ކުޅިވަރު އެތުލީޓުން ތަމްރީނު ކުރުމަށް ހާއްސަކޮށް، ބޭންކް އޮފް މޯލްޑިވްސްއިން ސްޕޯޓްސް ސްކޮލާޝިޕް ތައާރަފުކޮށްފިއެވެ.
ބީއެމްއެލްއިން ސްޕޯޓްސް ސްކޯލާޝިޕް ތައާރަފް ކުރީ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހަރަކާތެއްގެ ގޮތުގައެވެ. ބީއެމްއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ސްޕޯޓްސް ސްކޯލާޝިޕަކީ މީގެކުރިން އިއުލާން ކުރި ހަރަކާތްތަކާ އެކު އިއުލާންކުރި އެގާރަވަނަ ހަރަކާތެވެ.
ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒެއްގެ ގޮތުގައި ބީއެމްއެލްއިން ފާހަގަކޮށްފައިވަނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެ ބޭންކްގެ ދައުރެއް އަދާކޮށް، އެހީތެރިވުމެވެ. ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ތަމްރީނުތަކަށް އެތުލީޓުން ހޮވުމުގައްޔާއި ތަމްރީނުތައް މެނޭޖުކުރުމަށް އެ ބޭންކަށް އެހީތެރިވެދޭނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެވެ. ސްކޯލާޝިޕަށް އެދި ހުށަހަޅާނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވާ އިރު، ސްކޯލާޝިޕަށް އެމްއޯސީއަށް ނަން ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަން ތަކަށެވެ.
"ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ބީއެމްއެލްއިން ދަނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން. މޮޅު އެތުލީޓުންނަށް ރާއްޖޭގައާއި ބައިނަލްއަގްވާމީ ފެންވަރުގައިވެސް ކާމިޔާބީ ހާސިލްކޮށްދިނުމުގެ ބޭނުމުގައި މިއަދު ސްޕޯޓްސް ސްކޮލާޝިޕް އިއުލާން ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ މަހެއްގައިވެސް ބޭންކުން ތައާރަފުކުރަމުންދާ ހަރަކާތްތަކަކީ މުޖުތަމައަށް އެހީތެރިވުމަށާއި ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓެއްވެސްމެ." ސްޕޯޓްސް ސްކޯލާޝިޕާ ގުޅޭގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ބީއެމްއެލް އަބަދުވެސް ފާހަގަވެގެން ގޮސްފައިވަނީ ރާއްޖޭގެ ކުޅިވަރުގައި އެކިއެކި ގޮތްގޮތުން ޝާމިލުވާ ބޭންކެއްގެ ގޮތުގައެވެ. ހާއްސަކޮށް ގައުމީ ކުޅިވަރުތަކުގައި ބީއެމްއެލްގެ ބައިވެރިވުން އަބަދުވެސް ފެންނަމުން ދެއެވެ. އެގޮތުން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ މެއިން ސްޕޮންސަރަކީވެސް ބީއެމްއެލްއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް