ރާއްޖޭގެ ހުނަރުވެރި ޒުވާން ބޮޑީބޯޑަރު، އާމިން އުމަރު މޫސާ އާއި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަށް ދުނިޔޭގެ ރޭންކިންގައި ތަފާތު ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
އެންމެފަހުން ރާއްޖޭގައި ބޭއްވި ބޮޑީބޯޑިން ޓުއާގެ އިވެންޓްގެ ޖޫނިއާ ބައިން ފައިނަލަށް ގޮސް، ރާއްޖެ ފަހުރުވެރިކޮށްދިން އާމިން އަކީ މިހާރު ދުނިޔޭގެ ޖޫނިއާ ރޭންކިންގެ ތިންވަނަ ބޯޑަރެވެ. މިއީ ބޮޑީބޯޑިންގެ ދުނިޔޭގެ ރޭންކިންގައި ދިވެއްސަކަށް ހޯދުނު އެންމެ ބޮޑު ކާމިޔާބުވެސްމެއެވެ.
ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕްރޯގެ ކާމިޔާބީއާ އެކު އާމިން ވެފައިވަނީ ދުނިޔޭގެ ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ ފައިނަލެއްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި އެތުލީޓަށެވެ.
އިއްޔެ އާންމުކުރި ރޭންކިންގައި ޖޫނިއާ ލެވެލްގައި އާމިން ތިންވަނައިގައި އޮތް އިރު، ދުނިޔޭގެ އެއްވަނައިގައި 2000 ޕޮއިންޓާ އެކު ފަސް ބޮޑީބޯޑަރަކު އޮތެވެ. އެއީ ޕޯޗުގަލްގެ ޖޮއެލް ރޮޑްރިގޭސް، ސްޕެއިންގެ ގަބްރިއެލް މޮލީނާ އާއި ޖޯޖް ހެނާންޑޭޒް، ޕެރޫގެ މައިކޯލް ޔަންސޭ އަދި ބްރެޒިލްގެ ޕައޮލޯ ގަލާޓީއެވެ. މޮލީނާއަކީ މޯލްޑިވްސް ޕްރޯގައި އާމިންއާ ފައިނަލުގައި ވާދަކުރި ބޮޑީބޯޑަރެވެ.
އާމިން ރޭންކިންގެ ތިންވަނައިގައި އޮތީ ޖުމުލަ 1720 ޕޮއިންޓާއެކުގައެވެ. ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން އާމިންގެ އިތުރުން ތިންވަނައިގައި ހިމެނޭ ބޮޑީބޯޑަރުންނަކީ ޕެރޫގެ ނިކޮލަސް އެސްޕިނޯޒާ އާއި ފަބިއޯ ސާވެދްރާ، ބްރެޒިލްގެ ގިލެރްމޭ މޮންޓަނެގްރޯ އަދި ހޯސޭ އޮގަސްޓޯއެވެ.
ޖޫނިއާ ރޭންކިން މިއަހަރަށް ފައިނަލް ވާނީ އަންނަ މަހު ކެނަރީ އައިލެންޑްސްގައި ބާއްވާ އައިބީސީ އިވެންޓަށް ފަހުއެވެ. އެއީ އޮކްޓޫބަރު 15-30 ކުރިއަށްދާ އިވެންޓެވެ.
އައިބީސީގެ ދުނިޔޭގެ ރޭންކިންގައި ޑްރޮޕް-ނީ ކެޓަގަރީގައި ކުޑަ އައްޔަ ވަނީ 12 ވަނަ މަގާމަށް ޖެހިލައިފައެވެ. ސީނިއާ ޑްރޮޕް ނީ ކެޓަގަރީގެ ރޭންކިން މިއަހަރަށް ފައިނަލް ވެފައިވާ އިރު، މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައިވެސް ބޮޑު ކާމިޔާބީއެކެވެ. އެ ކާމިޔާބީ ކުޑަ އައްޔަ ހޯދީ ރާއްޖޭގައި ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ވާދަކޮށްގެންނެވެ. ކުޑަ އައްޔައަކީ ރާއްޖޭގެ ތާރީހުގައި ވެސް އައިބީސީ މުބާރާތެއްގެ ސީނިއާ ކެޓަގަރީގެ ގަދަ ހަތަރެއްގައި ހިމެނުނު ފުރަތަމަ ބޮޑީބޯޑަރެވެ.
އޮގަސްޓް މަހު ރާއްޖޭގެ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށް ދިޔަ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ތިންވަނަ ބުރުގައި ރާއްޖޭގެ ބޮޑީބޯޑިން ޗެމްޕިއަން ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓެނާ މެކް ޑެނިއެލް ފަހަތަށް ޖައްސާލައިފިއެވެ. ކުޑަ އައްޔަ މިއަދު ފަހަތަށް ޖައްސާލި ޓަނާއަކީ ބޮޑީބޯޑިންގެ ދުނިޔޭގެ ފެންވަރުގެ އެތައް ރެކޯޑެއް އޮތް އެތުލީޓެކެވެ.
އައިބީސީ ޓުއާގައި ޑްރޮޕް-ނީ ކެޓަގަރީގެ އެއްވަނައިގައި މި ސީޒަން ނިންމާލީ 4000 ޕޮއިންޓާ އެކު ހަވާއީގެ ޑޭވް ހުބާޑެވެ.