އެތުލެޓިކްސް

ސާއިދު އެއްވަނަ މަގާމު ދަމަހައްޓައިފި، އަންހެން އެންމެ މޮޅު އެތުލީޓަކަށް ޖައިޝާ

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ދިވެހި ސިފައިން ކްލަބުގެ ހަސަން ސާއިދު ހޮވުނު އިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންސްގެ އާމިނަތު ޖައިޝާ ޖުނީޒް ހޮވިއްޖެއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދިޔަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ވަނީ ނިންމާލައިފައެވެ. މިއަދުގެ އިވެންޓްތައް ނިންމާލި އިރު، ސިފައިންގެ ކްލަބުގެ ސާއިދު ވަނީ ފަސް ރަން މެޑަލް ހޯދައިފައެވެ. އެއީ އިންޑިވިޖުއަލް ތިން ކެޓަގަރީގައި ހޯދި ރަން މެޑަލްތަކުގެ އިތުރުން ރިލޭގެ ދެ އިވެންޓަކުން އޭނާ ހޯދި ދެ ރަން މެޑަލްއެވެ.

ސާއިދު އިންޑިވިޖުއަލް ރަން މެޑަލް ހޯދީ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރުގެ ދުވުމުންނެވެ. އޭގެ އިތުރުން ދެން އޭނާ ރަން މެޑަލް ހޯދީ ރިލޭގައި 400 ގުނަ 100 އާއި 4 ގުނަ 400ގެ އިވެންޓްތަކުންނެވެ. އެ ދެ ރިލޭވެސް ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބުންނެވެ.

ސާއިދަކީ އެންމެފަހުން ބޭއްވި މައިލޯ އެސޯސިއޭޝަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އިތުރުން މީގެ ކުރިން ބޭއްވި ގައުމީ ދެ މުބާރާތުގެވެސް އެންމެ މޮޅު ފިރިހެން އެތުލީޓެވެ. އެ ތިން މުބާރާތުގައިވެސް އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިޝަތު ހިމްނާ ހަސަން މިފަހަރުގެ ގައުމީ މުބާރާތުގައި އިންޑިވިޖުއަލް ޓްރެކް އިވެންޓްތަކުގައި ވާދަކޮށްފައެއް ނުވެއެވެ.

ހިމްނާ ވަނީ ކްލަބު ރާވެރިޔާއާއެކު ހަތަރެއް ގުނަ 100 ރިލޭގެ އިތުރުން ހަތަރެއް ގުނަ 400 ރިލޭއިންވެސް ރަން މެޑަލް ހޯދައިފައެވެ.

މިދިޔަ އަހަރު އެތުލެޓިކްސް ގްރޯން ޕްރީގައި އެއްވަނަ އަންހެން އެތުލީޓް ހޯދި ޖައިޝާއަށް މިއީ ކާމިޔާބު ޗެމްޕިއަންޝިޕެކެވެ.

ޑިސްޓެންސް ހުރިހާ އިވެންޓްތަކެއްގައި ޖައިޝާ ރަން މެޑަލް ހޯދި އިރު، އޭނާ ވަނީ 5000 މީޓަރު، 1500 މީޓަރު އަދި 800 މީޓަރުން ރަން މެޑަލް ހޯދައިފައެވެ. ޖައިޝާއަށް މިފަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 5000 މީޓަރުގެ ރޭހުން މުގުރާލެވުނު ގައުމީ ރެކޯޑެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުރިއަށްދިޔަ ވުމަންސް އޯޕަން 5000 މީޓަރު ރޭހުގައި ދުވެ، ޖައިޝާ އެއްވަނަ ހޯދީ 19 މިނެޓު 43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއާއެކު ޖައިޝާ ވެފައި ވަނީ 20 މިނެޓަށްވުރެ އަވަހަށް 5000 މީޓަރު ރޭހެއް ދުވި ރާއްޖޭގެ ފުރަތަމަ އަންހެން އެތުލީޓަށެވެ.

ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މިފަހަރު ފާހަގަކޮށްލެވުނު އިތުރު އިވެންޓުތަކަށް ބަލައި އިރު، މިއަދު 800 މީޓަރު ފިރިހެން ދުވުމުގައި ދިވެހި ސިފައިންގެ ކްލަބުގެ ހުސައިން ފަޒީލް ހާރޫން ވަނީ އޭނާގެ ތިންވަނަ ރަން މެޑަލް ޔަގީންކޮށްފައެވެ. އޭނާ ރޭސް ނިންމީ އެއް މިނެޓާއި 58.16 ސިކުންތުންނެވެ. އޭގެ އިތުރުން ފަޒީލް ރަން މެޑަލް ހޯދީ 5000 މީޓަރާއި 1500 މީޓަރު ދުވުމުންނެވެ.