"ފެންނަ ފެނުމަށް ޗާލަކަސް އެއީ ހަމަ ދަޅައެއް. ބައްޕައަށް ހޭވެރިކަމެއްވި އިރު، ހުރިހާ ރޭވުމެއް ރާވައި ނިމިއްޖެ. ބައްޕައަށް ލިބުނީ ބޮޑު ކެއްސެއް" އަސަރާއެކު ރާޝިދު ބުންޏެވެ. ކުރިމަތީގައި ތިބި ތިން ދަރީން ތިބީ ރޮވިފައެވެ.
"ދަރިންނޭ... ދެން އޮތީ މާ ހިތްދަތި ވާހަކަތަކެއް"
**************
ދާވެފައި ހުރި އަންނައުނުތައް ހިފައިގެން ރޫބިޔާ ކޮޓަރިން ނުކުތްއިރު ޖީބުގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. މެޝިނަށް އަންނައުނުތައް އަޅާލާފައި ބަލައިލި އިރު ގުޅަމުން ދިޔައީ ރަށުގައި ހުރި ކޮއްކޮއެވެ. ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި ފޯނު ނެގުމާއެކު އިވުނީ އާތިފާ ޝަކުވާތަކެވެ. ރޫބިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަހީކާއި ވިލިނީ ވަރިވި ހަބަރު އާތިފާއަށް އެނގުމާ އެކު ރޫބިޔާ ކަންބޮޑުވިއެވެ. ނަހީކް ދެން އަމަލުކުރާނީ ކިހިނެއްކަން ރޫބިޔާއަށް އެނގޭ ކަހަލައެވެ. ރޫބިޔާގެ އަނގައިން ނުކުމެގެންދިޔަ ހަޑި ބަސްތައް އިވިފައި އާތިފާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރޫބިޔާ ފޯނު ކަނޑާލީވެސް އާތިފާ ކައިރީގައި ބުނެނުލައެވެ.
ފޯނު ކަނޑާލިގޮތަށް ރޫބިޔާ ގުޅީ ނަހީކްގެ ނަންބަރަށެވެ. ދެމީހުންގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ ނަހީކް ހިލާފުވުމުން ރޫބިޔާ ހުރީ ރުޅިން ފަޅައިގެންދާވަރު ވެފައެވެ. އެގޮތަށް ނަހީކް ކަންތައްކުރީތީ މޫޑު ސަކަރާތްވެފައެވެ. ނަހީކްގެ ނަމްބަރަށް ރޫބިޔާއަށް ގުޅޭގޮތެއް ނުވިއެވެ. އަނގައިން ލޭ ރަހަލާވަރަށް ރޫބިޔާ ދަތްކުނޑި ވިކައިގަތެވެ.
ފޯނު ކަނޑާލިގޮތަށް ރޫބިޔާ ގުޅީ ވިލިނީއަށެވެ. ކުރީ ދުވަހަކު އެގެއަށް ވިލިނީ އައީ އެވާހަކަ ދައްކަންވެގެންކަން ރޫބިޔާއަށް އެނގުނެވެ. ނަހީކާއި ވިލިނީ އާ މެދުގައި ޒުވާބެއް ކުރިއްޔާ އެ ޒުވާބުގެ ތެރެއިން ނަހީކް ރޫބިޔާގެ ވާހަކަ ގޮވައިގަނެފައި އޮވެދާނެހެން ހީވެ ރޫބިޔާ ޖެހިލުންވިއެވެ. ވަގުތުން ނަހީކާ ބައްދަލުކުރަން ބޭނުންވިއެވެ.
*********
ކިތަންމެ ހިތްވަރެއް ކޮށްގެން އަޔާލް އިން ނަމަވެސް ބަރަކްއަށް އެ ހިތްވަރެއް ނުކުރެވުނެވެ. ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެއީ އަދި ވާހަކައިގެ އެއްބައި އެނގުމުން ބަރަކްއަށްވީ ވަރެވެ. ރާޝިދު ވިސްނާލިއެވެ. އުފަން މައިމީހާގެ ހަގީގަތް އެނގޭ ހިނދު އެދަރިއަށް އަދި ކިހާވަރެއް ވާނެ ހެއްޔެވެ؟
"ބައްޕައަށް މާފުކުރޭ ދަރިފުޅާ. މި ބައްޕަގެ މަގުސަދަކީ ދަރިފުޅުގެ މަންމަ އާއި ދަރިފުޅާ ދެމެދު ފިތުނައެއް އުފެއްދުމެއް ނޫން. ބައްޕަ ހަމައެކަނި ބޭނުންވީ ދަރިފުޅަށް ހަގީގަތް އެނގެން. ބައްޕަ ބޭނުމިއްޔާ ބޭބެއަށް އެކަނިވެސް ކިޔާދެވުނީސް. އެކަމަކު އެއީ އިންސާފެއް ނޫން" ރާޝިދު ވާހަކަދެއްކިއެވެ.
"ނޫން. ދެންވީގޮތެއް ބަލަން މާބޮޑަށްވެސް ބޭނުން. މަންމައަކީ ރަނގަޅު މީހެއްނޫންކަން އެނގޭ" އަސަރާ އެކު ބަރަކް ބުންޏެވެ.
އުފަލާއެކު ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ރާޝިދަށް އިވުނީ ދުވަހަކުވެސް އިވެން ބޭނުންވާ ބަސްތަކެއް ނޫނެވެ. ކައިވެނީގެ ގޮށްޖެހުނު އަންހެންކުއްޖާ އާ އެކުގައި ހަޔާތުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ކިތަންމެ އެދުނަސް އިވިގެންދިޔަ ޖުމްލަތަކާއެކު ރާޝިދުގެ ހިތްވަރު އެލުނެވެ. ދެލޮލުން ކަރުނަ އޮހޮރިގަތެވެ. އޭރު ކައިވެންޏަށް ވީ އަހަރެކެވެ. ލޯބިވާ އަނބިމީހާއަށް ކުރި އިތުބާރާއި ހިތުގައި އޮތް ޔަގީންކަން ސިކުންތުކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެވިގެން ދިޔައެވެ.
ވަޒީފާ ނިންމާފައި ބޭރުން އައިސް ވަން ރާޝިދު ދޮރުކައިރީގައި ރޫބިޔާ ގެންގުޅުނު ސިއްރު ލޯބިވެރިޔާ އާ ވާހަކަދައްކަން ހުރިއިރު ނޭނގެއެވެ. އެހެންނަމަވެސް އަނބިމީހާގެ އެ ނުބައި އަމަލު ސިއްރުކޮށްގެން އަނބިމީހާގެ ފާފަތަކަށް އެއްބާރުލުން ދޭން ރާޝިދު ބޭނުމެއް ނުވިއެވެ. އަނބިމީހާ އެކުރީ ކިހާވަރެއްގެ ނުބައި ކަމެއްކަން ވިސްނައިދޭން ބޭނުންވިއެވެ. އަނބިމީހާ ދުނިޔޭން ގެއްލި ހަލާކުވުމުގެ ކުރިން ރަނގަޅު މަގު ދައްކައިދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. ވަރިކުރުން އޮންނަނީ އަނބިމީހާ އިސްލާހު ނުވެއްޖެނަމައެވެ.
އިޝާނަމާދުން އައިސް ގެއަށް ނުވަންނަނީސް ރާޝިދުގެ ކަންފަތުގައި އަޔާލްގެ ރުއިމުގެ އަޑު ޖެހިއްޖެއެވެ. ރާޝިދަށް ހީވީ މޭފިތިގެން ދިޔަހެންނެވެ. އަޔާލްގެ ރުއިމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ރާޝިދަށް ކުރެވެނީ ވަރަށް ވޭންދެނިވި އިހުސާސެކެވެ. ފަސްއަހަރު ވަންދެން އަޔާލް ރާޝިދު ބެލެހެއްޓީ މަޔަކާއި ބަފައެއްގެ ލޯބި ހަމައެކަނި ބަފައެއްގެ ފަރާތުން ދީގެންނެވެ. ކުރެވުނު ކައިވެންޏަށްފަހު އަޔާލްގެ ހުރިހާ ކަމެއް ރޫބިޔާ ބެލެހެއްޓިއެވެ. އެ ދަރިފުޅު ރޫބިޔާ އާ މަދު ވަގުތުކޮޅަކަށްވެސް ދޫކޮށްނުލައެވެ. ކުއްލިއަކަށް ރޫބިޔާއަށް އެ އައި ބަދަލުގެ އެންމެ ބޮޑު އަސަރެއް އަޔާލްއަށް ކުރާކަށް ރާޝިދު ނުރުހުނެވެ.
ރޫބިޔާ ބޭރަށް ދިޔައިރު އަޔާލް އޮތީ އެނދުގެ ކައިރި ފަށުގައި ބާއްވާފައެވެ. އެކުއްޖާ އޮތީ ހަވީރު ކުޅެން އުޅުނުގޮތަށް ކިލާތަކާއެކުއެވެ. އޭރު އަޔާލް ރޮއެގަތް އަޑު އިވުނީ ނިދަން އޮވެފައި އެނދުން ވެއްޓުމުންނެވެ. ރާޝިދު އަޔާލް ނެގިއެވެ. ފުރަތަމަ ކަމަކަށް އަޔާލް މަސަލަސް ކުރިއެވެ. ބޮލުން ތަންގަނޑެއް ދުޅަވެފައި ހުރިކަން އެނގުނީ ތުއްތު އަޑަކުން އަޔާލް ބުނުމުންނެވެ. ރާޝިދަށް ރޮއެގަނެވުނެވެ. އެގޮތްމިގޮތުން އަޔާލްއަށް ފަރުވާދީ އެނދަށް އެރިއިރު ރާޝިދުގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ރޫބިޔާ ކޮބާ ހެއްޔެވެ؟ ބުނެނުލައި މިހާރު ތަންތަނަށްވެސް ދާން ފެށީ ހެއްޔެވެ؟ ކުޑަ ކުއްޖަކު ގެއެއްގެ ތެރޭގައި އެގޮތަށް އެކަނި ބާއްވާފައި އެހެން ދާން ވެދާނެ ހެއްޔެވެ؟
ދަންވަރު ބާރަޖަހަންދެން ރާޝިދު ނުނިދާ އިނެވެ. އަނބިމީހާގެ ވިޔާނުދާކަން ލޯކުރިމަތީގައި އެގި ހާމަވަމުންދާތީ އިންތިހާއަށް ދެރަވެފައެވެ. އަމިއްލަ ނަސީބާ މެދު ހިތާމަކުރާ ހާލުގައެވެ.
ދޮރުހުޅުވާލި އަޑު އިވުމާއެކު އެނދު ކައިރީގައި ހުރި ރާޝިދު ބަލައިލިއެވެ. އޭރު ރޫބިޔާ އެތެރެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ރާޝިދު ރޫބިޔާއަށް ގޮވާލިއެވެ. މޭޒުމަތީގައި ދަބަސް ބަހައްޓާފައި ތުވާލި ހިފައިގެން ފާހާނާ އާ ދިމާލަށް ދިޔަ ރޫބިޔާ އެންމެ ފުރަތަމަ އަޅާވެސްނުލައެވެ. އެހެންނަމަވެސް ރާޝިދު ރޫބިޔާގެ އަތުގައި ހިފުމާއެކު ރޫބިޔާއަށް މަޖުބޫރުވީ ހުއްޓޭށެވެ.
"ކިހިނެއްވެގެންތަ ތިއުޅެނީ؟" ހިތްހަމަނުޖެހިފައި ރޫބިޔާ ބުންޏެވެ.
ރާޝިދަށް ގަބޫލެއް ނުކުރެވުނެވެ. ރޫބިޔާ ރާޝިދު އާ ވާހަކައެދެއްކީ މިއިން ދުވަހެއްގައިވެސް ވާހަކަދެއްކި ރާގެއްގައެއް ނޫނެވެ. އެ އަޑުގައިވަނީ ފޫހިކަމާއި ހަރުކަށި ކަމެވެ.
"ކުއްލިއަކަށް ކޮން ބަދަލެއް ތިއައީ؟" ރާޝިދު އެހިއެވެ. ރޫބިޔާ ފުންނޭވައެއް ދޫކޮށްލިއެވެ. ރާޝިދަށް ބަލައިލީ ފޫހި ނަޒަރަކުންނެވެ.
"މީގެފަހުން އަހަރެންގެ ގައިގައި ކަލޭ އިނގިލި ކުރިވެސް ޖައްސާލައިގެން ނުވާނެ" ރޫބިޔާ ބުންޏެވެ.
"ތިއީ އަހަރެންގެ އަނބިމީހާ" ރާޝިދު ބުންޏެވެ.
"އަހަރެންނަށް ހެޔޮ. މިއީ އަހަރެން ވަކި މަގުސަދެއްގަ ކުރި ކައިވެންޏެއް" ރޫބިޔާ ބުންޏެވެ.
އެރޭ ރާޝިދަށް ލޮލުފިޔަ ޖަހާނުލެވުނެވެ. ހިތަށްވީ ތަދުންނާއި ކުރިމަތީގައި ހުރި ކުޑަދަރިފުޅާ މެދު ވިސްނޭވަރަކަށް ރާޝިދުގެ ހިތުގައި އަޅާ ވޭން ދިޔައީ ގަދަވަމުންނެވެ. ރާޝިދު ނެތް ދުނިޔެއެއްގައި އެދަރިފުޅު ދިރިއުޅޭނޭ ހާލާމެދު ވިސްނާލެވޭ ކޮންމެ ފަހަރަކު ރާޝިދަށް ހީވަނީ ހިތަށް އަނިޔާވާހެންނެވެ. ސަހުލާ މަތިން ހަނދާންވާން ފެށުމާއެކު އިތުރު ތަކްލީފަކަށް ވިއެވެ. ކުރެވުނު ކައިވެންޏަކީ ވިސްނާނުލައި ކުރެވުނު ކައިވެންޏެއްތޯ އަމިއްލަ ހިތާ އެތަކެއްފަހަރު ސުވާލު ކުރިއެވެ.
ރާޝިދު އެހާ އަވަހަށް ގޮތްދޫނުކުރިއެވެ. ރޫބިޔާއަށް ވިސްނައިދީގެން ދިރިއުޅުން ކުރިއަށްގެންދެވޭތޯ މަސައްކަތް ކުރިއެވެ. އެ ކައިވެނި ކުރަން އެންމެ ބޮޑަށް ބޭނުންވީވެސް ރޫބިޔާކަން އޭނާއަށް ހަނދާންކޮށްދިނެވެ. އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތް ރޫބިޔާއަށް ކިޔައިދިނެވެ. ނަމާދުކޮށް ޤުރުއާން ކިޔަވައި ހެއްދެވިފަރާތަށް އަޅުކަން އަދާކުރާނެ ގޮތް ކިޔައިދިނެވެ. މީހަކާ އިނދެގެން ހުރެ ހިލޭ ފިރިހެނަކާ ގުޅުމެއް ބޭއްވުމަކީ ކިހާ ބޮޑު ފާފައެއްކަމާއި އެކަމުން ދުރުވުމަށް އެދުނެވެ. އެހެންނަމަވެސް ރާޝިދުގެ ވާހަކަތަކަށް ރޫބިޔާ ދިނީ ބީރު ކަންފަތެކެވެ. ޒުވާން އުމުރު ނަގާލާފައި ރާޝިދު ފަދަ އުމުރުން ދުވަސްވީ މީހަކާ ކައިވެނިކުރި ހަގީގީ ސަބަބު ރޫބިޔާ ރާޝިދަށް އިއްވައިދިނެވެ.
"އަހަރެން ބޭނުންވީ މިގެ. އަހަރެން ކޮންމެ ހާލެއްގަވެސް ކަލޭ އަތުން މިގެ ހޯދާނަން. ކަލެ އާއި ކަލޭގެ އެ ސުންޕާ ދަރި މިގެއިން ނެރެ އެއްލާލާނަން" ރޫބިޔާ ބުންޏެވެ.
ރާޝިދު ބަސްހުއްޓުނެވެ. ބަޅަށް އޮތް ނަގުލެއް ސަންފާ އޮނަކަށް ލިޔަސް ތެދެއްނުވާނޭ ބުނާ ބީދައިން ރޫބިޔާ ދުވަހަކުވެސް އިސްލާހު ނުވާނޭކަން ރާޝިދަށް ވިސްނުނެވެ. އަންހެނެއްގެ ކުރިމަތީގައި ކުރުކަކުލަށް ތިރިވާން ރާޝިދު ބޭނުމެއް ނުވިއެވެ. އުމުރުން ދުވަސްވެފައި ހުއްޓަސް ރާޝިދުގެ ގައިގައި ވަރުހުއްޓެވެ. ދިރިއުޅުމުގެ ކަންކަން ނިންމަން ވިސްނާނެހާ ބާރު ސިކުނޑީގައި ހުއްޓެވެ. އަނބިމީހާ ގައިގައި ޖަހައިގެން މައިތިރިކުރަން މުލައްދަނޑީގައި ވަރުވެސް ހުއްޓެވެ. އެހެންނަމަވެސް އިތުރަށް ރޫބިޔާ އަންބެއްގެ މަގާމުގައި ބަހައްޓާކަށް ރާޝިދު ބޭނުމެއް ނުވިއެވެ.
"އަހަރެން ކަލޭ ވަރިކުރާނަން. ކަލެއަށް މިގޭގަ ދެން ހުރެވޭނީ ހަމައެކަނި ވަރީގެ ކަންކަން ނިމެންދެން" ރާޝިދު ބުންޏެވެ.
ވަރިކުރުމުގެ ކަންކަން ކުރިއަށް ދަނިކޮށް ރޫބިޔާ ބަލިވެއިނެވެ. އެއީ ރޫބިޔާ ބޭނުންވާ ކަމެއް ނޫނަސް ބަލިވެއިންކަން އެނގުމާއެކު އެ ހަބަރު ރާޝިދަށް ދިނެވެ. އެހިސާބުން ރާޝިދުގެ ވިސްނުން ބަދަލުކުރާން ޖެހުނެވެ. ރޫބިޔާގެ ބަނޑުގައި އޮތީ ރާޝިދުގެ ދަރިއެއްކަން އޭނާ ގަބޫލުކުރިއެވެ. ބަނޑުބޮޑުވެފައި ހުއްޓައި ރޫބިޔާ ގެއިން ބޭރަށްލާން ރާޝިދު ހިތް ދެކޮޅުވިއެވެ. ބަލިވެ އިނުމަށްފަހު ރޫބިޔާގެ ދިރިއުޅުމަށް ކޮންމެވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރާޝިދު އުންމީދުކުރިއެވެ. އެހެންނަމަވެސް އެކަމެއް ނުވިއެވެ. ރޫބިޔާގެ އެކުވެރިޔާ ގެއަށްވެސް ގެންނަން ފަށައިފިއެވެ. ރާޝިދުގެ ކުރިމަތީގައި އަޔާލްއަށް އަނިޔާކުރަން ފެށިއެވެ.
"އަހަރެންގެ މިދަރި ގައިގައި ކަލޭ އިނގިލި ކުރި ޖައްސާލިޔަސް ސިފައިންނަށް އަންގާނަން" ރާޝިދު ދިން އިންޒާރަށް ރޫބިޔާ ނުސިހުނެވެ.
ބަނޑުގައި އޮތް ދަރިވެސް އޭނާ ބޭނުންނުވާ ކަމަށް ބުނަމުން ދިޔައެވެ. ގެ ދޫކޮށްލާފައި ރާޝިދު ކައިރީގައި ގެއިން ނުކުންނަން އެންގިއެވެ. އެހެންނޫނީ ރާޝިދު މަރާކަށްވެސް އޭނާ ފަސްނުޖެހޭނެ ކަމަށް ބުނަމުން ދިޔައެވެ.
އެގޮތުގައި ދުވަސްތައް ހޭދަވަމުން ދަނިކޮށް ރޫބިޔާ ފިރިހެން ދަރިއަކު ވިހައިފިއެވެ. އެކުއްޖާއަށް ބަރަކްގެ ނަމުން ނަން ދިނީ ރާޝިދެވެ. ތުއްތު ކުއްޖާއަށް ގާތުންދޭންވެސް ރޫބިޔާ ދެކޮޅު ހެދިއެވެ. ބަނޑުހައިހޫނުކަމުގައި އެކުއްޖާ ރޮމުން ހޭރެމުން ދިޔައިރު ރޫބިޔާ ހިތަށް އެކައްޗެއްވެސް ނާރައެވެ. ދުލުން ގޮވަނީ ހަޑި އެއްޗިއްސެވެ. ރާޝިދު އަބަދު ވިއްދާފައި ހުންނާނީ އެއްވެސް ދަރިއަކަށް އަނިޔާއެއް ރޫބިޔާއަށް ނުދެވެއެވެ. އެހެންކަމުން ދެ ދަރިންނަށް އޭނާ ބަދު ދުއާކުރަން ފެށިއެވެ. ހިތުގައި އިންސާނިއްޔަތުގެ ރަހުމެއް ނެތް ލަދުހަޔާތް ގެއްލިފައިވާ އެ ނުބައި އަންހެންމީހާގެ އަނިޔާތަކުން ދުނިޔޭގައި ތިބި ދެ ދަރީން ސަލާމަތްކުރުމަށް ރާޝިދު ސައުވީސް ގަޑިއިރު ހޭދަކުރަނީ ރޫބިޔާ ފެންނަ ހިސާބުގައެވެ. ރޫބިޔާ ބޭރަށް ދިޔަސް ފަހަތުގައި ހުރެއެވެ. ކޮންމެ ހާލެއްގަވެސް ދެ ދަރީން ސަލާމަތުން ބޮޑުކުރަން ރާޝިދު ހުރީ ބޭނުންވެފައެވެ.
އެހެންނަމަވެސް ކުއްލިއަކަށް ކަންތައްތައް ބަދަލުވާން ފެށިއެވެ. ދުނިޔެވީ އެއްވެސް ކަމަކާ ރާޝިދު ނުވިސްނައެވެ. ކުއްލިއަކަށް ބަސްމަދުވެ އަމިއްލަ ނަފުސުމަތިންވެސް ހަނދާން ނެތުނެވެ. އަޅުކަންތަކާ ދުރުވެ މައެއްގެ ލޯތްބަށް ރޮމުން ދިޔަ ދެ ދަރީންނަށްވެސް އަޅާނުލެވެއެވެ. ގެއަށް ވަނުމާއެކު ރާޝިދަށް ފެންނަނީ އެނދެވެ. ގެއިން ބޭރުވުމާއެކު ދަރިންމަތިން ހަނދާންވުމުން ރޮއެ ހަދައެވެ. އެވާގޮތެއް ރާޝިދަށް ނޭނގުނެވެ. އަލަމާރީގައި ރައްކާކޮށްގެން ގެންގުޅުނު ލިޔެކިޔުންތައް ރޫބިޔާގެ އަތަށް ރާޝިދު ދިނީ ހިތުންރުހުމުގައެވެ. ރާޝިދުގެ ދުލުން އަނބިމީހާއަށް އެތައް ތައުރީފެއްކޮށްފައެވެ.
އެގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. ރާޝިދު ބަލިވާން ފެށިއެވެ. ކަރުން ލޭ އަންނަވަރުން ބައެއްފަހަރު ގައިގައި ހޭވެރިކަމެއް ނުހުރެއެވެ. ނިދީގައި ބިރުވެރި ހުވަފެން ފެނިފައި ހަތްރޭ ވަންދެން އެއްގޮތަކަށް ނުނިދި އުޅުނެވެ. ކާހިއްނުވެ މީހާ އަނަރޫފަވިއެވެ. ބޯން ބޭނުންކުރާ ފެނާއި ކާއެއްޗެހިވެސް ރާޝިދަށް ފެންނަނީ ލޭގަނޑެއްގެ ސިފައިގައެވެ. އެންމެފަހުން އެކަންކަމަށް ކެތް ނުކުކުރެވުމުން ހުރިހާ އެއްޗެއް ދޫކޮށްލާފައި ގެއިން ރާޝިދު ނުކުތެވެ. ކުޑަ ދެ ދަރީން ބިކަހާލުގައި އުޅޭކަމާއި ދުނިޔޭގެ އެއްވެސް ފިކުރެއް ހިޔާލެއް ރާޝިދުގެ ނެތެވެ.
ރާޝިދަށް ވާން ފެށި އުނދަގޫތަކަށް ލުޔެއް ލިބުނީ މާލެއިން ފައިބައިގެން އަތޮޅުތެރޭގައި ދިރިއުޅެން ފެށިފަހުންނެވެ. އެހެންނަމަވެސް ލޯބިވާ ހުރިހާ މީހުންގެ މަތިން ރާޝިދު ހުރީ ފޫހިކުރުވާފައެވެ. ދަރިއެއްގެ ނަން ހަނދާނަށް ނުވެސް އާދެއެވެ. މީހަކާ އިނުމުގެ ހިޔާލެއް އަމުދުން ނާދެއެވެ. ވަރިވާން ރޫބިޔާ ކޯޓަށް ފޯމު ހުށަހަޅަން، އުޅޭ ވަކި ތަނެއް ނޭނގޭތީ ރާޝިދު ހޯދަން ފުލުހުންނަށް އެންގިއެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ވެއްދިއިރުވެސް ވާނުވާއެއް ރާޝިދަށް ނޭނގުނެވެ. ގާޒީ ސުވާލުކުރި އިރު އަމިއްލަ ހިތަށް އެރިއެވެ. އަހަރެންގެ އަންބެއް ހުރޭ ހެއްޔެވެ؟ ކައިވެންޏެއް ކުރިން ހެއްޔެވެ؟ ގާޒީއަށް ސުވާލެއްކުރަން ފުރުސަތު ނުދީ ރާޝިދު ބުނެލީ އެންމެ ޖުމްލައެކެވެ.
"އަޅުގަނޑުގެ އަންބެއް ހުންނަކަމެއް ނުދެނަހުރީން. ހުރިނަމަ އެހުރީ ވަރިކޮށްފަ"
***********
"އެދުވަހުން ފެށިގެން ބައްޕަ މިއުޅެނީ މިރަށުގަ. މިރަށު ހުރިހާ މީހުންވެސް ބައްޕައަށް ގަދަރުކުރޭ. ބައްޕަދެކެ ލޯބިވޭ. ބައްޕަ ހީކުރީ ތިއިން އެއްވެސް ކުއްޖެއް ދުވަހަކުވެސް ނުފެންނާނޭ ކަމަށް. އެކަމަކު ކަންތައްތަ ބަދަލުވެގެންދިޔަ ގޮތް ނިކަން ދެކިބަލަ. ޒުބައިރުގެ ދަރިއަކަށް ރުގުޔާކުރަން މިރަށަށް އައި މީހެއް ބައްޕައަށް ރުގުޔާކުރީ. ބައްޕައަށް އެނގުނީ ބައްޕައަށް ސިހުރެއް ޖެހިފައިހުރިކަން. އެއީ ހަމަ ބައްޕަ މަރަން ހަދާފައި ހުރި އެއްޗެއް. އެކަމުގެ އުނދަގޫ މިފަހަކާ ޖެހެންދެންވެސް ބައްޕަ ތަހައްމަލު ކުރިން. އުންމީދު ކަނޑާލައިގެން ހުއްޓައި އެކަލާނގެ ކުޅަދުންވަންތަކަމުން އެ ސިހުރު ބާތިލުކޮށްފި. ބައްޕަ އެކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރީން. ނަމާދުގައި ހުޝޫއަތްތެރިވީން. ސޮދަގާތްދިނީން. ތިކުދިންނާ ބައްދަލުކޮށްދެއްވުމަށް އެދި ހުއްޓުމެއްނެތި އެކަލާނގެއަށް ދެންނެވީން. ނަތީޖާ ނިކަން ދެކިބަލަ. މިހުރީ ދުނިޔޭގެ ކަންކަން ހިނގާ ގޮތް. މިއަދު ބައްޕައަށް ވުރެ އުފަލުގައި ހުންނާނެ އެއްވެސް މީހަކު ނުހުންނާނެ" ރާޝިދު ވާހަކަދައްކަމުން ދިޔައިރު ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނެވެ.
ބަރަކް ރޮވިފައި އިންއިރު އަޔާލް އިނީ އިސްއޮބާލައިގެންނެވެ. ބައްޕަގެ ވާހަކަތަކުން އިންތިހާއަށް ހިތުގައިޖެހިފައެވެ. ބައްޕަ ގެއިން ނުކުމެގެން ދިޔުމަށްފަހު ދެން ކަންތައްވީ ގޮތް ބައްޕައަށް ނޭނގެއެވެ. އެނގިޖިއްޔާ ރާޝިދުގެ ހިތްފަޅައިގެންދާނެއެވެ.
"މަންމަ ވަރަށް ގޯސް. ދޮންބެއަށް ވަރަށް އަނިޔާ...." ބަރަކްއަށް ޖުމްލަ ފުރިހަމަނުކުރެވުނީ އަޔާލް ބަރަކްގެ އަތުގައި ހިފެހެއްޓުމުންނެވެ. އަޔާލްގެ އެ އިޝާރާތް ބަރަކްއަށް އެނގުނެވެ. އެހެންކަމުން ވަގުތުން ބަރަކް އިސްޖަހާލިއެވެ.
"ބައްޕައަށް އެނގޭ. ރޫބިޔާ މަޑުން ނުހުންނާނެ. ބައްޕަ ނުކުމެގެން އައި ދުވަހުން ފެށިގެން ދަރިފުޅުމެން ހޭދަކުރާނެ ހިތްދަތި ދުވަސްތައް ބައްޕައަށް އިހުސާސްކުރެވޭ" އަސަރާއެކު ރާޝިދު ބުންޏެވެ.
ތިންބަފައި އެތައް އިރަކު ހިތުގައި ޖެހި އެކަކު އަނެކަކުގެ އިހުސާސްތައް ބޭރުކުރިއެވެ. ރާޝިދުގެ އޮތީ އެންމެ ބޭނުމެއް ކަމަށް ބުންޏެވެ. އެއީ ރާޝިދުގެ ގެއެއް ނަމަވެސް ދޮންއިބްރާހީމް ކުރި ވަސިއްޔަތް މަތިން ދަރީންނަށް ހަނދާންކޮށްދިނެވެ. އެގެ މިހާރު އެތަނުގައި ހުރިތޯ ބަލައިދިނުމަށް ދަރީން ގާތު އެދުނެވެ.
"ބައްޕަ ފުރަން ތައްޔާރުވޭ. ދެން ނިންމަންޖެހޭ ކަމެއްވިއްޔާ ކުރާނީ މާލެ ގޮސް" އަޔާލް ބުންޏެވެ.
(ނުނިމޭ)