"އެއްވެސް ކޯހެއް ނުހަދަން، ދަސްކުރާ ކުލާހަކަށްވެސް ނުދަން. އައިޑިޔާ އަންނަނީ ކިހިނެއް ކަމެއް ނޭނގެ. ދުރާލައި ޕްލޭންކޮށް ސެޓް ކުރަހާ ޕޮއިންޓް ނޯޓުކޮށް މިކަހަލަ އެއްވެސް ކަމެއްވެސް ނުކުރަން. އެކަމަކު ރީތިވާނެ ކުލައާއި ގުޅޭނެ ޑިޒައިނާ މިހުރިހާ ކަމެއް މީހާ ފެނުނީމަ ހަމަ އިމޭޖް ކުރެވޭނެ. އަސްލު ބޭނުންވާ ވަރުގެ މޮޅެތި ގޮތްތަކެއް ނުވެސް ހެދޭ."
އެކިމީހުންނަށް ހުނަރުވެރިކަން ވާރުތަ ވަނީ އެކިގޮތަށެވެ. ބައެއް މީހުންނަކީ އާއިލާއިން ވާރުތަވެގެން ހުނަރުވެރިންނަށްވެފައި ތިބޭ މީހުންނެވެ. އުފެދުމުގައި ލިބިފައި ހުންނަ މިފަދަ ހުނަރުތައް ތަރައްގީ ކުރެވޭނަމަ މިއީ ވަރަށްވެސް ފުރިހަމަ ބަޔަކަށްވާނެއެވެ. ސަބަބަކީ އެއްވެސް އެދުރެއް ނެތި، ފޮތަކާނުލައި ކުރަން ޖެހޭ މަސައްކަތަށް ހޭނި، އެކަމަކަށް ސިކުނޑިއާއި އަތް ކުޅަދާނަވެ ފަރިތަވެފައިވާނަމަ ދެން ބޭނުންވާނީ އެހިޔާލުތައް ކުރިއަރުވައި، ސިފަޖެހި އެއަށް ދިރުން ގެނައުމެވެ.
އުމުރުން 39 އަހަރުގެ އައިޝަތު މިޒްނާ، މިޒޫއަކީ، ވެސް އެފަދަ ހުނަރުހުރި، ފިސާރި މުއްސަނދި ހިޔާލުތަކާއި ވިސްނުމުން ފުރިފައިވާ ނުހަނު ގާބިލު އަންހެނެކެވެ. ހަނދާން ހުންނަން ފެށީއްސުރެ ތިނޯހާއި ބަރަންޏާއި ފޮތީގެ ދުނިޔެއެއްގައި ދިރިއުޅެމުން ދިޔަ މިޒޫ ގާބިލު، ކުޅަދާނަ ފަހާ މީހަކަށް، ޑިޒައިނަރަކަށް، އެމްބްރޮއިޑަރީ، ޓެޕެސްޓްރީ، ކިލްޓިންގ، އެޕްލިކޭޝަން، ޕެޗްވޯކް، އަދި ކޫޗަރ ޓެކްނިކްސް ފަދަ ތަފާތު ފަންނުތަކުން ކުރިއަރައިގެން އައިސްފައިވަނީ އެއްވެސް ފޮތަކުން ކިޔަވައިގެނެއްނޫނެެވެ. މިޒޫގެ މިފުރިހަމަ ހުނަރުވެރިކަން ފުޅާކޮށް ތަރައްގީ ކުރުމަށް މިޒޫ ދުށް ހުވަފެންތަކާއި ކުރި އުއްމީދުތައް އިއްޔެއާހަމައަށް އޮތީ އަމިއްލަ ހިތުގައި ވަޅުޖެހިފައެވެ. ދިރިއުޅުމުގެ އަޑިގުޑަންތަކާއި ހާސްވުންތަކުގެ ތެރޭގައި ގުރުބާންކުރެވުނީ އަމިއްލަ އުފާތަކާއި އުއްމީދުތަކެވެ. އެހެންނަމަވެސް މިއަދު މިޒޫ އެހެރީ އެހުވަފެންތަކާއި އުއްމީދުތައް ސީދާކޮށް ހަގީގަތަކަށް ހެދުމަށް އަތުކުރި އޮޅާލައިގެން ފިސާރި ހިތްވަރާއެކު އަޒުމުގައި ކޮޅަށް ތެދުވެއެވެ.
މިޒޫގެ 'މިޒޫސް ކަލެކްޝަން'ގައި ހުރި މިޒޫގެ މަސައްކަތްތައް ފުރިހަމައެވެ. މިޒޫގެ ފެހުމާއި ޑިޒައިން ކުރުމަކީ ހަގީގަތުގައިވެސް ތައުރީފު ހައްގު މަސައްކަތެކެވެ.
ފެންނަ ފެނުމުގައި ކިތަންމެ ހިިނިއައިސް މަޖާވެފައި ހުރި ކަމުގައިވިޔަސް މިޒޫގެ އެއުފާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ހިތްދަތިކަމާއި ތަކުލީފުތައް ކުޑަނޫންކަން އެނގެއެވެ. މިޒޫއާއެކު މަސައްކަތް ކުރާ ދެ ފަރާތުން މިޒޫއަށް ކުރި ތައުރީފާއި މިޒޫއާއެކުގައި މަސައްކަތް ކުރުމާބެހޭ ގޮތުން ކިޔައިދިން ވާހަކަތަކުންވެސް ދޭހަވަނީ މިޒޫގެ ހިތްހެޔޮކަމާއި ހިތްވަރުގަދަކަމެވެ.
އުމުރުން 39 އަހަރުގެ މިޒޫއަކީ ކުޑަރިކިލު ބައްޕައަކާއި ތުޅާދޫ މަންމައެއްގެ ދަރިފުޅަކަށްވިޔަސް، ބައްޕައަކީ އެމްއެންޑީއެފް މީހަކަށްވުމުން ވަރަށް ކުޑަކުޑައިރުން ފެށިގެންވެސް އުޅެމުން އަންނަނީ މާލޭގައި ކަމަށާއި ދެރަށުން ކުރެ ރަށަކަށް މަދު ފަހަރެއްގައި، ކުޑަ ދުވަސްކޮޅަކަށް ދިޔަޔަސް، އެއިން ރަށެއްގައި ދިރިނޫޅޭކަމަށް މިޒޫ ބުންޏެވެ. މިހާރު ހިޔާފްލެޓުގައި އަމިއްލަ އެޕާޓްމަންޓެއްގައި އުޅުނަސް، މިޒޫ ކުރިން އުޅުނީ އާއިލާއާއެކުގައެވެ. ފަހާ ކޯހެއް ނުހެދިނަމަވެސް މިޒޫގެ ފެހުންތަކުގައި އެއްވެސް އަޅައިގަތުމެއް، ކަމުނުދާ ގޮތެއް ނުފެނެއެވެ. މިޒޫގެ ހަމައެކަނި މުދައްރިސަކީ އޭނާގެ މަންމައެވެ. މިޒޫ އޭނާގެ ފެހުމުގެ އެންމެ ފުރަތަމަ ތަޖުރިބާ ހިއްސާކުރީ ހެމުންހެމުންނެވެ.
"މަންމައަކީ ފަހާމީހެއް. އަނެއްހެން މަންމަ ދަސްކޮށެއް ނުދޭ. ވަރަށް ކުޑައިރުވެސް މަންމަ ފަހާތަން ފެންނާތީވެ ފަހާހިތުން، އޭރު ހުންނަ އަތުން އަނބުރާ ފަހާފޮށިން ފަހަން މަސައްކަތް ކުރަނީ. އަބަދު އަބަދު ތިނޯސް ބިންދާތީވެ، އެންމެ ފަހުން މަންމަ ތިނޯސް ނެގީ. ދެން ކިޔައިދިނީ މިހެންނޭ ފަހާނީ."
އޭރު މިޒޫގެ މަންމަ މިޒޫ ލައްވާފަ ހުންނަ ކުުރު ހެދުންތައް ލާން ލަދުގަނެ، ޖެހިލުންވާތީވެ ފަނަރަވަނަ އުފަންދުވަހު މިޒޫ އަމިއްލައަށް ދިގުކޮށް ހެދުމެއް ކަނޑައިގެން ފަހައިގެން ލީ ކަމަށާއި އެއީ މިޒޫގެ ފެހުމުގެ ފެށުން ކަމަށް މިޒޫ ކިޔައިދިނެވެ.
"އޭގެ ފަހުން އަވަށްޓެރި، ގެ ކައިރީ މީހުންގެ، ކުދިންގެ ހެދުންތައް ފައްސަން އަންނަން ފެށީ. އެހިސާބުން ފެށިގެން މިޒޫ ދެން ހަމަ ކަނޑަކަނޑައިގެން ފަހައިދޭން ފެށީ." މިޒޫގެ ފެހުމުގެ ފެށުން އައީ އަމިއްލަ ހެދުމަކުން އަވަށްޓެރިންނާއި އާއިލީ ފަރާތްތަކުގެ ހެދުންތަކުން ކަމަށް ވިޔަސް މިއަދު މުޅި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި މިޒޫ ދަންނަމީހުން ގިނައެވެ.
ހެދުމެއްގެ ޑިޒައިންގެ ހިޔާލު އުފެދެނީ ފަހަރެއްގައިވެސް މިޒޫ މާބޮޑަށް ވިސްނައިގެން، ކުރެހުންތަކެއް ކުރަހައި ޕޮއިންޓުތަކެއް ނޯޓުކޮށްގެން، މިކަހަލަ އެތައް މަސައްކަތެއްކޮށްގެނެއް ނޫނެވެ. ހެދުން ފަހަން ޖެހޭ ހަށިގަނޑު ނުވަތަ އެފަހަން ޖެހޭ މުނާސަބާ، ރަސްމިއްޔާތު، އެނގުމުން މިޒޫގެ ސިކުނޑީގައި ހެދުމުގެ ޑިޒައިން ކުރެހި އޭގައި ކުލަވެސް ޖެހިގެންދެއެވެ. މިވެނި ވައްތަރެއްގެ ބައްޓަމެއް ހުންނަ ހަށިގަނޑަކަށް އެންމެ އެކަށީގެންވާ ޑިޒައިނަކީ އަދި ކުލައަށްދާނދެން މިޒޫގެ ސިކުނޑީގައި ބިންވަޅު ނެގިދެއެވެ.
އުމުރުން 21 އަހަރުގައި އަނތްބަކަށްވެ އަމިއްލަ ގޭގެ ޒިންމާތަކާ ހަވާލުވެގެން ދިރިއުޅުން އާރާސްތު ކުރުމަށް ނުހަނު ހިންމަތާއެކު މިޒޫ ދިޔައީ މަސައްކަތް ކުރަމުންނެވެ. ދެންވެސް، ފެހުމާއި ޑިޒައިންކުރުމާއި ފަހާފޮށްޓާއި ފޮތީގެ ދުނިޔެއިން މިޒޫ އަކަށް ބޭރަކަށް ނުނިކުމެވުނެވެ. އޭނާގެ ލޭގައި، ކަށީގައި އެއަސަރު ހިނގާފަދައެވެ.
ދަރިފުޅަކު ލިބުމަކީ މިޒޫގެ ހަޔާތަށް އައި އެންމެ ހިތްހަމަޖެހޭ އަދި ދުވަހަކުވެސް ހަނދާން ނުނެތޭނެ އުފަލެވެ. ނަމަވެސް މޭގެ އެތިކޮޅުކަމަށްވާ ދަރިފުޅު ޝަންމައަކީ ހާއްސައެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގުމުން މިޒޫގެ މުޅި ދުނިޔެ ދިޔައީ ބަނަވެގެންނެވެ. ކޮންމެ ދުވަހަކީ އާ ތަކުލީފެއް އުފުލަން ޖެހޭ ދުވަހެކެވެ. ކޮންމެ ރޭގަނޑަކީ ހަމަނިންޖަށްޓަކައި ހިތާހިތުން އާދޭސްކުރާ ރެއެކެވެ. މިހުރިހާ ވޭނަކާއި ކަންބޮޑުވުންތަކުން ނުކުމެ، ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދަން، ފެނިދަސްވެފައިވާ އަދި އެކަމެއްގެ ގާބިލުކަން ހުރި ކަމަކުން ކުރިއަށް ދިއުމަށް ގަދަފަދަ ހިތްވަރަކާއެކު ކޮޅަށް ތެދުވިއެވެ. މިޒޫ އޭނާގެ ދަރިފުޅު ގޮވައިގެން ކުރިއަށް މިފިޔަވަޅު އެޅީ ފަހަރެެއްގައިވެސް ފަސްއެނބުރި ނުބެލުމަށް ވަރަށް ވަރުގަދަ އަޒުމެއް ކަނޑައަަޅައިގެންނެވެ.
މިޒޫ ފެހުމަށް ބޭނުންވާ ސާމާނު ގަތުމަށް ފިހާރަތަކަށްވެސް ދަނީ ދަރިފުޅު ގޮވައިގެންނެވެ. ދަރިފުޅު އެކަނިކޮށްލާފައި އެއްވެސް ތަނަކަށް ގޮސްއުޅުމަކީ މިޒޫގެ ހިތަށް ކުޅަދާނަކަމެއް ނޫނެވެ. ދިގު ސަތާރައަހަރު ދަރިފުޅުގެ ހިޔަނިފަދައިން އުޅުމުގެ ސަބަބުން މިހާރުދެން ދަރިފުޅަކީ މިޒޫގެ ހަށިގަނޑުގެ އެއްބައޭ ބުނުމަކުން ގޯހެއްނެތެވެ.
މިޒޫގެ ވާހަކައިގައި ވަރަށް ގިނަފަހަރު، ތަކުރާރުކޮށް "މިހުރިހާ ކަމެއްވެސް މިކުރަނީ ހަމަ ދަރިފުޅަށްޓަކައި" މިހެން ބުނެފައިވެއެވެ. ރެއާއި ދުވާލުގެ ހުރިހާ ވަގުތެއްހެން މިޒޫގެ ސަމާލުކަމަކުން ދަރިފުޅު ކައްސާލައިގެނެއް ނުދެއެވެ. ދަރިފުޅު ސުކޫލުގައި ހުންނަ ވަގުތުތައް މިޒޫއަށް އޮންނަނީ ދިގުވެ ކަންބޮޑުވުމަކަށްވެފައެވެ. އެހެންވާނެނޫން ހެއްޔެވެ. ޝަންމައަކީ ސަތާރަ އަހަރުގެ ކުއްޖަކަށްވިޔަސް ޝަންމަގެ ބައެއްކަންކަމުގައި ހަތް އަހަރުގެ ވިސްނުން ހުއްޓަސް ބައެއްކަންކަމުގައި ވިސްނުން ދެރައެވެ. ވީއިރު ދަރިފުޅާމެދު މިޒޫ ކަންބޮޑުވުން ލާޒިމު ނޫން ހެއްޔެވެ.
"އަޅުގަނޑު މިޒޫއާއެކު މަސައްކަތް ކުރަން ފެށިތާ އަދި ވާނީ ބާވީހަކަށް ދުވަސް."
"އަޅުގަނޑު މިޒޫއާއެކު މަސައްކަތް ކުރާތާ މަހެއްވީ."
މިޒޫއާއެކު މިޒޫގެ ބުނެދިނުމުގެ ދަށުން މަސައްކަތް ކުރުމަށް، ދެޝިފްޓަކަށް ބަހާލައިގެން ގެއަށްދަ ދެއަންހެނުންވެސް މިޒޫގެ ވާހަކަ އަހާލުމުން ޖަވާބުގައި ދެއްކީ ގާތްގަނޑަކަށް އެއްވާހަކަތަކެކެވެ.
"މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް ވަަރަށް ގިނަ އެއްޗެހި ދަސްވެއްޖެ. މިޒޫގެ އަހުލާގާއި ރައްޓެހި، މަޖާ މިޒާޖާއި ކަމަށް ބަހައްޓާ ސަމާލުކަން، ފަރުވާތެރިވާވަރު، ގޭތެރޭގައި ކިތަންމެ ބުރަކޮށް އުޅުނަސް އެނަގާ އޯޑަރު ވަގުތަށް، އެންމެ ފުރިހަމައަށް ނިންމުން، ހުރިހާ ވަގުތެއްގައިވެސް ކޮންމެ ކަމެއްގަ ހުއްޓަސް ދަރިފުޅަށް ސަމާލުކަންދީފަ ހުންނާނީ."
މިޒޫއަކީ އެއްވެސް ކަމެއް ކަމަކަށް ކަމެއް ކޮށްލާހެން އެއްވެސް ކަމެއް ކުރާ މީހެއް ނޫންކަމަށާއި ކޮންމެ އޯޑަރެއްވެސް އެންމެ ފުރިހަމަޔަށް ނިންމުމަށް އަބަދުވެސް ސަމާލުކަން ދޭކަމަށް ބުންޏެވެ. އެގޮތަށް ކުރާ މަސައްކަތްތަކަށް އެހާ ބޮޑަށް ކަމޭހިތުމުގެ ސަބަބުން މިޒޫގެ ކަސްޓަމަރުންގެ ތެރޭގައި ގިނައީ ދާއިމީ ކަސްޓަމަރުންކަމަށްވެސް އެމީހުންގެ ވާހަކައިން އެނގުނެވެ.
މިޒޫއަކީ އެކަނިވެރި މަޔަކަށްވެފައި މުޅި ރާއްޖޭގެ އެކި ހިސާބުތަކުގެ އޯޑަރު ނަގައިގެން ފެހުމުގެ ވިޔަފާރިއެއް ބަލަހައްޓާ މީހަކަށްވާއިރު މިޒޫގެ ދަރިފުޅަކީވެސް އާދައިގެ ކުދިންނާ ތަފާތު ކުއްޖަކަށްވެފައި ގެންގުޅުމުގައި ނުހަނު ބޮޑަށް ކެތްތެރި ވާން ޖެހޭ ފަހަރުތަކުގައިވެސް މިޒޫގެ ފަރާތުން ފެންނަ ކެތްތެރި މަޑުމައިތިރިކަން ފާހަގަކޮށްލެވެއެވެ.
"ދަރިފުޅުގެ ކަންތައް ކުރަންޖެހޭނީ ވަރަށް ކެތްތެރިކަމާއި އެހާމެ ވިސްނައިގެން. ބައެއްފަހަރު ދެގަޑި ތިންގަޑިއިރުވެސް އެކައްޗެއް ކިޔާލަކިޔާލާ ހުންނަން ޖެހުނަސް، ބައެއް ފަހަރު ކިތަންމެ ގަބޫލު ނުކުރެވޭ ކަހަލަ ކަމެއްވިޔަސް، މިޒޫ ހަމަ ހިނިތުންވެފަ ވަރަށް ލޯތްބާއެކު ޑީލްކުރާނެ. ދުވަހަކުވެސް ބާރަށް ބަހެއް ބުނި އަޑެއް ނާހަން، ރުޅި އައިސްގެން ހުރިތަނެއްވެސް ނުފެނޭ. މިޒޫއާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ބޮޑު ނަސީބެއް. މިޒޫއަކީ ވަރަށް ކެތްތެރި ހިތްވަރުގަދަ އަންހެނެކޭ ބުނާނީ، އެކަނިވެރިމަޔެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލަމުން، ވިޔަފާރިއަކަށް ސަމާލުވެ ހިންގާ ފިސާރި ހީވާގި ކަނބަލެއް. ހަމަ ވަރަށް ގަދަފަދަ ހިތްވަރަށް ސާބަސްދޭވަރުގެ އަންހެނެއް."
ކޮންމެޔަކަސް މިޒޫގެ ދިރިއުޅުމުގައިވެސް ތަފާތު އެކި ދުވަސްތަކާއި ކުރިމަތިލުމަށްފަހު މިޒޫ އަމިއްލަ ހަޔާތުގެ މަގުސަދު ކަމަށްވާ އޭނާގެ ލޯބިވާ ފުރާނަކަމަށްވާ ދަރިފުޅާއެކު ހޭދަ ކުރަމުން އަންނަނީ ހަމަޖެހޭ ދިރިއުޅުމެކެވެ. މިހާރު ހިޔާ ފްލެޓުން އެޕާޓްމަންޓެއް ލިބިގެން އެތަނަށް ދިރިއުޅުން ބަދަލުކޮށްފައިވާ މިޒޫއަށް އެއީ ލިބުނު ވަރަށް ބޮޑު ހެޔޮނަސީބެއްކަމަށް އޭނާ ފާހަގަ ކުރިއެވެ. މިހާރުވެސް މާލެ ދާން ޖެހޭ ކަމަށާއި ދަރިފުޅު ސުކޫލަށް ލައި ހޯދަން ބޭނުންވާ ސާމާނު ގަތުމަށް މާލެ ދިއުމާއި ވިޔަފާރީގެ ކަންތައް ބެލެހެއްޓުމާއި މުވައްޒަފުން ތިއްބަސް އެމީހުންނަށް ހުރިހާ ކަމެއް ދޫކޮށްނުލައި ބަރާބަރަށް މަސައްކަތުގައިވެސް އުޅޭކަމަށް މިޒޫ ބުންޏެވެ.
މިޒޫގެ އުއްމީދުތަކާއި ހުވަފެންތައް އަދި އޮތީ ހަމަކުރިއަށެވެ. އަދިކިރިޔާ އެހުވަފެންތަކުގައި ކުލަ ޖެއްސުމަށް ވަގުތު ލިބުނީއެވެ. އެހެންކަމުން އުއްމީދުކުރާހެން ފެހުމުގެ މަސައްކަތް ވީހާވެސް ފުޅާކޮށް މިކަމަށް ހާއްސަ ތަނެއް ހުޅުވި މިކަމުގައި އޭނާގެ ތަފާތު، ބޮޑެތި ހިޔާލުތަކާއި ވައްޓަފާޅި ހިމަނައިގެން ހެދުންތައް ފަރުމާކޮށް މާކެޓަށް ނެރުމުގެ ހުވަފެން ސީދާކުރުމަށް މިޒޫ އަންނަނީ ރެއާއި ދުވާލު ހިންމަތާއެކު މަސައްކަތް ކުރަމުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް