ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.
"މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީހުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް" އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކުވެސް މި ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކަށް ގެންނަމުން އަންނަ ތަރައްގީއަކީ މީގެ ކުރީގެ އަހަރުތަކުގައި ގެނެސްދީފައިވާ ތަރައްގީއަށްވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްގީއެއް ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިިމިޓެޑާ ދެމެދު މާދަމާ ސޮއިކުރާނެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހަދާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެއެވެ
ޖުމުލަ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ-320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެއެވެ.
އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު