ޚަބަރު

އީއޭއެސް ބާސެލޯނާއިން ޕައިލެޓްކަން ކިޔަވާ ދިވެހިންނަށް އުފާވެރި ހަބަރެއް!

މުހައްމަދު ޖަމްޝަތް ވަހީދު

ޔޫރަޕިއަން އޭވިއޭޝަން ސްކޫލް އޮފް ބާސެލޯނާ (އީއޭއެސް ބާސެލޯނާ) އިން ދިވެހިންނަށް އަމާޒުކޮށްގެން އަނެއްކާވެސް އާ ކޯހެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ އެ ފްލައިން ސްކޫލުން މިހާރުވެސް އަންނަނީ ރާއްޖޭގައި ޕައިލެޓުކަން ކިޔަވަން ޝައުގުވެރިވާ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދެމުންނެވެ. އެގޮތުން އައްޑޫ ފްލައިން ސްކޫލުން ކިޔަވަން ފަށައި ކޯސް ފުރިހަމަ ނުކުރެވުނު ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި އެ ދަރިވަރުންނަށް ފަސޭހަކަމާ އެކު ކިޔެވުން ފުރިހަމަ ކުރެވޭނެ މަގު އީއޭއެސް އިން ވަނީ ފަހިކޮށްދީފައެވެ.

އޭގެ އިތުރުން އީއޭއެސްގެ ކިޔެވުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރުވެސް ރާއްޖޭގައި ވަނީ ފަށައިފައެވެ. މި ސެޝަންތަކަށް އީއޭއެސްގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ އިރު، ސެޝަންތައް ކުރިއަށްގެންދަނީ މާލެ އާއި އައްޑޫސިޓީގައެވެ. އޭގެ ތެރެއިން ރޭ ހޮޓެލް ޖެންގައި ބޭއްވި ސެޝަންގައި އީއޭއެސް އިން ވަނީ އެ ސްކޫލުން އަލަށް ތައާރަފުކުރަން މަސައްކަތް ކުރަމުންދާ ކޯހާ ބެހޭ މައުލޫމާތު ސެޝަންގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

ރޭގެ ސެޝަންގައި 70 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އިރު، މިރޭ އައްޑޫ ސިޓީގައި ބާއްވާ ސެޝަންގައި 200 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އީއޭއެސް އިން މައުލޫމާތުދެއެވެ. އައްޑޫ ސިޓީގައި ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އައްޑޫ އީކުއޭޓާ ވިލެޖުގައެވެ.

ދިވެހިންނަށް އަމާޒުކޮށްގެން އަލަށް ފަށަން ނިންމާފައިވާ ކޯސް

އީއޭއެސްއިން މައުލޫމާތުދޭ ގޮތުގައި އަލަށް ފަށަން ތައްޔާރުވަމުން އަންނަ ކޯހަކީ އެއް އަހަރު ދުވަހުގެ ކޯހެކެވެ. އަދި ކޯހުގެ ފުރަތަމަ ހަތް މަސް ދުވަހު ދަރިވަރަކު ކޮންމެ ތަނެއްގައި ހުއްޓަސް އޮންލައިން ކޮށް ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ތިއަރީ ޓެސްޓުތަކަށްފަހު އުދުހުމުގެ ތަމްރީނުތަކަށް ބާސެލޯނާއަށް ގޮސް ހޭދަކުރަން ޖެހޭނީ އެންމެ ފަސް މަހެވެ. މިއީ ޕައިލެޓުކަން ކިޔަވަން އަލަށް ފަށަން ބޭނުންވާ ދަރިވަރުންނަށް ލިބޭނެ އުފާވެރި ހަބަރެކެވެ.

މިކޯހާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން އީއޭއެސްގެ އޮފިޝަލް އިސްމާއީލް އިމްތިޔާޒު މިއަދު "ވަން" އަށް ވިދާޅުވީ މި ކޯސް ފެށޭނެ ތާރީހެއް އަދި ދަންނަވަން ދަތި ކަމަށެވެ. އެއީ މި ކޯސް ހިންގުމަށް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ ހުއްދަ ހޯދަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ހުއްދަ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ސީއޭއޭގެ ހުއްދަ ލިބުމާއެކު މި ކޯސް ފައްޓާނެ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

އީއޭއެސް ބާސެލޯނާ ސްކޫލަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެޕްރޫވަލް ސެޓްފިކެޓް ދިން ހަމައެކަނި ޔޫރަޕުގެ އެވިއޭޝަން ސްކޫލެވެ. އެއާއެކު އެ ސްކޫލްވެފައި ވަނީ ޕައިލެޓުން ތަމްރީނުކޮށް ރާއްޖޭގެ ޕައިލެޓް ލައިސެންސް (އޭޓީއޯ) ދިނުމުގެ ސީއޭއޭގެ ހުއްދަ ލިބުނު ފުރަތަމަ ސްކޫލަށެވެ.

ޔޫރަޕްގެ ޕައިލެޓް ލައިސަންސް (އީއޭއެސްއޭ) އާއި ރާއްޖޭގެ ޕައިލެޓް ލައިސަންސް ދޭ ހަމައެކަނި ފްލައިން ސްކޫލަކީވެސް އީއޭއެސް ބާސެލޯނާއެވެ. އެހެންކަމުން އީއޭއެސް އިން ދަރިވަރުވާ ޕައިލެޓުންނަށް ރާއްޖެ އާއި ޔޫރަޕްގެ ލައިސަންސްވެސް ލިބޭނެއެވެ.

އައްޑޫ ފްލައިން ސްކޫލުން ކިޔަވައި ކޯސް ފުރިހަމަ ނުކުރެވުނު ބައެއް ދަރިވަރުން މިހާރުވެސް އަންނަނީ އީއޭއެސް ބާސެލޯނާއިން ކޯސް ފުރިހަމަ ކުރަމުންނެވެ. އަދި އޭގެތެރެއިން ދެ ދަރިވަރަކު ކިޔެވުން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އައިސް މިހާރު އުދުހެންވެސް ވަނީ ފަށައިފައެވެ.