އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 10

އަބްދުﷲ ފާރޫގް ހަސަން

(19 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

"އެވަގުތަކު ހުންނަވާ ވެރިޔަކު އަނިޔާވެރިކަމަށް ތައްޔާރުވެވަޑައިގެން އަނިޔާވެރިކަމުގެ ވުޖޫދު ނުހަނު ބޮޑަށް ފާޅުވެ ދުލުން އެކަން މަނާކުރުމުންވެސް ވެރިމީހާ އޭނާގެ ރަވައްޔާ ބަދަލުނުކުރައްވައިފި ކަމުގައިވާނަމަ އެވެރިޔާ ވެރިކަމުން ދުރުކުރުމަކީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ޒިންމާއެކެވެ. އެބޭކަލުން އެކަމަށް އެއްބައިވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ. އެކަމަށްޓަކައި ހަތިޔާރު އުފުލައިލައްވާން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސްވެހެވެ. ހަނގުރާމަވެރި ފިޔަވަޅުތަކެއް އަޅުއްވާން ޖެހިވަޑައިގެންނެވިކަމުގައި ވިޔަސްވެހެވެ." ތިރީގައި މިވަނީ إمـــام الحــــــرمـيــــن ގެ ބަސްފުޅެވެ.

"އަނިޔާވެރި ވެރިޔެއްގެ އަނިޔާވެރިކަމާއެކުވެސް އޭނާއަށް ކިޔަމަންވުމުގެ ޙުކުމް އައިސްފައިވާއިރު ހަމައެއާއެކުގައިވަނީ ވެރީންގެ ނުރަނގަޅު މަސައްކަތްޕުޅާއި ކަމުނުދާ ސިޔާސަތާއި ފާސިދު އުޅުއްވުމާމެދު އިޢުތިރާޟުކޮށް އަޑުލުމަށްވެސް އަމުރުކުރައްވައިފައެވެ. ވެރީން އިޙްތިސާބު ކުރުމުގެ (ޖަވާބުދާރީ ކުރުވުމުގެ) މުހިންމުކަމަށްޓަކައިވަނީ އެކަމަކީ أفـضـــل الجـــهــــاد ކަމުގައި ކަނޑައަޅުއްވައިފައެވެ. މާނައަކީ ޙާކިމަށް ކިޔަމަންވުމާ އެކުއެކުގައި އޭނާއަށް ހެޔޮކަންތަކަށް އަމުރުކުރާންޖެހެއެވެ. އޭނާގެ ފުށުން ފެންނަ މުންކަރާތްތައް ނަހީކުރަމުންވެސް ގެންދާންޖެހެއެވެ. ޙާކިމަށް ކިޔަމަންވުމުގެ މާނަޔަކީ އޭނާ ދުވާލަކީ ރޭގަނޑޭ ރޭގަނޑަކީ ދުވާލޭ ވިދާޅުވުމުންވެސް އާދޭހޭ ދެންނެވުމެއް ނޫނެވެ. އޭނާ ކަޅަކީ ހުދޭ ހުދަކީ ކަޅޭ ވިދާޅުވުމުންވެސް ދަލީލެއް ދެއްކުމެއްނެތި ޤަބޫލުކޮށްލުމެއް ނޫނެވެ. މާނައަކީ އޭނާއާ ދެކޮޅަށް ބަޣާވަތްކުރުމުގެ ކުރީން ކަންކަން އިޞްލާޙުކޮށް ރަނގަޅުކުރާން ކުރެވޭންހުރި ހުރިހައި މަސައްކަތެއް ކުރާންޖެހޭނެއެވެ. އެކަމާވިދިގެން ބޭނުންކުރެވުން އެކަށީގެންވާ ހުރިހައި ޙިކުމަތު ޢަމަލީއެއްގެ ބޭނުންކުރާންޖެހޭނެއެވެ. ކިޔަމަންވުމުގެ ޙުކުމް އައިސްފައިވަނީ ޖުމުލަގޮތެއްގައި އިސްލާމްދީނުގެ ހުރިހައިކަމަކަށް ޢަމަލުކުރައްވާ ޙާކިމުންނަށެވެ. އެ އަމީރެއްގެ ވެރިކަމުގެ ސަރަޙައްދުގައި އިސްލާމްދީނުގެ ޙުކުމްތައް ތަންފީޒުކުރައްވާ ޙާކިމުންނަށެވެ. އިސްލާމްދީނަށް ޢަމަލުނުކުރައްވާ ޙާކިމުންނަކަށެއް ނޫނެވެ. ޤުރްއާނާއި ސުންނަތުގެ ޙުކުމްތައް ތަންފީޒުކުރައްވަން ބޭނުންފުޅުނުވާ ޙާކިމުންނަކަށެއް ނޫނެވެ. ނުބައިކަންކަމާއި ލަދުހުތުރު ކަންތައްތައް (ފާފަވެރި ޢަމަލުތައް) ރައްޔިތުންނަށް މަނާނުކުރައްވާ ޙާކިމުންނަކަށެއް ނޫނެވެ. ރާޚާނާތަކާއި އުރެދުންތަކުގެ ހާލިތައް ހަދައި ހިންގުމުގެ ހުއްދަދެއްވާ ޙާކިމުންނަކަށެއް ނޫނެވެ. އެފަދަ ޙާކިމުންނަށް ކިޔަމަންނުވުމާއި އެފަދަ ޙާކިމުންނާ ދެކޮޅަށް ބަޣާވަތްކުރުން ހުއްދަވާނެއެވެ.

"ޝައްކެއްނެތެވެ. ޙާކިމާއަކީ މުސްލިމަކު ކަމުގައިވެފައި އޭނާ ނަމާދު ޤާއިމުކުރުވައި މާތް اللّــه ކަނޑައަޅުއްވައިފައިވާ ޙައްދުތައް ޤާއިމުކުރުވާކަމުގައިވެފައި (އޭގެތެރޭގައި ޤަޛުފުގެ ޙައްދުވެސް ހިމެނެއެވެ.) އޭނާގެ ފުށުން ޖުމުލަގޮތެއްގައި ހެޔޮކަން ފެތުރެމުން ދާކަމުގައިވާނަމަ އޭނާއާ ދެކޮޅަށް ބަޣާވަތްކުރުން ހުއްދައެއް ނުވާނެއެވެ. އެކަމަކު އޭނާ ކުރާ ކުށްތައް އިޙްތިސާބުކުރާން ޖެހޭނެއެވެ. މިސާލެއްގެގޮތުން ބަލައިލަމާ ހިންގަވާށެވެ. މުސްލިމު ވެރިޔަކު ކަމުގައިވިޔަސް އޭނާއަކީ ދީނީ ޚިދުމަތުގައި އުޅޭ މުސްލިމު ޖަމާޢަތްތައް އޭނާގެ ޒާތީ މަޞްލަޙަތަށްޓަކައި ނިރުބަވެރީންކަމުގައި ހައްދަވާ ބޭފުޅެކެވެ. އޭނާއަކީ ދީނީ ޖަމާޢަތަކުން އުފައްދާ ޖާއިޒު އަދި ޖުމްހޫރީ ސަރުކާރުތައް ވައްޓައިލުމުގެ ނުބައި ރޭވުމުގެ ޒިންމާދާރަކަށްވެއެވެ. ފަލަސްޠީނަށް ޣަޞްބުން ވެރިވެގެންތިބި ޔަހޫދީންގެ ދައުލަތާ ގާތް ގުޅުމެއް ބާއްވަވައެވެ. مسجــد الأقــصــــى މިނިވަންކުރައްވާކަށެއް އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވައެވެ. އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ އިސްލާމީ ޖަމާޢަތްތަކަށް ދަތިކުރައްވައެވެ. ބޮޑެތި ބާރުތަކުގެ އިޝާރަތްތަކަށެވެ. އިސްލާމީ ޢިލްމުވެރީންނާއި އިސްލާމީ ޖަމާޢަތްތައް ނިރުބަވެރީންކަމުގައި ހައްދަވައެވެ. އިސްލާމްދީނުގެ ދުޝްމިނުންގެ ފިއްތުންތައް ޤަބޫލުކުރައްވައި އޭނާގެ ޤައުމުގައި ސައިންސާއި މަސައްކަތްތެރިކަން ތަރައްޤީއެއް ނުކުރައްވައެވެ. އެހެންކަމުގައިވާނަމަ އެފަދަ ވެރީން ވިދާޅުވާހައި އެއްޗަކަށް އާދޭހޭ ދަންނަވާކަށެއް ނުޖެހޭނެއެވެ. އިސްލާމްދީނާއި މުސްލިމުންގެ މަޞްލަޙަތުތައް ވިއްކަވަމުން ގެންދަވާއިރު އަތްތިލަބަޑި ޖަހާނީކީ ނޫނެވެ. ޢިލްމުވެރީންގެ ޒިންމާއަކީ ކޮންމެ މުންކަރާތަކަށް އިންކާރު ކުރެއްވުމެވެ. ވެރީންގެ ޖައްބާރުކަމާއި ކޯފާއާއި ފިއްތެވުންތަކުގެ ދަށުވެވަޑައިގެން ޙައްޤުން އެއްކިބާވެވަޑައިގެންނެވުމެއް ނޫނެވެ. ޙާކިމުންނަށް މަގު އޮޅުނަނުދެއްވުމެވެ."

ޢިލްމުވެރީންގެ ޒިންމާ ވަރަށްބޮޑެވެ. މަސްއޫލިއްޔަތުތައް ގިނަގުނައެވެ. އެބޭކަލުންނަކީ މުސްލިމުންގެ ބެންނެވުމާއި ގޮށްޖެއްސެވުމެވެ. އަހްލުވެރީންނެވެ. ބިމުގެ ދިރުމެވެ. ރަސްރަސްކަލުންނަށް އަޅުދާސްވެވަޑައިގަންނަވާ ފަރާތްތަކެއްކަމުގައި އެބޭކަލުން ވެވަޑައިގަންނަވައިގެން ނުވާނެއެވެ. އެބޭކަލުންގެ ޝިޢާރަކަށް ވާންޖެހޭނީ ޙައްޤުބަސް ވިދާޅުވުމެވެ. ޢިލްމުވެރީން އެބޭކަލުންގެ ވާޖިބު އަދާނުކުރައްވާނަމަ އެބޭކަލުން ހިމެނިވަޑައިގަންނަވާނީ "ޢުލަމާއުއްސޫއު" ގެ ތެރެއިންނެވެ. ބަނޫ އިސްރާއީލުގެ މައްޗަށް އިލާހީ ކޯފާއާއި ޢަޒާބު ބާވައިލެއްވީ އެބައިމީހުންގެ ޢިލްމުވެރީން މުންކަރާތްތައް މަނާކުރެއްވުން ހުއްޓައިލެއްވުމުންނެވެ.

"އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!" (المـــــائـــدة: 79)

އަމީރު ނުވަތަ ޙާކިމަކީ ރަނގަޅު ބޭފުޅަކު ކަމުގައިވިޔަސް އެބޭފުޅަކަށް ކިޔަމަންވުމުގައި ހައްދުފަހަނަޅައިދިޔުމަކީ ރަނގަޅުގޮތެއް ނޫނެވެ. އިޙްތިސާބުކުރުމާއި މުންކަރާތް ނަހީކުރުމަކީ އިސްލާމްދީނުގެ ޙުކޫމަތީ ނިޒާމުގައި އެއްވެސް ޙާލެއްގައި ހުއްޓައިލެވޭނެކަމެއް ނޫނެވެ. ކުޑަވެސް ދުލެއްދެވޭނެކަމެއް ނޫނެވެ. އެކަމުގައި ޙިކުމަތު ޢަމަލީއެއް އިޚްތިޔާރު ކުރެވިދާނެއެވެ.

