ޚަބަރު

މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ވަނަތައް ހޮވައިފި

މުހައްމަދު އިޝާން

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން މިދިޔަ ހަފުތާ ބަންދުގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަމެން އިންޓާ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ވަނަތައް ހޮވައި އިނާމު ހަވާލުކޮށްފިއެވެ.

މިއަހަރު ބާއްވާފައި ވަނީ މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަނެވެ. މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް ދޭއްގެ ސައިކްލިން ޓްރެކްގައި ކުރިއަށް ގެންދިޔަ އިވެންޓްގައި ޖުމުލަ 32 ސްކޫލަކުން 1000 އަށްވުރެ ގިނަ ދުއްވުންތެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 450 އަށްވުރެ ގިނަ ކުޑަކުދިންވަނީ އެއް ކިލޯމީޓަރުގެ ފަން ރައިޑްގައި ބައިވެރިވެފައެވެ.

ރޭ ބޭއްވި އެ ޗެމްޕިއަންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިރާގުގެ އުއްމިދާކީ މަމެން އިންޓަސްކޫލް ސައިކަލިން ޗެމްޕިއަންޝިޕްގެ ސަބަބުން ސްކޫލް ކުދިންގެ މެދުގައި ބައިސިކަލް ދުއްވުން މަގުބޫލުވެގެން ދިޔުން ކަމަށެވެ. އަދި ބައިސްކަލު ދުއްވުމަކީ ހަމައެކަނި ކުޅިވަރެއްގެ ބަދަލުގައި ތިމާވެށި ހިމާޔަތް ކުރުމަށް ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ބައިކް މޯލްޑިވްސްގެ ރައީސް ޒުލައިހާ ހަސަން ދީދީ ވިދާޅުވީ، ސްކޫލުތަކުގެ ތީޗަރުންނާއި ދަރިވަރުންގެ ފަރާތުން މުބާރާތަށް ލިބުނު އެއްބާރުލުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވިދާޅުވީ ބައިކް މޯލްޑިވްސްގެ އުއްމީދަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭ ތަމްސީލުކުރާ މަންޒަރު ފެނިގެންދިޔުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކޮންމެ ވާދަވެރި ކެޓަގަރީ އަކުން އެންމެ މޮޅު ތިން އަންހެން އަދި ފިރިހެން ދުއްވުންތެރިންނާއި ކޮންމެ މިކްސްޑް ޓީމް ޕާސޫޓް އުމުރުފުރާއަކުންވެސް އެންމެ މޮޅު ތިން ޓީމް ވަނީ ހޮވައިފައެވެ. އަދި ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލެއް ހޮވާފައިވެއެވެ. އެ ސްކޫލުތަކަކީ:

  • 13 އަަހަރުން ދަށުގެ ފިރިހެން - އިސްކަންދަރު ސްކޫލް
  • 13 އަަހަރުން ދަށުގެ އަންހެން - ކަލާފާނު ސްކޫލް
  • 15 އަަހަރުން ދަށުގެ ފިރިހެން - ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް
  • 15 އަަހަރުން ދަށުގެ އަންހެން - ގަޒީ ސްކޫލް
  • 17 އަަހަރުން ދަށުގެ ފިރިހެން - ހިރިޔާ ސްކޫލް
  • 17 އަަހަރުން ދަށުގެ އަންހެން - ހިރިޔާ ސްކޫލް
  • 19 އަަހަރުން ދަށުގެ އަންހެން - ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން

ދިރާގުން ބޭއްވި މަމެން އިންޓަ ސްކޫލް ސައިކްލިން އިވެންޓަކީ 100 އިންސައްތަ ގްރީން އެނާޖީ އިވެންޓެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް އިވެންޓްގެ ހުރިހާ ކަމެއްވެސް ދިރާގުން ފުރިހަމައަށް ރާވާލާފައި އޮތް އިރު، ސައިކްލިން އިވެންޓްތަކުގެ ހަރަކާތުގައި ބޭނުންކުރެވުނު ކަރަންޓު ނަގާފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދައި ޕޯޓަބަލް ޕަވާ ސްޓޭޝަންތަކަކުންނެވެ. މިއީ އެފަދަ ގޮތަކަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ބޮޑު ކުޅިވަރުގެ އިވެންޓެވެ.

މިފަހަރުގެ އިވެންޓް، ގްރީން އިވެންޓަކަށް ހެދުން އެއީ ދިރާގުގެ އެއް ބޭނުމެވެ. އެ ކުންފުނިން ބުނެފައި ވަނީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލްކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށެވެ.

މިއަހަރުގެ ސައިކްލިން ޗެމްޕިއަންޝިޕްގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޮލިސް ސާވިސަސް، އެމްޓީސީސީ، އެރޯސޯލްޓްސް، ޗޮޕާޓް މޯލްޑިވްސް އަދި އިލާ މޯލްޑިވްސް ހިމެނެއެވެ. ފަސްޓްއެއިޑްގެ ހިދުމަތް ފޯރުކޮށްދީފައި ވަނީ މޯލްޑިވިއަން ރެޑްކްރެސެންޓް (އެމްއާރްސީ) އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ވޮލަންޓިއަރުންނެވެ.