މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

ފްރޮންޓޮން ކިންގް އައިބީސީ އިވެންޓަށް ރާއްޖޭގެ ޖޫނިއާ ޓީމު ފޮނުވަން މަސައްކަތް ކުރަނީ

ސްޕެއިންގެ ކެނަރީ އައިލެންޑްގެ ގްރާން ކެނޭރިއާގައި އަންނަ މަހު އޮންނަ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ އިވެންޓް، ފްރޮންޓޮން ކިންގްގައި ރާއްޖޭގެ ޖޫނިއާ ބޮޑީބޯޑިން ޓީމެއް ބައިވެރިކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުނެފިއެވެ.

އަންނަ މަހުގެ 15-30 އަށް ކެނަރީ އައިލެންޑްސްގައި ކުރިއަށްދާނެ ވޯލްޑް ބޮޑީބޯޑިން ޓުއާ އިވެންޓަކީ މިއަހަރުގެ ޗެމްޕިއަނުން ކަނޑައަޅާނެ އެންމެ ފަހު އިވެންޓެވެ. ރާއްޖޭގައިވެސް މިއަހަރު ވޯލްޑް ޓުއާ އިވެންޓެއް ކާމިޔާބުކަމާއެކު ބާއްވާފައިވާ އިރު، އެ އިވެންޓް ޖޫނިއާ އެތުލީޓުންނަށް ހާއްސަ ވަނީ އެ އެތުލީޓުންގެ ދުނިޔޭ ރޭންކިން ހިފެހެއްޓުމަށެވެ.

ހާއްސަކޮށް، އެންމެފަހުން އިއުލާނުކުރި ރޭންކިންއަށް ބަލާ އިރު، ރާއްޖޭގެ ހުނަރުވެރި ޒުވާން ބޮޑީބޯޑަރު، އާމިން އުމަރު މޫސާ ވަނީ ދުނިޔޭ ރޭންކިންގެ ތިންވަނަ މަގާމަށް ޖެހިލައިފައެވެ. އެންމެފަހުން ރާއްޖޭގައި ބޭއްވި ބޮޑީބޯޑިން ޓުއާގެ އިވެންޓްގެ ޖޫނިއާ ބައިން ފައިނަލަށް ގޮސް، ރާއްޖެ ފަހުރުވެރިކޮށްދިން އާމިން އަކީ މިހާރު ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ތިންވަނަ ބޯޑަރެވެ. އެއީ ބޮޑީބޯޑިންގެ ދުނިޔޭގެ ރޭންކިންގައި ދިވެއްސަކަށް ހޯދުނު އެންމެ ބޮޑު ކާމިޔާބުވެސްމެއެވެ. އަދި އެއީ ހުރިހާ ކުޅިވަރަކަށް ބަލާއިރުވެސް ބޮޑު ކާމިޔާބީއެކެވެ.

"ބޮޑީބޯޑިން އެސޯސިއޭޝަންގެ ވިސްނުން ހުރީ ޒުވާން ޓީމެއް އެއްކޮށް ކެނޭރިއާގައި އޮންނަ މުބާރާތަށް ގެންދަން. އެ ގެންދަން ރޭންކިންއާއި އިތުރު ކަންކަމަށްވެސް ބަލާނެ. މިހާރު އޮތް ގޮތުން ކޮންމެހެންވެސް އާމިންއަށް ހާއްސަ އިސްކަމެއް ދެވެނޭ. ޓީމެއް ފޮނުވަން ހިނގާނެ ހަރަދާ އެއްކޮށް ލިޔެކިޔުމަށް ގެނެސް އެ ހަރަދު ހޯދުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ. އެ މަސައްކަތުގައި އެކިއެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުން މިދަނީ. ޓީމެއް އެކުލަވާލެވިފައި އޮތީވެސް، އެކަމަކު އެހެން ކަންކަމަށްވެސް ބަލައި ޓީމެއް ފޮނުވަން މަސައްކަތް ކުރަމުން ދަނީ،" އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) "ވަން" އަށް ވިދާޅުވިއެވެ.

ރަޝް ފާހަގަކުރެއްވީ ޓުއާއަށް ޓީމެއް ފޮނުވުމަކީ ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމަކަށްވުމުން، އެކަމުގައި ގައުމީ އެކިއެކި ލެވެލްތަކުން އެހީތެރިކަން ބޭނުންވާނެ ކަމަށާއި، އެކަމަށް އަންނަނީ މަސައްކަތްތައް ކުރެވެމުން ކަމަށެވެ.

މިފަހަރު ރާއްޖޭގައި ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯ 2022 ގައިވެސް ޖޫނިއާ ބައިގައި ދިވެހި ބޮޑީބޯޑަރުން ވަނީ ތަފާތު ދައްކައިފައެވެ. އެގޮތުން ޖޫނިއާ އޯޕަން ކެޓަގަރީގެ ސެމީ ފައިނަލުގައި ދިވެހި ތިން އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ އާމިންގެ އިތުރުން ޖަރީޝް ޖިހާދު އާއި ޝިމާލް ޝަމީމް (ޝިމައްލެ) އެވެ.

ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕްރޯގެ ކާމިޔާބީއާ އެކު އާމިން ވެފައިވަނީ ދުނިޔޭގެ ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ ފައިނަލެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި އެތުލީޓަށެވެ.

މިދިޔަ ހަފުތާގައި އާންމުކުރި ރޭންކިންގައި ޖޫނިއާ ލެވެލްގައި އާމިން ތިންވަނައިގައި އޮތް އިރު، ދުނިޔޭގެ އެއްވަނައިގައި 2000 ޕޮއިންޓާ އެކު ފަސް ބޮޑީބޯޑަރަކު އޮތެވެ. އެއީ ޕޯޗުގަލްގެ ޖޮއެލް ރޮޑްރިގޭސް، ސްޕެއިންގެ ގަބްރިއެލް މޮލީނާ އާއި ޖޯޖް ހެނާންޑޭޒް، ޕެރޫގެ މައިކޯލް ޔަންސޭ އަދި ބްރެޒިލްގެ ޕައޮލޯ ގަލާޓީއެވެ. މޮލީނާއަކީ މޯލްޑިވްސް ޕްރޯގައި އާމިންއާ ފައިނަލުގައި ވާދަކުރި ބޮޑީބޯޑަރެވެ.

އާމިން ރޭންކިންގެ ތިންވަނައިގައި އޮތީ ޖުމުލަ 1720 ޕޮއިންޓާއެކުގައެވެ. ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން އާމިންގެ އިތުރުން ތިންވަނައިގައި ހިމެނޭ ބޮޑީބޯޑަރުންނަކީ ޕެރޫގެ ނިކޮލަސް އެސްޕިނޯޒާ އާއި ފަބިއޯ ސާވެދްރާ، ބްރެޒިލްގެ ގިލެރްމޭ މޮންޓަނެގްރޯ އަދި ހޯސޭ އޮގަސްޓޯއެވެ.