އާދެ، މުސްލިމުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެކަމުގައިވާނަމަ އެމީހެއް އަތުން (ބާރުން) އެކަން މަނާކޮށް ހުއްޓުވަންޖެހެއެވެ. އަތުން މަނާކުރުމުގެ އެކަށޭނަކަމެއް ނެތްކަމުގައިވާނަމަ ދުލުން އެކަން މަނާކުރާންޖެހެއެވެ. އެކަމުގެ ނުބައިކަން ބަޔާންކޮށް ވާހަކަދައްކާންޖެހެއެވެ. މީހުންނަށް ވިސްނައިދީ ހޭލުންތެރިކުރުވާން ޖެހެއެވެ. އެވަރުވެސް ނުކުރެވުނުކަމުގައިވާނަމަ ހިތުން އެކަމާ ދެކޮޅުހަދާން ޖެހެއެވެ. އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ. (މުސްލިމު)

الشّــيــخ محــمّد عـــبـــده ގެ ޚިޔާލުފުޅު

الشّــيــخ محــمّد عـــبـــده އަކީ މިޒަމާނުގެ ވަރަށްމަތީ ދަރަޖައިގެ ޢިލްމުވެރިޔެކެވެ. މުސްލިމުންގެ މަޝްހޫރު ސިޔާސީ مـفكّـــر ســيـّـد جـمــال الــدّيـــــن الأفــغــــانــــــى ގެ ޚާއްޞަ ދަރިވަރެވެ. شــيــخ محــمّد عـــبـــده ވިދާޅުވާގޮތުގައި އޭރަކު ހުންނަވާ ޙާކިމަކީ ސްޓޭޓުގެ މިލްކުވެރިޔާއެއް ނޫނެވެ. އޭނާއަކީ ދައުލަތުގެ އެންމެހައި ރައްޔިތުންގެ ފަރާތުން ހުންނަވާ ވަކީލެކެވެ. އުންމަތުގެ އިންތިޒާމީ ވަކީލެކެވެ. ހުރިހައި އިޚްތިޔާރުތަކަކާއި ބާރުތަކެއްގެ ނާރެހަކީ އުންމަތެވެ. މަޞްލަޙަތު ލާޒިމުކޮށްފި ކޮންމެ ހިނދެއްގައި އުންމަތުގެ ވަކީލު މަޤާމުން ދުރުކުރުމަކީ އުންމަތަށް ލިބިފައިވާ ބާރެކެވެ. އިޚްތިޔާރެކެވެ. ޙާކިމަކު ހުންނަވާންޖެހެނީ ތަމައްދުނީ ބޭނުމަކަށްވާތީއެވެ. އިސްލާމީ ދައުލަތެއްގައި ޙާކިމަކު ޢައްޔަންކުރެވެނީ ދައުލަތުގައި މާތް اللّــه ގެ ފޮތަށާއި އެކަލާނގެ ރަސޫލާގެ ސުންނަތަށް ޢަމަލުކުރުވުމަށްޓަކައެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރުވުމަށްޓަކައެވެ. ކުރީންވެސް ދެންނެވި ފަދައިން ޙާކިމަކީ އުންމަތުގެ ވަކީލެވެ. ވަކީލު އޭނާގެ ވާޖިބު އަދާނުކުރައްވާ ކަމުގައިވާނަމަ އުންމަތުގެ މައްޗަށް ލާޒިމުވެގެންވަނީ ވަކީލު ބަދަލުކުރުމެވެ. އިންތިހާދަރަޖައިގެ ބޮޑު ނުބައެއް ނުކުމެދާނެކަމުގެ ބިރު އުފެދިފައިނުވާ ކޮންމެ ޙާލަތެއްގައެވެ. (الاعــمـــال الـكـــامــلــة، للشّــيــخ محــمّد عـــبـــده ޖިލްދު: 3، ޞަފުޙާ: 307)

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާއިރު ކޮންމެ ޒަމާނެއްގައިވެސް އިސްލާމީ ދުނިޔޭގައި ކަންކަން ނުބައިން ނުބަޔަށްދަނީ ދީނީ ޢިލްމުވެރީންގެ ރަވައްޔާ ނުރަނގަޅުވުމުންނެވެ. އެބޭކަލުން ޒާތީ މަޞްލަޙަތުތަކުގައި ރަނގަޅުނޫން ގޮތްގޮތަށް ސަރުކާރަށް އެއްބާރުލުން ދެއްވާން ފެއްޓެވުމުންނެވެ. ނުބައި ދަންނަބޭކަލުން ނުބައި ޙާކިމުންގެ ނުރަނގަޅު ސިޔާސަތުތައް ޙިމާޔަތްކުރައްވާން ފެއްޓެވުމުންނެވެ. ޖާހާއި މުއްސަނދިފުޅުކަމާއި މަޤާމުތަކުގެ ދަހިވެތިކަމުގައި ނުބައި ފަތުވާތައް ނެރުއްވާން ފެއްޓެވުމުންނެވެ. މާތް اللّــه ގެ ބިން އެފަދަ ޢިލްމުވެރީންގެ ކިބައިން ސަލާމަތަށް އެދެއެވެ. މާތްވެގެންވާ މަލާއިކަތުން އެފަދަ ޢިލްމުވެރީންނަށް ނަފުރަތު ކުރައްވައެވެ. ކާއިނާތުގެ ހުރިހާ ޒައްރާތަކެއް އެފަދަ ދަންނަބޭކަލުންނާމެދު ދެކެނީ ބިންމަތީގައިވާ ބަރެއްކަމުގައެވެ.

އިސްލާމީ އުންމަތާމެދު ހެޔޮކަމެއްގެ އުންމީދުކުރެވޭނީ ޢިލްމުވެރީން ޙައްޤުގޮތުގައި ސާބިތުވެވަޑައިގެން ތިއްބަވާހައި ހިނދަކުއެވެ. ފަސްޖެހިވަޑައިގެންނެވުމެއްނެތި ޙައްޤު ބަސްފުޅު ވިދާޅުވަމުން ގެންދެވުމުންނެވެ. އުންމަތަށް ހެޔޮއެދިވަޑައިގަންނަވާ ފިސާރި ކެރިވަޑައިގަންނަވާ ބޭކަލުންކަމުގައި ވެވަޑައިގެންނެވުމުންނެވެ. އެބޭކަލުން ބާޠިލާމެދު ހަނުތިއްބެވުމުން ދުރުވެވަޑައިގެންނެވުމުންނެވެ. އެބޭކަލުންނަކީ ޙައްޤުބަސް ވިދާޅުވުމުގައި އެކެއްގެވެސް މަލާމާތަކަށް ބިރުފުޅުނުގަންނަ އެކަކުދީފާނެ އަދަބަކަށްވެސް ޑަރުހީފުޅުނުވާ ބޭކަލުންކަމުގައި ވެވަޑައިގެންނެވުމުންނެވެ. މިދެންނެވިފަދަ ބިރުފުޅެއް ސިހުމެއްނެތް ޢިލްމުވެރީންގެ ޙައްޤުބަސް ވިދާޅުވުމަކީ އެބޭކަލުންނަށް މާތް اللّــه ދެއްވައިފައިވާ މަތިވެރި މަޤާމާއި ދަރުމައިގެ ޙައްޤު އަދާކުރެއްވުމެވެ. ދީނުގެ ޝާން ޝައުކަތު ދެމިހުންނާނީ އެފަދަ ކެރިވަޑައިގަންނަވާ ޢާލިމުންގެ ވާސިޠާއިންނެވެ. އިންސާނިއްޔަތުގެ އަބުރު ދެމެހެއްޓޭނީ އެފަދަ ބޭކަލުންގެ ފަރާތްޕުޅުންނެވެ. އިސްލާމީ ޢާލަމުގެ ނިތްކުރީގެ ގަހަނާއަކީ އެފަދަ ބޭކަލުންނެވެ. އެފަދަ ބޭކަލުންގެ ޢަދަދު ކިތަންމެ މަދުވިކަމުގައި ވިޔަސްވެހެވެ. އުންމަތުގެ ފަސްގަނޑުގެ ދިރުމަކީ އެބޭކަލުންނެވެ.

(ނުނިމޭ)