ޚަބަރު

2024 އަށް މުޅި ރާއްޖެ ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވޭނެ: އަސްލަމް

އިބްރާހިމް ޒަކީ

ދަތުރު ފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވައިލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 2024 ވަނަ އަހަރު ނިމެންވާއިރަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ސްޕީޑް ފެރީގެ ނިޒާމުން ގުޅައިލެވޭނެ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ޒޯން އެކަކަށް ސްޕީޑް ފެރީގެ ހިދުމަތް ފަށާފައިވާ އިރު، އެ މަސައްކަތާ މެދު ރައްޔިތުން ދެކޭގޮތް އޮޅުން ފިލުވުމަށާއި އެއީ ކާމިޔާބު މަސައްކަތެއްތޯ އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބުދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑަށް ފެންނަނީ ބައިވަރު މީހުން ދަތުރަށް އަރާތަން. އަޅުގަނޑަށް ފެންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ހޮނިހިރު ދުވަހަށް ބާރު ބޮޑުވުން ހަފުތާގެ ހުރިހާ ދުވަސްތަކަކަށް އީވަން އައުޓް ވެއްޖެތަން. އަޅުގަނޑަށް ފެންނަނީ އަތޮޅުގެ ރަށްތަކުގެ ތެރެއިން ހާއްސަ ރަށްތަކަކަށް މީހުން ގިނައިން ދަތުރު ކުރާތަން. ފަންސާސް ހާސް ދަތުރުވެރިން ދަތުރުކޮށްފި. އެ ދެއަތޮޅުން އެކަނި އެއީ 56 ދުވަސް ހއ. ގައި 80 ދުވަސް ހދ. ގައި ތުރާކުނުން މަކުނުދުއަށް ދަތުރުކޮށްފަ އެބައޮތް. މީގެކުރީގަ ފަސޭހަ ކަމެއް ނޫންމީ. ހަމަ އެދުވަހު ފުރައިގެން އެދުވަހު ދެވޭނެ ތުރާކުނުން މަކުނުދޫއަށް،" އަސްލަމް ވިދާޅުވިއެވެ.

އެހެންނަމަވެސް މިނިސްޓަރު ވިދާޅުވީ އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރާ މަދު ރަށްތަކެއް ހިމެނޭ ކަމަށެވެ. ނަމަވެސް ބޭނުންވަނީ އެއްރަށާއި އަނެއްރަށް ނުގުޅި އޮތް ރަށެއް ނެތުން ކަމަށްވެސް ވިދާޅުވިއެވެ. އެއީ މި ކަމަކީ މުޅި ގައުމުގެ އިގުތިސޯދީ ކުރި އެރުމާއި އިޖުތިމާއީ ގުޅުންތަކުގެ މައިބަދަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެގޮތަށް ދަތުރު ނުފަށާ އޮތް އެހެން އައޮޅުތަކުންވެސް ދަތުރުތައް ފެށުމަށް އެދެމުންދާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ މެދެއްހާ ތަނުގައި ދެކުނުގެ އަތޮޅުތަކުގައި ދަތުރުތައް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ގއ. އާއި ގދ. އާއި ނ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި އަންނަ އަހަރުގެ މިހާތަނަށް ދަތުރުތައް ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އުއްމީދު ކުރަން އަޅުގަނޑުމެންގެ ތެރެއަށް އަންނަ ސިޔާސީ ބަދަލުތަކާއެކީ މިޒާތުގެ މަސައްތައް ހުއްޓާ ނުލާނެ ކަމަށް، މިއީ ގައުމުގެ ތަރައްގީއަށް، ގައުމު ބިނާކުރުގައި އެންމެން އެކައްޗެއް ކިޔާ ޒާތުގެ މަސައްކަތެއް،" އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 2009 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އެ މަސައްކަތް ބައެއް އަތޮޅުތަކުގައި ފެށި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައެއް އަތޮޅުތަކުގައި އެ ހިދުމަތް ހުއްޓާލި ކަމަށެވެ.