ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ވިލާތުގެ ރަސްގެފާނު، ޗާސްލް ތިން ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، ހޯމަ ދުވަހު ބޭއްވި ރާނީ އެލިޒެބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލެންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ތައުޒިޔާގެ މެސެޖު ލިޔުއްވާފައެވެ.

ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވީ މިމަހުގެ އަށްވަނަ ދުވަހު، އުމުރުފުޅުން 96 އަހަރުގައެވެ. ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވުމުގެ ހިތާމައިގައި، ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓިއެވެ.