ފުޓްސަލް

ޓެކާސް ރިސޯޓް ކަޕްގެ ފެށުން މާދަމާ ކްރޮސްރޯޑްސްގައި، ފޯރިގަދަވާނެ!

ޓެކާސް މޯލްޑިވްސްގެ ޓެކާސް ރިސޯޓް ކަޕްގެ ކ. އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތް މާދަމާ ކްރޮސްރޯޑްސްގައި ފަށަން ތައްޔާރުވެއްޖެއެވެ.

ކާފު އަތޮޅުގެ ދެކުނުން މާދަމާ ފަށާ ކްރޮސްރޯޑްސްގެ މުބާރާތުގައި 12 ޓީމަކުން ވާދަކުރާނެއެވެ. އެ އަތޮޅުގެ މެޗުތައް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ގްރޫޕް ސްޓޭޖުގެ މެޗުތައްވެސް ފޯރިގަދަވާނެކަން އެނގިގެން ދަނީ ޓީމުތަކުން މިހާތަނަށް ވަމުންދާ ތައްޔާރީތަކުންނެވެ. ހުރިހާ ރެސޯޓަކުން ފެންވަރު ރަނގަޅު ކޯޗުންނާއެކު ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައި އޮތް އިރު، މާދަމާގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕޮންސަރުންނާއި އެކިއެކި ޕާޓްނަރުންވެސް ބައިވެރިވާނެ ކަމަށް ޓެކާސްއިން ބުނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މާދަމާގެ ފުރަތަމަ މެޗުގައި ހޯސްޓް ކްރޮސްރޯޑްސްއިން ނުކުންނާނީ ވެލައްސަރާ ދެކޮޅަށެވެ. އަދި އޭގެ ފަހުން ކުޅޭ މެޗުގައި އޮޒެން ރެސާވް ބޮލިފުށިން ނުކުންނާނީ ވޮލްޑޯފް އޮސްޓޯރިއާއާ ދެކޮޅަށެވެ.

ކ. އަތޮޅު ދެކުނު ބިތުގެ ގްރޫޕުތައް

  • ގްރޫޕް އެކެއް: ވެލެއްސަރު މޯލްޑިވްސް، ކްރޮސްރޯޑްސް މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް
  • ގްރޫޕް ދޭއް: އޮޒެން ރެސާވް ބޮލިފުށި، ވޮލްޑޯފް އެސްޓޯރިއާ، ފިހާޅޮހި
  • ގްރޫޕް ތިނެއް: އެމްބޫޑޫ ވިލޭޖް، އަދާރަން ޕްރެސްޓީޖް ވާދޫ، އަނަންތަރަ މޯލްޑިވްސް
  • ގްރޫޕް ހަތަރެއް: ތާޖު އެކްސޮޓިކް، ސާއީ ލެގޫން މޯލްޑިވްސް، އޮޒެން ލައިފް މާދޫ

ކ. އަތޮޅުގެ ދެކުނު ބިތުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ނިމޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެ ސަރަހައްދުގެ ފައިނަލް އޮކްޓޯބަރު ފަސްވަނަ ދުވަހު ކުޅޭނެއެވެ.

ސައުތް ކާފް އަތޮޅުގެ އިތުރުން ދެން މުބާރާތް ކުރިއަށް ދާނީ އދ. އަތޮޅާއި އއ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅުގެ އިތުރުން ނ. އަތޮޅާއި ނޯތް ކާފު އަތޮޅުގެ ޓީމުތަކުގެ މެދުގައެވެ. އޭގެ ތެރެއިން ރަޖިސްޓްރޭޝަން ބަންދު ނުވެ އޮތީ އދ. އަތޮޅުގެ ޓީމުތަކަށް އެކަންޏެވެ. އެހެން ހުރިހާ އަތޮޅުތަކެއްގެ ޓީމުތައް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. މިހާތަނަށް މުބާރާތުގައި ހަތް ޒޯނަކުން 45 ރިސޯޓް ބައިވެރިވެފައިވެއެވެ.

ޓެކާސް ރިސޯޓް ކަޕްގައި ރިސޯޓްތައް ތަމްސީލު ކުރެވޭނީ އެ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ފައިނަލްވެސް ކުޅޭނީ ކްރޮސްރޯޑްސްގައެވެ. މުބާރާތުގެ ސައުތް ކާފު އަތޮޅުގެ މެޗުތަކަށް ފަހު ދެން އޮންނާނީ ނޯތް ކާފު އަތޮޅުގެ މެޗުތަކެވެ. އެ މެޗުތައް ފަށާނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ސްޕޯޓްސް އިވެންޓް މެނޭޖްމަންޓް ކުންފުނި، ޓެކާސް އިން ފުޓްސަލްއަށް އިންގިލާބީ ބަދަލެއް ގެންނާނެ ފަދަ ފުޓްސަލްގެ ތިން މުބާރާތެއް "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް"ގެ ނަމުގައި އިއުލާން ކުރީ 2021 ވަނަ އަހަރުއެވެ. ކޮވިޑް-19 އާ ގުޅިގެން ބައެއް މުބާރާތްތަކަށް ފަސްވުމެއް އައި ނަމަވެސް، ޓެކާސްއިން ވަނީ ކާމިޔާބުކަމާއެކު "ގްރޭޓާ މާލެ ކަޕް" އާއި "ޓެކާސް މޯލްޑިވްސް ކަޕް" ބާއްވައިފައެވެ.

ޓެކާސް މުބާރާރްތަކުގެ މެއިން ސްޕޮންސަރަކީ މައިލޯ މޯލްޑިވްސްއެވެ. ގޯލްޑް ޕާޓްނަރުންނަކީ އެމްޓީސީސީ، ވެލިގާ ހާޑްވެއާ، އުރީދޫ މޯލްޑިވްސް، ޕާސަނަލް ކޮމްޕިއުޓާސް، އެފްއެސްއެމް، ލައިފް ސަޕޯޓް، ވެލްވޮލައިންގެ އިތުރުން މޯލްޑިވިއަން އަދި މޯލްޑިވް ގޭހެވެ. ޓެކާސްގެ ފުޓްސަލް މުބާރާތްތަކަކީ ޔޫތު މިނިސްޓްރީއާއި އެފްއޭއެމް އަދި އެމްޓީޑީސީ އެންޑޯސް ކޮށްފައިވާ މުބާރާތްތަކެކެވެ.