ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން މިދިޔަ ހަފުތާ ބަންދުގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަމެން އިންޓާ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިއަހަރު ބާއްވާފައި ވަނީ މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ އެޑިޝަނެވެ. މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް ދޭއްގެ ސައިކްލިން ޓްރެކްގައި ކުރިއަށް ގެންދިޔަ އިވެންޓްގައި ޖުމުލަ 32 ސްކޫލަކުން 1000 އަށްވުރެ ގިނަ ދުއްވުންތެރިން ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިން 450 އަށްވުރެ ގިނަ ކުޑަކުދިންވަނީ އެއް ކިލޯމީޓަރުގެ ފަން ރައިޑްގައި ބައިވެރިވެފައެވެ.

ފަން ރައިޑްގެ ހުރިހާ ބައިވެރިންނަށްވެސް މެޑަލް ދީފައިވާ އިރު، މެޑަލް ހަވާލު ކޮށްދެއްވީ އިވެންޓްގެ ޝަރަފުވެރި މެހެމާނު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިބްރާހިމް އިސްމާއިލާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދެވެ. އޭގެ އިތުރުން ދިރާގު އިސް ބޭފުޅުންވެސް ވަނީ ބައެއް ބައިވެރިންނަށް މެޑަލް ހަވާލުކޮށްދީފައެވެ.

ދިރާގުން ބޭއްވި މަމެން އިންޓަ ސްކޫލް ސައިކްލިން އިވެންޓަކީ 100 އިންސައްތަ ގްރީން އެނާޖީ އިވެންޓެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް އިވެންޓްގެ ހުރިހާ ކަމެއްވެސް ދިރާގުން ފުރިހަމައަށް ރާވާލާފައި އޮތް އިރު، ސައިކްލިން އިވެންޓްތަކުގެ ހަރަކާތުގައި ބޭނުންކުރެވުނު ކަރަންޓު ނަގާފައިވަނީ އިރުގެ އަލިން ހަކަތަ އުފައްދައި ޕޯޓަބަލް ޕަވާ ސްޓޭޝަންތަކަކުންނެވެ. މިއީ އެފަދަ ގޮތަކަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ބޮޑު ކުޅިވަރުގެ އިވެންޓެވެ.

މިފަހަރުގެ އިވެންޓް، ގްރީން އިވެންޓަކަށް ހެދުން އެއީ ދިރާގުގެ އެއް ބޭނުމެވެ. އެ ކުންފުނިން ބުނެފައި ވަނީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލްކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށެވެ.

މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ގެ ވަނަވަނައަށް ދިޔަ ސްކޫލުތަކަށާއި ދަރިވަރުންނަށް ތަށްޓާއި މެޑަލް ހަވާލުކުރުމަށް ބާއްވާ ހާއްސަ އިވެންޓެއް މިފަހުތާގެ ފަހުކޮޅުގައި އޮންނާނެއެވެ. އެ އިވެންޓްގައި ކޮންމެ އުމުރުފުރާ އަކުންވެސް ޗެމްޕިއަން ސްކޫލެއް ހޮވުމުގެ އިތުރުން އިންޑިވިޖުއަލް މަގާމުތައްވެސް ހޮވާނެއެވެ.

މިއަހަރުގެ ސައިކްލިން ޗެމްޕިއަންޝިޕްގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް ޕޮލިސް ސާވިސަސް، އެމްޓީސީސީ، އެރޯސޯލްޓްސް، ޗޮޕާޓް މޯލްޑިވްސް އަދި އިލާ މޯލްޑިވްސް ހިމެނެއެވެ. ފަސްޓްއެއިޑްގެ ހިދުމަތް ފޯރުކޮށްދީފައި ވަނީ މޯލްޑިވިއަން ރެޑްކްރެސެންޓް (އެމްއާރްސީ) އާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ވޮލަންޓިއަރުންނެވެ.