ޚަބަރު

ގްރީން ޓެކްސް ނަގާ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފި

އިބްރާހިމް ޒަކީ

ގްރީން ޓެކްސް ނެގުމަށް މީގެ ކުރިން ގާނޫނަށް ގެނައި އިސްލާހުގައި ހިމެނޭ އޮޅުންތައް ރަނގަޅުކޮށް، ބެކްޑޭޓްކޮށް ޓެކްސް ނެގޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްވާން ބޭނުންވަނީ 26 މެންބަރުންގެ ވޯޓެވެ.

ސަރުކާރުން ގާނޫނަށް މި އިސްލާހު ހުށަހަޅަން ޖެހުނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ގްރީން ޓެކްސް ނަގަން ފެށޭނީ 2023ގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް އޮތުމުން ކުރިން ނަގަމުން އައި ޓެކްސް ނެގުން ހުއްޓުމުންނެވެ.

އެ އިސްލާހާއެކު މީރާއިން ބުނެފައި ވަނީ، އެ މާއްދާ އޮތް ގޮތުން ގްރީން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ގްރީން ޓެކުހުން ދައުލަތަށް ލިބެންޖެހޭ އާމްދަނީން 300 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެހެންކަމުން ތިނެއް ޖުލައިން ފެށިގެން އަންނަ ޖެނުއަރީމަހު، ގްރީން ޓެކްސް ނެގުމާ ހަމައަށް މިދާ މުއްދަތުގައި ނަގަންޖެހޭ ގްރީން ޓެކްސް މި އިސްލާހާ އެކު ދައުލަތަށް ނަގާނެއެވެ.

ދައުލަތުން މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ގްރީން ޓެކްސް ނަގަން ފަށަންދެން ކުރިން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރުމަށާއި އެ ނޫންވެސް އެކަމާ ގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ކަމަށެވެ.

އެގޮތުން ގާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުތަކުގެ ގޮތުގައި ބިލުގައި ހިމަނާފައި ވަނީ، ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދު ފަހަރާއި އެ ނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެއިން ކޮންމެ މީހަކަށް ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މާއްދާގެ ދަށުން ނަގާ ޓެކްސް ޓޫރިސްޓުންގެ އަތުން ނަގައި ދައުލަތަށް ދެއްކުމަކީ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެގޮތުން ތިނެއް ޖުލައިން ފެށިގެން މި އިސްލާހު ފާސްވެ އަމަލުކުރުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރިތަނެއް ހިންގާ ފަރާތަކުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުގެ ބަހުސްގެ މަރުހަލާއާއި ކޮމިޓީ މަރުހަލާގައި ބިލަށް އިސްލާހު ގެނައުމަށް މެންބަރުން ވާހަކަދެއްކެވިއެވެ. ބިލުގައި މިހާރު އޮތް ޖުލައި ތިނަކުން ފެށިގެން ގްރީން ޓެކްސް ނެގުން މީރާއިން ހުއްޓާލާފައިވާ މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދައްކަންޖެހޭ ކަމަށް އޮތުމަކީ މާފަހުންވެސް އެ ފައިދާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެތީ އެއަށް ބަދަލު ގެނައުމަށާއި، ގްތީޏްޓެސް އިން ޕަސެންޓެއް ރަށްރަށަށް ލިބޭނެގޮތް ހެދުަށްވެސް މަޝްވަރާ ކުރެއްވިއެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް ނުގެނެސް ބިލު ފާސްކުރީ ސަރުކާރުން ފޮނުވި ގޮތަށެވެ.