އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 09

އަބްދުﷲ ފާރޫގް ހަސަން

(12 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

މުސްލިމުންގެ ތެރެއިން ތެދުމަގު ލިބިވަޑައިގެންފައިވާ ފަސްވަނަ ޚަލީފާއެއްކަމުގައި ބެލެވެނީ عــمــر بـــن عـبــد الـعـــزيـــز رحـمـه اللّــه އެވެ. މުސްލިމުންގެ ސިޔާސީ ނިޒާމަށް އައި ދިގު ޚަރީފަކަށްފަހު عــمــر بـــن عـبــد الـعـــزيـــز ގެ ދައުރުގައިވަނީ خــلافـــة الــــرّاشــــدة ގެ ބަހާރުމޫސުން އަލުން އިޢާދަވެފައެވެ. خــلافـــة الــــرّاشــــدة އަށްފަހު މުސްލިމުންގެ ތެރޭގައި ޤާއިމުވި ވެރިކަމުގެ ސިލްސިލާއަކީ މުލޫކިއްޔަތާއި އިސްތިބުދާދީ ވެރިކަމުގެ ސިލްސިލާއެކެވެ. އެސިލްސިލާއަކީ ނުބުއްވަތުގެ ނިޔާބަތެއް ނޫނެވެ. خــلافـــة الــــرّاشــــدة އާ ތަބާވުމެއްވެސް އެނަމޫނާ ދެމެހެއްޓުމެއްވެސް ނޫނެވެ. މިދެންނެވި އިސްތިބުދާދީ ސިލްސިލާ عــمــر بـــن عـبــد الـعـــزيـــز رحـمـه اللّــه އާ ހަމަޔަށް ދެމިގެންއައެވެ. އެކަލޭގެފާނަށްފަހު އަނެއްކާވެސް މުސްލިމުންގެ ވެރިކަންވަނީ އިސްލާމްދީނުގެ ސިޔާސީ ނިޒާމުގެ ނާރެހުން ނެއްޓިފައެވެ. އެ ނިޒާމާ ބީރައްޓެހިވެފައެވެ. ޝަޚްޞީ އަދި ޢާއިލީ ވެރިކަމަކަށް ބަދަލުވެފައެވެ. މިދެންނެވި އިސްލާމީ ނިޒާމާ ދުރުހިލޭވުމަކީ ޤުދުރަތުން އެކަށައަޅުއްވައިފައިވާ ނިޒާމާ ޚިލާފުވުމެވެ. އިންސާނާއަކީ ވަރަށްގިނަ ގުނަވަންތަކެއްގެ މަޖްމޫޢާ އެކެވެ. އެއިން ކޮންމެ ގުނަވަނަކީވެސް އަނެއް ގުނަވަނެއްގެ އެހީތެރި ބައިވެރިޔެކެވެ. މަދަދުގާރެކެވެ. އެހުރިހައި ގުނަވަންތަކެއްގެ ރައީސީ ގުނަވަނަކީ ހިތެވެ. ފިޠުރަތުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު ގަހަކީ މައިތަނޑަކާއި ގޮފިތަކާއި ފަތްތަކާއި މާތަކުގެ މަޖްމޫޢާއެކެވެ. ގަހުގައި މަރުކަޒީ ޙައިސިއްޔަތެއް ލިބިފައިވަނީ ގަހުގެ މުލަށެވެ. ފަލަކިއްޔާތުގެ ދާއިރާގައި ސޫރުދަނިޒާމު އެކުލެވެއެވެ. ސޫރުދަނިޒާމުގެ ގުރަހަތައް އެނބުރެނީ އިރުގެ ވަށައިގެންނެވެ. އަޅުގަނޑުމެންގެ ބިމަކީވެސް އިރުގެ ވަށައިގެން އެނބުރޭ "ތަރިއެކެވެ." މި ނިޒާމުގައި މަރުކަޒީ ޙައިސިއްޔަތު ލިބިފައިވަނީ އިރަށެވެ. އިންސާނީ ނަފުސުގެ ދުނިޔޭގައި ހިތް ރަނގަޅަށް މަސައްކަތް ނުކުރާކަމުގައިވާނަމަ މުޅި ހަށިގަނޑު ބަލިވެއެވެ. މަރުކަޒީ ޙައިސިއްޔަތު ލިބިފައިވަނީ ހިތަށް ކަމުގައިވާތީއެވެ. ގަސްގަހާގެހީގެ ދުނިޔޭގައި ގަހެއްގެ މޫ ހިކިއްޖެ ކަމުގައިވާނަމަ މުޅި ގަހުގެ ރޯކަމާއި އާރޯކަން ކެނޑިދެއެވެ. ސޫރުދަނިޒާމު ބޮއްސުންލާނީ ޤިޔާމަތްވުމުގެ ފެށުމެއްގެގޮތުންނެވެ.

އިސްލާމީ ނިޒާމަކީވެސް މިދެންނެވި ހަމައިން ހިނގާ އެކުވެފައިވާ ނިޒާމެކެވެ. އެއީ އެއްކަމެއް އަނެއްކަމަކާ ގުޅުމެއްނެތް ތަފާތު ބައިތަކަކާއި ކަންތައްތަކެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ފުރިހަމަ އެކައެކެވެ. އެހެންކަމުން އިސްލާމީ ޚިލާފަތުގެ މަރުކަޒީ ޙައިސިއްޔަތަށް ޚަލަލު އަތުވެއްޖެކަމުގައިވާނަމަ އިސްލާމީ މުޅި ނިޒާމަށް އެކަމުގެ ނޭދެވޭ އަސަރު ފޯރައެވެ. އެފަދަ ޙާލަތެއްގައި އިސްލާމްދީންވެސްވާނީ މަސީޙިއްޔަތު ފަދައިން ސިޔާސަތާއި ދައުލަތް ހިންގުމާ ގުޅުމެއްނެތް ދީނެއްކަމުގައެވެ. ޤައިޞަރުގެ ރަސްކަމާއި، އިލާހީ ވެރިކަމުގެ ދާއިރާ އިންޖަހައި ވަކިކޮށްލެވިދާނެއެވެ.

މުސްލިމުންކުރެވެސް ޚާނުގާހީ ޠަބީޢަތުގެ ބައެއްމީހުން ސަރުކާރާއި ދައުލަތް ހިންގުމުގެ ވާހަކަޔަށް އެލާޖިކުވެއެވެ. ނަމަވެސް އިސްލާމީ އުންމަތުގެ ކުރީދައުރުގައި جــنــيــد އާއި شِــبــلـــى ގެ ސިފަފުޅުތަކާއި محــمـــود عــــزنــــوى އާއި صــلاح الــدّيــــن الأيّـــوبـــــى ގެ ސިފަފުޅުތައް ތަބާވެފައިވާތީ ފެނިފައިވަނީ އެއްނިޒާމަކަށެވެ. އެބޭކަލުންގެ ސިފަފުޅުތަކަކީ އެއްކަމެއް އަނެއްކަމެއްގެ ފުރިހަމަވުމެކެވެ. ހިތާމަޔަކީ ތާރީޚުގެ ފަހުގެ ދައުރުތަކުގައި މިކަންކަން ވަކިވަކިވެ ވިއްސިވިހާލިވެގެން ގޮސްފައިވާކަމެވެ. ނަތީޖާއަކީ އިސްލާމީ ނިޒާމުގެ "ތަސްބީހަފަތީގެ" މަލިމަ ކެނޑި އޮށްތައް ވިއްސިވިހާލިވެ ބެހިގެންދިޔުމެވެ. އެ ނިޒާމުގެ ފޮތުގެ ހީރަސްކެނޑި ގަނޑުތައް ބުރަބުރައިގެން ދިޔުމެވެ.

ކީރިތި ޤުރްއާނުގައިވަނީ މާތް اللّــه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމަށް އަމުރުކުރައްވައިފައެވެ. ހަމައެއާއެކު ވަނީ މުސްލިމުންގެ أُولـِـى الأَمْــــــرِ ންނަށްވެސް ކިޔަމަންވާން އަމުރުކުރައްވައިފައެވެ. ކޮންކަހަލަ أُولـِـى الأَمْــــــرِ ން ނަކަށްތޯއެވެ؟ އާދެ އެއީ މުސްލިމުންގެ އިޖްތިމާޢީ ނިޒާމުގެ ޚަލީފާއިންނެވެ. ޤުރްއާނާއި ސުންނަތުގެ ޙުކުމްތައް ތަންފީޒުކުރައްވާ ޚަލީފާއިންނެވެ. އުންމަތުގެ ނިޒާމު ޤާއިމުކުރައްވާ ޚަލީފާއިންނެވެ. މުސްލިމުންގެ ކިބައިން އަނިޔާތައް ދަފަރާކުރައްވާ ޚަލީފާއިންނެވެ. أُولـِـى الأَمْــــــرِ ގެ މުރާދަކީ މިޒަމާނުގައި މިތިއްބަވާ ފާސިޤު ފާޖިރު ވެރީންނެއް ނޫނެވެ. އިސްލާމީ ނިޒާމު މުލުން ލުއްސަވައި އެއްލައިލައްވަން ތައްޔާރުވެވަޑައިގެން ތިއްބަވާ ވެރީންނެއް ނޫނެވެ. (ތިންވަނަ ގޮތެއް ހޯއްދަވާން އުޅުއްވާ ބޭފުޅުންނެއް ނޫނެވެ. ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރުމާ އިދިކޮޅު ހައްދަވައި ތިޔަކަމުގެ ވިސްނުމެއްނެތޭ ވިދާޅުވާ ވެރީންނެއް ނޫނެވެ.) އިސްލާމްދީން ކުރިއަރުވާން މަސައްކަތްކުރާ ޖަމާޢަތްތަކަށް އުނދަގޫކުރައްވައި އެކިއެކި ހުރަސްތައް ކުރިމަތިކުރެއްވޭތޯ ފާރަވެރިވެވަޑައިގަންނަވާ ވެރީންނެއް ނޫނެވެ. އިސްލާމީ ޖަމާޢަތްތަކުގައި ނިރުބަވެރިކަމުގެ ތުހުމަތު އަޅުއްވައި އެ ޖަމާޢަތްތަކުގެ މެމްބަރުންނަށް މަރުގެ އަދަބު ދެއްވޭތޯ ނުބައި ރޭއްވެވުންތައް ރާއްވަވާ ވެރީންނެއް ނޫނެވެ. މިބާވަތުގެ އަމީރުންގެ ޙަޔާތްޕުޅުގެ ވާހަކަޔަކީ އަނިޔާވެރިކަމާއި ބޭއިންސާފާއި ލޭއޮހޮރުވުމުގެ ވާހަކަތަކުގެ ދާސްތާންތަކެވެ. މިޒަމާނުގައި ކިރިޔާ ނޫސްތައް ބަލައިލައި ޚަބަރު އަޑުއަހައިލައި އުޅޭ އެންމެންނަށްވެސް އެނގޭނެފަދައިން މިފަދަ ވެރީންނަކީ އެބަޔަކަށް ކިޔަމަންވުމުގެ އަމުރު އައިސްފައިވާ أُولـِـى الأَمْــــــرِ ންގެ ދާއިރާއަށް ވަންނަ ބައެއްނޫނެވެ. މުސްލިމުން ބޯލަނބައި ކިޔަމަންވާންޖެހޭ އަމީރުންނަކީ މުސްލިމުންގެ ގޮށްޖެއްސެވުމާއި މޮއްސެވުމުގެ އަހްލުވެރީންގެ ބެއްލެވުމުގެދަށުން މަޤާމު ޙަވާލުކުރެވިފައިވާ ހެޔޮލަފާ ޚަލީފާއިންނާއި އެފަދަ ޚަލީފާއިން ޢައްޔަންކުރައްވާ ޢާމިލުންނާއި ދަރަޖަވެރީންނެވެ.

ޚިލާފަތާއި ޝޫރާއީ ނިޒާމު އަނބުރާ ގެނައުމުގެ ބޭނުންތެރިކަން

ޚިލާފަތުގެ ޝޫރާއީ ނިޒާމަކީ އިސްލާމްދީނުގެ އިޖްތިމާޢީ ނިޒާމެވެ. އެ ނިޒާމާ ނުލައި އިސްލާމްދީނުގެ ތަސްވީރު ވާނީ ފުރިހަމަނުވާ އުނި ތަސްވީރެއް ކަމުގައެވެ. އިސްލާމްދީނަކީ އެދީނެއްގެ އަޅުކަމުގައިވެސް އެކަނިކަމަށް ނުވަތަ ވަކިހިލޭކަމަށްވުރެ ބޮޑަށް އިޖްތިމާޢިއްޔަތަށް ބާރުއަޅާ ދީނެކެވެ. ފަސްނަމާދުގައިވެސް ދައްކަވައިފައިވަނީ ޖަމާޢަތީ ނިޒާމުގެ ނަމޫނާއެވެ. ހުރިހައި މަޑުކޮށްލުމަކާއި ޙަރަކާތް ކުރުމެއްގައިވެސް ދެއްވައިފައިވަނީ އިމާމާއަށް ތަބާވުމުގެ ފިލާވަޅެވެ. ލަގަނެއްނެތް ޖަމަލެއް ފަދައިން މުޅި އުންމަތް ދޫކޮށްލުމަކީ އެދީނުގައި ތަޞައްވުރަށްވެސް ގެނެވޭނެ ކަމެއްނޫނެވެ. އިސްލާމީ މުޖްތަމަޢު ހީރަހެއްނެތި ދޫކޮށެއްނުލެވޭނެއެވެ. ޚިލާފަތުގެ ނިޒާމަކީ އުންމަތް އެއްކޮށް ބަނދެލެވޭ ހީރަހެވެ. އެއީ އުންމަތަށް ބޭނުން ކަމެކެވެ. "ތުރުކިޔޭގެ މޮޔަކަލޭގެ" (ކަމާލު އަތާތުރުކު) ޚިލާފަތުގެ ގުބާ ވީދައިލިފަހުން އިސްލާމީ އުންމަތުގެ ޟަޢީފުކަމާއި ކަމީނާކަމާއި ބަލިކަށިކަން ހައްތާވެސްދަނީ އިތުރުވަމުންނެވެ. އިސްލާމީ އުންމަތްވަނީ ހާލުދެކެލާނެ ވާވެރިޔެއްގެ ބެލެނިވެރިކަމުން މަޙްރޫމުވެފައެވެ. އެދަނޑިވަޅުގައި ހުޅަނގުގެ ބާރުތަކުންވަނީ އިސްލާމީ ޤައުމުތަކަށް ހުޖޫމުކޮށް ފޮތިފޮތިކޮށް ބައިބަޔަށް ބަހައިލައިފައެވެ. އިސްލާމީ ޤައުމުތަކުގެ އެއްބައިވަންތަކަމުގެ މޫނުބަލާ ލޯގަނޑު ތަޅައި ކުދިކުދިކޮށްފައެވެ. އަނެއްކާވެސް އިސްލާމީ ޚިލާފަތެއް އުފެދުނު ދުވަހަކުން މެނުވީ އިސްލާމީ ދައުލަތްތައް އެއްހީރަހަކުން ބަނދެއެއް ނުލެވޭނެއެވެ. އިސްލާމީ އިއްތިޙާދެއްގެ ހުވަފެން ޙަޤީޤަތަކަށެއް ނުވާނެއެވެ.

މުސްލިމުންގެ މެދުގައި ޚިލާފަތުގެ ނިޒާމެއް ޤާއިމުނުވާހައި ހިނދަކު އުންމަތުގެ މުސްލިޙުންގެ މަސައްކަތްޕުޅަކަށް ހައްދަވަންޖެހެނީ އިސްލާމީ ޤައުމުތަކުގައި މިހާރު ތިއްބެވި ހުޅަނގުގެ ޤައުމުތައް ނަކަލުކުރައްވައި އެމީހުންލައްވާ ކޮންމެ ވަންނިއަކަށް ވަންނިއެއް ލައްވަމުން ގެންދަވާ ވެރީންނަށް ވިސްނައިދެއްވުމެވެ. ހެޔޮކަންކަމަށް އަމުރުކުރެއްވުމާއި މުންކަރާތްތައް ނަހީކުރެއްވުމުގެ ޒަރީޢާއިން އެބޭފުޅުން ސިރާޠުލްމުސްތަޤީމަށް ގެންނެވުމެވެ. އިސްލާމީ ޚިލާފަތެއް މިވަގުތު ނެތްކަމުގައިވިޔަސް ޚިލާފަތުގެ މަތިވެރި މަޤްޞަދުތައް ޙާޞިލުކުރައްވާން މިހާރުގެ ވެރީން ތައްޔާރުކުރެއްވުމެވެ. މުސްލިމުންނަށް ގެއްލުންހުރި ނުރަނގަޅު ސިޔާސަތުތަކާ ދުރުހެލިވެވަޑައިގަންނަވަން ހަނދާންކޮށްދެއްވުމެވެ. އަޅާނުފައި ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދެވުމެވެ. އެހެނީ ކައުސާހިބާ صـلّــــى اللّــه عـلـيــه وسـلّـــم ގެ ޙިކުމަތްތެރި ބަސްފުޅެއްގައިވަނީ "الــديــــن نـصـيـحـــة" މިފަދައިންނެވެ. حـكـيــــم الأمّـــة عــلاّمــــة إقـبـــال ހަނދާންކޮށްދެއްވާގޮތުގައި މިދީނުގެ ދަންނަބޭކަލުންގެ (މިއުންމަތުގެ ދަންނަބޭކަލުންގެ) މަސްއޫލިއްޔަތަކީ ދުނިޔެ އިޙްތިސާބު ކުރެއްވުމެވެ.

އިސްލާމީ އިއްތިޙާދު ޤާއިމުކޮށް އާރާއި ބާރާއި އާނާންދަކަން އަލުން އަނބުރައި ހޯދުމުގައި އެންމެބޮޑު ޒިންމާއެއް އަދާކުރައްވާން ޖެހިވަޑައިގަންނަވާނީ އުންމަތުގެ ޢިލްމުވެރީންނަށެވެ. އެބޭކަލުންގެ ޒިންމާއަކީ އެބޭކަލުންގެ ޤައުމުތަކުގެ ވެރީންނާ ގުޅުއްވުމެވެ. ގުޅުން އުފެއްދެވުމެވެ. އެއަށްފަހު އެބޭފުޅުން އިޞްލާޙުކުރެއްވުމެވެ. ޤައުމުގެ ޙާލަތު ރަނގަޅު މިސުރާބަށް ސީދާކުރެއްވޭތޯ ބާރުއަޅުއްވައި މަސައްކަތްޕުޅު ކުރެއްވުމެވެ. ސައިންސާއި ފަންނިއްޔާތުގެ މައިދާނުގައި ޔޫރަޕުގެ ޤައުމުތަކާ ފައިހަމަކުރާން އަދި ކީއްތޯއެވެ؟ އެމީހުން ފަހަތަށް ޖައްސައިލައި ކުރިޔަށްއަރާން މަސައްކަތްކުރުމަކީ އަރަހުށި މާތް اللّــه ކީރިތި ޤުރްއާނުގައި މުސްލިމުންނަށް ކުރައްވައިފައިވާ ޞަރީޙު އަމުރުފުޅެކެވެ. އިސްލާމީ ޤައުމުތަކުގެ މައްޗަށްއޮތް ވާޖިބެކެވެ. އަރަހުށި މާތް اللّــه ޢަރަބީންގެ ފައިތިލަދަށުގައި ހިންގަވައިފައިވާ "ކަޅުރަނުގެ" ކޯރުތަކުގެ ސަބަބުން އެބައިމީހުންގެ ގާތުގައި ފައިސާއަކީ ފެންފަދަ އެއްޗެކެވެ. އެކަމަކު ޢަރަބީން މި މަތިވެރި ވާޖިބަކަށް އެދެވޭ އަހަންމިއްޔަތެއް ނުދެއެވެ. މުސްލިމު ޢިލްމުވެރީންގެ ވާޖިބަކީ ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔާވަރަށް ހިއްޕަވައިގެންވެސް ޢަރަބިވެރީން މިމުހިންމު މައިދާނަށް ނެރުއްވުމެވެ. ފަޤީރުކަމާއި ހަސްފަސްނެތުމާއި ނިކަމެތިކަމުގެ އަނދިރީގެ ތެރެއިން މުސްލިމުންނަށް ބޭރަށް ނުކުމެވޭނީ އޭރުންނެވެ.

ކިޔަމަންވާންޖެހެނީ ކޮންކަހަލަ އަމީރުންނަކަށްތޯއެވެ؟

އިސްލާމްދީނުގެ ސިޔާސީ ނިޒާމަކީ ޙަޤީޤަތުގައި ޚިލާފަތުގެ ނިޒާމެވެ. ޚިލާފަތުގެ ޝޫރާއީ ނިޒާމެވެ. ޚިލާފަތުގެ ނިޒާމުގެ އަސާސަކީ ޚަލީފާއަކު އިންތިޚާބުކުރުމެވެ. ޚަލީފާއެއްގެ އެންމެ އިސްޝަރުޠަކީ ފުރިހަމަ މާނައިގައި ޙަޤީޤީ މުސްލިމަކު ކަމުގައިވުމެވެ. ބުއްދިވެރި ބުއްދި ސަލާމަތުން ހުންނަ މުސްލިމަކު ކަމުގައިވުމެވެ. ކޮންމެހެން ދަންނަބޭކަލަކުކަމުގައި ނުވިކަމުގައިވިޔަސް މަޢުލޫމާތުގެ ދާއިރާ ތަނަވަސް ތަންދޮރުފިލާ މީހަކު ކަމުގައިވުމެވެ. ދަނޑިގަނޑުގެ އެކޮޅުމިކޮޅު އެނގޭ ހޭލުންތެރި މީހަކަށްވުމެވެ. އެމީހެއްގެ ކިބައިގައި ދީންވެރިކަމާއި ތަޤްވާވެރިކަން ހުރުން ލާޒިމެވެ. ހަމައެފަދައިން ހިތްވަރާއި ފަންވަރު ހުރުމަކީވެސް މުސްލިމުންގެ ވެރިޔެއްގެ އަސާސީ ސިފައެކެވެ. ޚަލީފާއަކު ވާންޖެހޭނީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ޒަރީޢާއިން އިންތިޚާބުކުރެވުނު ޚަލީފާއަކަށެވެ. އަސާސީ އަނެއްކަމަކީ ޝޫރާއީ ނިޒާމެވެ. މުސްލިމުންގެ ކޮންމެކަމަކަށްވެސް ޢަމަލީސިފަ ގެނެވޭންޖެހޭނީ މުސްލިމުންގެ ޝޫރާގެ މަތީންނެވެ. ސަރުކާރު އޮންނާންވާނީ ޝޫރާއީ ނިޒާމުގެ ދަށުގައެވެ. އިންތިޚާބުތަކުގެ އިދާރީ ކަންތައް ގެންދާނެގޮތަކާއި ޝޫރާ އެކުލަވައިލާނެގޮތެއް ޝަރީޢަތުގައި ޞަރީޙުކުރެވިފައެއް ނުވެއެވެ. އެކަންކަން ދޫކުރައްވައިފައިވަނީ ޒަމާނުގެ ޙާލަތަށް ވިސްނާވަޑައިގެން މުސްލިމުންގެ ކަމުވޮށީން ގޮތެއް ނިންމެވުމަށެވެ. އެކަމުގައި ޒަމާނަށް ވިސްނައިގެން އިންސާނީ ތަޖްރިބާގެ ބޭނުންކުރެވިދާނެއެވެ. ޕާލަމެންޓް، އެސެމްބްލީ، ކައުންސިލް، ބޯޑު ފަދަ ނަންނަމުގައި ޝޫރާ އެކުލަވައިލެވިދާނެއެވެ. މިފަދަ ކޮންމެ ސިފައެއް ޚިޔާރުކުރިކަމުގައިވިޔަސް ވެރިކަމަކީ ޢާއިލީ މީރާޘެއް ކަމަކަށްވެގެން ނުވާނެއެވެ. ވަކިބަޔަކަށް ހިބަކުރެވިފައިވާ މުދާގަނޑަކަށްވެގެން ނުވާނެއެވެ. (ވެރިކަމުގެ ވަކި ނިޒާމެއް ޚިޔާރުކުރުމަކީ ވެރިކަން ބޭނުންވެގެން އެކަމާ ހެސްގަނެގެންއުޅޭ މީހެއްގެ ހަވަސްފިލުވައިދޭން ކުރާކަމެއްކަމުގައި ވެގެންނުވާނެއެވެ.) ހުރިހައިކަމެއްގައި ހުރިހައި ޙާލަތެއްގައިވެސް ބަލާންޖެހޭނީ ބިމުގައި އިންސާނުން ޚަލީފާވެރިކުރެއްވި ޒާތުފުޅުގެ ރުހިވޮޑިގެންނެވުމަށެވެ. ރައްޔިތުންގެ ދީނާއި ދުނިޔޭގެ މަޞްލަޙަތެވެ.

ވިރާސީ ނިޒާމެއް ނުވަތަ ވަކިމީހެއްގެ ޒާތީ މަޞްލަޙަތަށްޓަކައި އުފައްދާ ސަރުކާރެއް އިސްލާމީ ސަރުކާރަކަށް ނުވާނެއެވެ. އެހެނީ އެގޮތްގޮތަކީ އިސްލާމީ ސިޔާސީ ނިޒާމުގެ ސޫރަތަކެއް ނޫނެވެ. އެފަދަ ނިޒާމެއްގެ ދަށުން ވެރިކަމަށް އަންނަ މީހަކީ އެމީހެއްގެ ޒާތީ ޙައިސިއްޔަތުން ހެޔޮލަފާ ޢަދުލުވެރި ވެރިޔަކުކަމުގައި ވިޔަސްވެހެވެ. އެހެނީ ޣައިރުމުސްލިމަކުވެސް ޢަދުލުވެރިޔަކުކަމުގައި ވެދާނެއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ކިސްރާ އަނޫޝިރުވާނުލް ޢާދިލަކީވެސް ޢަދުލުވެރިކަމުގެ މިސާލެކެވެ. އެކަމަކު އޭނާއަކީ މުސްލިމު ރަސްކަލެއް ނޫނެވެ. އޭނާގެ ރަސްކަމަކީ އިސްލާމީ ރަސްކަމެއްވެސް ނޫނެވެ.

ޣައިރު ޝޫރާއީ، ޣައިރު ޖުމްހޫރީ، ޣައިރު ދުސްތޫރީ އިސްލާމީ ދައުލަތްތަކުގެ ސަބަބުންވާކަމަކީ އިސްލާމްދީނުގެ ސޫރަ ހުތުރުވުމެވެ. ބަދުނާމުވުމެވެ. އެފަދަ ސަރުކާރުތަކުން ދުނިޔެއަށް ދެވޭ މެސެޖަކީ އިސްލާމްދީނަކީ ގޮށްމުށުބާރާއި ހައްދުފަހަނަޅައިފައިވާ ނިޒާމަށް ތާއީދުކުރާ ދީނެއްކަމުގެ މެސެޖެވެ.

ވަރަށްގިނަފަހަރަށް ދިމާވާ ޙާލަތެކެވެ. އިސްލާމީ ނަޒަރިއްޔާއާ އެއްގޮތަށް ބިނާކުރާންޖެހޭގޮތަށް މީއާރީ އިސްލާމީ ސަރުކާރެއް އުފެއްދޭގޮތެއް ނުވިއެވެ. އާދެ، ޚަލީފާއަކު އިންތިޚާބެއް ނުކުރެވުނެވެ. ޝޫރާއީ ނިޒާމެއްވެސް ޤާއިމެއް ނުކުރެވުނެވެ. މީހަކު ގަދަބަދަވިކަމުން ބާރުގެ ބޭނުންކޮށް ވެރިކަމުގެ ދާނަށްއަރައި ފަތަމަޑައިލައިފިއެވެ. އޭނާގެ ޚާންދާން މީހުންލައްވައި ރައްޔިތުންގެ ކަނދުރާގައި ތުޅާކި ބައްދުވައިފިއެވެ. އަމިއްލަ ވެރިކަމެއް އުފައްދައިފިއެވެ. އެފަދަ ޙާލަތެއްގައި އުންމަތް ބައިބައިވުމާއި، ނިޒާމުތައް ބޮއްސުންލުމާއި ޠަވާއިފުލްމުލޫކީއާއި ލާޤާނޫނިއްޔަތުން ސަލާމަތްވުމަށްޓަކައި އެކަށީގެންވީގޮތަކަށް އިޞްލާޙީ މަސައްކަތްކުރަމުން ގެންދިޔުމާއެކު އެ ޣައިރު މީއާރީ އަދި ޣައިރު މުންތަޚަބު ސަރުކާރު ތަސްލީމުކުރާން ޖެހިދާނެއެވެ. އެސަރުކާރަށް ކިޔަމަންވާންވެސް ޖެހިދާނެއެވެ. އެޙާލަތުގައިވެސް ކިޔަމަންވާންޖެހޭނީ އެމީހަކު އިސްލާމްދީނުގެ އެހެނިހެން ޤާނޫނުތައް ތަންފީޒުކުރަމުން ގެންދާކަމުގައި ވާނަމައެވެ. މުސްލިމުން ޙިމާޔަތްކޮށް ރައްކައުތެރިކޮށްދޭކަމުގައި ވާނަމައެވެ. އެމީހަކީ ހުއްދަ އިންތިޚާބީ މަޝްރޫޢަކުން އިންތިޚާބުވި މީހަކުކަމުގައި ނުވެފައި އެމީހެއްގެ ޝޫރާއެއްވެސް ނެތިފައި މުސްލިމުންނަށް ހެޔޮއެދުމެއްވެސް ނެތްކަމުގައިވާނަމަ އެމީހަކަށް ކިޔަމަންވާކަށެއް ނުޖެހެއެވެ. މުސްލިމުންގެ ލާބައާއި މަންފާއަކީ އެމީހެއްގެ ކުރިމަތީގައި އަގެއްނެތް ކަމެއްކަމުގައިވެފައި އެމީހަކީ އިސްލާމްދީނުގެ ދުޝްމިނުންގެ އެޖެންޓެއްކަމުގައިވާނަމަ އެމީހަކަށް ބޯލެނބުމެއް ނެތެވެ. އެމީހަކު މުސްލިމުންނާއި އިސްލާމްދީނަށް ގެއްލުންދެމުން ގެންދާނަމަ އެމީހަކީ މުސްލިމުން ކިޔަމަންވުމުގެ އަމުރު އައިސްފައިވާ ޙާކިމަކަށެއް ނުވާނެއެވެ. އެފަދަ މީހަކީ ދެކޮޅަށް ބަޣާވަތްކުރުން ހުއްދަވާނެއެވެ.

إمـــام الحــــــرمـيــــن ގެ ބަސްފުޅު

އެވަގުތަކު ހުންނަވާ ވެރިޔަކު އަނިޔާވެރިކަމުގެ ކަމަރު ބަންނަވައިފި ކަމުގައިވާނަމަ ޢަމަލުކުރާންވީގޮތަކާ ބެހޭގޮތުން إمـــام الحــــــرمـيــــن ގެ ޚިޔާލުފުޅު ހުރިގޮތުގެ ވާހަކަ އިސްވެދިޔަތާނގައިވެސް ވަނީ ބަޔާންކޮށްފައެވެ. މައިގަނޑު ނަމުގެ މުހިންމުކަމަށްޓަކައި އަނެއްކާވެސް މިގެނެސްދެނީ އެވާހަކައެވެ. އާދެ، إمــــام نـــووى ގެ شـــــرح المـســلــــم ގެ އެއްވަނަ ޖިލްދުގެ 52 ވަނަ ޞަފުޙާގައި ލިޔުއްވައިފައިވެއެވެ.

"އެވަގުތަކު ހުންނަވާ ވެރިޔަކު އަނިޔާވެރިކަމަށް ތައްޔާރުވެވަޑައިގެން އަނިޔާވެރިކަމުގެ ވުޖޫދު ނުހަނު ބޮޑަށް ފާޅުވެ ދުލުން އެކަން މަނާކުރުމުންވެސް ވެރިމީހާ އޭނާގެ ރަވައްޔާ ބަދަލުނުކުރައްވައިފި ކަމުގައިވާނަމަ އެވެރިޔާ ވެރިކަމުން ދުރުކުރުމަކީ މުސްލިމުންގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ އަހްލުވެރީންގެ ޒިންމާއެކެވެ. އެބޭކަލުން އެކަމަށް އެއްބައިވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ. އެކަމަށްޓަކައި ހަތިޔާރު އުފުލައިލައްވާން ޖެހިވަޑައިގެންނެވި ކަމުގައިވިޔަސްވެހެވެ. ހަނގުރާމަވެރި ފިޔަވަޅުތަކެއް އަޅުއްވާން ޖެހިވަޑައިގެންނެވިކަމުގައި ވިޔަސްވެހެވެ." ތިރީގައި މިވަނީ إمـــام الحــــــرمـيــــن ގެ ބަސްފުޅެވެ.

(ނުނިމޭ)