ޚަބަރު

ކުރިން ވިސާ ނެގުމަކާނުލައި ކިރިގިސްތާނަށް ދަތުރުކުރެވޭގޮތް ހަދައިފި

ރިފާ ހަލީލު

ކުރިން ވިސާ ނެގުމަކާނުލައި، ނުވަތަ އޮން އެރައިވަލް ވިސާގައި ރާއްޖެއާއި ކްރިގިސްތާނާއި ދެމެދު ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

މިކަމާ ގުޅިގެން ކިރިގިސްތާނާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެގެ ވަގުތެއްގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކިރިގިސްތާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވް އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުން އެއްގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެ ވެވޭނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ޓްރާންސިޓް ކުރުމުގައިވެސް ވިސާ ނަގަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ ވިސާއާ ނުލައި ތުރުކީ، ތައިލެންޑް، އަދި ކަޒަކިސްތާނަށްވެސް ދެވޭގޮތް ހަދާފައެވެ. މީގެ އިތުރުން ޔޫރަޕުގެ އިތުރު ގައުމުތަކަށްވެސް ކުރިން ވިސާ ނެގުމެއްނެތި ދަތުރުކުރެވޭ ގޮތް ސަރުކާރުން ވަނީ ހަދާފައެވެ.