ޚަބަރު

އަސްކަރީ އެއްބަސްވުންތަކުގެ ބޭނުމަކީ ކުދި ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން: މާރިޔާ

މުހައްމަދު އިޝާން

ގައުމުތަކާއެކު ސޮއިކުރާ އަސްކަރީ އެއްބަސްވުންތަކުގެ ބޭނުމަކީ ކުދި ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ޑިފެންސް ކޮންކްލޭވް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން މާރިޔާ ވިދާޅުވީ، މިޒަމާނަކީ އަވަށްޓެރި ގައުމުތަކާ ގުޅިގެން ނޫން ގޮތަކަށް ދިފާއީ ބާރު ވަރުގަދަކުރެވެން ނެތް ޒަމާނެއް ކަމަށެވެ. އަދި އަސްކަރީގެ ގޮތުން ވެވޭ އެއްބަސްވުންތަކަކީ ކުދި ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަންކުރާ މުހިންމު ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ޑިފެންސް ކޯޕަރޭޝަންތަކުގެ އެންމެ މުހިންމު ކަމަކަށް އޮންނަން ވާނީ އަސްކަރީ ގޮތުން ބާރުގަދަ ގައުމުތަކުގެ އެހީގައި، ކޯޕަރޭޝަންގައި ބައިވެރިވާ ކުދި ގައުމުތަކުގެ އަސްކަރީ އަދި ދިފާއީ ބޭނުންތައް ފުއްދައިދިނުން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ވެސް އިންޑިއާ ކަނޑު އެއްކޮށް އެކަނި ނުބެލެހެއްޓޭނެ ކަމަށެވެ. ބައިނަލްއަގުވާމީ ޖިއޯޕޮލިޓްސްގެ ވާދަވެރިކަން ބާރުގަދަ ގައުމުތަކުގެ މެދުގައި އިތުރުވެފައިވާ މިޒަމާނުގައި އިންޑިއާ ކަނޑުގެ އަމާންކަން އެކަނޑުގައި ހިމެނޭ ގައުމުތަކަށް މުހިންމުވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އިންޑިއާ ކަނޑަކީ ކުރިއަށް އޮތް ތަނުގައި ޖިއޯޕޮލިޓިކްސްގެ ސެންޓަރުކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އަސްކަރީ އެއްބަސްވުންތަކަކީ ހަމައެކަނި ލިޔެވިފައި އޮންނަ އެއްޗަކަށް ވެގެންނުވާނެ ކަމަށެވެ. އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ގައުމުތަކުން އަމަލުކުރަންވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.