ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް 30 އަށްވުރެ ގިނަ ދަތުރުފުޅު ކުރެއްވި ކަމަށާއި އެދަތުރުފުޅުތަކުން ނުކުތް ރަނގަޅު ނަތީޖާއެއް ނުފެންނަ ކަަމށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން އެ އަދަދުތައް ހާމަކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރަދު ބޮޑު ދަތުރުތައް ރާއްޖެއިން ބޭރަށް ކުރައްވާތީ އާއްމުން ކުރާ ޝަކުވާއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިއުވާން ވިދާޅުވީ، ރައީސް ސޯލިހުގެ ދަތުރުފުޅުތަކުގެ ވާހަކަދައްކާއިރު، ކުރީ ސަރުކާރުގެ ދަތުރުތަކުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށާއި އެގޮތުން ކުރީގެ ރައީސް ޔާމީން، ވެރިކަމުގައި ރާއްޖެއިން ބޭރަށް 30 ވުރެ ގިނަ ދަތުރުކުރެއްވި ކަމަށެވެ. އަދި ސިންގަޕޫރަށް އެކަނިވެސް ނުވަ ދަތުރުފުޅުކުރެއްވި ކަމަށާއި އޭގެ ތެރެއިން ހަތަރު ދަތުރުފުޅު ކުރެއްވީ 2014 ވަނަ އަހަރު ކަމަށް ވިދާޅުވިއެވެ.
- ސިންގަޕޫރަށް 9 ދަތުރުފުޅު
- ސައުދީއަށް 6 ދަތުރުފުޅު
- މެލޭޝިއާއަށް 4 ދަތުރުފުޅު
- ޗައިނާއަށް 3 ދަތުރުފުޅު
- އިންޑިއާއަށް 3 ދަތުރުފުޅު
- ސްރީ ލަންކާއަށް 2 ދަތުރުފުޅު
- ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ޔޫއޭއީ؛ ކޮންމެ ގައުމަކަށް 1 ދަތުރުފުޅު
މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމުގެ އިތުރުން މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އިތުރުން ބޭރު ގައުމުތަކުގައި މި ބާއްވާ އެކި ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި އަދި ބޭރު ގައުމުތަކުން ދައުވަތު އަރުވައިގެން އެ ގައުމުތަކަށް ކުރައްވާ ރަސްމީ އަދި ފުރަމާނަދަތުރުފުޅުތައްވެސް ހިމެނޭ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެމަގާމުގައި ހުންނަވާ ބޭފުޅަކީ އެއްވެސް ދަތުރުފުޅެއް ނުކޮށް ހަމައެކަނި ރައީސް އޮފީހުގައި އިންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ.
"ދަތުރުތަކަށް ހަރަދުތަކެއް ހިނގާނެ. އެހެންނަމަވެސް މި ހަރަދުތަކަކީ ބަޖެޓު ކުރެވިގެން ކުރިއަށްދާ ކަންކަން. ސަރުކާރުގެ ދަތުރުކުރުމުގެ ބަޖެޓުން ބޭރަކުން އެދަތުރުތަކެއް ނުކުރާނެ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި މާބޮޑު ނަތީޖާއެއް ފެނިފައިނުވާ ކަމަށާއި ނަމަވެސް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅުތަކާ އެކު ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ނަން އުފުލިފައިވާ ކަމަށެވެ.
ރައީސް އެންމެ ފަހުން ވަޑައިގަތީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ އަށެވެ. އެ ދަތުރުފުޅަށްފަހު ރައީސް މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު