ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

އެ ހަތަރުގެ ރަށަކީ އއ. މަތިވެރި، ށ. ޅައިމަގު، ށ. ނަރުދޫ އަދި ށ. ފީވަކެވެ. އެ ރަށްތަކުގެ ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފީވަކު ސިއްހީ މަރުކަޒުގައި އިމާރާތުގެ އެކްސްޓެންޝަން މަސައްކަތް ހަވާލުކޮށްފައިވަނީ ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 3.6 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޅައިމަގު ސިއްހީ މަރުކަޒާއި ނަރުދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯ ހެދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލުކުރީ ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕްއަށެވެ.

ޅައިމަގު ސިއްހީ މަރުކަޒުގެ މަސައްކަތް ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕާ ހަވާލުކުރީ 4.3 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ނަރުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 4.2 މިލިއަން ރުފިޔާއަށް 150 ދުވަހުން ނިންމާ ގޮތަށެވެ.

ހެލްތު މިނިސްޓްރީން މަތިވެރި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯ ހެދުމުގެ މަސައްކަތް ހަވާލުކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ. އެ މަސައްކަތް ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.