ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އެކި ފަރާތްތަކާ މަސައްކަތް ހަވާލުކުރަން ޖެހޭނީ "ކާށި އަޅަން ރުކަށް އަރާނެ މީހަކު ހޯދާ އުސޫލުން ނޫން" ކަމަށް ހައިކޯޓުން ބުނެފިއެވެ.
ބިގް ބޮކްސް ކުންފުނީގެ ފަރާތުން ޓީވީއެމްގެ އިމާރާތުގެ ތެރޭގައި 2018 ވަނަ އަހަރު ޕޮލިސް ޕޯސްޓެއް ހެދި ކަމަށްބުނެ އެ މަސައްކަތަށްވާ ފައިސާ ހޯދަން އެކުންފުނިން ވަނީ ޕީއެމްސްއެމަށް އިންވޮއިސްއެއް ފޮނުވައިފައެވެ.
ނަމަވެސް އެ މަސައްކަތް އެކުފުންޏާ ހަވާލުކުރިކަން އިންވޮއިންސްއިން ސާފުނުވާތީ ޕީއެސްއެމުން ވަނީ އެ ފައިސާ ދިނުމަށް ދެކޮޅު ހަދައިފައެވެ.
ޕީއެސްއެމުން ފައިސާ ދިނުމަށް ދެކޮޅު ހެދުމުން، މަސައްކަތުގެ އަގުކަމަށްވާ 2،300،000 ރުފިޔާ ހޯދަން ބިގް ބޮކްސްއިން ވަނީ 2019 ވަނަ އަހަރު ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ފައިސާ ހޯދުމަށް ޕީއެސްއެމްއަށް ފޮނުވި އިންވޮއިސްގައި ހުރި ކަންކަން ބިގްބޮކްސްއަށް ސާބިތުކޮށްދެވިފައި ނުވާތީ އެފައިސާ ނަގައިނުދެވޭނެ ކަމަށެވެ. އެ ހުކުމް ބިގްބޮކްސްގެ ފަރާތުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.
ހައިކޯޓުން އެ މައްސަލައިގެ ހުކުމް އިއްވަމުން މިއަދު ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އެ ހުކުމް އިއްވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ މައްސަލައިގެ ރައުޔުގައި ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ، ޕީއެސްއެމްއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ތަނަކަށްވާ އިރު، އެތަނުގެ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދަންވާނީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ.
ނަމަވެސް ޕީއެސްއެމްގެ އަމަލުތައް ހުންނަނީ މާލިއްޔަތު ގާނޫނާހިލާފަށް ކަމަށެވެ. އެހެންކަމުން މަސައްކަތްތައް ހަވާލުކުރާ އިރު، ޕީއެސްއެމް ޒިންމާދަރުވާން ޖެހޭ ކަމަށް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.
"ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން އެކި ފަރާތްތައް މެދުވެރިކޮށް ހޯދާ ހިދުމަތްތަކަކީ ވިޔަފާރިވެރިއަކު ކޮންޓެއިނާ އެއް ހުސްކުރުމަށް ނުވަތަ ފިހާރައަކަށް މުދާ ވައްދަން މަގުމަތިން މަޖޫރީއަކު ހޯދާހެން ކުރެވިގެންވާނެ ކަންކަމެއް ނޫން. އެހެން އިބާރާތަކުން ބުނާ ނަމަ، މީހަކު އޭނާގެ ގޯތީގައި ހުރި ރުކަކުން ކާށިއަޅަން ރުކަށް އަރައިދޭނެ މީހަކު ހޯދާ ފަދައަކުން ކުރެވިދާނެ ކަމެއް ކަމުގައި ނުދެކެމެވެ،" ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.
ފަނޑިޔާރު މަޒީދު ވިދާޅުވީ ދައުލަތުގެ ފައިސާއިން ހިންގާ ދައުލަތުގެ ކުންފުންޏެއްގެ އިސްވެރިން ބޭނުންހާ ގޮތަކަށް ފައިސާ ހަރަދުކޮށް، މުއާމަލާތް ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. އަދި މާލިއްޔަތު ގާނޫނާހިލާފަށް އަމަލުކުރާ މުވައްޒަފުންނާއި އެތަނުގެ އިސްވެރިންނަށްވެސް ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ފަނޑިޔާރު މަޒީދު ވިދާޅުވިއެވެ.
ފަނޑިޔާރު މަޒީދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު