ގައުމީ ހާފު މެރަތަން ރެކޯޑު މުގުރާލިތާ އެންމެ އަށް ދުވަސް ތެރޭގައި ސަމްހާ އަހުމަދު, ގައުމީ މެރަތަން ރެކޯޑުވެސް މުގުރާލައިފިއެވެ.
ސަމްހާ ގައުމީ އަންހެން މެރަތަން ރެކޯޑު މުގުރާލީ ޖަރުމަނުގެ ބާލިންގައި މިއަދު ކުރިއަށްދިޔަ ބާލިން މެރަތަންގައި ދުވެގެންނެވެ. ސަމްހާ މިއަދު މެރަތަން ފުރިހަމަ ކުރީ ތިން ގަޑިއިރާ ދެ މިނެޓް، 41 ސިކުންތުންނެވެ. އޭނާ މިއަދު މުގުރާލީ 2019 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) ހަދާފައި އޮތް ރެކޯޑެކެވެ. މަރީ އެފަހަރު ރެކޯޑު ހަދާފައި އޮތީ ތިން ގަޑިއިރާ 21 މިނެޓް، 54 ސިކުންތުން މެރަތަން ފުރިހަމަ ކޮށްގެންނެވެ. ސަމްހާ މިއަދު މެރަތަން ނިންމި ޓައިމިންއަށް ބަލާ އިރު، އޭނާގެ ފަރާތުން ބޮޑު ކުރިއެރުމެއް ފާހަގަވެފައިވެއެވެ.
ސަމްހާ މީގެ އަށް ދުވަސްކުރިން، މިމަހުގެ 17 ވަނަ ދުވަހު ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފު މެރަތަން ކެޓަގަރީގައި ވާދަކޮށް، ގައުމީ ހާފު މެރަތަން ރެކޯޑު މުގުރާލީ އެއް ގަޑިއިރާ 27 މިނެޓް 51 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސަމްހާ އެފަހަރުވެސް މުގުރާލީ މަރީ އަތުގައި އޮތް ގައުމީ ހާފު މެރަތަން ރެކޯޑެވެ. މަރީ ހާފު މެރެތަންގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައި އޮތީ މި އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި އޮތް ރަކަލް ހައިމާ ހާފު މެރެތަންގައެވެ. އޭރު މަރީގެ ޓައިމިން އަކީ އެއް ގަޑިއިރާ 30 މިނެޓް، 46 ސިކުންތެވެ.
އުމުރުން 41 އަހަރުގެ ސަމްހާ ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑުވެސް މުގުރާލައިފައެވެ. ސަމްހާ އެ ރެކޯޑު މުގުރާލީ އޭނާ ދިރިއުޅެމުންދާ ޖަރުމަނުގެ ލެވަކޫސަންގައި އޮތް ރޭހެއްގައި ވާދަކޮށްގެންނެވެ. ސަމްހާ ފަސް ކިލޯމީޓަރުގެ ރެކޯޑު މުގުރާލި ރޭސް ނިންމީ 20 މިނެޓް، އަށް ސިކުންތުންނެވެ. ސަމްހާ އެފަހަރު މުގުރާލީ މިއަހަރު ޔޫއޭއީގައި އޮތް އިވެންޓެއްގައި އަރަމުން އަންނަ ދުވުންތެރިޔާ، އާމިނަތު ޖާއިޝާ ޖުނީޒް ހަދާފައިވާ ރެކޯޑެކެވެ.
ސްޕްރިންޓް ދުވުންތެރިއެއްގެ ގޮތުގައި ކުރިން ވިދާލި ސަމްހާ، އޭނާގެ ދުވުން މިޑްލް އަދި ލޯންގް ޑިސްޓެންސަށް ބަދަލުކޮށް، އަނެއްކާވެސް އާ މިސްރާބަކަށް ޖެހީ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ގެ ކޯޗުކަމުގައެވެ. ސަމްހާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއްވަނީ ކޯޗު ކަމަށް އޭނާ ކުރިންވެސް ފާހަގަކުރި އިރު، ކޯޗު ނަސްރުގެ ނަޒަރުގައި ސަމްހާއަކީ ނަމޫނާ އެތުލީޓެކެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް