ލައިފް ސްޓައިލް

މީނާ ދިވެހިކާނާ: ޓްރިވެންޑްރަމްގައި މިހާރު އެންމެ މަގުބޫލު ދިވެހިކެއުން

6

އިންޑިޔާގެ ކެރެލާސްޓޭޓްގެ ކެޕިޓަލް ސިޓީ، ތިރިވަނަންތަޕުރަމް ނުވަތަ ޓްރިވެންޑްރަމްއަކީ ދިވެހިންނަށް ހާއްސަ ތަނެކެވެ. ވަރަށް ގިނަ ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ ސިޓީއެކެވެ.

ޓްރިވެންޑްރަމްގެ ހާއްސަ އެއް ތަނަކީ، ފަހަކަށް އައިސް މަޝްހޫރުވަމުން އަންނަ، ހާއްސަކޮށް ދިވެހިންނަށް ގައުމުން ބޭރުގައި އަމިއްލަ ގޭގައި ކެވޭކަމުގެ އިހުސާސްކޮށްދޭ މީނާމާސް ރެސްޓޯރެންޓް/މީނާ އެވެ. ދިވެހިކާނާގެ މި ރެސްޓޯރެންޓަކީ ބޭނުން ވައްތަރެއްގެ ދިވެހި ކެއުން ލިބޭ ތަނެކެވެ. ރެސްޓޯރެންޓާ ގުޅޭ ގޮތުން މީނާއާއި އޭނާގެ ފިރިމީހާ 'ވަން'އަށް މައުލޫމާތު ދެމުން ބުނީ މިއީ އެހިސާބުގައި ދިވެހި ކެއުމަށް ހާއްސަކޮށްގެން ހުޅުވި ތިންވަނަ ރެސްޓޯރެންޓު ކަމަށެވެ.

މިހިސާބަކީ "ހޮސްޕިޓަލް ޓޫރިޒަމް' އޮންނަ ހިސާބަކަށްވުމުން އެތަންތަނަށް ގިނައިން އަންނަނީ ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނާއި އެމީހުންނާއެކު އައިސް އުޅޭ މީހުންނެވެ. މީނާލީއާއި އޭނާގެ ފިރިމީހާ ސްރީކުމާރު ހިންގާ މިރެސްޓޯރެންޓަކީ މިހާރު މުޅި އިންޑިޔާގައިވެސް މަޝްހޫރު، ދިވެހިރަހަތަކަށް ހާއްސަ، އިންޑިޔާ މީހުންވެސް އެކި ހިސާބުތަކުން މިތަނަށް ދިވެހިކެއުން ކާން ދާ ތަނެކެވެ

މީނާ ދިވެހި ކާނާގެ އެންމެ ހާއްސަ ކަމަކީ މީނާ ދުވަހަކުވެސް ރާއްޖެ އައިސް މިތަނުގެ ކެއުމުގެ ވައްޓަފާޅި އޭނާގެ ހަމަލޮލަށް ފެނިފައިނުވުމާއެކުވެސް، އެތަނުގައި އޭނާ ދިވެހި ރަހަތައް ގެންނަ ގޮތެވެ. ދިވެހިންގެ ރަސްމީކެއުން ކަމަށްވާ ގަރުދިޔައާއި ބަތުގެ އިތުރުން ދިވެހިންނަށް ކަމުދާނެހެން ނޫޑުލްސްފަދަ ތަކެތި، ދިވެހީންނަށް ހާއްސަކޮށް ދިވެހި ރަހައިގައި ތައްޔާރު ކުރުމެވެ.

މީނާ އޭނާގެ ރެސްޓޯރެންޓު ހުޅުވައި ދިވެހިންގެ ކެއުންތައް ތައްޔާރު ކުރަން ފެށި ގޮތް ކިޔައިދެމުން ބުނި ގޮތުގައި އެންމެ ފުރަތަމަ އާދައިގެ ކުޑަކުޑަ ރެސްޓޯރެންޓެއް ހުޅުވީ ކުޑަކުޑަ ކޭޓްރިން ސާވިސް ދޭތަނެއްގެ ގޮތުގައެވެ. އެތަން ހުޅުވައިގެން އުޅެނިކޮށް އެއްދުވަހަކު އެތަނަށް ދިވެހި ދެމަފިރިޔަކު އައިސް މީނާ ގާތު ދިވެހި ކެއުން މިތަނުން ލިބޭހޭ، އެހުމުން ކެއުމެއް ނުހުރެއޭ ބުނިއިރު އެއިރަކު މީނާއާއި އޭނާގެ ފިރިމީހާ ސިރީކުމާރަކަށްވެސް ވަރަށް ކުޑަކުޑަކޮށް ނޫނީ ދިވެހިބަހެއް ނޭނގެއެވެ.

"ދެން އެމީހުން މީނާދައްތާ ގޮވައިގެން އަނެއްދުވަހު ޕަލަޔާމް މާކެޓަށް ދިޔައީ. އެތަނުން ބޭނުންވާ ހުރިހާ އެއްޗެއް ގަނެގެން އައިސް ކައްކަން ދަސްކޮށްދީ ކެއުން މީހުންނަށް ސާވް ކޮށްދޭން ފެށީ. އެދުވަހަކީ މީނާދައްތާއަށް ބޮޑު ޕްރޮފިޓެއް ލިބުނު ދުވަހެއް. ދެން މީނާދައްތާ ދިވެހި ކެއުން ފްރެޝްކޮށް ލިބޭ ތަަނަކަށް މިތަން ބަދަލުވީ."

މީނާ ދިވެހި ކާނާ އިން ރާނބާފަތްލައިގެން ކައްކާފައި ހުންނަ ތާޒާ ހޫނު ބަތާއި ތާޒާ ހޫނު ގަރުދިޔަ، ވަގުތުން ތައްޔާރުކުރެވޭ ލޮނުމިރުސް، ފިހުނުމަސް އަދި ތެލުލި މުރަނގަފަތް ލިބެން ހުރެއެވެ. ނާސްތާއަށް ދިވެހިންގެ ލެއާ ގުޅިފައި ހުންނަ ހޫނު ޑިސްކު ނުވަތަ ހުނިލީރޮށްޓާއި ރިހާކުރު ކުޅިކޮށްފައި، ލިބެން ހުންނައިރު ހަވީރު ވަގުތުތަކުގައި ހެދިކާވެސް ހުރެއެވެ. ހުކުރު ހާއްސަ ކުކުޅު ބޭނުން ވައްތަރަކަށް ތައްޔާރުކޮށްދެއެވެ.

ދިވެހިންގެ ބައެއް ޕާޓީތަކާއި ކައިވެނި ހަފުލާތައްވެސް މިވީ އަހަރުތަކުގެ ތެރޭގައި މީނާ ދިވެހި ކާނާގައި ބާއްވައިފައިވެއެވެ. މެދުމިނެއްގެ މިރެސްޓޯރެންޓުން ދިވެހި ނޫން ކާނާވެސް ބޭނުން ވެއްޖެނަމަ ލިބެން ހުރެއެވެ. މީނާ ދިވެހިކާނާގެ ހާއްސަ ކަމަކީ މިއީ ދިވެހިންނަށް ވަރަށް މުހިންމު ތަނަކަށްވާކަމެވެ. އެތަނަށް ދާ ދިވެހީންނަށް ކެއުން ދިއުމުގެ އިތުރުން މީނާގެ ދެމަފިރިންނަކީ އެތައް ދިވެހީންނެއްގެ ވަރަށ ްގާތް ދެ އެކުވެރީންނަށް ވެސް މިއަދު ވަނީ ވެފައެވެ.

ދިވެހިންނަށްޓަކައި މީނާދައްތަގެ ދިވެހި ކާނާ އަބަދުވެސް ލިބެން ހުންނާނެކަމަށާއި ދިވެހިންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް މީނާ ތަކުރާރުކޮށް ބުންޏެވެ. އެހެންނަމަވެސް އަދި ދުވަހަކުވެސް ރާއްޖެ ނާންނަ ރާއްޖެ ދާން ދައުވަތުވެސް ލިބޭކަމަށް ބުނެފައި މީނާ ބާރަށް ހެމުން ބުނީ ގައުމުން ބޭރަށް ދަތުރުކުރަން ޖެހިލުންވާ ކަމަށާއި ކޮންމެވެސް ދުވަހަކުން ރާއްޖެވެސް އަދި އަންނާނެ ކަމަށެވެ.