީކްގެ މޫނުމަތިން ނުފެނުނެވެ.

"އެފޯނު. އޮހީފުގައި އުޅުނު މަންޖެގެ މަރުގައި ކަލޭގެ އަތެއްވޭ. އަހަރެންނަށް ހުރިހާ އެއްޗެއް އެނގޭ. މިއަދާ ހަމައަށްވެސް އަހަރެން މިހުންނަނީ އަނގައިން އެއްޗެއް ނުބުނެ. އެކަމަކު ދެން ނުހުންނާނަން" ރޫބިޔާ ގަދަކޮށްލިއެވެ.

ނަހީކްގެ ފަރާތުން ޖަވާބެއް ނައެވެ. ހަމައެކަނި ބުނިހާވެސް އެއްޗަކީ ދައްކަން ބޭނުންވި ވާހަކަތައް ނިމުނުކަމަށްވަންޏާ އެގެއިން ނުކުތުމަށެވެ. ރޫބިޔާގެ ރުޅިވީ ހައްތަހާ ގަދައެވެ. ނަހީކް ހަމަޖެހިފައި ހުންނަތަން ދުށުމަކީ ރޫބިޔާއަށް ބަލަން އުނދަގޫ މަންޒަރެކެވެ. ރޫބިޔާ ބޭނުންވަނީ ރޯމަހެއް ތެޅޭ އުސޫލުން ރޫބިޔާގެ ބަސްތަކަށް ބިރުން ނަހީކް ތެޅޭށެވެ.

"ކަލޭގެ ދަރިންގެ ބަފާ. ކޮބާ ކަލޭ ގެންގުޅުނު ސިހުރުހަދާ މީހާ. އަދިވެސް ގުޅުން އޮވޭ ދޯ. އަހަރެން އަތުގައި އަދިވެސް ފޮޓޯތަކާއި ވީޑިޔޯ ހުންނާނެ. ކަލޭގެ ޅަ ދުވަސް ވިޔަސް އެ ވީޑިޔޯތަކުން ހަމަ ރަނގަޅަށް އެނގޭނެ އެއީ ކަލޭ ކަން. އަހަރެން މީހަކު މަރާލިއްޔާ އެ ކުށް ކަލޭވެސް ކޮށްގެން ތިހެރީ. ހެހެހެ.... އެހެންވީމަ ތިފާޑަށް ވާހަކަދައްކައިގެން ވަކި ކަލެއަށް މޮޅެއްނެތް. ކަލޭ އަހަރެން ބޭޒާރުކޮށް ޖަލަށް ފޮނުވިއްޔާ އެކުގަ ކަލޭވެސްޖެހެނީ އަންހެން ޖަލަށް ވަންނަން. އެހެންވީމަ ތި އަނގަ މައިތިރިކޮށްގެން މަޑުމަޑުން މިގެއިން ނުކުމެގެންދޭ" ނަހީކް ބުންޏެވެ.

ހިޔާލުތަކުން ރޫބިޔާ ނުކުތީ ގަދަކަމުންނެވެ. ދަރިން ތުއްތު އިރުގެ އެ ހަނދާންތައް ހިތުގައި އާވެގަތުމާއެކު ރޫބިޔާ ހާސްވާގޮތްވިއެވެ. އޭގެފަހުން ފަރީދަށް ބަރާބަރަށް ރޫބިޔާ އައީ ފަރީދު ބޭނުންވި ވަރަކަށް ފައިސާ ހަރަދުކުރަމުންނެވެ. އެއީ ދުނިޔެ ހުރިހާ ދުވަހަކު ރޫބިޔާގެ ބޮލުގައި އެޅިފައިވާ ދަރަންޏެކެވެ. އެ ދަރަނިން ރޫބިޔާ ސަލާމަތްވި އިރު ބަދަލަކަށް ޖެހުނީ ހަށިގަނޑު ވިއްކާށެވެ. ނަސީބު ދެރަކަމުން ފަރީދަށް ފައިސާ ހަވާލުކުރި އިރު އެ މަންޒަރު ފެނުނީވެސް ނަހީކަށެވެ. އެދުވަހުގެ ފަހުން ނަހީކް އައީ އެކި ގޮތްގޮތުން ރޫބިޔާއަށް އިންޒާރު ކުރަމުންނެވެ. ނަހީކް ބުނި ކޮންމެ ކަމެއް ކުރަމުން އަންނަނިކޮށް ރޫބިޔާއަށް މޮޅެއް ލިބުނީ އޮފީހުގައި އުޅުނު ރަނީން ކިޔާ އަންހެންކުއްޖެއްގެ މަރުވި ދުވަހު ނަހީކާއި އޭނާގެ އެކުވެރިޔަކާ ފޯނުން ދެއްކި ވާހަކައެއް އިވުނު ހިސާބުންނެވެ. ރޫބިޔާ އެ ފުރުސަތު ނަގާލަން ބޭނުންނުވިއެވެ. ނަހީކް ކަންތައްކުރި ފަދައިން ނަހީކްގެ ވާހަކަތަކާއި ވީޑިޔޯތައް ރޫބިޔާވެސް ރައްކާކުރިއެވެ. ނަހީކްގެ ރޭވުމަކުން ފޯނު އަތުލައިފާނެ ކަމަށް ރޫބިޔާ އެ ރިކޯޑިންތަކާއި ވީޑިޔޯތައް ނަހީކަށް ފޮނުވީ އެހެން ނަންބަރަކުންނެވެ. އެހިސާބުން ނަހީކަށް ޖެހުނީ ރޫބިޔާއަށް ކުރަމުން އައި އުނދަގޫތަކާއި ދުއްތުރާތަކަށް ހުއްޓުމެއް ގެންނާށެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ދެމީހުން ދެމީހުންނަށް ބިރުދައްކައި ނަފުސާނީގޮތުން ބަލިކަށިކުރުން ނޫންކަމެއް ނުކުރެވެއެވެ. އެހެންނަމަވެސް މިހާރު ރޫބިޔާ އަތުގައި ނަހީކާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނެތެވެ. ރޫބިޔާ ރައްކާކުރި ހުރިހާ އެއްޗެހި ރޫބިޔާގެ އަތުން ވަނީ ގެއްލިފައެވެ. ރޫބިޔާ އެންމެ ކަންބޮޑުވަނީ އެކަމާއެވެ.

*****

ވިލިނީ ބަނޑެއްގައި ރިއްސައި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކަން އައީ ރިންދާ އާ އެކުގައެވެ. ލެބޯޓްރީގައި އިން އަންހެންކުއްޖާ ޓެސްޓްގެ ނަތީޖާ ވިލިނީ އަތަށް ދިނުމާއެކު އެކުއްޖާއަށް ޝުކުރުއަދާކޮށްފައި ނަތީޖާ ލިޔެފައި އޮތް ކަރުދާސްގަނޑަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ވިލިނީއަށް ސިހުމެއް ލިބިގެން ދިޔައެވެ. ފެނުނީ އުންމީދުކުރި ފަދަ ނަތީޖާއެއް ނޫނެވެ. ވިލިނީއަށް އައި ބަދަލު ރިންދާއަށް ފެނުމާއެކު ވިލިނީގެ އަތުން ކަރުދާސްގަނޑު އަތުލާފައި ބަލައިލިއެވެ. ދެން ހައިރާންވެފައި ވިލިނީގެ މޫނަށް ބަލައިލިއެވެ.

(ނުނިމޭ)