ޚަބަރު

ތޮއްޑޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް ފުލުހުންނަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

އަލީ ޔާމިން

އއ. ތޮއްޑޫގައި ކުޑަކުއްޖަކަށް އަނިޔާކޮށް ފުލުހުންނަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ތޮއްޑޫގައި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެފައިވާތީ އެ އަންހެން މީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް އެދުމުން އެކަމަށް އިންކާރުކޮށް، ކުޑަކުއްޖަކަށް އަނިޔާކުރިކަމުގެ މައުލޫމާތު ރޭ 2:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުން އެގެއަށް ދިއުމުން ފިރިހެން މީހާ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި އިންޒާރު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާރާމާރީ ހިންގުމުގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވާއިރު، އެ މައްސަލައާ ގުޅިގެން 37 އަހަރުގެ އެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.