އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

20 މިނެޓަށްވުރެ އަވަހަށް 5000 މީޓަރުގެ ރޭސް ނިންމައި، ޖައިޝާއަށް ތާރީހީ ރެކޯޑެއް

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މިއަދު ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގައި، އަންހެން 5000 މީޓަރުގެ ރެކޯޑު އައިމިނަތު ޖާއިޝާ ޖުނީ (ޖާއި) މުގުރާލައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ވުމަންސް އޯޕަން 5000 މީޓަރު ރޭހުގައި ދުވެ، ޖައިޝާ އެއްވަނަ ހޯދީ 19 މިނެޓު 43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއާއެކު ޖައިޝާ ވެފައި ވަނީ 20 މިނެޓަށްވުރެ އަވަހަށް 5000 މީޓަރު ރޭހެއް ދުވި ރާއްޖޭގެ ފުރަތަމަ އަންހެން އެތުލީޓަށެވެ. 20 މިނެޓަށްވުރެ އަވަހަށް 5000 މީޓަރުގެ ރޭހެއް ނިންމުމަށް ގިނަ އަންހެން އެތުލީޓުންތަކެއް ކުރިންވެސް މަސައްކަތް ކޮށްފައިވެއެވެ.

މިއަދު ޖައިޝާ މުގުރާލި 5000 މީޓަރު އަންހެން ރެކޯޑު ކުރިން އޮތީ މަރިޔަމް އަބްދުލްކަރީމް (މަރީ) އަތުގައެވެ. މަރީ، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭރުގެ ރެކޯޑް ހަދަން، ރޭސް ނިންމި ޓައިމިންއަކީ 20 މިނެޓް 10 ސިކުންތެވެ.

ޖައިޝާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް އަންހެން އެތުލީޓެވެ. އޭނާ ވަނީ އެންމެފަހުން ބޭއްވި މައިލޯ އެސޯސިއޭޝަންސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައިވެސް ތިން އިވެންޓަކުން ރަން މެޑަލް ހޯދައިފައެވެ. އެއީ އަންހެނުންގެ 800 މީޓަރު، 1500 މީޓަރު އަދި 5000 މީޓަރު ދުވުމުންނެވެ.

އެފަހަރު އަންހެނުންގެ 5000 މީޓަރު ރޭސް ޖައިޝާ ނިންމީ 20 މިނެޓް 17 ސިކުންތުންނެވެ. މިއަދު ހެދި ރެކޯޑުގެ އިތުރުން ޖައިޝާ އަތުގައި މިހާރުވެސް ގައުމީ ދެ ރެކޯޑެއް އެބައޮތެވެ. އެއީ ރާއްޖޭގެ އަންހެނުންގެ ދުވުމުގެ 1500 މީޓަރާއި 3000 މީޓަރުގެ ގައުމީ ރެކޯޑެވެ.