ދުނިޔެ

އިންޑިޔާގެ ގައުތަމް އަދާނީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓުގެ ދެވަނައަށް

އެމެރިކާގެ ބިލިއަނަރު ޖެފް ބެޒޯސް ފަހަތަށް ޖައްސައިލުމަށްފަހު އިންޑިޔާގެ މަހުޖަނު ގައުތަމް އަދާނީ ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓުގެ ދެވަނަޔަށް އަރައިފިއެވެ. ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް ބުނާގޮތުގައި ގައުތަމް އަދާނީގެ މިލްކިއްޔާތުގެ އަގަކީ މިވަގުތު 147 ބިލިޔަން ޑޮލަރެވެ.

ޖެފް ބެޒޯސްގެ ވަނަޔަކީ މިހާރު ތިންވަނައެވެ. ދުނިޔޭގެ އެއްވަނަޔަކީ އަދިވެސް އެމެރިކާގެ އީލޮން މަސްކެވެ. އޭނާގެ މިލްކިއްޔާތުގެ އަގަކީ މިވަގުތު 260 ބިލިޔަން ޑޮލަރެވެ. އެހެންވީމާ އޭނާ ފަހަތަށް ޖައްސާލައި އެއްވަނަޔަށް އެރުމަކީ އަދާނީއަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އީލޮން މަސްކަކީ އެމެރިކާގެ ރައްޔިތަކަށް ވިޔަސް ދެކުނު އެފްރިކާއަށް އުފަން މީހެކެވެ.

އީލޮން މަސްކާއި ޚިލާފަށް އަދާނީއަކީ ޓެކް ވިޔަފާރި ކުރާ މީހެއް ނޫނެވެ. އަދާނީގެ ވިޔަފާރި ފެތުރިފައިވަނީ ބަނދަރުތަކާއި އެއަރޕޯޓްތަކާއި ސިނާއީ ބޮޑެތި ބޮޑެތި އެހެނިހެން ދާއިރާތަކުގައެވެ. އޭނާގެ ވިތަފާރިތަކުގެ ހިއްސާ 2020 ވަނަ އަހަރުން ފެށިގެން އުފުލެމުން އަންނަނީ ރޮކެޓް ސްޕީޑުގައެވެ. މިއަހަރު ފެށުނުއިރު އަދާނީގެ ވަނަޔަކީ ސާދައެވެ. ދުނިޔޭގެ ދެވަނައަށް އޭނާ އެރީ އެންމެ ދިހަމަސް ދުވަހުގެ ތެރޭގައެވެ.

މިއަހަރު ފެށުނުއިރު އަދާނީއަކީ އިންޑިޔާގެ އެންމެ މުއްސަނދި މީހާއެއްވެސް ނޫނެވެ. އެމަގާމުގައި ހުރީ މުކޭޝް އަމްބާނީއެވެ. އެކަމަކު މިއަހަރުގެ ފެބްރުއަރީ މަހު އަދާނީ ވަނީ އެމަގާމުން އަމްބާނީ ފަހަތަށް ވައްޓާލައި އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު އަތުލައިފައެވެ. މިހަފުތާގައި ދުނިޔޭގެ ދެވަނައިން ތިންވަނަޔަށް ސޮއްސައިލި ޖެފް ބެޒޯސްއަކީ ކުރިން ދުނިޔޭގެ އެއްވަނައެވެ. ފަހަކަށްއައިސް އޭނާގެ އެމޭޒަން ކުންފުނީގެ ހިއްސާގެ އަގު ދުނިޔޭގެ ބާޒާރުގައި ވަނީ ދަށަށްދާން ފަށައިފައެވެ. ބެޒޯސްގެ މިލްކިއްޔާތުގެ އަގަކީ މިވަގުތު 145.8 ބިލިޔަން ޑޮލަރެވެ.