އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އަށް ޓޫރިޒަމަށް ރަށްތައް ދޫކުރުމުގެ މައްސަލަތައް އާއްމު އުސޫލުގެ ދަށުން ހުށަހެޅޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ސައީދާއި ޒުހޫރު މިހެން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަމުންނެވެ.

ވ. އާރަށް މައްސަލައިގައި ހެކިބަސް ދެއްވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވ. އާރަށް ފިޝަރީޒް މިނިސްޓްރީގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ހުށަހެޅީ، އީވައިސީގައި އެޖެންޑާކޮށްގެން އީވައިސީއަށް ހުށަހަޅައިގެން ކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ހެކިބަސް ދިނުމުގެ އަޑުއެހުމުގައި ސައީދު ވިދާޅުވީ، 2013 އިން 2018 އަށް އޭނާ އިއީވައިސީ ގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެ ކައުންސިލުގައި އޭނާގެ އިތުރުން، ފިޝަރީޒް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާއި ޔޫތު މިނިސްޓަރާއި ފިނޭންސް މިނިސްޓަރު ހިމެނޭ ކަމަށާއި އެ ކައުންސިލުގެ ޗެއާ އަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސް ކަނޑައަޅުއްވާ ފަރާތެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އީވައިސީގެ އެޖެންޑާ، އެއް ދުވަސްކުރިން އާއްމު ގޮތެއްގައި ލިބޭނެ ކަމަށާއި އީވައިސީއަށް ހުށަހަޅާ ކަންކަމާއި އީވައިސީން ނިންމާ ނިންމުމެއް ޔައުމިއްޔާއެއްގެ ގޮތުގައި ތައްޔާރުކޮށް، އީވައިސީގައި ބައިވެރިވި ވަޒީރުން ސޮއިކުރާނެ ކަމަށެވެ. ޔައުމިއްޔާ ރައީސުލްޖުމްހޫރިއްޔާ އެންޑޯސް ކުރައްވާ ހިސާބުން އެ ނިންމުމަކަށް ތަންފީޒީ ބާރު ލިބިދޭ ކަމަށާއި އީވައިސީގެ ނިންމުން ރައީސަށް ގެންދަވާނީ އީވައިސީގެ ސެކްރެޓޭރިއޭޓުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އީވައިސީން ކަމެއް ނިންމިޔަސް ރައީސް އެންޑޯސް ނުކުރައްވަނީސް އެ ނިންމުމަށް ތަންފީޒީ ބާރެއް ނުލިބޭ ކަމަށެވެ.

ސައީދު ވިދާޅުވީ، އޭނާ އީވައިސީގައި މަސައްކަތްކުރިއިރު ވ. އާރަށާ ގުޅޭ މުއާމަލާތެއް ހިންގިކަން ހަނދާނުގައި ނެތް ކަމަށެވެ. ނަމަވެސް އާންމު އުސޫލެއްގެ ގޮތުން އީވައިސީއަށް ހުށައެޅޭނީ އިގްތިސާދާއި މާލިއްޔަތާއި ޒުވާނުންނާ ގުޅޭ ބޮޑެތި މައްސަލަތައްކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، ފިޝަރީޒުން ޓޫރިޒަމަށް ފަޅު ރަށްރަށް ބަދަލު ކުރުމަކީ އާންމު އުސޫލުން ހުށައެޅޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، އީވައިސީގެ ޔައުމިއްޔާއެއްގައި ވަޒީރުން ސޮއިނުކުރައްވާނަމަ އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށެވެ.

އީވައިސީއާ ގުޅޭ ގޮތުން، ހެކިބަސް ދެއްވަމުން ޒުހޫރުވެސް ވަނީ އީވައިސީއަށް ފަޅު ރަށްރަށް ބަދަލުކުރަން ހުށަހެޅުމަކީ އާއްމު އުސޫލު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ވަޒީރުން ސޮއިނުކުރައްވާ ޔައުމިއްޔާ ސައްހަ ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އާރަށް މައްސަލައިގައި މިއަދު ވަނީ، ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒްގެ ހެކިބަސްވެސް ނަގައިފައެވެ. އޭނާގެ ހެކިބަސް ނަގައިފައިވަނީ ރައީސް އޮފީހުން ފޮނުވާ ސިޓީތަކާ ގުޅޭ ގޮތުންނެވެ.

މިއަދު ނެގި ތިން ހެކީންނާއެކު ވަނީ އާރަށް މައްސަލައިގައި ޝަފައީ ހެކީންގެ ހެކިބަސް ނަގައި ނިމިފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެކެވެ. އެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވިއެވެ. ނަމަވެސް އެ އަޑުއެހުން ފަސްކުރެވޭ ނަމަ ވަކީލުންނަށް އަންގަވާނެ ކަމަށް ވިދާޅުވިއެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށެވެ. އަދި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.