ޚަބަރު

ސިފައިންގެ ހިދުމަތުގައި އަންހެނުންގެ އަދަދު މަދު، ހާލަތު ބަދަލުކުރަން ޖެހޭ: މާރިޔާ

މުހައްމަދު އިޝާން

ސިފައިންގެ ހިދުމަތުގައި އަންހެނުންގެ އަދަދު މަދު ކަމަށާއި ސިފައިންގެ ވަޒީފާއަށް އަންހެނުން އިތުރުކޮށް މިހާރުގެ ހާލަތު ބަދަލުކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޅ. މާފިލާފުށީގައި މިއަދު ބޭއްވި އެމްއެންޑީއެފްގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕާސިން އައުޓް ޕްރޭޑުގައި ތަމްރީނު ފުރިހަމަކުރި ސިފައިންނަށް ސެޓްފިކެޓް ހަވާލުކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސަރުކާރުން ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ގާއިމުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އަންހެނުންނަށް ސިފައިންގެ ތެރެއިން ކުރިއަށް ދިއުމުގެ ފުރިސަތު ކުރިއަށްވުރެ ބޮޑަށް އޮންނާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްއެންޑީއެފްގެ އިސް ރޭންކުތަކުގައި އަންހެނުން ތިބި ނަމަވެސް އެންމެ އެކަށީގެންވާ އަދަދަށް އަންހެނުން ނެތް ކަމަށެވެ.

"އަދަދުގެ ގޮތުން އަދިވެސް އަންހެނުން ވަރަށް މަދު. މި ހާލަތު ބަދަލުކުރުމަށް ކުރިމަގުގައި ރޭވުންތެރި މަސައްކަތްތަކެއް އަސްކަރިއްޔާއިން ކުރަށްޖެހޭ. އަދި ފުރުސަތުތައް ގިނަ މި ހިދުމަތާ ގުޅުމަށް ދިވެހި އަންހެން ކަނބަލުނަން އަޅުގަނޑު އިލްތިމާސްކުރަން،" މާރިޔާ ވިދާޅުވިއެވެ.

ސިފައިން ކުރަމުންގެންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި މާރިޔާ ވިދާޅުވީ، ރައްޔިތެއްގެ ހައިސިއްޔަތުން އަދާކުރެވޭނެ އެންމެ މަތިވެރި ޒިންމާއަކީ ގައުމާއި ރައްޔިތުންގެ ސަލާމަތަށް މަސައްކަތް ކުރުން ކަމަށެވެ. ސިފައިންނަކީ އެ މަސައްކަތް ފަސްޖެހުމެއްނެތި ކުރަމުންގެންދާ ފަހުރުވެރި ބައެއް ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށް ދިނުމަށް ސިފައިންގެ ވެލްފެއާގެ ތަރައްގީއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ސިފައިންގެ އެކުވެރިކަމުގެ ސަބަބުން ގައުމުގެ ދިފާއީ އައްޑަނަ ވަރުގަދަވެފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.