ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު)ގެ ޝަރީއަތް ސިއްރުކޮށްފިއެވެ.
އިސޫގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި މަރާލުމަށް އެހީތެރިވެދީފައިވާތީއެވެ.
އަހަނދުގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީއެވެ.
ގަޓު މުއާއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެމީހުންގެ މައްޗަށް މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ދައުވާ އުފުލި އިރު، އެ މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވީ ނޫސްވެރިންނާއި އާއްމުންނަށް ވެސް ވަދެވޭ ގޮތަށް ހުޅުވާލައިގެންނެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުންނާއި ދައުވާލިބޭ މީހުންގެ ތެރެއިން އިސޫގެ ވަކީލް ހަމްޒާ ލަތީފްވެސް ވަނީ ޝަރީއަތް ސިއްރުކޮށްދޭން އެދިފައެވެ.
"ދައުލަތުން މިގޮތަށް މި އެދޭ ސަބަބަކީ މި މައްސަލައިގެ މައުލޫއާ ގުޅިގެން ވާހަކަދައްކާއިރު، ދެކެވޭ ވާހަކަތަކެއްގެ ސަބަބުން މި މައްސަލައިގައި ހިމެނޭ އެކިއެކި ފަރާތްތަކަށް އަނިޔާ ލިބުމުގެ ފުރުސަތު އޮތުމާއި އެމީހުންގެ މަސްލަހަތު ރައްކާތެރިކުރުމާއި އަދި މި މައްސަލައިގެ އެކިއެކި ބައިތައް މިހާރުވެސް ތަހުގީގުކުރެވެމުންދާތީވެ، ޝަރީއަތުގައި ދެކެވޭ ވާހަކަތަކެއްގެ ސަބަބުން ތަހުގީގަށް ހުރަސް އެޅުމުގެ ފުރުސަތު އޮވެ އެފަދަ މައުލޫމާތުތައް ހާމަވެ، އަދުލުއިންސާފު ގާއިމުކުރަން ހުރަސް އެޅިދާނެތީ،" އަޑުއެހުންތައް ސިއްރުކޮށްދޭން އެދުނު ސަބަބު ތަފުސީލު ކޮށްދެއްވައި ދައުލަތުން ބުނެފައިވެއެެވެ.
އެ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހަވީރު 4:00 ގައި، ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ދުވަހުގެ ޝެޑިއުލްގައި ބަޔާންކޮށްފައި އޮތް ގޮތުން އެ އަޑުއެހުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެނެވެ.
ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގައެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަން، މަރު ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޓެރަރިސްޓު ޖަމާއަތް އައިސިސް އަދި އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހުވަނީ ކަނޑު ފައްތާފައެވެ. ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ. ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވައި ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.
ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި މީގެ ކުރިން ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާތަކެއް އުފުލިއެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އެ ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖޭން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފައެވެ.
ޔާމީން ރަޝީދު މަރާލާފައި ވަނީ، 23 އޭޕްރިލް 2017ގެ ރޭ އޭނާ މާލޭގައި ދިރިއުޅުން ގެންދިޔަ ގޭގެ ސިޑި ގޮޅީީގައެވެ. ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
އޭގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. ދަށު ކޯޓުގައި ކުށް ސާބިތުނުވާ މީހުންގެ ތެރެއިން އިސްމާއީލް ރަޝީދާއި މުހައްމަދު ދިފްރާންގެ މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދެން ހިމެނޭ ދެ މީހުންގެ މައްސަލަ އިސްތިއުނާފު ނުކުރަން ވަނީ ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު