ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 40

1

އެތެރެއަށް ހުޅުވިގެންދިޔަ ދޮރާއެކު ވިލިނީއަށް ފަހަތަށް ޖެހިލެވުނީ ފެނުނު މަންޒަރަކުންނެވެ. ސޯފާގައި އެކަކު އަނެކަކުގެ ގައިގައި އޮޅުލައިގަނެގެން ތިބި ރޫބިޔާ އާއި ފަރީދު ހީވީ ކޮޅަށް ޖެހުނު ގޮތުން ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ލައިގެން ހުރި ގަމީހުގެ މަތިން ނައްޓާފައިހުރި ގޮށްތައް އަޅުވަމުން ފަރީދު ނުކުމެގެން ދިޔުމުންވެސް ވިލިނީ އެތެރެއަށް ނުވަދެ ބޭރުގައި ހުއްޓެވެ.

ވިލި ގޭތެރެއަށް ވަނީ ދެތިންފަހަރު ރޫބިޔާ ގޮވާލުމުންނެވެ. ސޯފާގައި އިށީނދެފައި ރޫބިޔާގެ މޫނުން ނަޒަރު ވަކިކޮށް ރޫބިޔާ އެ ނުބައި އަމަލު ހިންގި ސޯފާއަށް ވިލިނީ ބަލައިލިއެވެ. ކުޝަންތައް ހުރީ ތިރިއަށް އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައެވެ.

"އެބަ އަންނަން" ރޫބިޔާ ހިނގައިގަތީ އިސްތަށިގަނޑު ރީތިކޮށްލަން ފޯނު ނަގާފައި ބަލައިލި ވަގުތު ތުންފަތް ކައިރިން ލިޕްސްޓިކް ގެ ރަތްކުލަ ފޭދިފައި ހުރުމުން ވިލިނީގެ ނަޒަރުން ސަލާމަތްވުމަށް ދުރަށެވެ.

ޒިންކު ކައިރީގައި ހުއްޓިފައި ފެންފޮދަކުން މޫނު ދޮވެލާފައި ޓިޝޫއަކުން ފޮހެލިއެވެ. ހިތާހިތުން އެފަދަ ވަގުތެއްގައި ވިލިނީ އަންގާވެސްނުލައި ގެއަށް އައުމުން ރޫބިޔާ ހިތްހަމަ ނުޖެހުނެވެ. ދަރިއެއް ފަދައިން ދެކޭ ކުއްޖަކަށް އެކަހަލަ މަންޒަރެއް ފެނުނީތީ ރޫބިޔާ އަމިއްލަ ނަފުސަށް ލަދުވެސްގަތެވެ. ވާހަކަ އޮޅުވާލުމަށްޓަކައި ގަނެފައި ހުރި ހެދިކާ ހިފައިގެން ރޫބިޔާ ބަދިގެއިން ނުކުތެވެ. އެހެންނަމަވެސް ސިޓިން ރޫމުން ރޫބިޔާއަށް މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. ވިލިނީ ފެންނާކަށް ނެތެވެ. ކޮބައިތޯ ބަލަން ގުޅަން ނުކެރިފައި ރޫބިޔާ ހުއްޓެވެ.

*****

ފަތިސްނަމާދަށް ރާޝިދު ދިޔައީ ދެ ފިރިހެން ދަރިންނާ އެކުގައެވެ. ދުވަހުގެ ފެށުން ފެށިގެން ދިޔައީ ރާޝިދުގެ ހިތަށް އެތައް ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ގެނުވަމުންނެވެ. މިސްކިތުން ފައިބައިގެން ދެ ދަރިންގެ މެދުގައި ހުރެ ގެއާ ދިމާލަށް ރާޝިދު ދިޔައިރު އޭނާގެ ތުންފަތްމަތިން ހިނިތުންވުން ފިލާ ނުދެއެވެ. ދެ ދަރިންގެ ދެއަތް ހިމާޔަތެއް ފަދައިން ރާޝިދުގެ ކޮނޑުމަތީގައި އޮތް ކަމުގެ އިހުސާސް ރާޝިދަށް ކުރެވެމުން ދިޔައެވެ.

ގޭ ދޮރުމަތި ކުނިކަހަން އޮތް ޖިލްވާ ތިންބަފައިން އަންނަތަން ފެނުމުން ތެދުވެ ހިންދެމިލިއެވެ. އެއްކުރި ކުނިތައް ބަރޯއަށް އަރުވާފައި ގެއާ ހަމައަށް ތިންބަފައިން ފޯރަންދެން ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ.

"އަޅުގަނޑު ހުންނާނީ ހުނިރޮށި ފިހަން ތައްޔާރުކޮށްފައި. ވަރަށް އަވަހަށް ސައި ހަދާލާނަން" ހިނިތުންވުމަކާއެކު ޖިލްވާ ބުންޏެވެ. ރާޝިދު ހީލާފައި ޖިލްވާ ބޯމަތީގައި އަތް ބޭއްވިއެވެ. ބަރަކްއަށް ބަލާލާފައި ހީލުމަށްފަހު ދެމަފިރިންނަށް ހެޔޮދުއާ ކޮށްދިނެވެ.

ހުރިހާ ދަރިން ގޭތެރެއަށް ވަނުމުން ރާޝިދު ބޭރަށް ނުކުމެލީ ވަރަށް އަވަހަށް ގެއަށް އަންނާނަމޭ ބުނެފައެވެ. އެކުގައި ދެ ދަރިން ނުކުންނަން އުޅުމުން އެކަން ހުއްޓުވީ ރާޝިދެވެ. މާދުރަށް ނުދަމޭ ބުނިއިރު ރާޝިދުގެ ނަޒަރު ހުއްޓިފައި ހުރީ ގެއާ މާދުރު ނޫން ހިސާބެއްގައި ކުނިކަހަން އޮތް އުމުރުން ސާޅިހަކަށް އަހަރަށްދާ އަންހެނަކަށެވެ.

މީހަކު ކައިރިވިހެން ހީވުމާއެކު ސަމީހާ ކޮޅަށް ތެދުވެއްޖެއެވެ. ބިޑިހެދުމަކާއެކު ކަންބުރުގަލެއް އަޅާފައިވާ ހިމަތޮޅި ދޮން އަންހެނެކެވެ. އިސްކޮޅުން ރާޝިދާ ދާދި އެއްވަރެވެ.

"އަހަރެން ވަރަށް މުހިންމު ވާހަކައެއްދައްކަން ބޭނުންވޭ" ރާޝިދު ބުންޏެވެ.

********

އޮފީހަށް ވަދެފައި ސޮއިކޮށް ނިމުމުން ރިންދާ ނުކުތީ ބޭރަށެވެ. ވަކި ހިސާބަކުން ރިންދާ އެރީ ލިފްޓުން ނުކުތް ޝާހްބާޒްގެ ކުރިމައްޗަށެވެ. ރިންދާ ހީލިއެވެ. ޝާހްބާޒް ސުވާލުކުރާނޭކަން އެނގޭތީ ނަހީކާއެކު ސައިބޯން ބޭރަށް ނުކުންނަނީ ކަމުގައި ރިންދާ ބުންޏެވެ. ޝާހްބާޒް ބޯޖަހާލުމުން ރިންދާ ލިފްޓުގެ ތެރެއަށް ވަނެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގައި އަތްހާލާކާލަމުން ޝާހްބާޒް ނިތަށް ރޫއަރުވާލިއެވެ.

ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭއިރު އެގުޅުން އޮތީ ކައިވެންޏަކާ ހަމައަށް ގޮސްފައެވެ. ނަހީކަކީ އުފަން ދަރިއެއް ކަމުގައި ވިޔަސް އެއްވެސް ސިފައެއްގައި ރިންދާ އާ މެދު ނަހީކް އެއްވެސް ނުބައި އަމަލެއް ހިންގުމަކީ ޝާހްބާޒްއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޝާހްބާޒް ކަންބޮޑުވީ ރިންދާ އާ މެދުގައެވެ. އެކުވެރިއެއްކަމުގައި ރިންދާ ދެކުނަސް ނަހީކްގެ ހިތް އޮތީ އެހެން ނޫންކަން ޝާހްބާޒަށް އެނގެއެވެ. ނަހީކަކީ އެހާ ފަސޭހައިން ބަލި ގަބޫލު ކުރާނޭ މީހެއް ނޫން ކަންވެސް އެންމެ ބޮޑަށް އެނގޭނީ ޝާހްބާޒަށެވެ. ކޮންމެ ގޮތެއްވިޔަސް ރިންދާ އެވަނީ ނަހީކާ ވަރަށް ގާތްވެފައެވެ.

********

ހެނދުނުގެ ސައި ރޫބިޔާ ބުއީ ފަރީދާއެކު ގެއިންނެވެ. ކައިރީގައި ހުރި ހޮޓަލުން ކާއެއްޗެހި ގެނެސްގެންނެވެ. ދެމީހުން މެދުގައި މާބޮޑު ވާހަކައެއް ނުދެކެވެއެވެ. ވިލިނީ އެއްވެސް ކޯލަކަށް ޖަވާބުނުދޭތީ ރޫބިޔާ އިނީ ފިކުރެއްގައެވެ. ކޮންމެގޮތެއްވިޔަސް ވިލިނީއަށް ފެނުނީ ފެނިގެންނުވާނޭ ފަދަ މުޑުދާރު މަންޒަރެއްކަން ރޫބިޔާއަށް ގަބޫލުކުރެވެއެވެ.

"އިއްޔެގަ ކަންތަކާ އަދިވެސް ވިސްނަނީ ދޯ" ފަރީދު ބުންޏެވެ. ރޫބިޔާ ބޯޖަހާލިއެވެ.

"އަހަރެން ބުނަމެއްނު އަވަހަށް އިންނަން ހިނގާށޭ. ރޫބީ ގަބޫލުކުރާކަށް ބޭނުމެއްނުވޭ" ފަރީދު ބުންޏެވެ.

އެކަމާ ރޫބިޔާ ވިސްނިއެވެ. ފަރީދާއެކުގައި ކައިވެންޏަކާ ހަމައަށް ދިޔުމަށް ރޫބިޔާގެ ހިތަށް އެރީވެސް ހަމަ އެދަނޑިވަޅުގައެވެ. އެހެންނަމަވެސް ހިތުގެ އެދުމެއް އޮތީތީ އެކަން ހާސިލް ނުކުރެވެނީސް އެއްވެސް މީހެއްގެ ބާރުގެ ދަށަށްދާން ރޫބިޔާ ބޭނުމެއް ނުވެއެވެ.

މާލޭގައި ހުރި ރާޝިދުގެ ބޮޑު ގެ މިލްކު ކުރުމަކީ ރޫބިޔާގެ އެންމެ ބޮޑު ހުވަފެނެވެ. އެކަންވެސް މިހާރު އޮތީ ރޫބިޔާގެ އަތް ފޯރާވަރަށް ވުރެ ދުރުގައެވެ.

********

މެންދުރު ކައިގެން ރާޝިދު ނުކުތީ އަތިރިމަތީގައި ހުރި ޖޯއްޔަށެވެ. ތިންދަރިން އަންނާނެކަން އެނގޭތީ ރާޝިދު އިންތިޒާރުގައި އިނެވެ. މާގިނައިރެއް ނުވިއެވެ. ރާޝިދުގެ ތިން ދަރިން އައިސް ކައިރީގައި އިށީނދެއްޖެއެވެ. ބަރަކް އާއި އަޔާލް ރާޝިދުގެ ދެފަރާތުން އިންއިރު ޖިލްވާ އިނީ ރުއްގުޅިއެއްގެ މަތީގައެވެ. މެންދުރުގެ ރަތް އަވި މަގު އެއްކޮށް ހިފާލާފައި އޮތްއިރު ހަމައެކަނި ހިޔަލެއް އޮތީ ރާޝިދުގެ އާއިލާ މަޑުކޮށްލައިގެން ތިބި ގަސްތައް ދޮށުގައެވެ.

"ބައްޕާ!"

އެ އިވުނީ އަޔާލްގެ އަޑުކަމާމެދު ރާޝިދަށް ޔަގީނެއް ނުވިއެވެ. ބައްޕަ ކަން އެނގުނު ފަހުން އަޔާލް ފުރަތަމަ ފަހަރަށް ރާޝިދަށް 'ބައްޕަ' ގެ ނަމުން މުހާތަބް ކުރުމުން ރާޝިދުގެ ހިތް އުފަލުން ފުރުނެވެ. އަޔާލްގެ އަތުގައި ހިފަހައްޓާލިގޮތަށް ދޮށީ ދަރިފުޅުގެ ދެއަތްތިލައަށް ބޮސްދިނެވެ.

"އަހަރެމެން މިތިބީ ބައްޕަގެ ވާހަކަ އަޑުއަހާހިތުން" އަޔާލް ބުންޏެވެ. ރާޝިދު ހީލިއެވެ.

ރާޝިދުގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް ދަރިންނާ ހިއްސާކުރަންވީ ވަގުތު ޖެހުނީކަން ރާޝިދަށް އެނގުނެވެ. އެ ވާހަތަކުން އެކުދިންގެ ހިތުގައި މައިމީހާއާ މެދު ފޫހިކަމާއި ނަފުރަތު އުފެދިދާނެކަމަށްޓަކައި ރާޝިދު ކަންބޮޑުވިއެވެ. އެހެންނަމަވެސް އެވާހަކަތައް އެކުދީންނާ ހިއްސާނުކޮށްވެސް ހުންނާކަށް ރާޝިދު ބޭނުމެއް ނުވެއެވެ. ބައްޕައާ މެދު ކަންތައްތައް ވެގެންދިޔަ ގޮތް އެކުދީންނަށް ކޮންމެހެންވެސް އެނގެން ޖެހެއެވެ. އެއީ އެކުދީންގެ ހައްގެކެވެ.

"އެންމެ ފުރަތަމަ ތި ދެކުދީން ބައްޕަ ކައިރީގަ ވައުދުވޭ ދުވަހަކުވެސް ތި ދެކުދީންގެ ގުޅުމަށް ހީނަރު ކަމެއް ނާންނާނޭ ކަމަށް. ގިނަފަހަރަށް ކެހި ދޭނީ އެންމެ ގާތުގައި ތިބޭ މީހުން. ބައްޕަ މިބުނި އެއްޗެއް ދަރިފުޅުމެން ބޮޑެތިވެފައި ތިބިއިރު މިހާރު އެނގިފަ އޮންނާނީ" ފަހު ޖުމްލައާއެކު ރާޝިދުގެ ނަޒަރު ދަތުރުކޮށްލީ އަޔާލަށެވެ. ބަހެއް ނުބުނެ ތިބިއިރު ރާޝިދުގެ އެބަސްތައް އަމާޒުވީ ކާކަށްކަން ދެކުދިންނަށްވެސް އެނގުނެވެ. ރާޝިދު އެދުނު ފަދައިން ދެކުދީން ރާޝިދު ގާތުގައި ވައުދުވިއެވެ.

ފުން ނޭވައެއް ދޫކޮށްލުމަށްފަހު ރާޝިދު ވާހަކަދައްކަން ފެށިއެވެ.

ރާޝިދުގެ މާޒީ

އަލަތު ކައިވެނީގެ ގޮށް ޖެހުނުއިރު އަނބިމީހާއަކީ ރާޝިދަށް ބީރައްޓިއްސެކެވެ. ރާއްޖޭގެ އުތުރުގައި އޮތް އަތޮޅަކުން ރަށަށް އައި ބީރައްޓެހި އަންހެން ކުއްޖެކެވެ. ސަހުލާއަކީ ރާޝިދަށް ވުރެ ތޭވީސް އަހަރު ހަގު ކުއްޖެކެވެ. އެހެންނަމަވެސް ސަހުލާ ވެގެންދިޔައީ ފިރިމީހާއަށް އޯގާތެރި އަޅާލާ އަންބަކަށެވެ. ހާއްސަކޮށް އަވަށްޓެރިންގެ ކުރިމަތީގައި ރާޝިދަށް އިހުތިރާމް އަދާކުރެއެވެ. ކައިވެންޏަށްފަހު ދެމަފިރިން ދިރިއުޅެމުން ދިޔައީ ރާޝިދުގެ ބައްޕަ އަޅާދީފައި ހުރި ފަން ގެއެއްގައެވެ. ދެފަރާތުގެ އާއިލާގެވެސް އިތުރު މީހުން ނުތިބޭތީ ކައިވެނީގެ ފުރަތަމަ ކޮޅު ހޭދަކުރީ އެކަނިވެރި ދުވަސްތަކެކެވެ.

ރާޝިދުގެ ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބުނީ ސަހުލާގެ އުމުރުން ސާދަ އަހަރުގައެވެ. ދުވަސްނުފުރާ ވިހޭ އަންހެން ދަރިފުޅު ދުނިޔޭގައި އޮތީ އެންމެ ހަތް ގަޑިއިރު ވަންދެނެވެ. އިތުރު ހިތްދަތިކަމެއް ދެމަފިރިންނަށް ތަހައްމަލު ކުރަން ޖެހުނު ކަމަކަށް އެކަން ވެގެން ދިޔައެވެ.

މާގިނަ ދުވަސްތަކެއް ނުވެ ދެވަނަ ދަރިފުޅަށް ސަހުލާ ބަލިވެ އިނެވެ. އަވަށްޓެރިންގެ ތެރެއިން ގާތް ބަޔަކު ރާޝިދަށް ލަފާދިނީ ސަހުލާގެ އުމުރުގެ ހަގުކަމާ ހެދި ދެވަނަ ފަހަރަށް ހިތްދަތި ކަމެއް ލިބިދާނެތީ ސަހުލާ ގޮވައިގެން އޭރުވެސް ގިނަބަޔަކު ރަނގަޅު ސިއްހީ ފަރުވާއެއް ބޭނުންވެއްޖެނަމަ ގޮސް އުޅޭ މާލެ ދިޔުމަށެވެ. އޭރު ރާޝިދަކީ ތިން މީހުންގެ ޖާގައިގެ ކުޑަ އޮޑިއެއްގައި މަސްވެރިކަން ކުރާ ހީވާގި ކެޔޮޅެކެވެ.

އަތުގައި ހުރި މަދު ލާރިކޮޅު ހިފައިގެން ސަހުލާ ގޮވައިގެން ރާޝިދު މާލެ އައީ ކަނޑުމަތީގައި ދެ ހަފުތާ ހޭދަކޮށްފައެވެ. ދެ މޫސުން ބަދަލުވާ ދުވަސްކޮޅު ކަމުން ކަނޑުމަތީގައި އޮޔާއި ވަޔާ ދެކޮޅަށް ހަނގުރާމަކުރަން ޖެހުމުން ސަހުލާ އިތުރަށް ބަލިވިއެވެ. މާލެ އައިސް އޭރުގައި މީހުން ސިއްހީ ފަރުވާ ހޯދަމުންދިޔަ ބަނޑަހަގޭގައި ސަހުލާ އެޑްމިޓްކުރި އިރު ސަހުލާގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ހަށިގަނޑުން އިތުރު ތިން ކިލޯ ލުއިވެފައެވެ. ސަހުލާގެ ހަށިގަނޑު ވަރަށް ބަލިކަމަށް ސިއްހީ ހިދުމަތްތެރީން ދިން ހަބަރު ވެގެންދިޔައީ ރާޝިދަށް އިތުރު ހިތްދަތިކަމެއް ލިބިގެންދިޔަ ކަމަކަށެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އަނބިމީހާ އެކަނި ބާއްވާފައި ދުވާލުގެ ހުރިހާ ވަގުތެއްގައި ރާޝިދު ހޭދަކުރަނީ އެކިއެކި މަސައްކަތުގައެވެ.

ސަހުލާ ދޫކޮށްލިއިރު ހާލަތަށް ކޮންމެސް ވަރެއްގެ ހެޔޮ ބަދަލެއް އައެވެ. ސަހުލާ ގޮވައިގެން ރާޝިދު ދިޔައީ ރައްޓެސެއްގެ ގެއަށެވެ. ދީފައިހުރި ބޭސްތަކާއި ރަނގަޅު ކާނާ ސަހުލާއަށް ހޯދައިދިނުމަށް ރެއާއި ދުވާލު ރާޝިދު މަސައްކަތް ކުރަމުން ދަނިކޮށް ރާޝިދުގެ އެކުވެރިޔާގެ ފަރާތުން ސަހުލާއަށް ޖިންސީ ގޯނާތަކެއް ލިބެން ފެށިއެވެ. އެހެންކަމުން އަނބިމީހާއަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެގެއިން ސަހުލާ ގޮވައިގެން ނުކުތީ ދާނެ އެއްވެސް މަންޒިލެއް ނެތިއެވެ. އަނބިމީހާގެ އަތުގައި ހިފައިގެން މާލޭގެ އެތައް މަގެއް ހުރަސްކުރިއެވެ. އަނބިމީހާ ވަރުބަލިވުމުން މަގުމަތީގައި ހުއްޓި ހުރެފައި އަނެއްކާ ހިނގައި ގަންނަނީއެވެ. މާލޭގެ މަސް މާރުކޭޓު މިހާރު ހުންނަ ސަރަހައްދުގައި ބޭނުންޖެހިފައި ތިބޭ މީހުން އޭރުވެސް މަޑުކޮށްލައިގެން ތިބެއެވެ. ސަހުލާ ގޮވައިގެން ރާޝިދު މަޑުކުރީ އެތަނުގައެވެ. އަނބިމީހާ ނިންދެވީ ރާޝިދު މާލެ އައި އޮޑިން ބޭލި ސަތަރިގަނޑެއްގެ މަތީގައެވެ. ޖީބުގައި ކޮންމެސް ވަރަކަށް ލާރި ހުރުމުން ދެމީހުންނަށް ކާއެއްޗެއް ކާލެވޭ ވަރު ވިއެވެ. އެސަރަހައްދުގައި ސަހުލާ ގޮވައިގެން އެތައް ދުވަހެއް ވަންދެން ތިއްބެވެ. ނަތީޖާއަކަށްވީ އުޅެން ޖެހުނު ގޮތުން ސަހުލާގެ ހަށިގަނޑު ދެރަވާން ފެށުމެވެ. ތަގައްޔަރުވެފައިވާ ފެނާއި ވިހި ތިރީހަކަށް މީހުން ބޭނުންކުރާ ފާހާނާ ބޭނުންކުރަން ޖެހުމުން ސަހުލާ ހުމެއް އަންނަން ފެށިއެވެ. ސަހުލާގެ ހަތްމަސް ވެފައިވާ ބަނޑު ހީވަނީ ބަނޑުފުރާ ކައިގެން ހުރުމުން ކިރިޔާ ބަނޑު އުފުލިލާފައި ހުރި ހެންނެވެ. ސަހުލާގެ ހަށިގަނޑު ނިކަމެތިވެއްޖެކަން ރާޝިދަށް އިހުސާސްވާ ކޮންމެފަހަރު ހިތަށް ލިބެނީ އިތުރު ވޭނެކެވެ.

ދެވަނަ މަސް ނިމި ތިންވަނަ މަހަށް އެޅުނުއިރު ވިއްސާރަ މޫސުން ނިމި ދުނިޔެ ރީތިވެއްޖެއެވެ. އިތުރަށް އަނބިމީހާ ނުރައްކަލުގެ ތެރެއަށް ވައްޓާލަން ބޭނުންނުވާތީ އިތުރު ގޮތެއް ފެނޭތޯ ރާޝިދު މަސައްކަތްކުރަން ފެށިއެވެ. އޭރުވެސް ސަހުލާގެ ހުންގަނޑު ވިހެނުލައެވެ. އަނގަ ހިތިވެ ކާއެއްޗެއް ނުކެވޭތީ ސަހުލާގެ ގައިގައި ކޮޅަށް ހުންނާނެހާ ހިތްވަރެއް ނުހުރެއެވެ.

ރާޝިދުގެ ދެމަފިރިންގެ ނަސީބު އަތުގައި ހިފީ ބާޒާރުމަތިން ދިމާވި އޯގާތެރިއަކާ ބައްދަލުވި ހިސާބުންނެވެ. ބޯޓުދަތުރުކުރާ މުހައްމައިދީއަށް ރާޝިދުގެ ދެމަފިރިން ފެނުމާއެކު ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ. ހާލުއަހުވާލު އޮޅުންފިލުވަން ސުވާލުކުރި ވަގުތު ރާޝިދު ރޮއެގަތެވެ. އެހީތެރިކަމެއް ލިބިދާނެތޯ އަސަރާއެކު އެހިއެވެ. އަނބިމީހާ މަރުވާން ދޫކޮށްނުލުމަށް އެދި އާދޭސްކުރިއެވެ. މުހައްމައިދީ ރާޝިދަށް ހިތްވަރުދިނެވެ. ކާރަކަށް ލައިގެން ރާޝިދުގެ ދެމަފިރިން ގެންދިޔައީ މާލެއިން މުހައްމައިދީއަށް ލިބިފައިވާ ގޯއްޗަށެވެ. އެހާ ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ގެއެއް ނޫނަސް ރާޝިދުގެ ދެމަފިރިންނަށް ސުވަރުގެއެއް ކަހަލަ ތަނަކަށް އެތަން ވިއެވެ.

މުހައްމައިދީއަކީ ކުޑަދުވަސްކޮޅެއްގެ މެހްމާނެއްކަން ރާޝިދަށް އެނގުނު ހިނދު ރޮއެގަތެވެ. އެފަދަ އޯގާތެރިއަކު އެހާ އަވަހަށް ދުނިޔެއަށް އަލްވަދާއުކިޔަން ރާޝިދު ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ތަގުދީރުގެ ނިޔާއަކީ އެކަމަކަށް އެންމެ ބޮޑަށް ހުރިހާ މީހުންވެސް ތަބާވާންވީ ކަމެވެ. އެއަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. މުހައްމައިދީގެ ހަށިގަނޑުގައި ނުބައި ބައްޔެއް ހުރިކަން އެނގުނީ އެންމެފަހުން ސިލޯނަށް ކުރި ދަތުރެއްގެ ތެރެއިންކަން އެނގުނެވެ. މުހައްމައިދިއަކީ އާއިލާގެ ހަމައެކަނި ބައްޕައެއް ހުރި މީހެއް ކަމަށް ބުންޏެވެ. އެގޭ ކޮޓަރިއެއްގައި މުހައްމައިދީގެ ބައްޕަ ދޮން އިބްރާހީމް ނުކުޅެދޭ ހާލުގައި އޮތް ވާހަކަ ބުންޏެވެ. މުހައްމައިދީ އެދުނީ ދޮން އިބްރާހީމް މަރުވަންދެން ބަލާދިނުމަށެވެ. އެގެއަކީ ދޮން އިބްރާހީމްގެ ގެއެއްކަން މުހައްމައިދީގެ ވާހަތަކުން ރާޝިދަށް އެނގުނެވެ.

ހަމަ އެދުވަހު ސަހުލާ އެޑްމިޓްކުރިއެވެ. ޑޮކްޓަރުން ލަފާދިނީ ވިހަންދެން ސަހުލާ ބޭއްވުމަށެވެ. ކުރިއަށް ވުރެވެސް ސަހުލާގެ ހަށިގަނޑު ބަލިކަމަށެވެ. ރާޝިދުގެ ހުރިހާ ވަގުތެއް އަނބިމީހާއަށް ހުސްކުރިއެވެ. އެހެންނަމަވެސް ޑޮކްޓަރީ އެއްވެސް ފަރުވާއަކުން ސަހުލާއަށް އަރައިގަނެވޭ ގޮތެއް ނުވިއެވެ. ސަހުލާއަށް ޖެހުނީ މައުސޫމް ކުޑަ ފިރިހެން ދަރިފުޅު ރާޝިދުގެ އަތްމައްޗަށް ދޫކޮށްލާފައި އަބަދުގެ އަބަދަށް މި ކެހިވެރި ދުނިޔެ އާ އަލްވަދާއު ކިޔާށެވެ. ރާޝިދަށް ހީވީ މުޅި ދުނިޔެއަށް އޭނާ ގިނަވި ހެންނެވެ. ދަރިފުޅު ގޮވައިގެން ދުނިޔޭގައި އުޅޭނެގޮތެއް ރާޝިދަކަށް ނުވިސްނުނެވެ. ސަހުލާގެ މަރާއެކު ރާޝިދު ހަދާނެގޮތް ހުސްވިއެވެ.

ތަގުދީރުގައި އޮތް ގޮތަކަށް އެކަމެއް ވެދެއެވެ. ދިރިތިބީންނަށް އޮތީ ކެތްކުރުމެވެ. ސަހުލާގެ ޖަނާޒާގެ ކަންކަން ނިންމާފައި ދަރިފުޅު ގޮވައިގެން ރާޝިދަށް ވަދެވުނީ މަރުވެގެން ވެއްޓިފައި އޮތް މުހައްމައިދީގެ ކުރިމައްޗަށެވެ. ރާޝިދަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓި ރާޝިދުގެ މުޅި ދުނިޔެ އަނދިރިވިއެވެ. ހަތަރު އުދަރެސް ފެނުޖެހި ގަބުވިއެވެ.

އެހެންނަމަވެސް ހާލަތަކީ ބަދަލުވާ އެއްޗެކެވެ. ހިތްދަތިކަމަށްފަހު ކޮންމެ އިންސާނަކަށްވެސް ހަމަޖެހުން ލިބެއެވެ. ހިތްވަރާއެކު މަސައްކަތްކުރުމުން ދުނިޔޭގައި އުޅޭނެ މަގު ފަހިވެއެވެ. ދިއރިއުޅުން ނިމޭނީ މީހާ ފަސްދަށަށް ދާހިސާބުންކަން ރާޝިދަށް ވިސްނައިދިނީ އެނދުގައި ބަލި ހާލުގައި އޮތް ދޮން އިބްރާހީމެވެ. އުންމީދަކީ ދިރިހުރިހާ ހިނދެއްގައި ކުރަންޖެހޭ އެއްޗެއްކަންވެސް ރާޝިދަށް ވިސްނައިދިނީ ދޮން އިބްރާހީމެވެ.

ކުޑަކުޑަ އަޔާލްގެ ހުރިހާ ކަމަކާއި ދޮން އިބްރާހީމްގެ ހުރިހާ ކަމެއް ރާޝިދު ބެލެހެއްޓިއެވެ. ވަގުތު ލިބޭވަރަކުން ކުދިކުދި މަސައްކަތް ކުރެއެވެ. ބާޒާރުމަތީގައި ރިހާކުރުފަދަ އެއްޗެހި އަގުބޮޑުކޮށް ވިއްކިއެވެ. އެވަގުތުތަކުގައި އަޔާލް ކިހިއްޔަށް ޖަހާލާފައި ހުރެއެވެ.

ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވެޔޭ ބުނާ ބީދައިން ދޮން އިބްރާހީމް ދުނިޔެއަށް އެންމެފަހުގެ އަލްވަދާއު ކިޔައިފިއެވެ. ރާޝިދުގެ ހިތްހެޔޮކަމާއި ކެތްތެރިކަމުގެ މޭވާ ހެއްދެވިފަރާތުން ރާޝިދަށް ދެއްވިއެވެ. ދޮން އިބްރާހީމް މަރުވެގެން ދިޔައިރު އޭނަގެ އެންމެ ބޮޑު މިލްކިއްޔާތުގައިވާ އެގެ ރާޝިދަށް ހިބައިން ދިނެވެ. ދުވަހަކުވެސް އެގެ އެހެން މީހަކަށް ނުދިނުމަށް ވަސިއްޔަތް ކުރިއެވެ.

ކުޑަ ދަރިފުޅާއެކު އެކަނިވެރި ހަޔާތެއް ފަސްއަހަރު ވަންދެން ރާޝިދު ހޭދަކުރިއެވެ. ދުވަހަކަށްފަހު ދުވަހެއް ރާޝިދުގެ އަތްމައްޗަށް އެއް ރުފިޔާއިން އިތުރުވަމުން ދިޔައެވެ. މާބޮޑު މުއްސަނދިކަމެއް ނުލިބުނަސް ރާޝިދުގެ އަތުގައި ފައިސާ ހުސްނުވެ ހުރެއެވެ. ލިބޭ ލާރިކޮޅުން ގެ އިމާރާތްކުރެވޭތޯ ބެލިއެވެ. އެހެންނަމަވެސް އުމުރުން ދުވަހެއް ދާވަރަކަށް ރާޝިދުގެ ހަށިގަނޑުވެސް ރޫއަރައި ދިފާއީ ނިޒާމް ބަލިކަށިވަމުން ދިޔައެވެ.

ދަރިފުޅާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދަނިކޮށް މާލޭގެ ފެންވަރު ރަނގަޅު އޮފީހަކުން ރާޝިދަށް މަސައްކަތު މީހެއްގެ ވަޒީފާ ލިބުނެވެ. އޮފީސް ތެރޭގައި އުޅޭ ތަފާތު މީހުންނާ ބައްދަލުވެ މަދުމަދުން ވާހަކަދެކެވެން ފެށުނެވެ. އެންމެންގެ މެދުގައި އެކުވެރިކަމެއް އުފެދި ރާޝިދުގެ ބީރައްޓެހިކަން ކެނޑެމުން ދިޔައެވެ. ރާޝިދުގެ އުމުރުން ދުވަސްވަމުންދިޔަ ހިތަށް ތާޒާކަމެއް ލިބުނީ އޮފީހުގައި އުޅުނު ދޮން ރީތި އަންހެންކުއްޖެއްގެ ސަލާން ބުނުންތައް ގިނަވާން ފެށުމުންނެވެ. ރާޝިދުގެ ދަރިއެއްގެ އުމުރުގެ އެ އަންހެންކުއްޖާ ރާޝިދަށް ލޯބީގެ އެކިއެކި ގޯނާކުރަން ފެށިއެވެ. ދުރުވާން ރާޝިދު މަސައްކަތް ކުރިއެވެ. ރޫބިޔާއަށް ވިސްނައިދިނެވެ. އެހެންނަމަވެސް ރޫބިޔާ ހުރީ އެ ވިސްނުން ދޫކޮށްލާ ގޮތަކަށް ނޫނެވެ. ރާޝިދުގެ ހިތަށް ރޫބިޔާގެ ތަސްވީރު ސިފަވާން ފެށީ އޭނާގެ އިހުތިޔާރުން ބޭރުގައެވެ. އެ ޒުވާން އަންހެންކުއްޖާއާ އެކު ދިރިއުޅުމެއް ބިނާކުރެވިދާނެ ކަމަށް އަމިއްލަ ސިކުނޑި ވިސްނައިދިނެވެ. މައެއްގެ ލޯބިން މަހުރޫމްވެފައިވާ ދަރިފުޅަށް މައެއްގެ ލޯބި ލިބިދާނެހެން ހީވިއެވެ.

ރޫބިޔާގެ ކައިވެންޏަށް ރާޝިދު އެދުނީ އެކަމަށް ވިސްނުމަށް ސާދަ ދުވަހުގެ މުއްދަތެއް ހޭދަކޮށްފައެވެ. ރާޝިދު ހީކުރިގޮތަށް ރޫބިޔާ ކައިވެންޏަށް ރުހުނެވެ. ލަސްކުރާން ބޭނުމެއް ނުވިއެވެ. ރާޝިދުގެ އެއްވެސް އިޝާރާތެއް ނުލިބެނީސް ކުރިން އަތުގައި ހިފާލާ ހަދާތީ އެކަމާ ރާޝިދު ކިތަންމެ ފަހަރަކު ކަންބޮޑުވުން ފާޅުކުރިއެވެ. އުމުރުގެ ތަފާތު ދެމީހަކު ދިރއުޅުމެއް ފަށާއިރު ވިސްނަންޖެހޭ ކަންކަން ހުރިކަން ރާޝިދު ރޫބިޔާއަށް ހަނދާންކޮށްދިނެވެ. ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކު އެކީގައި އެނދުމަތީގައި ހޭދަކޮށްލާ ވަގުތުކޮޅަކަށް ހަދަން ބޭނުންނުވާ ވާހަކަ ރާޝިދު ބުންޏެވެ.

ޖެހިގެން އައި ދުވަހު ރޫބިޔާގެ މައިންބަފައިންނާ ބައްދަލުކުރުމަށް ރާޝިދު ރޫބިޔާގެ ގެއަށް ދިޔައެވެ. އެ ގެ ފެނިފައި ރާޝިދު ހައިރާންވިއެވެ. އާއިލާއެއް އެއްކޮށް ދިރިއުޅެނީ ކުޑަ ކޮޓަރިއެއްގައެވެ. ރޫބިޔާގެ އެއްބަނޑު އެއްބަފާ އިތުރު ކުދިން ނެތަސް ގާތްތިމާގެ މީހުންނާއި އެމީހުންގެ ދަރިންވެސް ދިރިއުޅެނީ އެކޮޓަރީގައެވެ. އެފަދަ ތަނެއްގައި ތާށިކަން ބޮޑު ގޮތެއްގައި ދިރިއުޅުމަކީ ތަކުލީފެއްކަން ރާޝިދަށް ވުރެ ބޮޑަށް އިހުސާސްވާނޭ މީހަކު ހުންނާނެ ހެއްޔެވެ؟ ރޫބިޔާ އާ މެދު ރާޝިދުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެ އަލިފާންފޮށި ތެރެއިން ނެރެގެން ނާޒުކު މަލެއްފަދަ އެ އަންހެންކުއްޖާ މުޅި އުމުރަށް ގެންދަން ބޭނުންވިއެވެ. އެހެންނަމަވެސް ރޫބިޔާގެ މައިންބަފައިން އެކަމަށް ނުރުހުނެވެ. ޒުވާން އަންހެން ދަރިފުޅު އުމުރުގެ ގޮތުން އެތައް ތަނެއް ދޮށީ ފިރިހެނަކާ ހަވާލުކުރަން ބޭނުމެއް ނުވިއެވެ.

މާޔޫސްކަމާއެކު ގެއަށް އައިސް ވަން ރާޝިދުގެ ލޮލުގައި އެނދުގައި ނިދާފައި އޮތް ދަރިފުޅު އަޅައިގަތުމާ އެކު ދެ ލޮލުގައި ކަރުނަތައް ބޮނޑިވެގަތެވެ. އެ ދަރިފުޅުގެ ނަސީބާ މެދު ރާޝިދު ހިތާމަކުރިއެވެ. ރޫބިޔާގެ ވިސްނުން ހިތާއި ސިކުނޑިން ނެރެގެން އިތުރު ހިތްވަރާ އެކު މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅައިގެން މިސްކިތަށް ދާން ނުކުތް ވަގުތު ގޭތެރެއަށް ވަދެގެން އައި ރޫބިޔާ ފެނުމާ އެކު ރާޝިދަށް ލިބުނީ ހައިރާން ކަމެކެވެ. މައިންބަފައިންނާ އޮތް ގުޅުން ކަނޑާލާފައި ރާޝިދުގެ ފަހަތުން ރޫބިޔާ އައުމުން ހަގީގަތުގައިވެސް ރޫބިޔާ، ރާޝިދާއި ދަރިފުޅު ބަލައިގެންފި ކަމުގައި ރާޝިދަށް ހީވިއެވެ.

މާގިނަ ދުވަހެއްނުވެ ރޫބިޔާ އާއި ރާޝިދު ކައިވެނީގެ ގޮށް ޖެހިއެވެ. ރާޝިދުގެ ހަޔާތުން އުފާވެރި ދުވަސްތަކެއް ގުނެން ފެށިއެވެ. އަނބިމީހާގެ ހެޔޮކަމާއި ރަނގަޅުކަން ފާއިތުވެގެންދާ ކޮންމެ ސިކުންތަކާ އެކު ރާޝިދަށް އިހުސާސް ކުރެވެމުން ދިޔައެވެ. ސްކޫލު ދައުރުން ފެށިގެން މުއްސަނދި ދިރިއުޅުމަކަށް ފެން ބޮވައިގަނެފައި ހުރި ރޫބިޔާގެ ވިސްނުން ހުރިގޮތް ރާޝިދަށް ވިސްނާވެސް ނުލެވެއެވެ.

**********

"ފެންނަ ފެނުމަށް ޗާލަކަސް އެއީ ހަމަ ދަޅައެއް. ބައްޕައަށް ހޭވެރިކަމެއްވި އިރު ހުރިހާ ރޭވުމެއް ރާވައި ނިމިއްޖެ. ބައްޕައަށް ލިބުނީ ބޮޑު ކެއްސެއް" އަސަރާއެކު ރާޝިދު ބުންޏެވެ. ކުރިމަތީގައި ތިބި ތިން ދަރީން ތިބީ ރޮވިފައެވެ.

"ދަރިންނޭ... ދެން އޮތީ މާ ހިތްދަތި ވާހަކަތަކެއް"

(ނުނިމޭ)